މުނިފޫހިފިލުވުން / ބޮލީވުޑް

"އެނިމަލް"ގެ ޑައިރެކްޓަރާއި ބޮލީވުޑްގެ ތަރިންގެ މެދުގައި ބަހުގެ ހަމަލާތަކެއް

ބޮލީވުޑްގެ ތަރި ކޮންކޮނާ އާއި އެނިމަލްގެ ޑައިރެކްޓަރު ސަންދީޕް އަދި ކަންގަނާ.

07 ފެބުރުއަރީ 2024 - 05:36

ރަންބީރް ކަޕޫރްގެ އެންމެ ކާމިޔާބު ފިލްމު "އެނިމަލް"އާ ގުޅުވައި، އެ ފިލްމުގެ ޑައިރެކްޓަރާއި ބޮލީވުޑްގެ ބައެއް ތަރިންގެ މެދުގައި ބަހުގެ ހަމަލާތަކެއް ހިނގައިފި އެވެ.

އެ ފިލްމުގެ ޑައިރެކްޓަރަކީ "ކަބީރް ސިންގް" އާއި "އަރުޖުން ރެއްޑީ" ކަހަލަ ފިލްމުތައް ހެދި ސަންދީޕް ވެންގާ ރެއްޑީ އެވެ.

މި ބަހުގެ ހަމަލާތައް ހިނގުމުގެ މާ ކުރިން ވެސް "އެނިމަލް" އަކީ އަންހެނުންނަށް ވަރަށް ބޮޑަށް ކުޑައިމީސްކޮށް، މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފު އަދި ކުށްކުރުމާއި އަނިޔާކުރުން ކަހަލަ ކަންކަމަށް ހިތްވަރުދީ، ނުބައި މެސެޖެއް ދޭ ފިލްމެއް ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ވެސް ވަނީ ޑައިރެކްޓަރު ސަންދީޕަށް ފާޑުކިޔައިފަ އެވެ.

ބޮލީވުޑްގެ ތަރިންގެ ތެރެއިން ސަންދީޕަށް އެންމެ ބޮޑަށް ފާޑުކީ އެކަކަކީ ކަންގަނާ ރަނާއުތެވެ.

އެ ފިލްމަށް ފާޑުކިޔަމުން ކަންގަނާ އެކްސްގައި ބުނީ ފިލްމު އުފައްދާ ބައެއް މީހުންގެ ސަބަބުން އާންމުންނަށް ވެސް މިހާރު ކަމުދަނީ އަންހެނުންނަށް އަނިޔާކުރާ މަންޒަރުތައް ދައްކާ ފިލްމުތައް ކަމަށެވެ. އެހެންވެ، މިއީ އޭނާ ކަހަލަ އަންހެނުން ބާރުވެރިކުރުވަން ފިލްމު އުފައްދާ މީހަކަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް ކަންގަނާ ބުންޏެވެ.

ކަންގަނާގެ މި ފާޑުކިޔުންތަކަށް ރައްދު ދެމުން ސަންދީޕް މިފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ މި ފިލްމާ މެދު ކަންގަނާ ހިތްހަމަނުޖެހުނަސް އެންމެ ރަނގަޅު ކަމަށާއި އެކަމާ އޭނާ ރުޅި ވެސް ނާންނަ ކަމަށެވެ. އަދި ކަންގަނާގެ މަސައްކަތް ފެންނަ ކަމަށާއި އޭނާ އަކީ މޮޅު މީހެއް ކަމުން އޭނާއާ އެކު މަސައްކަތް ކުރަން ވެސް ބޭނުންވާ ކަމަށް ސަންދީޕް ބުންޏެވެ.

ސަންދީޕްގެ މި ވާހަކަތަކަށް ކަންގަނާ ވަނީ މަޒާޖީ ގޮތަކަށް ރައްދު ދީފަ އެވެ.

"ސަންދީޕް ހިނިތުންވެލައިގެން އަހަރެންގެ ރިވިއު އަށް ކުރި އިހުތިރާމަށް ބުނަން އޮތް އެއްޗަކީ އޭނާ އަކީ ހަމައެކަނި ފިރިހެންވަންތަ ފިލްމުތައް ހަދާ މީހެއް ނޫނޭ، އޭނާގެ މިޒާޖު ވެސް ވަރަށް ފިރިހެންވަންތައޭ، ޝުކުރިއްޔާ ސާ،" ކަންގަނާ ބުންޏެވެ.

"އެކަމަކު ޕްލީޒް ދުވަހަކު ވެސް އަހަންނަށް އެއްވެސް ރޯލެއް ނުދޭތި. އެހެން ނޫން ނަމަ، ތި މީހުންގެ 'އަލްފާ މޭލް' ބަތަލުން ފެމިނިސްޓުންނަށް ވެގެން ތި މީހުންގެ ފިލްމުތައް ވެސް ހުއްޓުވާފާނެ. ތީ ބްލޮކްބަސްޓާސް ފިލްމު ހަދާ މީހެއް، ފިލްމު އިންޑަސްޓްރީއަށް ބޭނުންވާ ކަހަލަ މީހެއް."

ދެން މި ފިލްމަށް އެންމެ ބޮޑަށް ފާޑުކީ ކޮންކޮނާ ސެން ޝަރްމާ އެވެ. އެކަމަކު އޭނާ އެ ފިލްމަށް ފާޑުކީ ސަންދީޕްގެ ނަން ނުކިޔަ އެވެ.

ކޮންކޮނާ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ "އެނިމަލް" ނުބެލި ސަބަބަކީ އެއީ އޭނާ އަށް ކަމުނުދާ ސްޓައިލެއްގެ ފިލްމަކަށް ވާތީ ކަމަށާއި އެ ފިލްމާ އެއްގޮތަކަށް ވެސް ގަޔާނުވި ކަމަށެވެ. އަދި އެ ފިލްމުގެ ޑައިރެކްޓަރަކީ ކޮން ކަހަލަ ފިލްމުތަކެއް އުފައްދާ މީހެއް ކަމާއި އޭނާގެ ފިލްމުތަކުގައި ހިތްވަރުދޭ ކަންކަން ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ކޮންކޮނާ ބުންޏެވެ.

"އަހަންނަށް މި ޑައިރެކްޓަރުގެ ކުރީގެ މަސައްކަތްތައް އެނގޭ އަދި އޭނާއަކީ އޭނާގެ ގޮތުގައި ހުންނަ މީހެއް ކަން ވެސް އެނގޭ. އޭނާގެ ފިލްމުތަކުގައި މީހުންނަށް ޖެއްސުންކުރުމަކީ ވަރަށް މޮޅު ކަމަކަށް ހަދައި، ރިލޭޝަންޝިޕްތަކުގައި މީހުންނަށް އަނިޔާކުރުމަކީ ވެސް އެއްވެސް މައްސަލައަކަށް ނުވޭ. އެކަމަކު އެއީ އަހަރެން ގަބޫލުކުރާ ކަމެއް ނޫން،" ކޮންކޮނާ ބުންޏެވެ.

ސަންދީޕަށް ފާޑުކީ އެހެން މީހުންގެ ތެރޭގައި އާމިރް ހާންގެ ކުރީގެ އަންހެނުން އަދި ޕްރޮޑިއުސަރު ކިރަން ރާއޯ އާއި ލިރިސިސްޓް ޖާވިދު އަކްތަރު ވެސް ހިމެނެ އެވެ.

"އެނިމަލް" އަކީ މިދިޔަ އަހަރު ނުކުތް ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެވެ. އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 917.31 ކްރޯޑް ރުޕީސް (110 މިލިއަން ޑޮލަރު) ލިބިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454