14 މާޗް 2024 - 11:45
މިލާން (މާޗް 14) - ކްލަބް ވިއްކާލުމުގެ މުއާމަލާތުގައި އޮޅުވާލާފައިވާކަމަށް ތުހުމަތުކޮށް، އިޓަލީގެ ފުލުހުން އޭސީ މިލާންގެ އޮފީސް ރެއިޑްކޮށްފި އެވެ.
މިލާނުގެ މިލްކުވެރިކަން ކުރިން އޮތް އެމެރިކާގެ އެލިއޮޓް މެނޭޖްމެންޓް އަތުން، އެ ގައުމުގެ އެހެން ކުންފުންޏެއް ކަމަށްވާ ރެޑްބާޑުން އެ ކްލަބް ގަތީ އޯގަސްޓް 2022 ގަ އެވެ. އެކަމަކު އިޓަލީގެ ޕްރޮސިކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި މިލާންގެ ހިންގުން، އެލިއޮޓުން ކޮންޓްރޯލް ކުރެ އެވެ.
އިޓަލީގެ ފައިނޭންޝިއަލް މައްސަލަތައް ތަހުގީގުރާ ފައިނޭންޝިއަލް ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު މިލާންގެ އޮފީސް ރެއިޑްކޮށްފަ އެވެ. އަދި މިހާރުގެ ސީއީއޯ ޖޯޖިއޯ ފްރާލާނީގެ ގެއާއި ކުރީގެ އެގްޒެެކެޓިވް އީވާން ގަޒީޑީޒްގެ ގެ ވެސް ބަލާ ފާސްކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެލިއޮޓާއި ރެޑްބާޑުން ވެސް ވަނީ އިޓަލީގެ ޕްރޮސިކިއުޓަރުން ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ރެޑްބާޑުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިލާނުގެ 99.93 ޕަސަންޓް ކޮންޓްރޯލް ކުރަނީ އެ ކުންފުނީގެ އިންވެސްޓަރުން ކަމަށެވެ.
"އަނެއް 0.07 ޕަސަންޓް ކޮންޓްރޯލް ކުރަނީ އެ ކްލަބްގެ ސަޕޯޓަރުންގެ ތެރެއިން އިޓަލީ އަށް ނިސްބަތްވާ ވިޔަފާރިވެރިން. އެއީ މި ކްލަބްގެ ޒަމާން ވީ ސަޕޯޓަރުން،" ރެޑްބާޑުން ނެރުނު ބަޔާނުގައި ބުންޏެވެ.
"ރެޑްބާޑުން އޭސީ މިލާންގެ ކޮންޓްރޯލް ނުކުރެޔޭ އަދި ކްލަބްގެ މިލްކުވެރިކަން ވެސް ނެތޭ ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް."
މިލާނުން ނެރުނު ބަޔާޏުގައި ބުނީ ކުރިއަށްދާ ތަހުގީގަށް އެ ކްލަބުން އެބައްރުލުން ދޭނެ ކަމަށެވެ. ދެ ކުންފުންޏެއްގެ މުއާމަލާތާ ގުޅިގެން އުފެދިފައިވާ މައްސަލައާ އެ ކްލަބާ ގުޅުމެއް ނެތް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy