01 ފެބުރުއަރީ 2024 - 06:18
މިދިޔަ އަހަރު ސިނަމާތަކުގައި ދެއްކި ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ރަންބީރް ކަޕޫރްގެ "އެނިމަލް"ގެ ދެވަނަ ބައި "އެނިމަލް ޕާކް" ސިނަމާތަކަށް ގެނެވޭވަރު ވާނީ 2026 ވަނަ އަހަރުގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި މި ފިލްމުގެ ޑައިރެކްޓަރު ސަންދީޕް ވެންގާ ރެއްޑީ މި ވަގުތު އެންމެ އިސްކަމެއް ދޭނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސްޕިރިޓް" އަށް ކަމަށެވެ. އެއީ ދެކުނު އިންޑިއާގެ އެކްޓަރު ޕްރަބާސް ލީޑު ރޯލު ކުޅޭ ފިލްމެކެވެ.
ނަމަވެސް "އެނިމަލް ޕާކް"ގެ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ސަންދީޕްއާ ގާތް މީހަކާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނީ އެ ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް އަންނަ އަހަރު ފަށައި ފިލްމު ސިނަމާތަކަށް ގެނެވޭނެ ކަމަށް ލަފާކުރެވެނީ 2026 ގަ އެވެ.
"އެނިމަލް ޕާކް" އިއުލާންކުރީ "އެނިމަލް" ރިލީޒްކުރި ދުވަހު އެވެ.
ނެޓްފްލިކްސް އިން ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން "އެނިމަލް" ސްޓްރީމް ކުރަން ވެސް ފަށައިފަ އެވެ.
ރަންބީރްއާ އެކު "އެނިމަލް"ގެ މުހިންމު ރޯލުތައް ކުޅުނީ ރަޝްމީކާ މަންދަނާ، އަނިލް ކަޕޫރް، ބޮބީ ޑިއޯލް އަދި ތުރިޕްތީ ދިމްރީ އެވެ. ދެވަނަ ބައިގައި ވެސް މި ތަރިން ފެންނާނެ އެވެ.
"އެނިމަލް" އަށް ވަނީ ބޮކްސް އޮފީހުގައި 917.31 ކްރޯޑް ރުޕީސް (110 މިލިއަން ޑޮލަރު) ލިބިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy