ވިޔަފާރި / ޚިޔާލު

އިގްތިސާދީ އޮޑި ފުޅައިފަށުން ބީވިޔަ ނުދިނުމުގެ މަސައްކަތް ފަށަން ޖެހިފައިވަނީ އިއްޔެ އިން ފެށިގެން

ރަށަކަށް ގެންދިއުމަށްޓަކައި މީހަކު ލޮނުމެދު ބަސްތާތަކެއް ބޯޓަށް އަރުވަނީ: ހަރަދު ކުރުމުގައި ވިސްނުންތަކެއް ގެންގުޅުން މުހިންމު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިބްރާހިމް އާތިފު ޝަކޫރު

15 މާޗް 2024 - 08:50

33 comments

ގައުމުގެ އިގްތިސާދީ ހާލަތު ވަނީ ނާޒުކު ފައްތަރެއްގައި ކަމަށް ދެބަސްވާނޭ ފަރާތެއް މިއަދަކު ނެތެވެ. ވިސްނުން ދެކަފިވަނީ ޒިންމާ ނަގާނީ ކާކުކަން ކަނޑައަޅަން ޖެހޭ ހިސާބުންނެވެ.

އިއްޔެ

އޮކްޓޯބަރު 2023 ގައި ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދާ ބެހޭގޮތުން ނެރުނު ރިޕޯޓަށް ކިޔަނީ 'ބެޓަން ޑައުން ދަ ހެޗަސް' (ގަދަ ވަޔާއި ވިއްސާރައިގައި ލިބިދާނެ ގެއްލުމަކުން ގެދޮރު ރައްކާތެރި ކުރުމުގެ މަސައްކަތް މިހާރު ފަށާށޭ، ބުނަން ބޭނުން ކުރާ އިނގިރޭސި މަޖާޒީ ބަހެއް) އެވެ. ނަމަވެސް، އެ ދުވަހުގެ ސަރުކާރަށް ނުވެސް އެނގި ކުއްލިއަކަށް ބޯމަތިވި ރިޔާސީ އިންތިޚާބުގެ ސަބަބުންނޭ ބުނެ، ޚަރަދުކުރުން ޖެހީ މެކުހަށެވެ.

މަހުގެ އަގު ބޮޑުކޮށް، ވަޒީފާތައް އިތުރުކޮށް، ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް، ސަބްސިޑީ ގުނަކޮށް، ޕްރޮޖެކްޓްތައް އިތުރު ކުރުމުގެ ސަބަބުން 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓަށް ފާސްކުރަން އޮތީ މަޖުބޫރު ވެފައެވެ. މަޖިލިސްއަށް ހުށަހެޅި ބަޖެޓުގައި ޚަރަދު ކުޑަކުރާނޭ ކަމަށް ލިޔެފައިވާ ލިޔުންތަކާއި، އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ ރިޕޯޓުތައްހުރީ ކަތުރުފަނި ކާން ދޫކޮށްފައެވެ.

މިއަދު

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފެށުނުއިރު ވެސް ރާއްޖޭގެ އިގްތިސާދީ ހަގީގަތްތައް ހުރީ ހާމައަށް ފެންނާށެވެ. އައިއެމްއެފް އަދި ވޯލްޑް ބޭންކް، އެމްއެމްއޭ އަދި އޮޑިޓާ ޖެނެރަލްގެ ކަންބޮޑުވުންތައް ވެސް ހުރީ ކިޔަން ބޭނުންވާ ފަރާތްތަކަށް ލިބޭ ގޮތަށް ތިލަކޮށްފައެވެ. ދައުލަތުގެ ތިޖޫރީގައި ފައިސާއެއް ނެތްކަމާއި، ހިފައިގެން ހިންދަމާ ނުލެވޭ ވަރުގެ ބޮޑެތި ދަރަނިތައް ކުރިމަތީގައި ފެންނާން ހުރުމުން ބޮޑެތި ކަންބޮޑުވުންތައް ހުރިކަމަށް ހުރިހާ ކެންޑިޑޭޓުން ފާޅުގައި ވިދާޅު ވެސް ވިއެވެ. އެއީ އިއްޔެއެވެ.

ބާޒާރުމަތީ މީހަކު އަލުވި ބަސްތާތަކެއް އުފުލަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަދު މިވަނީ މަޖިލިސް އިންތިޚާބުގެ އޮއިގައި ޖެހިފައެވެ. އަލުން އަޑުއިވެނީ އިތުރު ސަބްސިޑީތައް ދޭ ވާހަކަ އާއި ދައުލަތަށް ލިބެން ހުރި އާމްދަނީތަކުން ބައެއް އުނި ކުރުމުގެ ވާހަކައެވެ. ކުލި ކުޑަ ކޮށްދިނުމާއި، ކުލި ފަސްކޮށްދިނުމާއި، ކުލި ހިލޭ ކޮށްދިނުމުގެ ވާހަކައެވެ. ކައިރީ ކައިރީ ދެ ރަށުގައި އެއާޕޯޓް އެޅުމާއި، ޖެހިގެން އޮންނަ ރަށަށް ބްރިޖް އެޅުމާއި، އަތޮޅު ދެ ފަރާތުގައި އިންޓަނޭޝަނަލް އެެއާޕޯޓް ހެދުމުގެ ވާހަކައެވެ. ލަންސިމޫ ފަތު ފަންކާއިން ވިހެން ގޭ ސަރަންފީގައި ރައްޔަތު މީހާ އޮއްވާ، ހުވަންދުމާ އެޅި ސައިފަތުގެ ސަޔާއި ހުުދު މޭބިސްކަދުރާއި ފޮނުވާނޭ ކަމުގެ ވާހަކަތަކެވެ.

މީގެ އިތުރުން ބޮޑެތި ޕްރޮޖެކްޓްތައް އިއުލާނު ކުރެވެމުންދަނީ ފަޓާސްބަރިއެއް ރޯކޮށްފައި ހުރި ބީދައިންނެވެ. ކަންބޮޑުވާނެ ކަމަށް ނެތޭ ބަޖެޓުން އެއްވެސް ޚަރަދެއް ނުހިނގާނެ ބުނުމަކުން ހިތްހަމަ ޖައްސާލެވޭކަށް ނެތެވެ. ރާއްޖޭގެ މަދު އަދި އަގުބޮޑު ވަސީލަތް ކަމުގައިވާ ފަޅު، ފަރާއި ރަށްތަކަކީ، އެއްވެސް ސަރުކާރެއްގެ އަދި ކިއެއްތަ މިއަދުގެ ރައްޔަތުންގެ މުދަލެއް ވެސް ނޫނެވެ.

އެ ފަޅުތަކާއި، ފަރުތަކާއި، ރަށްތަކަކީ، އަންނާން އޮތް ޖީލުތަކުގެ ތަރިކަ މުދަލެވެ. އަޅުގަނޑުމެންގެ ދަރިންނާއި ކާފާ، މާމަ ދަރިން ވެސް ދިރިއުޅުން ބިނާކޮށް، މާދަމާގެ އިގްތިސާދު ކޮއްޅަށް ޖަހަން ޖެހޭނީ، ހަމަ އެ ވަސީލަތްތަކުގެ މައްޗަށް ބަރޯސާވެ ތިބެއެވެ. ރައްޔިތުންގެ ބަހެއް ނެތި، މާދަމާގެ ޖީލުތަކުގެ ތަރިކަ މުދާ ނީލަން ކިޔައިގެން ތަރައްގީ ގެނައުމަކީ، ދެމެހެއްޓެނިވި ވިސްނުމެއް ނޫނެވެ. މިއަދަކަށް ހައްލެއް ވެސް ނޫނެވެ.

ހައްލަކީ ކޮބާ؟

ނިމިދިޔަ ތަފާތު ގިނަ ސަރުކާރުތަކުގެ އިހުމާލުގެ ސަބަބުން، ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފެށޭނީ، ސާބިތު ކަމާއެކު އެކަމަށް ކުރިމަތިލާން ކެރުނު ދުވަހަކުންނެވެ. ހުރިހާ ކެންޑިޑޭޓުން ވެސް ކެމްޕެއިން ކުރީ އިގްތިސާދީ އުދަރެސް ބަނަ ކަމުގަޔާއި ކެރިން ސަލާމަތްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ވެއްޖެ ކަމުގައި ބުނަމުންނެވެ. އެއީ ހެޔޮހިތުން ދެއްކި ވާހަކައެއް ކަމުގައި ވަނީ ނަމަ، އޮޕްޝަންތައް މަދެވެ.

އޮޕްޝަން 1: ދައުލަތުގެ ޚަރަދުތައް ނުލާހިކު ބޮޑުތަނުން މަދުކުރުން

ބޭރުގެ މާހިރުންނާއި އެތެރޭގެ އަމާހިރުން، ކިތަންމެ ވަރުގަދަ އިންޒާރުތަކެއް ދީފައިވީނަމަވެސް، ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަކީ، މިފަހުގެ ފައިނޭންސް މިނިސްޓަރުން ދަންނަ ހުނަރަކަށް ނުވެއެވެ.

ވެރިކަމަށް އައުމަށް ނަދުރުގަނެ އިދިކޮޅުގައި އޮވެގެން ވައުދާ ހިނގާއިރު، އެ ވަގުތަކު އޮތް ސަރުކާރެއްގެ ޚަރަދުބޮޑުކަމުގެ ވާހަކަ އާއި މަގާމުތައް ގިނަ ކަމުގެ ވާހަކައާއި، ބޭނުންނެތް ޕްރޮޖެކްޓް ތަކުގެ ވާހަކަ ދައްކަމުން، ހިތާމައާ އެކު ކިޔައި ކަރުނަ އަޅައި ރޮއިވެސް ހަދައެވެ. ނަމަވެސް، ރެނދަލި ކުރުމުގެ ފުރުސަތު ފަހި ވުމާއެކު، ކޮންމެ ފަހަރަކުމެ ފެންނަނީ ކުރީ ފަހަރަށް ވުރެ ކާމިޔާބުކަމާއެކު މަގާމުތަކުގެ އަދަދު ގުނަ ކުރާ ތަނާއި، ޕްރޮޖެކްޓްތައް ފުނި ޖަހަމުން، ޚަރަދުތައް އިތުރު ކުރަމުން ގެންދާ ތަނެވެ.

މާލޭގެ މަސް މާރުކޭޓަށް މަސްތަކެއް ގެންދަނީ: މަހުގެ އަގު ބޮޑުކުރީ އެއްވެސް ވިސްނުމެއް ނެތި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އޮޕްޝަން 2: ދައުލަތުގެ އާމަދަނީ އިތުރު ކުރުން

ތިމާއަކީ އަމިއްލަ ފަރުދެއް ނުވަތަ ވިޔަފާރިއެއް ނަމަވެސް، ލިބޭ އެއްޗަކުން ޚަރަދު ފޫބައިއްދައިގެން އުޅުމަކީ އިގްތިސާދީ އަސާސެކެވެ. ލޯނެއް ނަގައިފިނަމަ، އެ ލޯނު ދައްކަން ޖެހެނީ އިންޓަރެސްޓާއެކުގައެވެ. ހަމަ ތިމާމީހާއެވެ. ސަލާމަތެއް ނޯވެއެވެ.

ނަމަވެސް ފެންނަނީ ސަރުކާރުން ނަގާ ލޯނުތަކާއި، ކުރާ ޚަރަދުތަކުގެ 'ބަރު' އެހެން ސަރުކާރެއްގެ ބޮލުގައި އެޅުވުމަށްފަހު 'ވޮޒްންޓް މީ" އަކުން ފުއްދާލާ ތަނެވެ. ނުފުއްދޭހާ ނަދުރު ބުނަމުން ގެންދިޔަ ފަހުލަވާނުންގެ މޭޒުކޮޅު ސާފު ކުރެއްވުމަށްފަހު، ކޮފީމަގު ހިއްޕަވައިގެން ގެޔަށް ވަޑައިގަތުމުން އެ ބޭފުޅުންނަށް ނިމުނީއެވެ. ނަމަވެސް ރައްޔަތުންނަކަށް އެ ފުރުސަތެއް ނެތެވެ. މިއަދާއި މާދަމާގެ ދަރިން ޖެހެނީ ހުރިހާ ސަރުކާރުތަކުން ނެގި ހުރިހާ ދަރަނި ބޮލުގައި އަޅައި، އެ ޒިންމާ އަދާކުރާށެވެ.

ޚަރަދުތައް މަދުކުރުމަށް ނުކެޅެދިއްޖެ ހިނދުގައި އާމްދަނީ އިތުރު ކުރުން ނޫން މާ ގިނަ ފުރުސަތުތަކެއް ނޯންނާނެއެވެ. ވަރަށް ބޮޑުުތަނުން އިގްތިސާދު ކުރިއަރައި، ރައްޔަތުން މުއްސަނދި ވުމުގެ ސަބަބުން، ލިބޭ ޓެކްސް ބޮޑުތަނުން އިތުރު ވުމާ ހަމައަށް ކެތް ކުރުމުގެ ގާބިލްކަން ނެތް، އަޅުގަނޑުމެންގެ ސަރުކާރުތަކަށް އޮތް ހައްލަކީ ޓެކްސް ބޮޑު ކުރުމެވެ.

ވޭތުވި، 2023 ގައި ޓެކްސް ބޮޑު ކުރި ވެސް މެއެވެ. ނަމަވެސް، ޖީއެސްޓީ އަދި ޓީޖީއެސްޓީ އިތުރު ކުރުމުގެ ސަބަބުންނާ އެކު، 2023 ގެ އާމްދަނީއަށް އިތުރަށް ލިބުނު 2.3 ބިލިއަން ރުފިޔާ އާ އެކު ވެސް، ޖެހުނީ މަޖިލިހަށް ގޮސް އިތުރަށް ކޮށް ނިންމާފައި ޚަރަދުތަކުގައި ތައްގަނޑު ޖައްސާށެވެ.

އެކްސެލަރޭޓަރުގައި ފައިތާށިވެ ނައްޓަން ނޭންގެނީ ނަމަ، އުޅަނދު މައިތިރިވުން ގާތީ ކޮންމެ ވެސް ތަނަކަށް މުޑިއަރާ، އުޅަނދަށް ނުހަނު ގެއްލުން ލިބުމަށް ފަހުގައެވެ.

ތެދުބަހުން ހަގީގަތް ކިޔައިދިނުމުން ރައްޔިތުން އަޑުއަހާނެ

ރައްޔަތުންނަށް އޮޅުވާލަން މަސައްކަތްކުރުމުގެ ނަތީޖާ ރަނގަޅު ނޫންކަން އޮތީ ފެންނާށެވެ. ދެމެހެއްޓެނިވި އަގެއް ނޫންކަން އެނގިތިބެ 25 ރުފިޔާއަށް މަސްގަންނަން ފެށުމުގެ ނަތީޖާ މަސްވެރިންނަކަށް، މިފްކޯއަކަށް އަދި އެ ދުވަހުގެ ސަރުކާރަކަށް ވެސް ރަނގަޅެއް ނުވިއެވެ. ނުވެސް ވާނެއެވެ.

ވޯޓު ލިބޭނެ ކަމަށް ހިތައި، އިތުރަށް ދޫކުރާ ސަބްސިޑީ އާއި، ގުނަކުރާ ޕްރޮޖެކްޓްތައް ރައްޔަތުންނަށް އޯކޭއެވެ. ސަރުކާރުތަކުން ރައްޔަތުންނަށް ދޭ 'ދޮން ދުނބުރި' ހަދިޔާ، ބޮލާލާ ޖަހަން ބޭނުން ނުވިނަމަވެސް، ދިވެހި ރައްޔިތުންނަކީ ހޭލުންތެރި ބަޔެކެވެ. ލިބޭ އެއްޗަކުން ނޫނީ، ގޭ ޚަރަދު ނުބެލެހެއްޓޭނޭކަން އެ މީހުން ދަނެއެވެ. ތެދު ބަހުން، ސާފުކޮށް ރައްޔަތުން ކައިރީ ބުނުމުން، އެބައިމީހުން ގަބޫލު ކުރާނޭކަމަށް އަޅުގަނޑަށް ޔަގީން ކުރެވެއެވެ.

ނަމަވެސް، ރައްޔަތުންގާތު ޚަރަދުކުޑަ ކުރުމުގެ ވާހަކަ ދެކެވެން ވާނީ އިޚްލާސްތެރި ނިޔަތެއް އޮތިއްޔާއެވެ. ޚަރަދުކުޑަކުރަން ފަށަން ޖެހޭނީ އެންމެ މަތިން ފެށިގެންނެވެ.

