މުޅި ދުނިޔޭގައި ކެންސަރުގެ ކޭސްތައް 2050 ގެ ނިޔަލަށް 77 ޕަސެންޓް އިތުރުވާނެ ކަމަށް ލަފާކޮށްފައި ވާއިރު އެކަމުގެ ސަބަބުތަކުގެ ތެރޭގައި، ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައް ހިމެނޭ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނޭ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
04 ފެބުރުއަރީ 2024 - 06:16
ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު 2050 ވަނަ އަހަރު އަލަށް މި ބަލި 35 މިލިއަން މީހުންނަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި މިއީ 2022 ވަނަ އަހަރުގެ އަދަދާ އަޅާބަލާއިރު 77 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފި އެވެ.
ޑަބްލިޔުއެޗްއޯގެ އިންޓަނޭޝަނަލް އެޖެންސީ ފޯ ރީސާޗް އޮން ކެންސަ އިން ބުރާސްފަތި ދުވަހު ބުނި ގޮތުގައި ކެންސަރު ބަލީގެ މީހުން ގިނަވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދުންފަތާއި ރަލާއި އެކަށީގެންވާ ވަރަށް ވުރެ ބަރުދަން އިތުރުވުން އަދި ވައި ނުސާފުވުން ހިމެނެ އެވެ.
"އަލަށް ކެންސަރުގެ 35 މިލިއަން ކޭސް 2050 ވަނަ އަހަރު ފެންނާނެ ކަމަށް ލަފާކުރެވޭ،" މިއީ 2020 ވަނަ އަހަރުގެ އަދަދު ކަމަށްވާ 20 މިލިއަނާ އަޅާބަލާއިރު 77 ޕަސެންޓް އިތުރުވުންކަން ފާހަގަކުރަމުން ބުނެފައިވެ އެވެ.
އެ އިދާރާއިން ބުނި ގޮތުގައި މުޅި ދުނިޔޭގައި ކެންސަރު މިހާ ބާރުމިނުގައި އިތުރުވަމުންދާ ސަބަބުތަކަށް ބަލާއިރު އާބާދީ މުސްކުޅިވަމުން ދިއުމާއި މީހުންގެ ދިރިއުޅުމަށް އަންނަ ތަރައްގީއާ އެކު ކެންސަރަށް މަގު ފަހިވާ ކަންކަމަށް މީހުން ހުށަހެޅޭ މިންވަރު އިތުރުވުން ހިމެނެ އެވެ.
"ދުންފަތުގެ އިސްތުމާލުކުރުމާއި ރާ ބުއިމާއި އެކަށީގެންވާ ވަރަށް ވުރެ ބަރުދަން އިތުރުވުމަކީ ކެންސަރު އިތުރުވާ މައިގަނޑު ސަބަބުތައް ކަމަށް ވާއިރު ވައި ނުސާފުވުމަކީ ވެސް ކެންސަރަށް މަގު ފަހިވާ ތިމާވެއްޓާ ގުޅޭ ސަބަބެއްގެ ގޮތުގައި އަދިވެސް އެބަ އޮތް."
ކެންސަރާ ގުޅޭ ގޮތުން ހެދި ދިރާސާއަށް ފަހު ބުނެފައިވަނީ މި ބަލީގެ ކޭސްތައް ނިސްބަތުން އެންމެ ގިނަވާނީ އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމުތަކުގައި ކަމަށެވެ. އެ ގައުމުތަކުން 2050 ވަނަ އަހަރު އަލަށް 4.8 މިލިއަން ކޭސް ފެންނާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އެކަމަކު ކޭސްތަކުގެ އަދަދަށް ބަލާއިރު ކެންސަރު އެންމެ ގިނަވާނީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ކެންސަރަށް ފަރުވާ ކުރުމުގެ ގާބިލްކަން ކުޑަ ގައުމުތަކަށް މިއީ ވަރަށް ބޮޑު ބުރަޔަކަށް ވާނެ ކަމަށާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ކޭސްތަކުގެ އަދަދާ އެކު ދެ ގުނައަށް 2050 އާ ހިސާބަށް ދާއިރު އިތުރުވާނެ ކަމުގެ ކަންބޮޑުވުން ވަނީ ރިޕޯޓްގައި ފާޅުކޮށްފަ އެވެ. --އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިސަމް1
04 February 2024
ފޭކު ބޭސްތަކުންނޭވެސް ޖަހާލިނަމަ.