ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
09 މާޗް 2024 - 13:29
އެ މަނިކުފާނާ ދިމާލަށް އަމާޒު ކުރާ ބަހަކާ ގުޅިގެން ނުވަތަ ފާޑުކިޔުމަކާ ހެދި އެއްވެސް މީހަކަށް ފިޔަވަޅު އަޅައި އަދަބު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ކުރެންދޫގައި ވާހަކަފުޅު ދައްކަވމުން ރައީސް ވިދާޅުވީ، އެ މަނިކުފާނާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުންޏެއްގެ މުވައްޒަފަކު ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން އެ މުވައްޒަފުގެ މަގާމު ދަށްކުރި ކަމުގެ ވާހަކަ ނޫސްތަކުން ފެނިވަޑައިގެންނެވި ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން އެ މަނިކުފާނު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ގުޅުއްވައި ކަން ހިނގި ގޮތް ސާފުކުރެއްވި އެވެ. އެކަމަކު، މެނޭޖިން ޑިރެކްޓަރުގެ ޖަވާބުން އެނގިވަޑައިގަތީ އެ މުވައްޒަފާ ގުޅޭ މައްސަލަ އެ އަށް ވުރެ މާ ސީރިއަސްކަން ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލަ ބަލާފައިވަނީ އެ ކުންފުނީގެ ޕޮލިސީގެ ތެރެއިން ކަމަށް ވެސް މެނޭޖިން ޑިރެކްޓަރާ ހަވާލާ ދެއްވައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ކަން ހިނގި ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.
ރައީސް އެ އިޝާރާތް ކުރެއްވީ އެސްޓީއޯގެ މުވައްޒަފަކު ހުރި ވަޒީފާ އިން ޑީމޯޓުކުރި މައްސަލައަށެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ކަމުގެ ސިޓީގައި ބުނެފައިވާ ގޮތުގައި އެ ފިޔަވަޅު އެޅީ ސަރުކާރުގެ އިސްބޭފުޅުންގެ އަބުރަށް އުނިކަން ލިބޭ ގޮތަށް، ޒިންމާދާރުކަން ކުޑަ ޕޯސްޓުތަކެއް ކޮށް، އޭގެ ސަބަބުން އެ ކުންފުންޏާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެއް އުފެދުމާ ގުޅިގެންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
އެ އަމަލުތަކަކީ އެ މުވައްޒަފު ހުރި މަގާމުގެ ސުލޫކީ މިންގަނޑާ ހިލާފު ކަމަކަށް ވާތީ، ފިޔަވަޅު އަޅަން ނިންމީ ކަމަށް އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒުލާ ސޮއިކުރައްވައި ފޮނުވާފައިވާ ސިޓީގައި ވެ އެވެ.
ފާޑުކިޔައިގެން ނުވަތަ ހިތްހަމަނުޖެހިގެން ވެސް ބުނާ އެއްޗަކަށް ފިޔަވަޅު އެޅުމަކީ އެ މަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސް މުއިއްޒު އެ މައްސަލައާ ގުޅުވައިގެން މިއަދު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ބޭނުންފުޅު ވަނީ ރައްޔިތުން ދައްކާ ހުރިހާ ވާހަކައެއް ވެސް އަޑުއައްސަވައިގެން ކަންކަން ރަނގަޅު ކޮށްގެން ކުރިއަށް ދާން ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑާ ދިމާލަށް އެއްޗެއް ބުނެގެން ފިޔަވަޅު އަޅާކަށް. އެ ކަހަލަ ކަންތައް ކުރާ މީހެއް ނޫން އަޅުގަނޑަކީ އެއްވެސް އިރެއްގައި. ގާނޫނާއި ގަވައިދާ އެއްގޮތަށް ހަމަ ކޮންމެ މީހަކަށް ވެސް ކޮންމެ އެއްޗެއް ވެސް ވިދާޅުވެވެން ވާނެ. އަދި ހިތްހަމަނުޖެހެންޏާ ވެސް ބޭނުން ހުރިހާ ވާހަކައެއް ދެއްކެން ވާނެ. އެކަމަކު އަޅުގަނޑު ފިޔަވަޅެއް ނާޅާނަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިިކުފާނު ވިދާޅުވީ، ސަރުކާރުގެ އިސް ހުރިހާ ފަރާތްތަކުން ވެސް ފެންނަނީ ސާފުކޮށް، ތެދުބަހުން ޖަވާބުދޭ ތަން ކަމަށާއި އެކަމަކު ވެސް ރައްޔިތުންނަށް ކަންކަން އޮޅުވާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެންދޫގައި-- ފޮޓޯ: ރައީސް އޮފީސް
"އޭގެ ޖަވާބުގައި އެހެން ފަރާތްތަކުން ހަދަނީ ހުސް ދޮގު. ތެދެއް ނެތް ދޮގުތައް ހަދަމުން ދަނީ. އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދެނީ ރައްޔިތުން ވިސްނާ ވަޑައިގެން ސާފު ބަހުން ތެދުބަހުން ދައްކާ ވާހަކަ ޚިޔާރު ކުރައްވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ
ރައީސް ވިދާޅުވީ، އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތާ ހިލާފަށް ވިޔަސް އަބަދުވެސް ކަންކަން ކޮށްދެއްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޯއިފްް
10 March 2024
ރައީސް ވިޔަސް މިކަމާ ދެކޮޅު. ފިޔަވަޅު އަޅަން ޖެހޭ ތަންތާ ފިޔަވަޅު އަޅަން ޖެހޭނެ. ތަނެއް ދޮރެއް ބަލާ ނުލާ ދިޔަވަރުންވެސް އެޔޮށް ހަދާލާ ބޮޑު ދޮގުތަކެއް. މުރުތައްދު ވެފަ ތިބި ބައެކޭ ބުންޏަސް ދޮގަކަށް ނުވާނެ. މި ދަރަޖައަށް ކަންކަން ދޭ. ސީދާ ފިޔަވަޅު އަޅަން ފެންނަނީ
އިލްހާމްް
10 March 2024
ރައީސް މުއިއްޒު މަސައްކަތް ކުރައްވާނީ އަބަދުވެސް ރައްޔިތުން އެދޭ ގޮތަށް. މިހާ ރައްޔިތުންނާ ކައިރިން ދެފުއް ފެންނަ ސަރުކާރެއް ނޯންނާނެ. ރައީސް އާ ބޭނުން ސުވާލެއް ކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު އެބައިން. މީ ރައީސުން ފަރާތުން އަހަރުން ބޭނުންވާ ކޮލިޓީ ތަކަކީ
އަހްމަދު ޔާމިން
10 March 2024
ވެރިކަމުގަ ހޭދަވީ މަދު ދުވަސްކޮޅު ތެރޭ ގައުމު އެހެން ހަރުފަތަކަށް މަނިކުފާނު ޖައްސުވައިފި. އަދި ދައުރު ކުރިޔަތް އޮތީ. ކިހާ ތަރައްޤީ އެއް ފެންނާނެ. މިކަން ދަންނާނެ ސިޔާސީ ވިސްނުން ދޫކޮށް ހެޔް ވިސްނޭ މީހެއް ވިއްޔާ
އާދަމްް
10 March 2024
މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަން ޖެހޭ ވަރުގެ ކަމެއް ނޯންނާނެ. ދެފުއް ދެންނަ ސަރުކާރެއް
މުހައިމިނު މޫސާ
10 March 2024
އޯގާތެރި ރައީސެއް އަހަރުންނަށް ލިބިފަ މިހުރީ ހުވާ. ހެޔޮ ވެރިއެއް
ހަފީޒާ
10 March 2024
ރައްޔިތުންގެ މިނިވަންކަމާއި މި ރައީސް ނުބެހޭނެކަން ޔަގީން ވެގެން މި ދަނީ މިކަމުންވެސް. އަހަރެން ބުނާނީ ރައީސް ދޮގު ހަދާ މީހުންނަށް ފިޔަވަޅު އަޅާށޭ.
ކަޒީމު
10 March 2024
ހެޔޮ ވެރިޔެއްކަން ސާބިތު ވެއްޖެ 4 މަހުން އެކަނިވެސް. އެވަރަށް ދޮގުވެރިން ދޮގު ހަދާ ފިތުނަ އުފައްދާއިރުވެސް އެއްވެސް ފިޔަވަޅެއް ނާޅާ.
ނަޖުމާން
10 March 2024
މިނިވަންކަން ހުޅުވިފައި އޮންނަ މިންވަރު މިކަމުން އެގިގެން މި ދަނީ.
ގާސިމު
10 March 2024
މީ އަސްލު ވެރިންނަކީ. ހެޔޮ ވިސްނޭ ވެރިންނަކީ.
ޒާހިރުު
10 March 2024
ވަރަށް އުފާވެރި ހަބަރެއް. ޝުކުރިއްޔާ ރައީސް.