ހަރަދުކުޑަކުރަން ފަށަން ޖެހިފައިވަނީ އިއްޔެއިން ފެށިގެން

ފާއިތުވި 2023 ގެ އިންތިޚާބު ނިމި އޮޑީގެ ކައްޕި ބަދަލުވިއިރު، ދިވެހި އިގްތިސާދީ އޮޑި ވަނީ ފުޅޮއިފަށުން ނައްޓަން ހިފައިފައެވެ. ރަށާއި ދިމާއަށް ދަމާ ފުޅޮއިގައި ނުހިފެހެއްޓިއްޖިއްޔާ އޮޑި ދަމާނީ ބޭރު ކަނޑަށެވެ. ބޭރުކަނޑުގެ އުދައިގައި އޮޑި ޖެހިއްޖެއްޔާ، ރައްކާތެރި ބަނދަރެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ނަތިޖާ ވަރަށް ހިތިވާނެއެވެ. ރައްޔަތުންނަށް ވަރަށް ބަރުވާނެއެވެ.

ސަބްސިޑީތައް ކުއްލިއަކަށް ކަނޑަންޖެހި، ދައުލަތުން ލިބިދެވޭ ޚިދުމަތްތަކަށް ފުރިހަމަ އަގު ދައްކަން ޖެހިއްޖެނަމަ، ހުރިހާ މުދަލަކާއި ޚިދުމަތްތަކުގެ އަގުބޮޑުވެ، އިތުރު ޓެކްސް ނެގުމަށް މަޖްބޫރު ނުވެއެއް ނުދާނެއެވެ.

ދެހާސް ބާވީސް ވަނަ އަހަރުން ފެށިގެން ސިލޯން ރައްޔަތުން ތަހައްމަލް ކުރަމުން އެ ގެންދަނީ، ރަނގަޅު ފިޔަވަޅު، ރަނގަޅު ވަގުތުގައި ނޭޅުމުގެ ހިތި ނަތީޖާއެވެ. ކުއްލިއަކަށް އޮޑި އަނބުރާ ހޭރިޔާކުރަން ޖެހުމުގެ ބުރައެވެ.

ރޯޅި ފަހިވެ، ރިޔަލުގައި ވައިއެޅުމާއި ހަމައަށް ފުޅޮއިފަށުގައި އޮޑި ހިފެހެއްޓޭނީ ފަލީގައެވެ. މިއީ ފަޅުވެރިންނާއި ކެޔޮޅާއި އެެކީ އެއް އަންބާއެއް ކިޔައި، އެކުގައި ފަލީގައި ހިފަން ޖެހިފައިވާ ވަގުތެވެ.

ލިޔުންތެރިޔާ އާތިފް ޝަކޫރު

އެޑިޓަރުގެ ނޯޓް: އިބްރާހިމް އާތިފް ޝަކުރަކީ ރާއްޖޭގެ އިޤްތިޞާދު ދިރާސާކޮށް، ރާއްޖޭގެ ނޫސްތަކުގަޔާއި ބޭރުގެ ސައިޓްތަކުގައި ލިޔަމުން ގެންދާ ފަރާތެކެވެ. ދިވެހި އިޤްތިޞާދުގެ އެކި ހަރުފަތްތަކުގައި ޚިދުމަތްއަދާ ކޮށްފައިވާ އާތިފަކީ މިހާރު ރާއްޖެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ކުންފުނިތަކުގެ ކޮންސަލްޓަންޓެކެވެ. ދިވެހިންގެ މެދުގައި އިގްތިސާދީ ހޭލުންތެރިކަން އިތުރުކުރުމަށް 20 އަހަރަށް ވުރެ ގިނަދުވަހު އާތިފް ވަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކޮށްފައެވެ.

33 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 12%
icon wow icon wow 12%
icon inlove icon inlove 76%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާކެޔޮޅު

16 March 2024

"ރަށަކަށް ގެންދިއުމަށްޓަކައި މީހަކު ލޮނުމެދު ބަސްތާތަކެއް ބޯޓަށް އަރުވަނީ:" މި ފޮޓޯ އިން އެ ފެންނަނީ މިހާރު ވެސް ރާއްޖެތެރޭގެ ބޯޓުފަހަރަށް ގްރޭޓަރ މާލޭ ބަނދަރުގައި މުދާ އަރުވާ ބާލަން ޖެހޭ ނުރައްކާތެރި ހާލަތު. ހަމަ އަޅާލާނެ މީހަކު ނެތީ. އެއްވެސް ސަރުކާރަކުން އެއްވެސް ބަޔަކު އަޅާނުލާ. ފީނަގަން ވެެއްޖެއްޔާ ވަރުވަރުން އެކިއެކި ނަން ނަމުގަ ބަނދަރު ފީ ނަގާނެ.

The name is already taken The name is available. Register?

ފަރުހާދު އަސީޒް

16 March 2024

މިއަދު ދިވެހިިންނެއް ބުނެދީގެން އެހެއް ޤަބޫލެއް ނުކުރާނެ. ސަބަބަކީ ޕާޓީ ފިކުރަށް ގޮސް ހުސްވެފައި ތިބޭ ބޮޑު އާބާދީއެއް އެބައިވޭ. ކަތަންމެ ރަނގަޅު ކަމެއް ކުރިއަސް އެޔެއް ސިޔާސީކޮށް އޭގެ އަގުވައްޓާލާ، ޖަދަލުކުރޭ. ރޭގަ މިފެށުނު ޤައުމީ މަސައްކަތްވެސް ބަލައި ނުގަންނަ ބަޔަކު އެބައުޅޭ. ކޮންމެ ޤައުމެއްގައިވެސް މިލިޓަރީ އެއަރ ފްލީޓެއް އޮތުމަކީ މުހިއްމު ޤައުމީ ކަމެއް. އެކަން ބަލައިގަންނަންޖެހޭ. ބްރިޖަށް ހަޖޫޖަހާ ސިޔާސީ ކުރިވަރު އެނގޭނެ. މިހާރު ކޮބާ؟

The name is already taken The name is available. Register?

ފައިސާ

16 March 2024

އެމްޑީޕީ މީހުން ބުނޭ ތިމަންނަ މެންނޭ ފައިސާ ޗާޕްކުރުން ހުއްޓުވީ. ބޭނުން ވަރަކަށް ޗާޕްކޮށްފައި ދައުރު ނިމެނިކޮށް އެކަން ކުރީމާ އެއީ އެމީހުން ނޫން ބަޔަކަށް ދަތިކުރަން ކުރިކަމަކަށް ބެލެވެނީ.

The name is already taken The name is available. Register?

ކޮރަލް

15 March 2024

އޮޕްޝަން 3 : ކުރީ ގަ ވެރިކަމުގަ ހުރި މީޙުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހޯދާފަ ވާ އެތައް ބިލިއަން ރުފިޔާ އަކާ ހަރު މުދާ ސަރުކާ ރަށް ނަގަން ވީ އެވެ. ކާ ވަރަކަށް ބަދަލު ދެނީ އެވެ. ގެއްލުމުގެ ބަދަލު ހޯދާ ތަނެއް ނުފެނެ އެވެ.

The name is already taken The name is available. Register?

އަހުމަދީ

15 March 2024

2. ކަރަޕްޝަން އާންމުވެ، ދައުލަތަށް ލިބޭ އަދި ލިބެންޖެހޭ ގިނަފައިސާ މަދު ފަރުދުންގެ ތަނަވަސްކަމަށް ބޭނުންކުރުން. 3. އިސްރާފް ޕްރޮޖެކްޓްސްތައް ހިންގާ އެއިން "ކަޓް" ނެގުން އާމްމުވުން. 4. ނުރަގަޅުކޮށް އެވާޑްކުރެވޭ ޕްރޮޖެކްޓްތަކުގެ ފެންވަރުދަށްވުމުން އިތުރު ހަރަދުކުރަންޖެހުން. 5. ދައުލަތުގެ ކުންފުނިތައް ނަހަމަގޮތުގައި ހިންގައި، ކަރަޕްޝަން ހިންގަން އޮންނަ މެޝިނަރީއަކަށް ބަދަލުކުރުން. ...

The name is already taken The name is available. Register?

އަހުމަދީ

15 March 2024

ޒިންމާދާރުކަމާއިއެކު ގައުމުގެ ކަންކަން ރަގަޅުކުރާނެ ބަޔަކު ގައުމަށް ބޭނުންވެއެވެ. މިހާރުގެ ހާލަތަކީ: 1. ވެރިކަން ދެމިހެއްޓުމަށްޓަކައި "މަގްބޫލު"، އެހަނަސް ދެމެހެއްޓެނެވިނޫން، ލިބޭ އާމްދަނީއާއި ނުބައްދަލު ސިޔާސަތުތައް ތައާރާފްކޮށް ހަރަދުކުރުން، އަދި ވެރިކަމަށް އައުމަށްޓަކައި އިންތިހާއަށް "ވައުދުވެ"، ހަމަހަމަކަމެއްނެތް އިސްރާފް ޕޮރޮމޯޓްކޮށް، އާންމުންނަށް ހުރިހާކަމެއް އަގަކާއި ނުލައި ލިބެންޖެހޭނެކަމަށް ވިސްނައިދީ ވަކާލާތުކުރުން.

The name is already taken The name is available. Register?

ަސދފ

15 March 2024

އޮފީހަށް ވައްދާ ސިޔާސީ މީހުން މަދުވާތަނެއް ނުފެނޭ އިގުތިސާދު ކޮންމެ ގޮތަކަށް އޮތަސް..

The name is already taken The name is available. Register?

ތަފާތު ފަހަރު

15 March 2024

އެމްޑީޕީ ސަރުކާރުގަ 1200 ސިޔާސީ ވަޒީފާ މިސަރުކާރުގަ 300 ތަފާތު ފެނޭ

The name is already taken The name is available. Register?

ހެލެނބެލި

15 March 2024

ޙަޤީޤަތް ހާމަކުރުމަކީ ކުރަންޖެހޭ ކަމެއް. މީގައި އޮތީ ތެދުކަން މިއަދުގެ މެންދުރުގެ އިރު ހާ ސާފު. ކުރިޔަށް ނަގަމުން އެދާ ރާޅު ވަރަށް ބޮޑު...

The name is already taken The name is available. Register?

ހަމަދޯ

15 March 2024

މިހާރު މިދާހެން ލޯނުނުނަގާ ރުފިޔާ ނުޖަހާ ލިބޭ އެއްޗަކުން ފޫބައްދަންޏާ ދާނީ ރަނގަޅައް. މީގެ ކުރިންވަނީ މުޅި ދައުލަތް ހުސްކޮއް ނިންމާފަ

The name is already taken The name is available. Register?

އަލިި

15 March 2024

ވައުދުވިކަމެއް އިގްތިސާދީ ހާލަތު ހުރި ގޮތުން ،ނުކޮށް މަޑު ޖައްސާލިޔަސް ، ބުނާނީ ނުވިޔޭ ،އަވަހަށް ފައިބާށޭ.މިތާނގައި ބާއްވަން ވީ ރަސްކަމެއް. އޭރުން މިކަން ހައްލުވީ

The name is already taken The name is available. Register?

ދުމްމ

15 March 2024

މައްސަލައިގެ އަސްލަކީ އަދި ހަގީގަތަކީ ބަޔަކު ރުހުނަސް ނުރުހުނަސް ބައެއްގެ އަމިއްލަ ޒާތީ މަންފާއަށް ގައުމުގެ އިގްތިސާދު ވީދާ ކުދިކުދި ކޮށްލުން. ވެރިކަމަށް އައުމަށާ ވެރިކަމުގަ ދެމިތިބުމަށާ ދެން ވެރިކަމަށް އަންނަ ބަޔަކަށް ޖެއްސުން ކުރުމަށް ގައުމުގެ ދާމުގަނޑުގަ ނެތްވަރުން ބޮޑެތި 1000 ހޯސްޕަވަރު ވައުދުތައް ވަމުންދިއުން. ބަކަރިން ވެސް ކިރު ފެލޭނީ ވަކިވަރަކަށް. ނުތަކާ ވަރަށް ކިރުފެލަން ވެއްޖެނަމަ ބަކަރީގެ ވަށްގަނޑުން އަންނާނީ ލޭ...

The name is already taken The name is available. Register?

ކިހިނެއްދޭނީ

15 March 2024

މިހާރު ދަނީ ތަފާތު ކޮއް ލޯނު ނުނަގާ ރުފިޔާ ޖެހުންވަނީ ހުއްޓާލާފާ. ކުރިން ދިޔައީ އެހުރިހާ ކަމެއް ކުރަމުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454