ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފްލެޓްތައް. މިއަހަރު އިގްތިސާދު ކުރިއަރާނީ ފަސް ޕަސެންޓުގައި ކަަމަށް އައިއެމްއެފް އިން ބުނެފައިވޭ -- ފޮޓޯ: މިހާރު
31 ޖެނުއަރީ 2024 - 06:32
މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ ފަސް ޕަސެންޓުގައި ކަމަށް މާލީ އިދާރާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.
އައިއެމްއެފް އިން ނެރުނު "ގްލޯބަލް އިކޮނޮމިކް އައުޓްލުކް"ގައިވާ ގޮތުން ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސާދު ޖުމްލަކޮށް ކުރިއަރާނީ 4.8 ޕަސެންޓުގަ އެވެ.
އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއެރީ 8.1 ޕަސެންޓުގަ އެވެ. އެހެންވެ މިއަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި ވަރު ވަނީ 3.3 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ލަފާކުރާ ގޮތުން ރާއްޖޭގެ އިގްތިސާދު މިއަހަރު 5.5 ޕަސެންޓަށް ކުރިއަރާނެ އެވެ. އަދި ބަޖެޓު ފޮތުގައި ސަރުކާރުން ލަފާކޮށްފައިވަނީ މިއަހަރު އިގްތިސާދީ ދުވެލި ހުންނާނީ 6.7 ޕަސެންޓުގައި ކަމަށެވެ.
އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިންފްލޭޝަން ރޭޓު މިއަހަރު 2.4 ޕަސެންޓަށް ދަށަށް ދާނެ އެވެ. އަދި ރާއްޖޭގެ ކަރަންޓް އެކައުންޓް ބެލެންސް ހުންނާނީ މައިނަސް 13 ޕަސެންޓުގަ އެވެ. މިއީ މިދިޔަ އަހަރު ހުރި އަދަދަށް ވުރެ ތިން ޕަސެންޓުގެ ދަށްވުމެކެވެ. ކަރަންޓް އެކައުންޓް ބެލެންސް އިން ދައްކުވައިދެނީ ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓުގެ ފަރަގެވެ. ރާއްޖޭގެ އިގްތިސާދު އިމްޕޯޓަށް ބަރޯވެފައި އޮންނާތީ ކަރަންޓް އެކައުންޓް ބެލެންސް އަބަދު ވެސް ހުންނަނީ މައިނަސް ޕަސެންޓުގަ އެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ އިންޑިއާ އެވެ. އެ ގައުމުގެ އިގްތިސާދު 6.3 ޕަސެންޓަށް ކުރިއަރާނެ އެވެ. އަދި ބަންގްލަދޭޝްގެ އިގްތިސާދު ހަ ޕަސެންޓުގައި ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ އިރު ނޭޕާލްގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ ފަސް ޕަސެންޓުގަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ އިގްތިސާދު މިއަހަރު ކުރިއަރާނީ 2.9 ޕަސެންޓުގަ އެވެ. ވޭތުވެދިޔަ ތިން އަހަރު ވެސް ދުނިޔޭގެ އިގްތިސާދު ކުރިއެރި މިންވަރު ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު އިގްތިސާދު ކުރިއަށް ދިޔައީ ތިން ޕަސެންޓުގަ އެވެ. އަދި ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދު 1.4 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ދުނިޔޭގެ އިންފްލޭޝަން ރޭޓު މި އަހަރު ހުންނާނެ ކަމަށް އައިއެމްއެފް އިން ލަފާކުރަނީ 5.8 ޕަސެންޓުގަ އެވެ. މިއީ މިދިޔަ އަހަރު އިންފްލޭޝަން ހުރި މިންވަރަށް ވުރެ 1.1 ޕަސެންޓު ދަށް އަދަދެކެވެ. އައިއެމްއެފް އިން ބުނީ، ކޮވިޑާ ގުޅިގެން ދުނިޔޭގެ އިގްތިސާދު އަޑިއަޅާލި އިރު އެ ހާލަތުން އަރައިގަންނަމުން އަންނަނީ ވަރަށް މަޑު ދުވެލީގައި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮރަލް
31 January 2024
ރުފިޔާ ޑޮލަރަށް ހަދާ އެތައް ސަތޭލަ މިލިއަން ޑޮލަރެއް އކޮންމެ އަހަރަކު ބިދޭސީ ވަގަށް އެބަ ބޭ ރު ކުރެ އެވެ .
ދާވޫދުު
31 January 2024
ތަރައްގީގައި ރައިސް މުއިޒްއާއި ވާދައެއް ނުކުރެވޭނެ.
ށަވިޔަނިި
31 January 2024
ރައީސް މުއިއްޒުގެ ސަރުކާރުގެ މިދަނީ ހަލުވި ކަމާއެކު ގައުމު ތަރައްގީ ކުރަމުން. މިކަމެއް އެއްވެސް ބަޔަކަށް ނުހުއްޓުވޭނެ
ޔަހުޔާ
31 January 2024
މިރާއްޖޭގެ ތަރައްގީގެ ދުވެލި ކުރި އަރާގޮތް އިނގޭނީ މި ގައުމުގަ ދިރިއުޅޭ މީހުނަށް. މާ ބޮޑަށްވެސް މިގައުމު މިދަނީ ކުރިއަަށް.
އާމިންް
31 January 2024
އައިއެމްއެފް އިން ތިދައްކަނީ މުޅިއަކުން ރަނގަޅު ވާހަކައެއް ހެނެއް ހިޔެއްނުވޭ. ތަރައްގީގެ މަޝްރޫޢުތައް މިދިޔަ އަހަރަށްވުރެ މާ ބޮޑުތަނުންވެސް މިއަހަރު އުޅެނީ ކުރީގަ.
ޕޮއްޕަޓު ލާލު
31 January 2024
ކުފޫ ހަމަނުވާ މީހުން ވެރިކަމަށް އައީމާ އުތަ ދަށަށް ދިޔައީ؟؟؟
ކަކުނިބޯ
31 January 2024
ޖުމްލަކޮށް ލަފާކޮށްފައިވަނީ ކުރިއަރާސްޕީޑް ރަނގަޅަށް ނަމަވެސް ރާއްޖޭގެ އިގްތިސޯދު ކުރިއަރާނީ 5.5 އަކަށްވުރެމަތިން. މާބޮޑަށް އަންޑަރ އެސްޓިމޭޓް ކުރެވިފައިކަމަށް ފެނޭ. ޢެކަމަކު ޖުމްލަކޮށް ރަނގަޅު. ނަމަވެސް ސުރުހީ އެއޮތީ އެންމެކަމެއް ބޯލްޑްކޮށްލެވިފައި
މާކަނާ ކަލޯ
31 January 2024
ބޮޓުންގެ ތަރުޖަމާއެއްގެ އިންތިޒާރުގާ ހުރީމެވެ.
ކިރު ސައި
31 January 2024
މަތީގަ އެއިނީ
ބޒބސ
31 January 2024
އެމީހުންނަށް ރާއްޖޭގއ އިގުތިސާދު ކިޔާކަށް ނެނގޭނު. ކުވިޑުގައިވެސް އެމީހުން ބުނިގޮތާ ހިލަފަށް
ޢަހު.މަދު
31 January 2024
ޗައިނާ ކޮޅުގަ އޮންނަންޔާ ދުވަހަކު އައިއެމްއެފް އަކަށް އެބަޔަކު ކުރިއަރާނެ ކަމަކަށް ނުވާނެ. ހުޅަނގުގެ ކޮންޓްލުގައި އޮންނަ މި ނިޛާމިތައް ހިނގާގޮތް ދުނިޔެއަށް މިދަނީ ފަޟީހަތް ވަމުން
ވިންޑީ
31 January 2024
ލިޔަންކިޔަން ކިރިޔާ އިނގޭ މީހުން ތިމާމެން ވަރުގެ ސިޔާސީ އިގްތިސާދީ މާހިރުންނަށްވީމަ ދެން ފެންނާނޭ ކޮމެންޓް މިހިރީ.
ގފގފފ
31 January 2024
ޓައިޕޯއެއް އިނުމަކީ މީހެއްގެ އިލްމީ ފެންވަރަށް ހަޖޫ ޖެހޭވަރުގެ ކަމެއްނޫން. އެކޮމެންޓުގައި ފާހަގަ ކޮށްފައިއެވަނީ ހަމަހެޔޮކޮށް. އައިއެމްއެފްއަކީ ޔޫއެސްއާ ހުޅަނގުން ދުނިޔޭގެ މައްޗަށް އަނިޔާވެރިވުމަށް އުފެއްދި ޔޫއެސްގެ ފެޑްގެ ގޮތްޕެއް. ފެޑަކީ ޖޭޕީ މޯގަންއާ ރޮތްޗައިލް ފެމެލީގެ އަތްދަށުގައި އޮތްތަނެއް. އެއީ 2 ވަނަ ބޮޑު ހަނގުރާމަޔަށްފަހު އެމީހުން ހެދި ޔޫއެންކިޔާ ތަނެއްގެ އެހީގަމީހަކަށް ވާނުވާ ނޭނގޭގޮތަށް ހިންގާ އޮގަނައިޒޭޝަނެއް