ޔުވެންޓަސްގެ ވްލަހޮވިޗަކީ ހާލަންޑާ އެއްފަދަ ފޯވާޑެއް
ްޑޫސަން ވްލަހޮވިޗް
27 ފެބުރުއަރީ 2024 - 07:56
ޓިއުރިން (ފެބްރުއަރީ 27) – ޔުވެންޓަސްގެ ޑޫސަން ވްލަހޮވިޗަކީ، މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިންގް ހާލަންޑާ އެއް ފެންވަރެއްގެ ކުޅުންތެރިޔެއް ކަމަށް ސާބިއާ އެފްއޭގެ ކުރީގެ ސްޕޯޓިން ޑައިރެކްޓާ ޑާކޯ ކޮވަސެވިޗް ބުނެފި އެވެ.
ޔުވެންޓަސްއަށް 1999 ން 2001 އަށް ކުޅުނު ކޮވަސެވިޗް އޭނާގެ އަމިއްލަ ގައުމުގެ ކުޅުންތެރިޔާ ވްލަހޮވިޗާ ބެހޭގޮތުން ބުނީ އުމުރުން 24 އަހަރުގެ ސްޓައިކަރަށް ދުނިޔޭގެ އެންމެ މޮޅު ފޯވާޑަށް ވެވޭނެ ކަމަށެވެ.
ޔުވެންޓަސްގައި މިހާރު ވްލަހޮވިޗް ދަށްކާ ކުޅުމާ އެކު އޭނާގެ އަގު ވަނީ މަތިވެފަ އެވެ. ބޮޑެތި އެހެން ކްލަބުތަކުން މިހާރު ޝައުގުވެރިވާ ފޯވާޑް ވަނީ އިޓާލިއަން ލީގުގައި ޔުވެންޓަސް އެންމެ ފަހުން ކުޅުނު 9 މެޗުގައި 10 ލަނޑު ޖަހައިފަ އެވެ.
އެކަމަކު އޭނާ ކްލަބްގައި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. މާލީ އުނދަގުލުން އަރައިގަތުމަށް މަސައްކަތް ކުރާ ޔުވެންޓަސްއިން ބޮޑު އަގުގައި ވްލަހޮވިޗް ވިއްކާލާނެ ކަމަށް އިޓަލީގެ މީޑިއާތަކުން ލަފާ ކުރެ އެވެ.
ސާބިއާ އެފްއޭގެ ކުރީގެ ސްޕޯޓިން ޑައިރެކްޓާ ޑާކޯ ކޮވަސެވިޗް
އެ ގައުމުގެ ލާޒިއޯއަށް ވެސް ކުޅުނު ކޮވަސެވިޗް ބުނީ، ވްލަހޮވިޗްގެ ފެންވަރާ މެދު އެއްވެސް މީހަކު ސުވާލު ނުއުފައްދާނެ ކަމަށެވެ.
"އެއީ ޑޫސަން [ވްލަހޮވިޗް] އަކީ. އޭނާއަށް ބޭނުންވީ ފޯމަށް އެޅިލަން ވަގުތުކޮޅެއް. މިހާރު އެފެންނަނީ އެކަން. ސީދާކޮށް ބުނާނަމަ ޖެނުއަރީ މަހުން ފެށިގެން އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުން. އޭނާ ޖެހި ގިނަ ލަނޑުތަކަކީ އޭގެ ނަތީޖާ،" އިޓަލީގެ ގެޒެޓާ ޑެލޯ ސްޕޯޓްސް އަށް ދިން އިންޓަވިއުގައި ވްލަހޮޗިޗް ބުންޏެވެ.
"ދުނިޔޭގެ އެންމެ މޮޅު ސެންޓަ ފޯވާޑަށް ޑޫސަންއަށް ވެވިދާނެކަން އަހަންނަށް ޔަގީން. އާނ.. ހާލަންޑް ފަދަ."
ވްލަހޮވިޗަށް މި ސީޒަންގައި 25 ގޯލް ޖެހިދާނެތޯ ސުވާލު ކުރުމުން، ކޮވަސެވިޗް ބުނީ އޭނާ އެ ފޯމުގައި ދަމަހައްޓާނަމަ އިތުރަށް 10 ގޯލް ނުޖެހެންވީ ސަބަބެއް ނެތް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy