ދެކުނު ކޮރެއާގެ މަޝްހޫރު ގާލް ގްރޫޕް، ބްލެކްޕިންކްގެ ލަވަކިޔުންތެރިޔާ ލީސާ.
14 ފެބުރުއަރީ 2024 - 05:58
އެޗްބީއޯގެ ކާމިޔާބު ޑާކް ކޮމެޑީ ސީރީޒް "ވައިޓް ލޮޓަސް"ގެ ތިންވަނަ ސީޒަންގެ ރޯލަކަށް، ދެކުނު ކޮރެއާގެ މަޝްހޫރު ގާލް ގްރޫޕް، ބްލެކްޕިންކްގެ ލަވަކިޔުންތެރިޔާ ލީސާ ހަމަޖައްސައިފި އެވެ.
މިއީ ލަލީސާ މަނޯބާލް (ލީސާ) އެކްޓިންގެ ދާއިރާއަށް ނުކުންނަ ފުރަތަމަ ފަހަރެވެ.
އެޗްބީއޯގެ ސްޓްރީމިން ޕްލެޓްފޯމް "މެކްސް" އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މި ޚަބަރު ކަށަވަރުކޮށްދީފަ އެވެ.
ގިނަ އެވޯޑުތަކެއް ކާމިޔާބުކޮށްފައިވާ "ވައިޓް ލޮޓަސް"ގެ ތިންވަނަ ސީޒަންގެ ޝޫޓިން އަންނަ މަހު ތައިލެންޑުގައި ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އާ ސީޒަންގެ މަންޒަރުތައް ނަގާ ގޮތަށް ހަމަޖެހިފައި ވަނީ ތައިލެންޑަށް ދަތުރުކުރާ ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލް ބައެއް މަންޒިލްތައް ކަމަށްވާ ފުކެޓް އާއި ކޯސަމުއީގަ އެވެ.
ތައިލެންޑަކީ 26 އަހަރުގެ ލީސާގެ އުފަން ގައުމު ވެސް މެ އެވެ. އަދި އޭނާ އަކީ ތައިލެންޑްގައި އެންމެ މަޝްހޫރު އަދި ނުފޫޒުގަދަ ސެލެބްރިޓީންގެ ތެރޭގައި ހިމެނޭ އެކަކެވެ.
The trip of a lifetime awaits.
— Max (@StreamOnMax) February 13, 2024
Lalisa Manobal, Scott Glenn, and Julian Kostov will join the cast for Season 3 of HBO Original series #TheWhiteLotus on Max. pic.twitter.com/qgdg3boMHe
"ވައިޓް ލޮޓަސް"ގެ ވާހަކަ ކޮންމެ ސީޒަނެއްގައި ވެސް މައިގަނޑު ބިނާކޮށްފައި އޮންނަނީ ޗުއްޓީއަށް ރިސޯޓަކަށް ދަތުރުކުރާ ބަޔަކަށް ދިމާވާ އާދަޔާ ހިލާފު ކަންތައްތަކެއްގެ މައްޗަށެވެ.
މި ސީރީޒްގެ ދެވަނަ ސީޒަން ޝޫޓްކުރީ އިޓަލީގެ ސިސިލީގަ އެވެ. އެ ސީޒަން އަށް ފަހު ސިސިލީއަށް ދަތުރުކުރި ޓޫރިސްޓުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވި އެވެ.
ބޮޑު ސްޓާ ކާސްޓެއް ހިމެނޭ "ވައިޓް ލޮޓަސް"ގެ ތިންވަނަ ސީޒަންގައި ފެންނާނީ ލެސްލީ ބިބް، ޑޮމް ހެޓްރަކުލް، ޖޭސަން އައިޒާކްސް، މިޝެލް މޮނާގަން، ޕާކަ ޕޯސީ، ޓޭމް ތަޕްތިމްތޮންގް، ކްރިސްޓިއަން ފްރީޑެލް، ޖޫލިއަން ކޮސްޓޯވް، މޯގަނާ އޯރެއިލީ، ލެކް ޕަޓްރަވާޑީ، ޝަލިނީ ޕެއިރިސް، ކެރީ ކޫން، ސްކޮޓް ގްލެން، ފްރާންސެސްކާ ކޯނީ، ނިކޮލަސް ޑޫވަނޭ، އާނާސް ފެޑަރަވިޗިއަސް، ނަތާޝާ ރޮތުވެލް، ވޯލްޓަން ގޮގިންސް، ޕެޓްރިކް ޝްވާޒްނެގަ، އައިމީ ލޫ ވުޑް، ސޭރާ ކެތަރިން ހޫކް، އަދި ސޭމް ނިވޯލާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy