މީހުން / ރަމަޟާން 2024 މީހުން

ހާފިޒެއް، އިމާމެއް، ދަނޑުވެރިއެއް

10 އެޕްރީލް 2024 - 06:03

2 comments

މެންދުރުގެ ގަދަ އަވި ފަނޑުވެ، ހަވީރު އަތަށް އަޅަނީ އެވެ. އަހަރެމެން މި ތިބީ ށ. ގޮއިދޫގެ ދަނޑުތައް ބަލަން އައިހެވެ. މި ރަށުގައި ދަނޑުވެރިކަން ކުރާ 200 އަށް ވުރެ ގިނަ ބިން އޮތްއިރު، އަހަރެމެންގެ ސަމާލުކަން ހުއްޓުނީ މިތަނުގައި ކުރާ ޒަމާނީ ދަނޑުވެރި ކަމަށެވެ. ގްރީން ހައުސް ފާމިން އަށެވެ.

މި ތަނަށް އައިއިރު މިއީ ކޮން ބަޔަކު ކުރާ މަސައްކަތެއް ކަމެއް ނޭނގެ އެވެ.

ކައިރި ދަނޑުތަކުގައި ތިބި މީހުން ގާތުގައި މި ތަނާ ގުޅޭ ވާހަކަތައް އަހަން ފެށީމެވެ. ގޮއިދޫގެ މީހުން ބަހައްޓާ ގާތްކަމާއި އެކުވެރިކަމުގެ ސަބަބުން އެއީ ހޯދަން މާ އުނދަގޫ ވާހަކަތަކަކަށް ނުވި އެވެ. މާ އިރެއް ނުވެ، މި ގްރީން ހައުސް ހިންގުމުގައި އިސްކޮށް އުޅޭ މި ރަށު އިބްރާހިމް އާމިރުގެ ފޯނު ނަންބަރު ވެސް އަހަރެމެންނަށް ދިނެވެ.

ށ. ގޮއިދޫ، އިބްރާހިމް އާމިރު ގްރީން ހައުސްގެ ތެރޭގައި އޭނާ ހައްދާ މޭވާތައް ބަލާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި މަސައްކަތް ފެނި އާމިރުގެ އިންޓަވިއުއެއް ވަރަށް ބޮޑަށް ބޭނުންވި އެވެ.

"އަޅުގަނޑު އަސުރުން ފައިބައިގެން މިހާރު ހަމަ ދަނޑަށް ދާން މި ދަނީ ވެސް،" އިންޓަވިއު ހޯދަން ގުޅުމުން އޭނާ ބުންޏެވެ.

އިރުކޮޅަކުން އޭނާ ދަނޑަށް އައިސް ބޭނުންވަނީ ކޮން ކަމެއްތޯ އޮޅުންފިލުވި އެވެ. ވަގުތުން އިންޓަވިއު އަށް ވެސް އެއްބަސްވި އެވެ. އެކަމަކު، މި އިންޓަވިއު ފަށަން ދެން ވެސް، އާމިރު އަކީ މި ރަށުގެ ކިހާ ހިންގުންތެރި އަދި ހުނަރުވެރި ޒުވާނެއް ކަމެއް އަހަރެމެންނަށް ނޭނގެ އެވެ. އެ ހުރިހާ ވާހަކައެއް ތިލަވީ މި އިންޓަވިއުގެ ތެރެއިން ކުރަމުން ދިޔަ އެކި ސުވާލުތަކުގެ ތެރެއިންނެވެ.

ށ. ގޮއިދޫގައި ހުންނަ ގްރީން ހައުސް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާމިރަކީ މި ރަށު މިސްކިތުގެ މުދިމެވެ. އޭނާ އަކީ ގުރުއާން ހިތުދަސް ހާފިޒެކެވެ. އަދި މި ރަށުގެ ހީވާގި ދަނޑުވެރިއެކެވެ.

މަޑުމައިތިރި އަދި ވަރަށް މީހުންނާ ގުޅޭ، ހިތްހެޔޮ މީހެކެވެ.

ތަފާތު ތަޖުރިބާއެއް، ކާމިޔާބީއެއް

މި ގްރީން ހައުސް އަކީ ދިވެހި ސަރުކާރާއި ބޭރުގެ ޖަމިއްޔާއަކާ ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށުގައި ހިންގާ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން މި ރަށުގައި ހެދި ތަނެކެވެ. އާމިރުއާ އެކު މިތަން ބަލަހައްޓައި މި ޒަމާނީ ދަނޑުވެރިކަން ތަޖުރިބާކުރަން މިކަމުގައި ރަށުގެ އިތުރު ދަނޑުވެރިން ވެސް ބައިވެރިވެ އެވެ. މި ގްރީން ހައުސްގައި ދަނޑު ހައްދަނީ އެ އެންމެންގެ ބައިވެރިވުމާ އެކުގަ އެވެ.

މި މަސައްކަތް ފެށިތާ އަދި މާ ގިނަ ދުވަސްތަކެއް ވެސް ނުވެ އެވެ.

"ފުރަތަމަ ބުރުގައި އަދި މިއީ ގްރީން ހައުސްގެ ތެރޭގައި މި އިންދުނީ،" އާމިރު ބުންޏެވެ.

ށ. ގޮއިދޫގައި ހުންނަ ގްރީން ހައުސްގައި ހައްދާފައިވާ މެލަންއެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ގްރީން ހައުސްގައި މި ވަގުތު ހަތަރު ބާވަތެއް މޭވާ އިންދާފައި އެބަހުއްޓެވެ. އެއީ ކިއުކަންބާގެ ދެ ވައްތަރަކާއި މެލަންގެ ދެ ވައްތަރެކެވެ. ކިއުކަންބާގެ ހުރީ ރިޗެސް އާއި ތަމްބް ސްވީޓް އެވެ. ދެން ހުރީ ހަނީ އަދި ސްވީޓް މެލަން އެވެ.

މި ގަސްތަކުގައި މޭވާ އަޅައި ހުރީ ކަނޑަންވެފަ އެވެ. ގަސްތައް އިންދައި ހެދި، ފޯދި މޭވާ އެޅި ފަހުން މިހާރު ދެ މަހާއި ބައި ވަނީ އެވެ.

"ވަރަށް ރަނގަޅު، ވަރަށް ކާމިޔާބު ޕްރޮޖެކްޓެއް މިއީ،" އާމިރު ބުންޏެވެ.

އާމިރު ދަނޑުވެރިކަމުގައި އުޅޭތާ މިހާރު 15 ވަރަކަށް އަހަރު ވެއްޖެ އެވެ. އޭނާގެ އަމިއްލަ ދަނޑުތައް ރަށުގައި އޮވެ އެވެ. އަދި އާއިލާގެ އެކި މީހުންގެ ބިމުގައި ވެސް އޭނާ ދަނޑު ހައްދަ އެވެ. ކިއުކަންބާ އާއި މެލަން އާއި ކަރާ އާއި ފަތްކޭލާއި ބައްޓާއި މިރުހަކީ އޭނާ އާންމުކޮށް ހައްދަ ބާވަތްތަކެވެ.

ށ. ގޮއިދޫ، އިބްރާހިމް އާމިރު ގްރީން ހައުސްގެ ތެރޭގައި އޭނާ ހައްދާ މޭވާތައް ބަލާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދަނޑުވެރިކަމުގައި އުޅޭތާ މި ވީ ދިގު މުއްދަތުގައި ގްރީން ހައުސް ފާމިން އަކީ އޭނާ އަށް ވެސް ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެކެވެ. މީގެ ކުރިން އޭނާ ދަނޑުވެރިކަން ކުރަމުން އައީ މުޅިން ވެސް ބިމުގައި ގަސް ހައްދައިގެންނެވެ.

"އޯޕަން ތަނެއްގައި ދަނޑުވެރިކަން ކުރާ އިރުގައި، ގަހަށް ޖެހޭ ބަލިތަކުގެ ގޮންޖެހުންތައް އާދޭ. އެކަމަކު ގްރީން ހައުސްގައި އިންސެކްޓް ނެޓް އަޅާފައި މި ހުންނަނީ. އެހެންވީމަ ވަރަށް ފަސޭހަ މިތަނުގައި ގަސް ހައްދަން،" ގްރީން ހައުސްގެ ފަސޭހަކަން އޭނާ ކިޔައިދިނެވެ.

"އަނެއް ކަމަކީ ވަގުތު ވަރަށް ސަލާމަތްވޭ. ފެން ލައިންތައް އަޅައިފައި، ވޭލް ދޫކޮށްލީމަ ފެން ދެވޭ ގޮތަށް ހުންނަނީ. ބިމުގައި ގަސް ހައްދައިގެން ފެން ދެންޏާ ވަރަށް ގިނަ ވަގުތު ދޭ."

އާމިރު ބުނި ގޮތުގައި، ބިމުގައި ދަނޑު ހައްދައިގެންނާއި ގްރީން ހައުސްގައި ހައްދައިގެން ލިބޭ މޭވާ ނުވަތަ ތަރުކާރީގެ ކޮލިޓީ ވެސް "ހާސްބައި" ތަފާތެވެ.

"ރަހަ ވެސް ވަރަށް ތަފާތު ވާނެ. ބޭނުންކުރަން ޖެހޭ ގަސްކާނާ ވެސް ވަރަށް މަދުން މި ބޭނުންކުރަން ޖެހެނީ ގްރީން ހައުސްގައި. ބިމުގައި ގަސް ހައްދަންޏާ ގަސްކާނާގެ ވަރަށް ބޮޑު ބައެއް ވޭސްޓުވެގެން އެބަދޭ ބިމުގެ ތެރެއަށް،" އޭނާ ބުންޏެވެ.

"ދެން ލިބޭ ފަސޭހަ އަކީ ގްރީން ހައުސް ހުރުމުން އަޅުގަނޑުމެންނަށް ކޮންމެ މޫސުމެއްގައި ވެސް ދަނޑު ހެއްދޭނެ."

