18 މާޗް 2024 - 14:42
ކުށްކުރާ ކުޑަކުދިން ހުއްޓުވަން، ގާނޫނުތައް މިހާރު ހުރި ގޮތުން ބާރު ބޭނުން ނުކުރެވޭތީ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިސްކަންދަރުކޮށީގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި، ޕޮލިސް ކްރައިމްގެ އެކްޓިން ހެޑް، ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ނާފިޒް ވިދާޅުވީ ކުޑަކުދިން ކުރާ ކުށްތައް ތަހުގީގުކުރާއިރު، ގާނޫނުތައް ބައްޓަންކޮށްފައި ހުރިގޮތުން އަދި އެ ގާނޫނުގެ ދަށުން ހަދާފައި ހުރި ގަވައިދުތަކުން ބައެއް އުނދަގޫތައް ދިމާވާ ކަމަށެވެ.
އެހެންވެ، އެ ކަންކަން ރަނގަޅުކުރަން ހޯމް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އަދި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ އެކު މަސައްކަތްކުރަމުން އަންނަ ކަމަށް ނާފިޒު ވިދާޅުވި އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިވާ ގޮތުން، ކުޑަކުއްޖަކު ހައްޔަރުކުރާއިރު ހަ ބާވަތެއްގެ އާލާތްތަކުގެ ތެރެއިން އާލާތެއް އެއްވެސް ހާލެއްގައި ކުއްޖަކު ހިފަހައްޓާއިރު ނުވަތަ ހައްޔަރުކުރާއިރު ނުވަތަ ކުޑަކުއްޖަކު ބަންދުގައި ބަހައްޓާފައި ހުންނައިރު ބޭނުންކޮށްގެންނުވާނެ އެވެ. އެ އާލަތްތަކުގެ ތެރޭގައި ހިމެނެނީ؛
- ވަޅި އާއި ބަޑި
- ބިޑި ނުވަތަ ދަގަނޑު ނުވަތަ ޗޭނު ނުވަތަ ހިލިހިލާ
- ޓޭޒާ ނުވަތަ އެފަދަ އެއްޗެއް
- ޕެޕާ ސްޕްރޭ ނުވަތަ އެފަދަ އެއްޗެއް
- ސްޓްރެއިޓް ޖެކެޓް
- ތަދު އިހުސާސްކޮށްދޭ އާލާތްތައް
އިސްކަންދަރު ކޮށީގައި ފުލުހުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނާފިޒު ވިދާޅުވީ ބޮޑެތި ކުށްތަކަށް އަރައިގަތް ކަމުގެ ތުހުމަތަށް ފުލުހުން ސީންތަކަށް ދާއިރު، ކިރިޔާ 18 ނުފުރޭ، ބޮޑެތި މީހުންނޭ ބުނުވޭ ހިސާބުގައި ވެސް ކުދިން ތިއްބަސް، ފުލުހުން އެންމެ އަސާސީ ގޮތެއްގައި ބޭނުންކުރާ އާލަތްތައް ބޭނުން ނުކުރެވޭ ކަމަށެވެ.
"...ސީންތަކަށް އެޓެންޑުވާއިރު ކުޑަކުދިން، ކުށްތަކޭ އަޅުގަނޑު މި ދެންނެވިކަމުގައި ވިއަސް އަޅުގަނޑުމެންގެ ތެރޭގައި 18 އަހަރު ކިރިޔާ ނުފުރި، 17 އަހަރާ 18 އަހަރާ ދޭތެރޭގައި ތބޭ ބޮޑެތި މީހުންނޭ ބުނެވޭ ހިސާބުގައި ތިބޭ ހަމަ ވަރުގަދަ، ހަށިގަނޑުގެ ގޮތުން ވެސް އަދި އެ މީހުންގެ ވިސްނުމާ ފިކުރު ހުންނަ ގޮތުން ވެސް ބޮޑެތި މީހުންނާ އެއްވަރަށް މަސައްކަތްކުރާ ކުޑަކުދިންގެ ގޮތުގައި އަޅުގަނޑުމެން ބަލާ އުމުރުގެ މީހުން ތިބޭ،" ނާފިޒު ވިދާޅުވި އެވެ.
"އެ ކަހަލަ ސީންތަކަށް އަޅުގަނޑުމެން އެޓެންޑުވާއިރު އަޅުގަނޑުމެން ބޭނުންކުރާ ކަހަލަ ބައެއް އާލަތްތައް...ބޭނުންކުރުމުގައި ހުރޭ ދަތިތައް ގާނޫނުތައް ހުރިގޮތުން، އެ ގާނޫނުތައް އިތުރަށް ރިވައިސްކޮށް ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރަމުން މި ދަނީ." އޭނާ ވިދާޅުވި އެވެ.
ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ގޮތުން، ކުޑަކުއްޖަކު ހައްޔަރުކުރަންވާނީ ނުވަތަ ބަންދުކުރަންވާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި އެ ގޮތަށް ކުއްޖަކު ހައްޔަރުކުރަންވާނީ، އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށް ކަމަށް ވެސް ބުނެ އެވެ. އަދި ކުއްޖަކު ބަންދުކުރަން ނިންމުމަކީ ކުއްޖާގެ ހާލަތަށް ރިއާޔަތްކޮށް، ގަވާއިދުން މުރާޖައާކުރެވޭ ނިންމުމަކަށް ވާންވާނެ ކަމަށް ބުނެ އެވެ.
