ޚަބަރު / ހައި ކޯޓް

އުމުރަށް ޖަލަށް ލިޔަސް މިނިވަން ވެފައި؛ ފަނޑިޔާރު އެއްސެވީ މި ކުޅެނީ ކޮން ޑްރާމާއެއްތޯ

މަސްތުވާތަކެތީގެ މައްސަލައިގެ އިސްތިއުނާފް ހައި ކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗް.މަސްތުވާތަކެތީގެ މައްސަލައިގެ އިސްތިއުނާފް ހައި ކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗް.

ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ޖެނުއަރީ 2021 ގައި އަތުލައިގަތް ޑްރަގް ނެޓްވޯކެއް ކަމަށް ބުނާ 8 މީހުންގެ ތެރެއިން ކުށް ސާބިތުނުވި ހަ މީހެއްގެ އިސްތިއުނާފް ކުރިއަށް ގެންދާއިރު އޭގެ ތެރޭގައި ހިމެނޭ އެކަކަށް އެހެން ދައުވާއެއްގައި އައި އުމުރު ދުވަހުގެ ޖަލު ހުކުމުން މިހާރު ސަލާމަތްވެފައި ވާތީ ހައި ކޯޓުގެ ޝަރީއަތުގައި ދައުލަތަށް ގިނަ ސުވާލުތަކެއް އަމާޒުކޮށް މިއީ "ކީއްކުރަން ކުޅޭ ޑްރާމާއެއްތޯ" ފަނޑިޔާރު ސުވާލުކުރައްވައިފި އެވެ.

މިއީ މާލޭގެ ހަ ގެއެއް ބަލައި ފާސްކޮށް ބައެއް ގެތަކުން ޑްރަގާއި ޑްރަގް ޕެކްކުރާ ސާމާނާއި ފައިސާ އާއި ފައިސާ ގުނާ މެޝިނު ފަދަ އެއްޗެހި ހޯދައި ޑްރަގްގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 4.6 މިލިއަން ރުފިޔާ އަތުލައިގަތް މައްސަލަ އެވެ. މި މައްސަލައިގައި ހިމެނޭ ހުސައިން ޒަހީންގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވެ އައީ އުމުރަށް ޖަލަށް ލުމުގެ ހުކުމެވެ.

މައްސަލައިގައި ހިމެނޭ ޒަހީނަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އަދަބު ލުއިކޮށް، މިހާރު ޖަލުން ދޫކޮށްލާފައި ހުރި މީހެކެވެ. އެހެންވެ، އޭނާ ކުރިން ހުކުމް އިސްތިއުނާފްކުރި ނަމަވެސް ޖަލުން ސަލާމަތްވުމުން އިސްތިއުނާފް އަނބުރާ ގެންދިއުމުން ދައުލަތުން ވެސް އެދިގެން ދައުވާ އޮތީ ބާތިލްކޮށްފަ އެވެ. އެކަމަކު މި މައްސަލައިގައި ހިމެނޭ އެހެން ދައުވާއެއް ޒަހީންގެ މައްޗަށް ސާބިތު ނުވާތީ ދައުލަތުގެ އިސްތިއުނާފްގައި ޒަހީން ވެސް ހިމެނެ އެވެ.

ޒަހީން އުމުރަށް ޖަލަށް ލާ ކްރިމިނަލް ކޯޓުން ހުކުމްކުރީ 2021 ވަނަ އަހަރު އެވެ.

ދައުލަތުގެ ވަކީލް އާއިޝަތު މުހައްމަދު މި މައްސަލައިގެ ތަފްސީލް ދެއްވަނިކޮށް، ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުން ފަނޑިޔާރު މުހައްމަދު ނިޔާޒް ވަނީ ޒަހީންގެ މައްޗަށް ކުރީ ކޮންކަހަލަ ހުކުމެއްތޯ ސުވާލުކުރައްވައިފަ އެވެ. ވަކީލް ވިދާޅުވީ އެއީ ޑްރަގް ޓްރެފިކިންގެ ކުށް ކަމަށާއި އެހެންވެ އައީ 25 އަހަރުގެ ޖަލު ހުކުމެއް ކަމަށެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ކުރި ހުކުމެއް، މިހާރު އަދި މިއީ ދެހާސް ސައްވީސް ވަނަ އަހަރު. އެހެންވީމާ މަސްތުވާތަކެތި ކަހަލަ ބޮޑު މައްސަލައެއްގައި، ދަށު ކޯޓަށް ކުށް ސާބިތުވެގެން [ޓްރެފިކިންގެ މައްސަލައެއްގައި] ނުކުރާ ވަރުގެ ކަމެއް ނޫން ކަމަށް އަޅުގަނޑަށް ... އެންމެންނަށް ވެސް ގަބޫލުކުރެވޭނީ ... މި ބަޔާންކުރާ ޖިނާއީ އަދުލުގެ ނިޒާމު މިގޮތަށް އޮންނަ ކަމަށްވަންޏާ. މިއީ ނުކުރާ ވަރުގެ ކަމެއް ނޫން ކަމަށް މީހުންނަށް ވިސްނޭނީ: ފަނޑިޔާރު ނިޔާޒް

އޭގެ ފަހުން ފަނޑިޔާރު ވަނީ ޝަރީއަތުގެ މަޖިލީހުގައި އިން ޒަހީންއާ ވެސް، ހުކުމަށްވީ ކިހިނެއްތޯ ސުވާލު ކުރައްވައިފަ އެވެ.

"އަޅުގަނޑަށް ފަންސަވީސް އަހަރު ދުވަހަށް ހުކުމްކުރީ. ދެން، ރައީސުލްޖުމްހޫރިއްޔާގެ މާފުގެ ދަށުން އަޅުގަނޑު ސަލާމަތްވީ ޕްރޮގްރާމްތަކުގައި ބައިވެރިވެގެން. ޖަލުގެ ގަވައިދާ އެއްގޮތަށް،" ޒަހީން ބުންޏެވެ.

އޭނާ އެހެން ބުނުމުން، ދައުލަތަށް މިހާރު ސާފުވެއްޖެތޯ ފަނޑިޔާރު ނިޔާޒު އެއްސެވި އެވެ. ދައުލަތުގެ ޖަވާބަކަށްވީ "އާދެ، އިއްޒަތްތެރި ފަނޑިޔާރު" އެވެ.

"ކޯޓަށް އައިސް ކޮން ކަމެއްތޯ ތި ކުރަނީ. އަޅުގަނޑުމެން ލައްވާ ކީއްކުރުއްވަންތޯ ތިޔަ އުޅުއްވަނީ،" ފަނޑިޔާރު ނިޔާޒް އެއްސެވި އެވެ.

ސުވާލަށް ޖަވާބެއް ނުލިބި ޝަރީއަތުގެ މަޖިލިސް ހިނދުކޮޅަކަށް ހިމޭންވެފައި އޮތުމަށް ފަހު އަނެއްކާވެސް ވާހަކަ ދެއްކެވީ ފަނޑިޔާރެވެ.

"ފަންސަވީސް އަހަރަށް ޖަލަށްލީ ޑްރަގް ޓްރެފިކިން [މައްސަލައެއްގައި]. ކޮބާ ނަތީޖާ އަކީ."

އެ ހިސާބުން ވަކީލް އައިޝާ ވިދާޅުވީ ފަނޑިޔާރުގެ ކަންބޮޑުވުން ދައުލަތަށް ވެސް އެނގޭ ކަމަށާއި އެއީ ދައުލަތުގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ.

"...އެހެން ނަމަވެސް ފާހަގަކޮށްލަން ބޭނުންވޭ، އިއްޒަތްތެރި ފަނޑިޔާރު. ދައުލަތުގެ އެހެން ބާރަކުން ކުރާ ކަމަކީ ދައުވާކުރާ ފަރާތުގެ ހައިސިއްޔަތުން ޕްރޮސިކިއުޓާ ޖެނެރަލްގެ ބަހެއް އަދި ބާރެއް އޮންނަ ކަމެއް ނޫންކަން،" އޭނާ ވިދާޅުވި އެވެ.

އެ ހިސާބުން ޝަރީއަތުގެ އަސްލު މައުޟޫގައި އަލުން ވާހަކަ ފަށައިގެން ކުރިއަށް ގެންދަނިކޮށް ފަނޑިޔާރު ނިޔާޒް އަނެއްކާވެސް އެ ވާހަކަ ހުއްޓުވައި، މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން މީހަކަށް ލުއި ލިބެނީ ކިހާ ދުވަހަކު ހުކުމް ތަންފީޒު ކުރުމުންތޯ އެއްސެވި އެވެ.

ހައި ކޯޓުގައި ޝަރީއަތުގެ އަޑުއެހުން ކުރިއަށްދަނީ

އެ ސުވާލަށް ޖަވާބު ދެއްވަން ފެއްޓެވީ ދައުލަތުގެ ވަކީލް އަހްމަދު ނައުޝާދެވެ.

"ގާނޫނުގައި އޮތް ގޮތަށް ވިދާޅުވެދެއްވާ. މިސާލަކަށް، ކިހާ މުއްދަތެއް ހޭދަވެގެންތޯ މީހަކަށް މިކަހަލަ ބޮޑު މައްސަލައެއްގައި ޖަލަށްލާ މީހަކަށް އަފޫއާމް، ނޫނިއްޔާ، ލުއި ދިނުމުގެ ކަންތައްތައް މި އޮންނަނީ، އެއްކޮށް މިނިވަންކޮށް ދޫކޮށްލުމުގެ ކަންތައްތައް މި އޮންނަނީ،" ތަފްސީލަށް އެދިވަޑައިގެން ފަނޑިޔާރު އަލުން ސުވާލުކުރެއްވި އެވެ.

ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު މުހައްމަދު ފައިސަލް އާއި އިސް ފަނޑިޔާރު ހުސައިން ޝަހީދު ވެސް މި ހިސާބުން ފަނޑިޔާރު ނިޔާޒްއާ ކުޑަކޮށް މަޝްވަރާ ކުރެއްވި ތަން ފެނުނެވެ.

ވަކީލް ނައުޝާދު ވިދާޅުވީ މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް ބަޔާންކުރާއިރު "ނުވަތަ، ނުވަތަ" ބަޔާންކުރުމަށް ފަހު "އިންސާނިއްޔަތަށްޓަކައި" ދޫކޮށްލެވިދާނެ ކަމަށް އޮންނަ ކަމަށެވެ. އެހެންވެ، ޒަހީން ދޫކޮށްލީ އިންސާނިއްޔަތަށްޓަކައިތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން ވަކީލް ވިދާޅުވީ އެކަން އެނގިވަޑައިގަނުގަންނަވާ ކަމަށާއި "އެއީ ވެސް އެއް ގޮތެއް ކަމަށެވެ. އޭނާ ވިދާޅުވީ އަދަބު ލުއިކޮށްދިނުމާއި މާފު ދިނުމުގައި ގެންގުޅެނީ ސީދާ ކޮން މިންގަނޑެއްކަން ޕީޖީ އޮފީހަށް ބުނެދޭން ނޭނގޭ ކަމަށެވެ.

"އަޅުގަނޑުގެ ކޮންސާނަކީ ... ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ޕްރޮސިކުއުޝަނުން ދައުވާތަކެއްކޮށް، ކޯޓުތަކުން ސާބިތުކުރީމާ ހުކުމް ތަންފީޒު ނުކުރެވޭ ކަމުގައި ވަންޏާ މިއީ ކީއްކުރަން ކުރާ ކަމެއްތޯ؟ އަޅުގަނޑުމެން ކީއްކުރަން ކުޅޭ ޑްރާމާއެއްތޯ މިއީ؟ ބޮޑުސިންގާ ދައުލަތަކުން، ގާނޫނުތަކެއް ހަދައިގެން،" ފަނޑިޔާރު ތަކުރާރުކޮށް، އެ ސުވާލުކުރައްވާ ސަބަބުގެ ތަފްސީލާ އެކު ވިދާޅުވި އެވެ.

މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައި ހުރި މާއްދާތަކުގެ ބައެއް ތަފްސީލް ދައުލަތުން ދިނުމުން ފަނޑިޔާރު އަނެއްކާވެސް އެއްސެވީ ގާނޫނުގެ ދަށުން ލިބޭ ލުޔެއް ލިބެނީ ކިހާ ދުވަަހަކު ހުކުމް ތަންފީޒުކުރުމުންތޯ އަނެއްކާވެސް ސުވާލުކުރައްވައިފަ އެވެ.

"ތިޔަ ބޭފުޅުން ނުބައްލަވަންތޯ ... ޖިނާއީ އަދުލުމުގެ ނިޒާމު، ތިޔަ ބޭފުޅުން ތިޔަ ވިދާޅުވަނީ ވަށައިޖެހޭ ނިޒާމެކޭ. ކޮންތަނެއްތޯ ވަށައިޖެހެނީ؟ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކޮންސާނެއް ފަނޑިޔާރުންގެ ގޮތުގައި ތިބެގެން ހުކުމްކޮށްފައި، ހުކުމް ތަންފީޒެއް ނުއެއްވޭ، ދެން މިކަން މިގޮތަށް ތަކުރާރުވާ ކަމަށް ވަންޏާ ދެން ކޮން ކަމެއްތޯ މި ކުރެވެނީ އަޅުގަނޑުމެންނަށް. އަޅުގަނޑުމެން ލަދުގަންނަން ޖެހޭނޫންތޯ ދައުލަތެއްގެ ހައުސިއްޔަތުން. ކިހިނެއްތޯ މި ވަނީ؟"

ފަނޑިޔާރު ނިޔާޒް ވިދާޅުވީ ޒަހީންގެ މައްޗަށް މި މައްސަލާގައި ދައުވާކޮށްގެން އުޅެނީ ކުށް ސާބިތުނުވެގެން ކަމަށް ވާއިރު ސާބިތުވި ދައުވާ އިސްތިއުނާފް މަރުހަލާގައި އޮއްވައި ދައުލަތުން އަނބުރާ ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ މާފުދެއްވާފައި ކަމަށް ބުނެފައި ކަމަށެވެ. ސާބިތުވި ދައުވާ އަނބުރާ ނުގެންދިޔަ ނަމަ އެ އަދަބު ދެމިއޮތުމުގެ ފުރުސަތު އޮންނާނެ ކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

"މި ދިމަލެއް ނުވެއެއްނު؟" ފަނޑިޔާރު ނިޔާޒްގެ ހުއްޓުމެއް ނެތް ސުވާލުތައް ކުރިއަށް ގެންދެވި އެވެ.

ފަނޑިޔާރު ވަނީ ޒަހީންގެ މައްޗަށް ކުރި އެއް ދައުވާގައި ކުށް ސާބިތުވުމުން ރައީސް މާފުދެއްވުމުން ދައުވާ އަނބުރާ ގެންގޮސްފައި ވާއިރު ހަމަ އެ މައްސަލައިގެ އެހެން ބަޔަކުން ޒަހީންގެ މައްޗަށް ކުރި ދައުވާއެއް ސާބިތު ނުވާތީ ދައުލަތުން އިސްތިއުނާފު ކޮށްގެން އުޅެނީ ކީއްވެތޯ ސުވާލުކުރައްވައިފަ އެވެ. މި އިސްތިއުނާފް ވެސް އަނބުރާ ނުގެންދަނީ ކީއްވެތޯ އެއްސެވި އެވެ.

"ތިޔަ ވިދާޅުވި ގޮތަށް އަޅުގަނޑުމެން ހަމަ ގަބޫލުކުރަން. ތިޔަ ކޮންސާން ވެސް އަޅުގަނޑުމެންނަށް އަންޑަސްޓޭންޑް ވެސް ވޭ ފަނޑިޔާރު ތިޔަ ފާހަގަކުރައްވާ ކަންތައްތަކަކީ ކޮބައިކަމާ. ހަގީގަތުގައި ހަމައެކަނި ފުލުހުން އެކަންޏެއް ނޫން. ފުލުހުން ކުރާ މަސައްކަތާއި ޕްރޮސިކިއުޝަންގެ ވެސް ވަރަށް ގިނަ ވަގުތާ ހޭދަކުރުމަށް ފަހު، އަޅުގަނޑުމެންގެ ހިތަށް ވެސް ހަމަ އުނދަގޫވޭ ބުރާސްފަތި ދުވަހު ޖަލަށްލާ މީހާ އާދީއްތަ ދުވަހު ޖަލުން ނުކުމެފައި އަޅުގަނޑުމެންނާ ދިމާލަށް އެއްޗެކޭ ބުނެފައި ދާތީ،" ފަނޑިޔާރު ނިޔާޒްގެ ސުވާލުތަކާ ގުޅިގެން ވަކީލް ނައުޝާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރު ކަންބޮޑުވުން ފާޅުކުރައްވާ ކަންތަކުގައި ޕްރޮސިކިއުޝަންގެ ކަންބޮޑުވުން ވެސް އެބަ އޮތް ކަމަށާއި އެކަމަކު އެއީ ޕްރޮސިކިއުޝަންގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫން ކަމަށެވެ.

ދައުވާ ލިބޭ ޒަހީން މިކަމުގައި ވާހަކަ ދައްކަން މަސައްކަތްކުރި އެވެ. އޭނާ ބުނީ 25 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި އޮވެފައި ރައީސުލްޖުމްހޫރިއްޔާގެ މާފު ލިބެނީ ޖަލުގައި އޮންނަ ޕްރޮގްރާމެއް ފުރިހަމަކޮށްގެން ކަމަށެވެ. އެ ހިސާބުން ފަނޑިޔާރު އަނެއްކާވެސް ތަކުރާރުކުރެއްވީ ކުރީގެ ސުވާލެވެ. އެއީ މި ޕްރޮގްރާމަށް ޝަރުތު ހަމަވަނީ ހުކުމުން ކިހާ މުއްދަތެއް ތަންފީޒުކޮށްގެންތޯ އެވެ.

"ދެހާސް އެކާވީސް ވަނަ އަހަރު ކުރި ހުކުމެއް، މިހާރު އަދި މިއީ ދެހާސް ސައްވީސް ވަނަ އަހަރު. އެހެންވީމާ މަސްތުވާތަކެތި ކަހަލަ ބޮޑު މައްސަލައެއްގައި، ދަށު ކޯޓަށް ކުށް ސާބިތުވެގެން [ޓްރެފިކިންގެ މައްސަލައެއްގައި] ނުކުރާ ވަރުގެ ކަމެއް ނޫން ކަމަށް އަޅުގަނޑަށް ... އެންމެންނަށް ވެސް ގަބޫލުކުރެވޭނީ ... މި ބަޔާންކުރާ ޖިނާއީ އަދުލުގެ ނިޒާމު މިގޮތަށް އޮންނަ ކަމަށް ވަންޏާ. މިއީ ނުކުރާ ވަރުގެ ކަމެއް ނޫން ކަމަށް މީހުންނަށް ވިސްނޭނީ. އެހެންވެ އަޅުގަނޑު މި ސުވާލު މި ކުރަނީ،" ފަނޑިޔާރު ނިޔާޒް ވާހަކަ ކުރިއަށް ގެންދެވި އެވެ.

ދައުވާ ލިބޭ ޒަހީން ބުނީ އޭނާ އެއްކޮށް ދޫކޮށްލީ ނޫން ކަމަށާއި އޭނާ ޕްރޮގްރާމެއްގައި ބައިވެރިވެ އޭގައި ބުނާ ގޮތަށް އަމަލުލުކުރަމުން ގެންދާ ކަމަށެވެ. އޭނާ މޮނިޓަކޮށް ބަލަހައްޓާތޯ އެހުމުން ބުނީ އެކަން އެނގޭނީ ކަރެކްޝަންސް އަށް ކަމަށާއި އެތަނުން ގުޅުމުން، [މަސްތުވާތަކެއްޗަށް ޓެސްޓްކުރުމަށް] ކުޑަކަމުދާ ތަކެތި ދިނުން ފަދަ ކަންކަން ވެސް ކުރާ ކަމަށެވެ.

މި މައްސަލައިގައި ލ. ކަލައިދޫ މަތަރަސްމާގޭ ޒަހީންގެ އިތުރުން ދެން ހިމެނެނީ ގދ. ހޯނޑެއްދޫ އަލޯރާ އަރުޝަދު ހާލިދު، ގދ. ހޯނޑެއްދޫ އިރުމަތީގެ، އަހްމަދު ސުނައިނު، މއ. ވައިލެޓްމާގެ އަސްލަމް ނާޒިމް، ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރު، ގދ. ހޯނޑެއްދޫ މެޑްރިޓްހައުސް، އަހްމަދު ގިޔާސް، މ. ދާރުލްގަރާރު އިސްމާއިލް ވިޝާލް އަދި ޅ. ނައިފަރު މިސްކިތްދޮށުގެ އަހްމަދު އިމްސާހު އެވެ.

