އެސްޓީއޯ އިން ހުޅުމާލޭގައި 2012 ވަނަ އަހަރު ހަދަން ފެށި 250 އެނދުގެ ބޮޑު ހޮޓާ: 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ އިމާރާތް މިހާރު ވަނީ ވިއްކާލަން ނިންމާފައި.---ފޮޓޯ: އަބްދުﷲ ޖަމީލު/ މިހާރު
14 ފެބުރުއަރީ 2017 - 14:48
އެސްޓީއޯ އިން ހުޅުމާލޭގައި ތަރައްގީކުރަން ފަށާފައިވާ ޓޫރިސްޓް ހޮޓާ ގަންނަން ބޭރުގެ ތިން ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެތަން ވިއްކާލުމުގެ ކަންތައްތައް ނިންމާލެވޭނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދާ ޖެހިގެން މޫދަށްވާ ގޮތަށް، 580 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަން ފަށާފައިވާ 250 އެނދުގެ ހޮޓާ ވިއްކާލަން ނިންމިއިރު އެތަނުގެ 50 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ. މި ހޮޓަލުގެ މަސައްކަތް ނިންމަން އެސްޓީއޯ އިން ވަނީ ތައިލެންޑް އެގްޒިމް ބޭންކުން 30 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ކުރިން ނަގައިފަ އެެވެ. އެކަމަކު އެތަނުގެ މަސައްކަތް ހުއްޓިފައިވާތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އެސްޓީއޯ އިން ކުރިން ންމާފައި އޮތީ 2014 ވަނަ އަހަރުގެ ފަހުކޮޅު ހޮޓަލުގެ މަސައްކަތް ނިންމުމަށް ފަހު، އެމެރިކާގެ މަޝްހޫރު ކާލްސަން ގްރޫޕާ ހަވާލުކޮށްގެން "ރެޑިސަން ބްލޫ" ބްރޭންޑްގެ ފަސްތަރީގެ ހޮޓާ ހިންގާ ގޮތަށެވެ.
ހުޅުމާލޭގައި އެސްޓީއޯއިން ހަދަން ފެށި ހޮޓާ: މިތަން ވިއްކާލަން ދަނީ މަސައްކަތްކުރަމުން. ފޮޓޯ: އަބްދުﷲ ޖަމީލު/މިހާރު
އެ ހޮޓަލާ ބެހޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު ވިދާޅުވީ ހޮޓާ ވިއްކާލުމުގެ ކަންތައްތައް ކުރިއަށް އޮތް އަހަރީ އާއްމު ޖަލްސާގެ ކުރިން ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިތަން ވިއްކާލިޔަސް އަޅުގަނޑުމެން އަތުން އެއްވެސް އެއްޗެއް ނުގެއްލޭނެ. މި ހޮޓާ އޮޕަރޭޝަނަށް އައީމަ ވާނެ ވަރަށް ރަނގަޅު ހޮޓަލަކަށް. މިއީ ވާނެ ވަރަށް ރަނގަޅު އިންވެސްޓްމަންޓަކަށް،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ ހޮޓާ ނެގިއިރު، އެސްޓީއޯ އިން އޮތީ ޓޫރިޒަމަށް ވަންނަން ވަރަށް ބޮޑަށް ބޭނުންވެފަ އެވެ. އެކަމަކު އެތަނުގެ މަސައްކަތް މިހާރު ހުއްޓިފައި އޮތީ ނުހެދިގެނެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު "މިހާރު"އާ މިއަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު
"އަޅުގަނޑުމެން މިއޮތީ ވަރަށް ބޮޑަށް މަސައްކަތް ނިންމާފައި. އެތަނުގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައި ނިމިފައި. ބައެއް މީހުންނަށް ލިބުނު ރަށްތަކުގައި އެބަހުރި އެންމެ ގާބުރިއެއް ވެސް ނުބޭއްވި. އެސްޓީއޯގައި ޓޫރިޒަމްގެ އެއްވެސް ތަޖުރިބާއެއް ނެތި މިކަން ވަރަށް ކުރިޔަށް ގެންދިޔައިން،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޮޓާ ވިއްކަން ނިންމީ ކުންފުނީގެ މައިގަނޑު ވިޔަފާރިތައް ކުރިއަރުވަން ޕޮލިސީ ލެވެލްގައި ލަފާ ދިނުމުން ކަމަށެވެ.
"އެ ހިސާބުން އަޅުގަނޑުމެން މީތި މަޑުކޮށްލާފައި، ގަންނާނެ ޕާޓީތަކާ ވާހަކަ ދައްކަމުން މިދަނީ. ހުޅުމާލޭގެ ބޮޑު ސްޓްރަކްޗާއެއް ހަދާފައި ހުރީމާ މީހުން ވަރަށް ބޮޑަށް އަޅައިގަންނާނެ. އަޅުގަނޑަށް ހީވަނީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ގޮތްތަކެއް ނިންމޭނެހެން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޫޑް
14 February 2017
ވަކަރުފަޅި އެސްޓީއޯއިން ޗަންޕާއަށް ވިއްކި އުސޫލުން ތިތަނަށް ވެސް ކަންކުރާނީއެވެ.
