10 މާޗް 2024 - 06:56
ސެވީލް (މާޗް 10) - ކުޅުންތެރިން ކުރިއެރުވުމުގައި، ބާސެލޯނާގެ ސިސްޓަމަށް ވުރެ ރެއާލްގެ ސިސްޓަމް މާ ރަނގަޅު ކަމަށް، ބާސާގެ ކުރީގެ މިޑްފީލްޑާ އީވާން ރަކިޓިޗް ބުނެފި އެވެ.
ސައުދީ އަރަބިއާގެ އައް ޝަބާބަށް މިހާރު ކުޅެމުންދާ ރަކިޓިޗް ބުނީ، ޓީމާ އަލަށް ގުޅޭ ޒުވާން ކުޅުންތެރިން ޑިވެލޮޕް ކުރުމުގައި ސީނިއާ ކުޅުންތެރިންގެ ދައުރު ބޮޑު ވާނެ ކަމަށެވެ. ރެއާލުން އެކަން ވަރަށް ރަނގަޅަށް ކުރަމުން އަންނަ ކަމަށް ސެވިއްޔާ އަށް ވެސް ކުޅުނު މިޑްފީލްޑަރު ބުންޏެވެ.
މިދިޔަ ސީޒަނަށް ފަހު، ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާ ބާސާ ދޫކޮށްލި އެވެ. އޭގެ ކުރިން ޑިފެންޑަރު ޖެރާޑް ޕީކޭ ރިޓަޔާ ކުރި އެވެ. ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ވެސް ކްލަބް ދޫކޮށްލަން ޖެހުނު އިރު ޒުވާން ކުޅުންތެރިންނަށް އެހީވާކަށް ފުރުސަތެއް ނުލިބުނެވެ. ރަކިޓިޗަށް ވެސް ވީ އެހެންނެވެ.
ކްރޮއޭޝިއާގެ މިޑްފީލްޑަރު ބުނީ އެކަމަކު، ރެއާލްގައި ލުކަ މޮޑްރިޗާއި ޓޯނީ ކްރޫޒްގެ އެހީގައި މިހާރު ވެސް އެ ޓީމުގެ ޒުވާން ކުޅުންތެރިން ޑިވެލޮޕް ކުރުމަށް ރެއާލުން މަސައްކަތް ކުރާ ކަމަށެވެ. އަދި އެ މަސައްކަތް ކާމިޔާބު ކަމާ އެކު ރެއާލްގައި ފެންނަމުންދާ ކަމަށް އޭނާ ބުންޏެވެ.
މޮޑްރިޗާ އެއްކޮށް ކުޅެ 2018 ގެ ވޯލްޑް ކަޕް ފައިނަލަށް ކްރޮއޭޝިއާ ގެންގޮސް ދިނުމުގައި ވެސް ހިއްސާވި ރަކިޓިޗް ބުނީ ބާސާގައި ޕަބެލޯ ގަވީ އާއި ޕެޑްރީ ގޮންޒާލޭޒަކީ އެ ކްލަބާއި ސްޕޭނުގެ ގައުމީ ޓީމުގައި ވެސް އެންމެ އުންމީދީ ކުޅުންތެރިންނަށް ވާނެ ކަމަށް ޝައްކު ނުކުރާ ކަމަށެވެ.
"ނަމަވެސް އެ ކުޅުންތެރިންނަށް ވެސް ބޭނުންވާނެ - އަހަރެމެންނަށް ކިޔާ މުސްކުޅި ކުޅުންތެރިންގެ އެހީތެރިކަން. އެ ކުޅުންތެރިންނަށް ވެސް ރަނގަޅު ވާނީ އެގޮތް،" ސްޕޭނުގެ މާކާ އަށް ދިން އިންޓަވިއުގައި ރަކިޓިޗް ބުންޏެވެ.
"އަހަރެންނަށް ޔަގީން [ޖޫޑް] ބެލިންހަމް އަދި ދެން ތިބި ޒުވާން ކުޅުންތެރިންނަށް ވެސް ލުކަ [މޮޑްރިޗް] އާއި ޓޯނީ [ކްރޫޒް] އާ އެކު ދުވަހުން ދުވަހަށް ކަންކަން އުނގެނި އަގުވަޒަން ކުރާކަން."
ރަކިޓިޗް ބުނީ ރެއާލްގެ ކިބައިން ބާސާ ވެސް އެ ގޮތް ދަސް ކުރަން ޖެހޭ ކަމަށެވެ. ސެވިއްޔާ ދޫކޮށް ޝަބާބަށް ރަކިޓިޗް ބަދަލުވީ ޖެނުއަރީ މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy