ހީނާ ކެންސަރަށް ފަރުވާ ހޯދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް.
04 ފެބުރުއަރީ 2024 - 21:55
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފޯރިގަދަވަމުން ދިޔަ ދުވަސްވަރެވެ. އޭރުގެ އިދިކޮޅު ޕާޓީގެ މުހިއްމު މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވަނިކޮށް، ކެންސަރު ޖެހިފައިވާ ކަން އެނގިވަޑައިގަތް ވަގުތު ހީނާ ވަލީދަށް ހީވީ އޭނާގެ ދުނިޔެ އެއްކޮށް ނިމުނުހެންނެވެ. ހަދާނެ ގޮތް ހުސްވެ، ކަންބޮޑުވެ، މާޔޫސްވި އެވެ.
އެންސްޕާގެ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވި ކުރީގެ ޓީވީ ޕްރެޒެންޓަރު ހީނާ، މިއަދު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން، ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ހެއްދެވި ފަރާތަށް ހުރިހާ ކަމެއް ވަކީލުކޮށް ބަލިން ސަލާމަތްވާން އަވަހަށް ފަރުވާ ފެށިއަސް އެއީ ކިހާ ވަރެއްގެ ވޭން ހުރި ކަމެއްކަން ކުޑަކޮށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެކަމަކު، ހީނާ ވިދާޅުވި ގޮތުގައި އޭނާގެ އަޒުމަކަށް ވީ ވެއްޓޭ ކޮންމެ ފަހަރަކު ތެދުވުން ކަމަށެވެ.
ބައެއް ދުވަސް ދުވަހު ކޮޅަށް ތެދުވާނެހާ ހިތްވަރު ނެތަސް އަނެއް ދުވަހު މަސައްކަތަށް ނުކުންނަވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންސްޕާގެ ސީއީއޯ ހީނާ
ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ތަރުޖަމާނުކަން ވެސް ކުރައްވާ ހީނާ ވިދާޅުވީ ކީމޯ އައިވީގެ ކޮންމެ ތިއްކެއް ހަށިގަނޑުގެ ތެރެއަށް ވަދެ، ދިފާއީ ނިޒާމާއި ހެދިބޮޑުވަމުން ދިޔަ ކޮންމެ ސެލްއެއް ނެތިކޮށްލަމުން ދިޔަ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސް، މުޅި މީހާ އެއްކޮށް ދުޅަވެ، ކާ އެއްޗެހީގެ ރަހަ ބަދަލުވެ، ނުކެވޭ ގޮތް ވާން ފެށި އެވެ.
ބާރު ގަދަ ފަރުވާއާ އެކު، ބޮލުގެ އިސްތަށިތައް ވެސް އިސާހިތަކު ފައިބައިގެން ގޮސް، ގައިގެ މަސްތަކާއި ހަށިގަނޑުގެ އެންމެ ކުދި ކަށިތަކުގައި ވެސް ގަދައަށް ރިއްސަން ފެށި ކަމަށް، އެ ޕޯސްޓުގައި ވެ އެވެ. އެކަންކަމާ ހެދި އަމިއްލަ ނަފުސާ މެދު ދެކެމުން އައި ގޮތް ބަދަލުވާން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
"ސެލްފް ކޮންފިޑެންސް މަޑުމަޑުން ދާން ފެށި ކަހަލަ އެވެ. ތިއޭޓަރަށް ވަންނަ ކޮންމެ ފަހަރަކު ވަންނަނީ ވަރަށް ހިތް ނުތަނަވަސްކަންމަތީ ކިޔުނުހާ ހެޔޮ އެއްޗެއް ކިޔައިގެންނެވެ. މައިންބަފައިންނާއި ދަރިންނާއި ލޯބިވާ މީހުން އަދި ފެންނާނެ ކަމުގެ އުއްމީދުގަ އެވެ. ކީމޯއަށް ފަހު ރޭޑިއޭޝަންގައި އެއް މަސް ދުވަސް ހޭދަކުރީމެވެ. ކޮންމެ ދުވަހަކު ބާރުގަދަ ރޭޑިއޭޝަނަށް މީހާގެ ހަށިގަނޑު އެކްސްޕޯޒް ކުރަން ފަސޭހައެއް ނޫނެވެ،" ހޮސްޕިޓަލާއި ފަރުވާ ހޯދަނިކޮށް ނަގާފައިވާ ފޮޓޯތަކަކާ އެކު ކުރެއްވި ފޭސްބުކް ޕޯސްޓުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަލިވިޔަސް އަދި ގައިގައި ވަރުނެތަސް ހަރަކާތްތެރިވުން އިތުރު ކުރެއްވީ އެވެ. ބައްޔާ މެދު ގެންގުޅުއްވީ ޕޮޒިޓިވް ވިސްނެވުމެކެވެ. ނަފްސާނީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި އެކި ކަހަލަ ނެގެޓިވް ހިޔާލުތަކާއި ފިކުރުތަކުން ދުރަށް ވަޑައިގަތުމަށް ހިތާއި ސިކުނޑިއާ ދެކޮޅަށް މަސައްކަތް ކުރެއްވީ އެވެ.
"އަޅުގަނޑު ތަހައްމަލް ކުރަމުންދިޔަ އުނދަގޫ ދުވަސްތަކާއި ވަގުތުތައް އަމިއްލަ އަށް ވަރަށް ބޮޑަށް މެނޭޖްކޮށް ބައްޔާއެކީ ނޯމަލް ލައިފްއެއް އުޅެވޭތޯ މަސައްކަތް ފެށީމެވެ،" ހީނާ ވިދާޅުވި އެވެ.
އުރަމަތީގެ ކެންސަރުން ރަނގަޅުވުމަށް ހޯދަމުން އަންނަ ފަރުވާއާ އެކު، ހީނާ ދެއްވި މެސެޖަކީ، ކެންސަރަކީ ނުރައްކާތެރި ބައްޔެއް ކަމެވެ. ވޭންދެނިވި އަދި ބިރުވެރި ކަމެއް ކަމަށެވެ. މާދަމާ ވެސް ވާނެ ގޮތެއް ނޭނގުނަސް އުއްމީދު ކަނޑާ ނުލައި ކެތްތެރިވެ، އެންމެ ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތް ކުރުމުގެ ހިތްވަރެވެ.
ބަލިން ރަނގަޅުވާނެ ކަމަށް ވިސްނުން ބައްޓަންކޮށް، އަމިއްލަ މީހާ ނޫން އެހެން އެއްވެސް މީހަކަށް އެ އިހުސާސްތައް ދެނެގަންނަން އުނދަގޫވާނެ ކަން ވިސްނުން ވެސް ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެންމެ މުހިއްމު ކަމެއް ކަމަށް ހީނާ ފާހަގަކުރެއްވީ، ހެއްދެވި ފަރާތަށް ގިނަގިނައިން ދުއާކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިލީމާ
06 February 2024
ހީނާއަށް އަވަސް ށިފާއަކަށް އެދެން.
ޖިމް360ގެމީހެއް
06 February 2024
ހީނާ އަކީ ވަރަށް ހިތްވަރުގަދަމީހެއް. ގާތުން ދަންނަމީހަކަށްވީމަ މިހެން މިބުނީ. ހިތްވަރަށްވުރެ، ކެރޭ މީހެއް. ކަންކަމާ ކުރިމަތިލާ، ތިމާގެ ބައްޔަކީ ބަލިފައިކަމަށްދެކި އެކަމަށް ތަބާވެގެން އޭގެ ނާޖާއިޒްފައިދާ ނަގާމީހެއްނޫން. ހީނާއަށް އަވަސް ޝިފާއެއްމިންވަރުކުރައްވާ ސާބިތުކަން އިތުރުކުރައްވާށި. މާތްﷲއަށް ދުޣާ ދެންނެވުން ހުއްޓާނުލާތި. ޖިމްގަވަރަށްމިސްވޭ
ސާފުނުވޭ
05 February 2024
ކެންސަރުގެ ވޭންބާ ބޮޑީ ނޫނީ ކެންސަރަށް ފަރުވާކުރަން ކުރާ ކަންކަމުން އަޅާ ވޭން ބާ ބޮޑީ؟ އަބަދުވެސް އިވެނީ ކެންސަރުގެ ފަރުވާތަކުގެ ވޭން ހުރި ވާހަކަ. ދެން އެ ފަރުވާތަކުން ނިކުންނަ އެހެން ސިއްހީ މައްސަލަތަކުގެ ވާހަކަ.
ޖަލީލީ
05 February 2024
އެންމެ މިސްވަނީ ހީނާ ރޯދަމަހު ގެނެސްދިން ބަނދަރުމަތިން ޕްރޮގްރާމް މަތީން. އަވަސް ޝިފާ އަކަށް އެދެން
ލައިޓް
05 February 2024
ހީނާ ޔަށް އެންސްޕާ ހަވާލުކުރެއްވި ކަމީ ރައީސް މުއިޒް ގެ ތޫނުފިލިކަން! އަލްހަމްދުﷲ! ކެންސަރުގެ ރަނގަޅުބޭސް މި ރާއްޖެއިން ލިބޭނެގޮތް ވާނެ ކަމަށް އުންމީދުކުރަން. ރާއްޖެއިން ލިބެންހުންނަ ފެންވަރު ދަށް ކެންސަރުބޭސް ގިނަމީހުން ގަންނަނީ ގޮތެއްނެތިގެން.
ފޮނިޓައްޕު ހަސަނު
05 February 2024
މާތްﷲ ހީނާގެ ތިޔަ ބައްޔަށް ޝިފާދެއްވާށި އާމީން.
އެބާރޫހާ
04 February 2024
އަސްލުވެސްވަރައްވޭހުރިފަރުވާއެއް ކީމޯދޭންފެށީމާ ބޮލުގެއިސްތަށިކޮޅުފައިބާބަޑުސަކަރާތްވެއަގަނުބައިވެކެއުމާއިބުއިމުގާވަރައްދަތިގޮތްގޮތްދިމާވޭކެއްތެރިވެ ޑޮކްޓަރުންގެއިރުށާދާއިއެއްގޮތައްފަރުވާހޯދައިފިނަމަ އެއްކޮއްރަގަޅުވޭމިބަލތަހައްމަލުކުރަމުންދާއެއްމެނަށް މާތްﷲކެއްތެރިކަންދެއްވާއަވަސްޝިފާމިންވަރުކޮއްދެއްވާދޭވެ
ގފދ
04 February 2024
ހީނާ އަށް އަވަސް ޝިފާއެއް ދެއްވާށި.
ވިސޑމ
04 February 2024
އަވަސް ޝިފާއެއް ދެއްާވާށިއެވެ. އަދި ކެތްތެރިކަން ދެއްވައި ހިދާޔަތުގެ މަގުގައި ލަހައްޓަވާށިއެވެ.
ވެންގަބޯ
04 February 2024
އެމްމެހާ ބަލިތައް ތަހައްމަލް ކުރަމުންދާ ލޮބުވެތި އަޚުންނާ އުޚުތުންނަށް ކެއްތެރިކަން ދެއްވާ ﷲ އަވަސް ސިފައެއް ދެއްވާންދޭ އާމީން