ހޮޅިގޭ ޤާސިމު
14 February 2017
ރީތިކޮށް ބުނަންޔާ ހައްތާވެސް މުރަގަސްދޮށު މާލިމީން...ތިހޮޓާ ހުޅުވައިގެން ފައިދާތަކަށް ހިއްސާދާރުން ލިބިދާނެތީ އަވަހަށް ވިއްކާލަން ތިއުޅެނީ!!
ބައިސާ
14 February 2017
ބޯގޯސް ވާހަކަ ނުދައްކާ.
ޕްރަބާކަރަން
14 February 2017
މެނޭޖިންޑިރެކްޓަރުގެ ބަހުން މިހޮޓަލަކީ ވަރަށް ރަނގަޅު އިންވެސްޓްމަންޓެއް މިހޮޓާ އޮޕަރޭޝަނަށްނެރެވުނީމާ ވަރަށްބޮޑު ފައިދާއެއްވާނެކަމަށް ވިދާޅުވެއްޖެ ސުވާލަކީ ކީއްވެބާއޭ މިފަދަބޮޑު އިންވެސްޓްމަންޓެއްގެ ފަންސާސްޕަސެންޓް ނިންމާފަ ވިއްކާލަންވީ ދިވެހިރައްޔިތުން އަތުން ހިއްސާގަނެގެން ބޮޑެތިކުންފުނިހަދައިގެން ހިންގަންފެށި ހެރެތެރެ ރެސޯޓާއި އުލިގަމުގެ ސިޓީހޮޓަލާއި އެސްޓީއޯގެ ބޮޑުހޮޓާވެސް ބޮޑުގުޅަޔަށްވެ ކުރިޔަށްނުގެންދަން ބަޔަކުއަޑީގަތިބެގެން އަމިއްލަފައިދާގަނޑެއް ހާސިލްކޮށްލަންވިއްކާލަނީ އިޙުލާސްތެރިކަމެއް ހުރިބަޔަކުނަމަ މިކަހަލަ ދިއުޅިއެއްނުވާ ކަންތަށްތަކެއްނުކުރާނެ އެސްޓީއޯގެ ސައިފަތްދަނޑުވެސް ވެގެންދިޔައީމިގޮތަށް
އުދުހޭ
14 February 2017
ޗަމްޕާ ހީވޭ ޝައުގުވެރިވާނެހެން!
ޕްލޭންވެލް
14 February 2017
އެސްޓީއޯ އިން ރާއްޖެތެރޭގައި ހިންގާ ބޭސް ފިހާރަ ތަކުން ގެއްލުންވާތީވެ އެސްޓީއޯ އަށް ކްރޮސް ސަބްސިޑައިޒް ކުރުމަށް ޓަކައި މާލެ ސަރަހައްދުން 2 ލައްކަ އަކަފޫޓްގެ ބިމެއް އެސްޓީއޯ އަށް ދީގެން ބައްލަވަންވީ އެތަނުގައި 150 ބުރިއަށް އިމާރާތް ކޮށްގެން އެތަނުގައި ކޮންޑަމީނިއަމް ހަދާ ކުއްޔަށް ދީގެން އެސްޓީއޯ އަށް މަހަކު 10 މިލިއަން ރުފިޔާ ރިއަލް އެސްޓޭޓްގެ އުސޫލުން ލިބޭތޯއެވެ. އެއިރުން ރަނގަޅު ވާނީ ދޯ.
ސިރާ
14 February 2017
މިހޮޓަލަކީ ވަރަށް ފައިދާވާނެ އިންވެސްޓްމަންޓެއް. އެކަމަކު އެސްޓީއޯ އިން ބޭނުމެއްނުވޭ މިކަންކުރާކަށް. ސައިފަތް ދަނޑު މަތިން ހަދާންވޭތަ؟
އައިމިނަ
14 February 2017
ތިއީ ރަނގަޅު ނިންމުމެއް! ކުންފުނީގެ ކުރިމަގަށް ނެގުނު ވަރަށް ބްރޭވް ޑިސިޝަން އެއް! ޢިރާދަ ކުރެއްވިއްޔާ ރަނގަޅު ވާނެ
ނިޔާޒު
14 February 2017
އެސްޓީއޯއަށާއި ހިއްސާދާރުންނަށް ގެއްލުން ނުވާނެ ގޮތަކަށް ތިޔަ ތަން ވިއްކާލެވޭ ކަމަށް ވަންޏާ ގޯހެއް ނޫން.
ޖޫސްޕެޓީ
14 February 2017
ގުޑް ނިއުސް! ވިއްކާލާފަ ލިބޭ ލާރިން ރަނގަޅު ކަމެއްފަށާ