ފެމިލީ އެންޑް ޗިލްޑްރަން ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ނަސީރު ވިދާޅުވީ ތަފާތު އެކި ކުށްތަކުގައި މިދިޔަ އަހަރު 130 ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން 39 ކުދިން ހައްޔަރުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންނަގޮތް
19 March 2024
މިރާއްޖޭގައި އެންމެ ހައްޤު ބޮޑުވާނީ ކުއްވެރިންގެ.. ބާލިޢުވެ އަމިއްލަ ބުއްދިން ހެޔޮ ނުބައި ވިސްނުނީމަ އެމީހުން ، ހަދާފަ އޮތްގާނޫނަކުން ބޮޑު ނުވާތީ އެތަކެއް ބައެއްގެ ހައްޤު ގެއްލި ޢާންމު ރައްޔިތުން ބޮޑު ނުރައްކަލަށް ވެއްޓީފަ، ގައުމު އިސްލާހު ކުރަން އުޅޭނަމަ މަޖިލީހުން މިކަމާއި ގުޅޭ ގަނޫނުތަށް ހަދައި ތަންފީޒު ކުރަންޖެހޭ އިދާރާތަކުން ތަންފީޒުކޮށްގެން ވާނީ
ޤާނޫނު
19 March 2024
ކުޑަ ކިޔަނީ މައުސޫމް ކުޑަކުދިންނަށް، ދެން ތިބޭނީ ބާލިޢުވެފައި ތިބި ފިރިހެނުން. 13 އަހަރުން މަތި ވުމަށްފަހު %99 ކުދިން ބާލިޢު ވާނެ.
ހިލް
18 March 2024
ކުޑަކުދިންނޭ ކިޔާއިރު ބޮޑެތި ފިިރިހެނުންނޭ މިއީ. ކުށުގެ ނެޓްވޯކްތަކުން 18 އަހަރު ނުވާ މީހުން ކުރީ ސަފަށް ނެރެނީ، ޤާނޫން ތިފަދަ ހިމާޔަތް ލިބިފައި ހުންނާތީވެ. ހުޅަނގު ގެ ޤައުމުތަކުގައި ވެސް ތިފަދަ ޤާނޫންތައް ހުންނައިރު، ވަކި ހާލަތްތައް ހުރޭ ބާރުގެ ބޭނުންކުރެވޭ، މި ޤައުމުގައި މި އޮންނަނީ އެއްވެސް ހާލަތެއްގައި ބޭނުން ނުކުރެވޭ ގޮތަށް.
ނޫސް ކިޔާމީހާ
18 March 2024
ރަނގަޅަށް ފަހުމްވެގެން ކޮމެންޓް ކޮށްލެއްވުމަށް.. ގާނޫނު ހަދާނީ މަޖްލީހުން... އެތަން ފީޒްކުރާނީ ފުލުހުން
ނޫސް ކިޔާމީހާ
18 March 2024
ރަނގަޅަށް ކިޔާބަލަ.. އެއޮތީނު ބިޑި ނޭޅުވެޔޭ
ކޮރަލް
18 March 2024
ފުލުހުން ދާއިރު އެބުނާ 16، 17 އަހަރުގެ ކުޑަ ކުދީން އަތުގަ ހުންނަނީ ވަޅި އެވެ. ދެން ހަތިޔާރެއް ނެތި އެމީހުނާ ކައިރި ވާނެ ގޮތެއް ބުނެ ބަލާށެވެ. ގާނޫނު ހަދާފަ ބަދަލު ކުރަން ވީ އެވެ.
މަޖީދީމަގުން
18 March 2024
ާޔަުރަޕުން ދޭ ލަފަޔާއެކު ގާނޫނުތައް ހެދީމާވާގޮތް.
އެކަލޯ
18 March 2024
މި އޮތީވާ ގައުމެއް، ސުކޫލުތަކުގައި ދަރިވަރުން ޓީޗަރުންނަށް ހަދަނީ ހަދާނެ އެއްޗެއް. ސުކޫލަކަށް ޓީޗަރަކަށް ކުރެވޭނެ ކަމެއް ނޯވޭ. މިހެންވާ މައިގަނޑު ސަބަބަކީ ގާނޫނު ހަދަން ތިބެނެނީ ކޮންމެވެސް ކުށުގެ ރެކޯޑެއް އޮންނަ ބައެއް. ނޫނީ މަގުމަތީ އަގަޔަށް އައިހައި ހަޑިއެއްޗެއް ގޮވަމުން ދުވާ ޕާޓީ އެކްޓިވިސްޓެއް.
ތަފްސީލް ބޭނުން
18 March 2024
ބިޑި ބޭނުން ކުރެވޭ، ވަކި މުއްދަތަކަށް ބަނދުކުރެވޭ.. ދެން ކޮން ބާރެއް ނެތިގެންތަ ފުލުހުން މައްސަލަ ތިޔަ ޖައްސަނީ؟ ޓޭޒަރ ބޭނުން ނުކުރެވޭތީ؟ ޓޭޒަރ، ހިލިހިލާ ބޭނުން ނުކޮށް ފުލުހުނަށް މެނޭޖް ނުކުރެވެނީ؟
ޏުކުރެވެ
18 March 2024
ކޮން ފޮތަކުން ކިޔެވީ
ޖަމީލުބެ
18 March 2024
އަމިއްލައަށް ހަދާ ގާނޫނުތަކަކުން އަމިއްލަ އަތް ބަދެވިތިބެ، ގާނޫނު ތަންފީޒު ކުރުމުގެ ވާހަކަ މި ދެކެވެނީ.