ލިވަޕޫލުން ރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
15 މާޗް 2024 - 17:59
ލަންޑަން (މާޗު 15) - ޔޫއެފާ ކޮންފަރެންސް ލީގުގައި ލިވަޕޫލުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، ޖަރުމަންގެ ބެޔާ ލެވަކޫސަން ފަހު ވަގުތު ޖާދޫ ދައްކާލައި އެޓީމުން މި ސީޒަންގައި ބަލި ނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް 37 މެޗަށް ދަންމާލައިފި އެވެ.
ލިވަޕޫލުން ޗެކް ރިޕަބްލިކްގެ ސްޕާޓާ ޕްރާހާއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގު ކާމިޔާބު ކުރީ 5-1 އިންނެވެ. އަދި ރޭ ކުޅުނު ދެވަނަ ލެގުގައި 6-1 އިން ކުރި ހޯދައި ލިވަޕޫލް ކުއާޓާއަށް ދިޔައީ 11-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ރޭގެ މެޗު ފެށިގެން 15 މިނިޓުތެރޭ ލިވަޕޫލުން ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. ޑާވިން ނޫނޭޒް އާއި ބޮބީ ކްލާކް އަދި މުހައްމަދު ސަލާހާއި ކޯޑީ ގަކްޕޯ ފުރަތަމަ ހާފުގައި ހގޯލުތައް ޖަހައިދިން އިރު، ދެވަނަ ހާފުގައި ގޯލު ޖެހީ ގަކްޕޯ އާއި ޑޮމިނިކް ސޮބޮސްލާއި އެވެ. ސަލާހު ވަނީ ތިން ގޯލުގައި އެސިސްޓް ކޮށްފަ އެވެ.
"މޯ [ސަލާހު] އޭނާ ކުރަން ޖެހޭ ކަންތައް އެބަ ކުރޭ، އޭނާގެ ހިތެއް ނުފުރޭ. އޭނާގެ ކޮލިޓީ އެބަހުރި، އޭނާގެ ގޯލު ޖެހުމެއް ނުހުއްޓޭ އެއްގޮތަކަށް ވެސް. އޭނާ މި ކްލަބްގައި ކުޅެން ފެށިއިރާ ބަލާފައި ވަރަށް ބޮޑަށް ކުރިއަރައިފި، އޭނާ ނުހުއްޓުވޭނެ. އޭނާއާ އެކު ހަތް އަހަރު އަހަރެން ހޭދަކުރި އިރު ވެސް ކޮންސިސްޓެންސީގެ މައްސަލައެއް ނުޖެހޭ،" ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުންޏެވެ.
ޝިކް، ލެވަކޫސަން މޮޅު ކޮށްދިން ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ޖަރުމަންގެ ބެޔާ ލެވަކޫސަން ކުއާޓާ ފައިނަލަށް ދިޔައީ ރޭގެ މެޗުގެ އިތުރު ވަގުތުގައި ޕްޓްރިކް ޝިކް ޖަހައިދިން ދެ ގޯލުން، 5-4 ގެ އެގްރިގޭޓް ނަތީޖާއަަކުން އަޒަރުބައިޖާންގެ ޤަރަބާގް ބަލިކޮށްފަ އެވެ.
ދެ ޓީމު އަޒަރުބައިޖާނުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ރޭގެ މެޗުގައި ލެވަކޫސަން 2-0 އިން ބަލިވާން ދަނިކޮށް އެޓީމު މޮޅުވީ ފަހަތުން އަރައި ޖެހި ގޯލުތަކުން 3-2 އިންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ޤަރަބާގުގެ އަބްދުﷲ ޒުބީރު ގޯލެއް ޖަހާފައި ވަނިކޮށް އެޓީމުގެ ޑިފެންޑަރަކަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ. އެކަމަކު ކުޑަ އިރުކޮޅެއްގެ ތެރޭގައި ޖުނީނިއޯ ޖަހައިދިން ގޯލުން ޤަރަބާގުން ކޮންޓްރޯލް ނެގި އެވެ. ނަމަވެސް ޗަބީ އޮލޮންސޯގެ ލެވަކޫސަން އުންމީދެއް ހޯދީ 72 ވަނަ މިނިޓުގައި ޖެރެމީ ފްރިމްޕޮންގް ޖަހައިދިން ގޯލުންނެވެ.
މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ޝިކް ގޯލެއް ޖަހައި އެގްރިގޭޓް ނަތީޖާ އެއްވަރު ކޮށްދިން އިރު، އޭގެ ހަތަރު މިނިޓު ފަހުން އިތުރު ގޯލެއް ޖަހައި، މެޗު އިތުރު ވަގުތާ ހަމައަށް ނުގެންގޮސް އެޓީމަށް ނަތީޖާ ނެރެދިނެވެ.
އޭސީ މިލާނަށް ގޯލެއް ޖެހުމަށް ފަހު ލޮފްޓަސް ޗީކް (ވ).-- ފޮޓޯ: އޭއެފްޕީ
އޭސީ މިލާން ވެސް ވަނީ 7-3 ގެ އެގްރިގޭޓް ނަތީޖާއަކުން ސްލާވިއާ ޕްރާހާގެ މައްޗަށް ކުރި ހޯދައިގެން ކުއާޓާގެ ފުރުސަތު ހޯދައިފަ އެވެ. ރޭ ކުޅުނު ދެވަނަ ލެގު އެޓީމުން 3-1 އިން ކާމިޔާބު ކުރީ ކްރިސްޓިއަން ޕުލިސިކާއި ރުބެން ލޮފްޓަސް ޗީކް އަދި ރަފައެލް ލެއާއޯގެ ގޯލުތަކުންނެވެ.
ޑެނީ ވެލްބެކް ޖަހައިދިން ގޯލުން ރޭ އިންގްލެންޑްގެ ބްރައިޓަން އަތުން 1-0 އިން ރޯމާ ބަލިވި ނަމަވެސް، އެގްރިގޭޓް 4-1 ގެ ނަތީޖާއަކާ އެކު ކުއާޓާގެ ފުރުސަތު ހޯދީ ރޯމާ އެވެ. ވިޔަރެއާލް އަތުން ރޭ 3-1 އިން މާސޭ ބަލިވި ނަމަވެސް އެގްރިގޭޓް 5-3 ގެ ނަތީޖާއަކުން ކުރި ހޯދީ މާސޭ އެވެ.
އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔުނައިޓެޑް ވަނީ ފުރަތަމަ ލެގުގައި ޖަރުމަންގެ ފްރެއިބާގް އަތުން ބަލިވެފަ އެވެ. ނަމަވެސް ރޭ އަމިއްލަ ދަނޑުގައި 5-0 އިން މޮޅުވެގެން ވެސްޓް ހޭމް ވަނީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކާ އެކު ކުއާޓާ އަށް ދަތުރު ކޮށްފަ އެވެ. ވެސްޓް ހޭމަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ ލޫކަސް ޕަކޭޓާ އާއި ޖަރޯޑް ބޯވެން އަދި އާރޮން ކްރެސްވެލް އާއި މުހައްމަދު ކުޑޫސް އެވެ. ކުޑޫސް ވަނީ ދެ ގޯލު ޖަހައިފަ އެވެ.
މީގެ އިތުރުން ޕޯޗުގަލްގެ ބެންފީކާ އާއި އިޓަލީގެ އެޓަލާންޓާ ވެސް ވަނީ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy