20 މާޗް 2024 - 08:30
ކިޔެވުމުގައި އަބަދު ވެސް ވިދާލި ރަން ތަރިއެކެވެ. މި ރަށު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަން އަދާކުރަމުން އޯ ލެވެލް ނިންމީ ރާއްޖޭގެ ފަހުރުވެރި ދެ ވަނައާއެކުގަ އެވެ. ސީއެޗްއެސްއީގައި ކިޔަވަމުން އޭ ލެވެލް ނިންމީ ވެސް އެ ފަހުރާއެކުގަ އެވެ.
އެކަމަކު، ތ. ހިރިލަންދޫ، މަރިޔަމް ނަޝްވާގެ ކާމިޔާބީ އެ ހިސާބަކުން ނުނިމެ އެވެ.
އަބަދު ވެސް ބޭނުންވީ ރަނގަޅު ނަތީޖާއެއް ހޯދައި، ސްކޮލަޝިޕެއްގައި ރާއްޖެއިން ބޭރުގައި ކިޔަވާށެވެ. އެ އުއްމީދު ހަގީގަތަކަށް ވީ ތުރުކީ ސަރުކާރުން ރާއްޖެއަށް ދިން ފުލީ ފަންޑެޑް ސްކޮލަޝިޕުން އަންކާރާގައި ހުންނަ ޔިލްޑިރިމް ބެޔަޒިތް ޔުނިވާސިޓީން މިދިޔަ ޖޫން މަހު ހަތަރު އަހަރުގެ ޑިގްރީ ނިންމީ އެންމެ މޮޅު ދަރިވަރުގެ ފަހުރުވެރި ތާޖާއެކުގަ އެވެ.
ހިރިލަންދޫގެ އިތުރު ދެ ޒުވާނަކު ވެސް ވަނީ ބޭރުގެ ދެ ޔުނިވާސިޓީން އެއް ވަނަ ހޯދައިފަ އެވެ. ނަޝްވާ އަކީ ކޯހުން އެއް ވަނަ ހޯދި ތިން ވަނަ ދަރިވަރެވެ.
ތުރުކީގައި ނަޝްވާ ހެދި ކޯހުން އެއްވަނަ ހޯދައިގެން އަނބުރާ ރަށަށް ދިއުމުން، ރަށުގެ އާއްމުން އޭނާއަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ހިރިލަންދޫ ކައުންސިލް
މާލޭގެ އޮފީސްތަކާއި ކުންފުނިތަކުން ރަނގަޅު ހުށަހެޅުންތައް އެބަހުއްޓެވެ. އެކަމަކު، ބިޒްނަސް ފެކަލްޓީ އަދި އިންޓަނޭޝަނަލް ޓްރޭޑް އިން ބިޒްނަސް ކޯހުން 500 އެއްހާ ދަރިވަރުންނާ ވާދަކޮށް އެއްވަނަ ހޯދި 25 އަހަރުގެ ޒުވާނާގެ ތަފާތު ކަމަކީ މިއީ އެވެ؛
ވަގުތީ ވަޒީފާއަކުން ވިޔަސް ނަޝްވާ ބޭނުންވީ އަމިއްލަ އާއިލާ ކައިރީގެން ހުރެގެން ރަށާއި ގައުމަށް ހިދުމަތް ކުރާށެވެ.
އެހެންވެ، ހަ މަސް ދުވަހަށް ލިބުނު ފުރުސަތުގައި ރަށު ކައުންސިލް އިދާރާގެ އެސިސްޓެންޓު ކައުންސިލް އޮފިސަރެއްގެ ގޮތުގައި އޭނާ މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.
"މާލޭގެ ދިރިއުޅުމާ މެދު އެހާ ހިތްހަމައެއް ނުޖެހޭ. އެހެންވެ، ރަށަށް ހިދުމަތްކުރަން ބޭނުންވީ. އެކަމަކު، އަސްލު ރަށްރަށުގައި ނެތް އެހާ ވަޒީފާގެ ފުރުސަތެއް." އާބާދީގައި 1،146 މީހުން ދިރިއުޅޭ ރަށުގެ ކައުންސިލް އިދާރާގައި ހުރެ، ވާހަކަދައްކަމުން ނަޝްވާ ބުންޏެވެ.
ނަޝްވާ، ޑިގްރީގެ ގްރެޖުއޭޝަނަށްފަހު އޭނާގެ މަންމައާއެކު.