އެކަމަކު މީގެ ތެރެއިން ދަށު ކޯޓުން ކުށް ސާބިތުވާ ކަމަށް ނިންމީ އަސްލަމް ނާޒިމް އާއި ޒަހީންގެ މައްޗަށް އެކަންޏެވެ. އެ ދެ މީހުންނަށް އައީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އެވެ. އެހެންވެ އެ ދެ މީހުން ވެސް އުމުރަށް ޖަލަށްލައި އެއް ލައްކަ ރުފިޔާއިން ޖުރިމަނާކުރީ އެވެ. އޭގެ އިތުރުން ޒަހީންގެ ގޭގެ އެކި ތަންތަނުން ފެނުނު 19،500ރ. އާއި، 10،500ރ. އާއި 44،300ރ. އާ އެކު ޖުމްލަ 74،300ރ. ދައުލަތަށް ނަގަން ވެސް ހުކުމް ކުރި އެވެ.

47 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 13%
icon angry icon angry 38%
icon wow icon wow 21%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެދުރު ބެ

06 March 2024

ކޯޓުގެ ހުކުމް ބާޠިލުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮވެގެންނުވާނެ.

The name is already taken The name is available. Register?

ޕޫރުބެ

05 March 2024

އަޅުގަނޑަކީ އެންމެ ފުރަތަމަ ޤާނޫނު ކިޔވައިގެން ސިފައިންގެއަށް ވަތް މީހަކީން! އެއިރުވެސް ކަންވާގޮތަކީ، ކުރީ ފަސް އަހަރު ފުލުުހުން ތަހުގީގުކޮށް ޝަރީޢަތްކޮށް އަދަބު ކަނޑައަޅައި ހުކުމްކޮށް ޖަލަށް ލުމަށްފަހު، ރިޔާސީ އިންތިޚާބަށް މުޅި ޖަލުހުސްކޮށް ހުކުމްކޮށްފަ ތިބޭ އެންމެން މިނިވަންކުރޭ! އަނެއްކާ ފުލުހުން ހަމައެމީހުންގެ މައްސަލަތައްބަައި ތަހުގީގުކޮށް މުޖުތަމަޢު ހަމައަކަށް އަޅުުުުވަންުުުުުުުޖެހޭ! މިއޮތީ އެކަން ރިޕީޓްކޮށް ކުރުމުގެ ނަތީޖާ!

The name is already taken The name is available. Register?

އެޖެންޑާނަވާރަ

05 March 2024

އެޖެންޑާ 19 ތަފާތުވާނެ. ރަށްވެހި ފަތިސް ގައި ކުށްވެރިންނަށް ޕަޗަސް ކުޅެވޭނެ.

The name is already taken The name is available. Register?

އީސުބާ

05 March 2024

މި ރާއްޖޭގެ ހަދާފައިވާ ޤާނޫނުގެ ރޫހައް ބަލާއިރު އެންމެމަތީ ފަނޑިޔާރަކީ ރައީސުލްޖުމްހޫރިއްޔާ.ދެން މި ޑްރާމާ ކުޅުވުމުގެ ބޭނުމަކީ މީހުން އޮޅުވާލަން.ބޮނޑުތަނުން ފޭލްވެފައިވާ ދައުލަތެއް...

The name is already taken The name is available. Register?

MySuperGreenDOTcom

04 March 2024

ތިޔަޑުރާމާގެނަމަކީ "ޕައިސާގެބާރު" ސުވާލުކުރެއްވި ފަނޑިޔާރަށްވެސް އެނގިލަށްވާނެ ޑުރާމާގެނަންވެސް އަދި ޑުރާމާގެ އެޕިސޯޑުތައް ކުރިޔަށްދާނެގޮތްވެސް

The name is already taken The name is available. Register?

އަނހަ

04 March 2024

އެއީ އޯގާތެރި ސަރުކާރުން ދޫކޮށްލި މީހުންގެ ތެރެއިން މީހެއް. އެކަހަލަ އެތައް ބަޔަކު ދޫކޮށްފައިވޭ. ރައްޔިތުންނަކަށް ނޭނގޭނެ. އެނގުނަސް 1 ލައްކަ ވޯޓް ދީފަ އޮތީ އަލުން ހޮވޭތޯ. ގިނައިން އެކަންކުރަނީ އެއް ޕާޓީން އެކަމު މަސްތުވާ ތަކެއްޗާ ގުޅުވަނީ އެހެން ޕާޓީއަކާ. ޕާޓީ ފިކުރުގަ ކޮންމެ ކަމެއްވެސް މިގައުމުގަ އޯކޭވޭ.

The name is already taken The name is available. Register?

ބާބޫޖީ

04 March 2024

މިއީ ހުރިހާ ސަރުކާރަކުންވެސް ކުރާކަމެއް ... ސޯލިހު ގެ ވެރިކަމުގައި ކުއްވެރިންދޫކުރުން އޮތީ ހައްދުން ނެއްޓިފަ ...

The name is already taken The name is available. Register?

ޓިނޭ

04 March 2024

ނިކަމެއްޗަކު ޖަލަށް ހުކުމްކޮއްފަ ގެޔަށް ފޮނުވީމަ ފަނޑިޔާރުންނަށް ވެސް އާ ކަމަކަށްވިޔަސް ޖަލަށް ހުކުމްކޮފަ ގޭގަތިބޭ އެހެން މީހުން ތިބިކަމެއް ނުފެނުނު.

The name is already taken The name is available. Register?

ހަސަނު

04 March 2024

މިދިޔަ ސަރުކާރު ދަމުން ދިޔައީ މީހުން މަރާ މީހުނާ، ރޭޕް ކުރާމީހުނާ، ކުޑަކުދިންނާ އެކު ޖިންސީ ކަންކަން ކުރާ މީހުނާ، ބޮޑެތި ވަގުންނާ، ޑުރަގު ލޯޑުން މިނިވަންކޮށް ރަށުތެރެއަށް ދޫކޮށްލާފަ... ގައުމެއްވާނެތް..

The name is already taken The name is available. Register?

ތުއްތުބެ

05 March 2024

އެސަރުކާރު ވެރިކަމަށް އައިސް އެސަރުކާރުގެ ރައީސް ފުރަތަމަވެސް މިނިވަންކޮށްލީ 18 އަހަރު ނުފުރޭ ކުއްޖަކާ ހިތާވެގެން އެކުއްޖާއާއެކު ކޮޓަރިތެރޭ ......... ގައި ތިއްބައި ހައްޔަރުކޮށް ޝަރީޢަތްކޮށް ޖަލަށްލާފައިވާ މީހެއް. އެހިސާބުންވެސް ގައުމުގެ ކަންކަން ވާނެގޮތް މަމެންނަށް ސާފުވެއްޖެ

The name is already taken The name is available. Register?

އަލީ އަސްފާގު

04 March 2024

މި ކަމުގަ ވަކި ސަރުކާރެއް ތަފާތުތަ.. ހުރިހާ ސަރުކާރަކުންވެސް ކުލެނީ އެއްގޭމެއް. ގައުމުގަ ރަގަޅަށް އުޅޭ މީހުނަށްވުުރެ ސަރުކާރާއި ގުލުން ބޮޑީ ޑުރަގު މީހުނޭވެސް ބުނެވިދާނެ، ސަބަބު ފެންނަންވެސް އެބަހުރި. ވެރިކަމުން ވަކިވިމީހުންގެ ވާހަކަ ހުއްޓާލާފަ މިހިނގާ ސަރުކާރުން މިކަން ހުއްޓުވަން އެއްވެސް ކަމެއްކުރޭތޯ. ނުކެރެ. ކުރަން ނުވެސް ކެރޭނެ. އެވަރަށް އެމީހުންގެ ދަށުވެ ފިތިފަ މިސަރުކާރުވެސް މިއޮތީ. ދެން ޑުރަގޭ ކިޔައިގެން ތަންތަނަށް އަރާ ކީކޭތޯ މި ކިޔަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454