ޚަބަރު / ސިވިލް ކޯޓް

މުސާރަ އާއި އިނާޔަތް ދޭން ކުރި އަމުރަށް ޖޭއެސްސީން އަމަލު ނުކުރުމުން ފާއިޒު ކޯޓަށް

ސުޕްރީމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް --

26 ފެބުރުއަރީ 2024 - 16:53

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލުމުގެ ތުހުމަތުގައި އެ ކޯޓުން ވަކިކުރި ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒުގެ މުސާރަ އާއި އިނާޔަތްތައް ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކުރި އަމުރަށް އަމަލު ނުކުރާތީ، ސިވިލް ކޯޓަށް އޭނާ މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ފާއިޒު ވަޒީފާ އިން ވަކިކުރީ އޭރު ޖުޑިޝަރީން ބުނިގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެ ކޯޓުގެ މުވައްޒަފުންނަށް ފާރަލެވޭ ގޮތަށް ސުޕްރީމް ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކޮށް އަދި އޭނާ ހުންނެވި ކޮޓަރިއަށް ކެމެރާގެ ފީޑް ލިބޭ ގޮތް ހަދާފައިވާތީ އެވެ. ކެމެރާ ހަރުކުރުމަށް ބަޖެޓުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވަނީ ވެސް ދައުލަތުގެ މާލިއްޔަތު އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ތުހުމަތުތަކަށް ފާއިޒު އިންކާރު ކުރެއްވި އެވެ.

ފާއިޒު ވަޒީފާ އިން ވަކިކުރީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ފާއިޒް ހުށަހެޅުއްވި މައްސަލާގައި ނިންމި އެވެ. އެ ޓްރިބިއުލަނުން ޖޭއެސްސީގެ މައްޗަށް އަމުރުކުރީ ފާއިޒު ވަޒީފާ އިން ވަކިކުރި ތާރީހު ކަމަށްވާ ނޮވެމްބަރު 2، 2022 އިން ފެށިގެން އޭނާގެ ފަސް އަހަރުގެ ދައުރު ހަމަވާ ޖެނުއަރީ 6، 2024 ދުވަހާ ހަމައަށްވާ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.

އެ އަމުރާ އެއްގޮތަށް ޖޭއެސްސީ އިން އެ މުސާރަ އާއި އިނާޔަތަށްވާ ފައިސާ ފާއިޒަށް ދީފައެއް ނުވެ އެވެ. އެހެންވެ، ޓްރިބިއުނަލްގެ އަމުރު ތަންފީޒު ކުރަން ސިވިލް ކޯޓަށް ފާއިޒު މައްސަލައެއް ހުށަހެޅުއްވީ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ސިވިލް ކޯޓުގައި އޮތެވެ.

"މިހާރު" އަށް ފާއިޒް ވިދާޅުވި ގޮތުގައި ޖޭއެސްސީ އިން މިއަދުގެ އަޑުއެހުމުގައި ވަނީ ޓްރިބިއުނަލްގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުއްދައަށް އެދިފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް، އިސްތިއުނާފު ކުރަން ހުށަހަޅާފައިވަނީ އެކަމަށް ލިބޭ މުއްދަތު ހަމަވެ، އެއް މަސް ފާއިތުވި ފަހުން ކަމަށް ފާއިޒު ވިދާޅުވި އެވެ.

މިހާތަނަށް އެ އިސްތިއުނާފަށް ހުއްދަ ދޭން ހައި ކޯޓުން ނިންމާފައެއް ނުވެ އެވެ.

"އިސްތިއުނާފަކީ ވަކި މުއްދަތެއް ކުރުމަށް އޮންނަ ކަމެއް. ނިންމުން ނިންމާ ކޯޓުން ރިޕޯޓް ލިބުން ލަސްވާ ހާލަތުގައި ނޫނީ މުއްދަތުން ބޭރުން އިސްތިއުނާފަށް ހުއްދައެއް ނުދޭނެ. އަދި ހާއްސަކޮށް ދައުލަތުގެ މުއައްސަސާއަކަށް އިސްތިއުނާފު ހުށަހެޅުން ލަސްކުރަން އެހެން ބަހަނާއެއް ނުދެއްކޭނެ،" ފާއިޒު ވިދާޅުވި އެވެ.

އެކަމަކު، ފާއިޒު ވިދާޅުވި ގޮތުގައި ސިވިލް ކޯޓުން ވަނީ ޖޭއެސްސީ އިން އެދުމުގެ މަތިން ހައި ކޯޓަށް މައްސަލަ ހުށަހެޅިކަން އެނގޭ ފަދަ ލިޔުމެއް އެ ކޯޓަށް ހުށަހަޅަން ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ފާއިޒު ވިދާޅުވީ އޭނާ އަށް މުސާރަ އާއި އިނާޔަތްތައް ދޭން ކުރި އަމުރު ޖޭއެސްސީ އިން މުއްދަތުގައި އިސްތިއުނާފު ކޮށްފައިނުވާއިރު، އެ އަމުރު ތަންފީޒު ކުރުން މަޑުޖައްސައިލުމުގެ އެއްވެސް އަމުރެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން އޭނާ އަށް ލިބެން ޖެހޭ އެ ހައްގު ހޯދުމަށް، އަމުރު ތަންފީޒު ކުރުމަށް ކޯޓަށް ހުރަސް އަޅާނެ އެއްވެސް ކަމެއް އޮތް ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454