ނަޝްވާ ބުނީ ދަސްކުރި އެއްޗެއްގެ ބޭނުން އެންމެ ފުރިހަމައަށް އަދާނުކުރެވުނަސް ކުރާ މަސައްކަތާ ގުޅުންތަކެއް އެބަހުރި ކަމަށެވެ. ޕާޗޭސް އޯޑަރު ހެދުމާއި ޕޭމަންޓު ވައުޗާ އަދި ރިސިޕްޓް ހެދުމަކީ އޭނާ ކުރަންޖެހޭ ކަންކަމެވެ. އޭގެ އިތުރުން، އާއްމުންނަށް ހުޅުވާލައިގެން ކައުންސިލުން މިހާރު ވެސް ކްރެޑިޓް ސްކީމް ހިންގަ އެވެ. އެއާޕޯޓު ފެރީއަކީ ހިރިލަންދޫ ކައުންސިލުން އާމްދަނީ ހޯދަން މީގެ ކުރިން ކުރި ކަމެކެވެ.
"ގޮތަކަށް ބަލާނަމަ، ކިޔެވި އެއްޗިއްސާ ކޮންމެ ވެސް ގޮތަކަށް ގުޅުން އެބަހުރި މި ކުރާ މަސައްކަތް. އެއީ، ޕޭމަންޓުތަކާ ޑީލްކުރުމާ އެ ކަހަލަ ކަންކަން."
ނަޝްވާ، ކައުންސިލް އިދާރާގައި މަސައްކަތްކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ވިލާ ކޮލެޖުން ބިޒްނަސް މެނޭޖްމަންޓުން މާސްޓާސް އަށް ވެސް ކިޔަވަމުން އަންނަ ނަޝްވާ ބުނީ އޯ ލެވެލް އަދި އޭ ލެވެލްގައި ވަކި ވަނައަކަށް ޓާގެޓުކޮށްގެން މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް، ތުރުކީ ބަސް ދަސްކުރުމުގެ އެއް އަހަރުގެ ކޯހަށްފަހު ކުރި އަލަތު ކައިވެންޏާއެކު ފިރިމީހާ އަދި އާއިލާއާ އެތައް މޭލެއް ދުރުގައި ހުރެ ކިޔަވަން ޖެހުމުން ނަޝްވާގެ އަޒުމް އިތުރަށް ވަރުގަދަވި އެވެ.
ބޭނުންވީ އޭނާއަށް ކިޔަވައިދިނުމަށް މަންމަ އާއި ބައްޕަ ކުރި މަސައްކަތަށް ކުޑަ ނަމަވެސް ބަދަލެއް ދޭށެވެ.
"ފެށުނީއްސުރެ [އެއްވަނަ ހޯދަން] އެގޮތަށް ޓާގެޓުކޮށްގެން މަސައްކަތްކުރީ،" ނަޝްވާ ބުންޏެވެ.
ކޯހާއި ފެކަލްޓީން އެއް ވަނަ ހޯދުމުން، ގްރެޖުއޭޝަން ހަފުލާގައި އޭނާއަށް ވަނީ ވާހަކަދައްކަން ފުރުސަތު ދީފަ އެވެ. އެ ސްޕީޗު ދޭންޖެހޭނީ ހަމައެކަނި ތުރުކީ ބަހުންނެވެ. އެކަމަކު، އެ ރަސްމިއްޔާތުގައި އިނގިރޭސި އާއި ދިވެހި ބަސް ވެސް އިތުރުކޮށްގެން ނަޝްވާ ވާހަކަދެއްކީ މަންމަ އާއި ރަހުމަތްތެރިންނަށް ވެސް އެ ކިޔާ އެއްޗެއް ފަހުމްކޮށްދިނުމުގެ ބޭނުމުގަ އެވެ.
ނަޝްވާ: އޭނާ ވަނީ ވިލާ ކޮލެޖުން އެމްބީއޭ ވެސް ހަދަމުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެއް އަހަރުގެ މާސްޓާސް ކޯސް ނިމުނަސް، އޭނާ ބޭނުންވަނީ ރަށުގައި ހުރެގެން މަސައްކަތްކުރާށެވެ. ޕީއެޗްޑީ ކިޔަވަން ފުރުސަތު ލިބިއްޖެނަމަ އޭގެ ބޭނުން ހިފަން ވެސް ނަޝްވާ ހުރީ ތައްޔާރަށެވެ.
އޯ ލެވެލް އަދި އޭ ލެވެލް އިން މަތީ ވަނަތައް ހޯދާ ދަރިވަރުން ކޮބައިތޯ އަބަދު ވެސް އާއްމުން ސުވާލު އުފައްދަ އެވެ. މިއީ، އޭގެ އެއް ތަރި އެވެ. އެކަމަކު، ނަޝްވާގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތެވެ.
"މި ވަގުތު ބޭނުންވަނީ ރަނގަޅު، ސްޓޭބަލް ވަޒީފާއެއް." އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
20 March 2024
ތިޔަކައުންސިލުން ރައްޔިތުންގެ ކުންފުންޏެއް ރަޖިސްޓްރީ ކުރެވިދާނެ. ކުންފުނީގެ އެމްޑީގެ މަގާމު ފުރައިގެން ތިޔަހުރި ކުޅަދާނަކަމެއް ދަައްކައި އެހެން ރަށްތަކަށް ނަމޫނާ ދެއްކިދާނެ. ހިރިލަންދޫ މަލަ އަލުން ވުޖޫދު ކުރެވިދާނެ. ރަށުގައި މައިންބަފައިން ކައިރީ ހުރެވިދާނެ.
އިދިކީލަ
20 March 2024
އަޅުގަނޑުމީ ނަސްވާއުޅޭ ރަށުގަ އުޅޭ މީހެއް އަދި އެއްވެސް ގޮތަކައް މުއާމަލާތެއް ނުކުރަން އޭނަޔަކާ އެކަމު އިނގޭ އެއްޗަކީ ރަނގަޅު އަހުލާގެއްގެ ރަނގަޅު ކުއްޖެއްކަން
އިއްސޭޭ
20 March 2024
ލިބިފައިވާ ތައުލީމުގެ ބޭނުން މުޖްތަމައަށް އެންމެ ފައިދާ ހުރިގޮތުގައި ހިފޭނޭ ވަޒީފާއެއް އަދާކުރުމީ ނަޝްވާގެ ފަރާތުން މުޖްތަމައަށާއި ގައުމަށް އޮތް ޒިންމާއެއް. ލިބުނު ތައުލީމު ވޭސްޓް ނުކުރައްވާ، މިހާރުވެސް ކޮލިޓީ އެޑިއުކޭޓެޑް މުވައްޒަފުން ހޯދުމަކީ، ސަރުކާރާއި އިންޑަސްޓްރީ ތަކަށް އޮތް ގޮންޖެހުމެއް.
އަންދަލުސް އިއްބެ
20 March 2024
ނަޝްވާއަށް ވަރަށް މަރުހަބާ. ތިއީ މުސްތަގުބަލުއޮތް ފަހުރުވެރި ދަރިއެއް. ހުރިހާ ބެލެނިވެރިނަށް: ހިލޭ ސްކޯލާޝިޕެއް ލިބުނަސް ތޫނުފިލި މޮޅުކުދިން މިފަދަ ޔުނިވާސިޓީތަކަށް ކިޔަވަންނުފޮނުވާ. މި ފަދަ ޔުނިވާސިޓީއަކުން ކިޔެވީމާ ދަރިންގެ ފެންވަރު ވަޒަންކުރަންވެސް އުނދަގޫވާނެ. ގަދަ 10ގެ ގަދަ 5 ވަނައިގެ ދަރިވަރުންނަށް މާ މާތީފެންވަރުގެ ޔުނިވާސިޓީތަކުން ހިލޭ ސްކޯލާޝިޕް ލިބޭނެ. މިސާލަކަށް ސައޫދީ
ވައުދާ
21 March 2024
ހާދަ ހަމަ ނުޖެހޭ ވާހަކައެކޭ. ބޭފުޅާ ބަލާލިންތޯ ނަޝްވާ ކިޔެބި ޔުނިވާސީޓިގެ ހިސްޓުރީ އަދި ރޭންކިން؟؟؟
ޙިނި
20 March 2024
ގޭގަތިބެގެން މަސައްކަތް ކުރެވޭ ގޮތައް ގާނޫނެއް ގާހަދަންވީ އަދި ކޮންމެ ކުންފުންޏެށް އަދި މުވައްސަސާއެށް ގަވެސް ނިސްބަރުން އިންސައްތަ "ރިމޯޓް ޖޮބްސް" ކަންޑައަޅަންވީ، މިކަން ވާންޖެހޭނީ ދިވެހިންނައް ހާއްސަ ވަޒީފާ ތަކަކައް.
ކައުންސެލަރު..
20 March 2024
މަރުޙަބާ ނަޝްވާ!
4
20 March 2024
ދިވެހިންގެ ކިޔެވުން ދަށޭ ތަންތަނުން ނެރޭ ރިޕޯޓުތަކުން ބުނަނީ. އެމީހުންނަން މިކަހަލަ ކަންކަން ނުފެންނަނީބާ؟
ޑރ. އިކްލީލް އިބްރާހިމް
20 March 2024
ބައްލަވާ މިއީ ދުނިޔޭގެ ޔުނިވާސިޓީ ރޭންކިންގައި 1500 ވަނާގައިވެސް ލައްވާނުލާ ޔުނިވާސިޓީއެއް. ގަދަ 200 ގައި ލައްވާނުލާތަނަކުން، ތޫނުފުލި މޮޅެތި ކުދިން ނުކިޔަވާނެ
ކިންލޯ
20 March 2024
އެއްކުއްޖަކަ އޭ ލިބިފަ ދެންތިބި 10 ކުދިންނަ ޔޫ ލިބުނީމަ. ބުނާނަންތަ އުރިހާކުދިންވެސް ވަރަށް މޮޅޭ.
އަނގޮޅިތީމު ސޮރު
20 March 2024
ހެޔޮ ރަޙްމަތް ލައްވާށި، އިތުރު ކާމިޔާބީ ދެއްވާ، ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި! އާމީން
އަލިފު ލައިލާ
20 March 2024
މިއީ މި ދައްކާ ވާހަކަ. ކިޔަވައިގެން ކިތަންމެ މޮޅު ނަތީޖާއެއް ލިބުނަސް، އަދާކުރަން މި ޖެހެނީ ކަމާ ނުގުޅޭ ވަޒީފާ. ޕްރޮފެޝަނަލް ވަޒީފާތަކުގަ ސިޔާސީ މީހުނާ އެމީހުންގެ މީހުން. އަހަންނަކީވެސް ރާއްޖޭގެ ޓޮޕް ޓޫގަ އޯ ލެވެލް އަދި އޭ ލެވެލް ނިންމާ، ޑިގްރީއިން އެއްވަނަ ހޯދި މީހެއް. އެކި ވަޒީފާތަކުގަ އުޅޭތާ 12 އަހަރު ފަހުން މިހާރު ވިސްނޭ ޓޮޕް ޓެން ޓޮޕް ވަން މިއީ ވަރަށް ބޭކާރު ކަމެއްކަން.
ކިހިނެއް
20 March 2024
އެކުއްޖާ ބުނީ ރަށުގައޭ ވަޒީފާ އަދާކުރަން ބޭނުންވަނީ. ރަށުގެ އާބާދިއްޔަކީ 1146 ކިނެއް އެތާ އެހާވަރުގަދަ ވަޒީފާތައް ދޭނީ. އަދި މިހާތަނައް ވަރައް ފާޓްފުޅާ ސަރުކާރުތައް ވެސް އައިސް ގޮސްފަވަނީ. ބޮޑު އާބާދީއެއް އޮތްތަނުން ލިބޭނެ ސިޔާސީ މަގާމެެއް ނޫނަސް ދާއިރާޔާ ގުޅުން ހުރި ވަޒީފާ
2 ވަނަ މީހާ
20 March 2024
މީ މިގައުމުގަ ބޮޑު މައްސަލައެއް. މިހާ މޮޅުދަރިވަރުންގެ އުފެއްދުންތެރިކަން މިހުރީ ޒީރޯގަ. އަމިއްލަ މަސައްކަތެއް ކުރުމުގެ އެއްވެސް ވިސްނުމެއްނެތް؟
ަޖސނސ
20 March 2024
އަމިއްލަ މަސައްކަތް ފެއްތުމަސް ވެސް ކެޕިޓަލް އެއް ބޫނުން ވޭ. އެލިބުނީ ފައިސާ ވެރިންބގެ ދަރިން އަށް އެވެސް ރިސްކް އެއ ނެތި
ޖެއްސު
20 March 2024
މަސައްކަތް ކުރީމަ ލިބޭނެ ﷲ މިންވަރު ކުރައްވާނީ
ޚިންލި
20 March 2024
ކިޔެވުމާ، ވިޔަފާރިކުރުމާ އެއީ ދެކަމެއް.