ށ. ގޮއިދޫގައި ހުންނަ ގްރީން ހައުސްގައި މެލަން ހައްދައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޅައިރުން ފެށިގެން ދަނޑުމަތީގައި

އާމިރަކީ ދަނޑުވެރި އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. މި މަސައްކަތަށް އޭނާ ޝައުގުވެރި ކުރުވީ ވެސް އާއިލާއިންނެވެ. ކުޑައިރު ކާފައާ އެކު ދަނޑަށް ގޮސް އުޅުމުގެ ތެރޭގައި މި ކަމަށް ލޯބި ޖެހުނީ އެވެ. ރަށު ސްކޫލުން ކިޔަވާ ނިންމައިގެން މަތީ ތައުލީމަށް ރާއްޖެއިން ބޭރަށް ދަންދެން ވެސް އޭނާ އުޅުނީ ދަނޑުމަތީގަ އެވެ.

އެކަމަކު އޭނާ އެންމެ ލޯބިކުރީ ކީރިތި ގުރުއާން ކިޔެވުމަށެވެ. ގުރުއާން ހިތުދަސްކޮށް، އެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށް އޭނާ ދިޔައީ ޕާކިސްތާނަށެވެ.

"ޕާކިސްތާނަކީ ވެސް ވަރަށް ދަނޑުވެރި ތަނެއް. ހުރިހާ ވައްތަރެއްގެ ދަނޑުވެރިކަމެއް އެތަނުގައި ވެސް ކުރޭ. އެހެންވެ މި ޝައުގުވެރިކަން ފަނޑުވެގެން ނުދިޔަ،" އޭނާ ބުންޏެވެ.

ށ. ގޮއިދޫގައި ހުންނަ ގްރީން ހައުސްގެ އެތެރެ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުދިން ކަމަކީ މިހާރު އޭނާގެ ރަސްމީ ވަޒީފާ އެވެ. ކުރިން ރަށުގައި އަމިއްލަ ގުރުއާން ކުލާހެއް ވެސް އޭނާ ހިންގި އެވެ. އެ ނޫން ހުރިހާ ހުސްވަގުތެއް އޭނާ ހޭދަކުރަނީ މި ދަނޑުތަކުގަ އެވެ.

"އަޅުގަނޑުމެންނަށް އެންމެ ދަތި މައްސަލައަކީ މާކެޓް. ކުރީގައި ސަޕްލައިކުރާ މީހުން އައިސް ގަނެގެން ގެންދާނެ. އެހެން ނަމަވެސް މިހާރު އެބައި ތަންކޮޅެއް ދަށްކޮށް އުޅެނީ،" އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ބުންޏެވެ.

"މައިގަނޑު މާކެޓަކަށް އޮންނަނީ ކުޅުދުއްފުށި، ފުނަދޫ، ދެން އަތޮޅުގެ އެކި ރަށްރަށް. ހާއްސަކޮށް ރޯދަމަހު ދަތުރުތައް ހަދައިގެން ވެސް ރަށްރަށަށް ގެންދޭ.

ދަނޑުވެރިކަމުގެ ތަފާތު ކަންކަން ތަޖުރިބާކުރަން އާމިރު އަބަދުވެސް ބޭނުންވެ އެވެ. އޭނާ ހުންނަނީ އެ ކަހަލަ ފުރުސަތެއް ނުލިބިފަ އެވެ. ގްރީން ހައުސް ޕްރޮޖެކްޓުގެ ކާމިޔާބީއާ އެކު އޭނާ މިހާރު އުއްމީދުކުރަނީ ކޮންމެވެސް ދުވަހަކު އޭނާ އަމިއްލަ ގްރީން ހައުސްއެއް ހެދުމަށެވެ.

ވަރަށް އުއްމީދުތައް ކުރާ، ގާބިލު ޒުވާނެކެވެ.

މި އިންޓަވިއު ނިމިގެން ގޮއިދޫން ފުރަންދެން އާމިރުގެ އެހީތެރިކަން އަހަރެމެންނަށް ލިބުނެވެ. ވަރަށް ކުރިއްސުރެ އަހަރެމެން ދަންނަ ގާތް ރަށްޓެއްސެކޭ ހީވިޔެވެ. މި ރަށުގެ ދަނޑުވެރިކަމާއި މީހުންގެ ދިރިއުޅުމާއި އިޖުތިމާއީ ކަންކަމާ ގުޅޭ އެތައް ވާހަކައެއް އޭނާ އަހަރެމެންނަށް ކިޔައިދިނެވެ. އަދި މި ރަށުގެ ރީތި ތަންތަނަށް އަހަރެމެން ގެންގޮސް، އެ ތަންތަނާ ގުޅޭ ވާހަކަތައް ވެސް ކިޔައިދިނެވެ.

2 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޏަިެނ!

10 April 2024

މެރިޑްތަ؟

The name is already taken The name is available. Register?

ކޮރަލް

10 April 2024

ބޭންކް ތަކުން ގުޅައިގެން ވެސް މިފަދަ މީހުންނަށް ފައިސާ ދޭން ވީ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454