މީހުން / ރަމަޟާން 2024 މީހުން

"މޫދުމީހާ"ގެ ވިޝްލިސްޓްގައި ކުލަޖެހި، މުޅި ދުނިޔޭގެ ސަމާލު ކަމަށް!

"އެންމެ ފުރަތަމަ ވައިރަލްވި ވީޑިއޯއަކީ "ބްލޫ ޓޭންގް" ދެ މަސް ނަށާ ވީޑިއޯއެއް. މިހާރު އެ ވީޑިއޯގައި އެބަ އުޅޭ 4.3 މިލިއަން ވިއުސް. ފަހުން މި ނެގި އޯނެޓްގައި އުޅެނީ 3.8 މިލިއަން ވިއުސް. އެންމެ ގިނަ މީހުން ބެލި ވީޑިއޯ އަކީ "ޔެލޯ ބޮކްސް ފިޝް" ވީޑިއޯ. އޭގަ އުޅޭ 4.9 މިލިއަން ވިއުސް."

"މޫދުމީހާ"ގެ ނަމުގައި ހަދާފައިވާ އޭނާގެ އިންސްޓަގްރާމް ޕްރޮފައިލް އަށް ވަދެ ބަލާ މީހަކު ވެސް އެ ރީތި ކަމުގެ ތެރެއަށް ގެނބިގެންދާނެ އެވެ. އެހާ ވެސް ހިތްގައިމެވެ. ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމުކަން ލޮލުން ދެކި، އެ ތަނުގެ ދިރުންތައް ނުފެންނަ މީހުންނަށް އެ ޗާލުކަން ދައްކައިދިނުމަކީ އިބްރާހިމް ޝިފާން، 29، ގެ އެންމެ ބޮޑު އުންމީދެވެ. ކަނޑުއަޑީގެ އެ މަންޒަރުތައް ހަމަ އެހާ ވެސް ރީތީ އެވެ.

މީހުންނަށް ޝިފާން އެނގެން ފެށީ ހަމަ އެކަނި ކަނޑުއަޑީގެ ރީތި މަންޒަރުތަކެއް އާންމުންނަށް ތިލަކޮށްދީގެނެއް ނޫނެވެ. އޭގެ ބަދަލުގައި، އެހެން މީހުންނަށް ނުފެންނަ އެތައް މަހެއްގެ ފޮޓޯ އާއި ވީޑިއޯ ވެސް ނަގައިގެންނެވެ. އެ މަންޒަރުތައް ރާއްޖެ ފަހަނައަޅައި، މުޅި ދުނިޔެ އަށް ވެސް މިހާރު ވަނި ފެތުރިފަ އެވެ. އޭނާގެ ޔުނީކް ބައެއް މަސްމަހާމެހީގެ ވީޑިއޯ އެތައް މިލިއަން ބަޔަކު ބަލައިފި އެވެ. އޭގެ ތެރެއިން ވައިރަލްވި އެއް ވީޑިއޯ އަކީ އާންމުކޮށް ނުފެންނަ އޯނެޓް އީގަލްގެ ވީޑިއޯ އެވެ. އެއި އޭނާގެ ވިޝް ލިސްޓަށް ލައިގެން އުޅުނު މަންޒަރެކެވެ.

"އޯނެޓް އީގަލް ރޭ އެންމެ ފުރަތަމަ ފެނުނީ 2022 ވަނަ އަހަރު. ކުރިން ވެސް ދެތިން ފަހަރަކު ފެނުނުކަން އެނގޭ. އެކަމަކު މޫދުގައި އެއާ އެއްކޮށް އުޅެލަން ފުރުސަތެއް ނުލިބޭ އޭރު ވެސް، ހަމަލޮލަކުން ނުދެކެން،" މިދިޔަ ފެބްރުއަރީ މަހު ޝިފާން ނެގި ވީޑިއޯ ވަރަލްވި ގޮތުގެ ވާހަކަ އޭނާ ފެށި އެވެ.

ދުނިޔޭގައި ވެސް ހިމާޔަތް ކޮށްފައިވާ މަޑީގެ ބާވަތެއް ކަމަށްވާ "އޯނެޓް އީގަލް ރޭ" ނުވަތަ "ޔުނިކޯން އޮފް ދަ ސީ" އާންމުކޮށް ފެނިފައިވާ ކަމަށް ރިކޯޑުކޮށްފައި ވަނީ 60 ފަހަރު އެވެ. މުށި ކުލައިގައި ހުންނަ މި މަޑި ހާއްސަވާ ކަމަކީ އޭގައި ހުންނަ "ޕެޓާން" އަދި ކުލަ ތަފާތުކަމުންނެވެ.

ކަނޑުން މީހުންނަށް ނުފެންނަ މަސްތަކުގެ ފޮޓޯ/ވީޑިއޯ ނަގަން ޝައުގު ހުންނަ ޝިފާން އަށް ވެސް މި މަޑި ހާއްސަވީ ސަބަބަކީ ވެސް އެއީ އެވެ. އޭނާއަށް އޯނެޓްއެއް އެންމެ ފުރަތަމަ ފެނުނީ، ފުރަތަމަ މަސައްކަތްކުރި ރިސޯޓު، ފެއާމޮންޓް މޯލްޑިވްސްގެ ބޭރުންނެވެ. ނަމަވެސް އެ ދުވަހު އަތުގައި ކެމެރާއެއް ނެތުމުން އޭގެ ރީތިކަން އެންމެ ރީއްޗަށް ފެންނަ ވީޑިއޯއެއް ނުނެގުނެވެ.

"އެއްދުވަހު ހެނދުނު ރައްޓެއްސަކު ޑްރޯން އަރުވައިގެން އުޅުނު ގަޑިއަކާ މި ދިމާވީ، އެއީ ފުރަތަމަ ފެނުނު ފަހަރު. އެ ގަޑީގައި ފައިބައިފައި އެ އިނީ އެންމެ ފުރަތަމަ އެއާއެއްކޮށް ނަގައިފައި. އެއީ 2022ގައި. އެ ފެނުނީ ވެސް ފެނޭތޯ ބަލަން ފަސް ވަރަކަށް އަހަރު އުޅުނު ފަހުން. ވިޝްލިސްޓުގައި އިން އެއްޗެއް އެއީ. ވަރަށް މަދުން ނޫނީ ނުފެންނަ އެއްޗެއްވީމަ ހަމަ ބަލާލާހިތުން."

މިދިޔަ ފެބްރުއަރީގައި ޝިފާންގެ އުފަންރަށް، ށ. ގޮއިދު އަށް ޗުއްޓީއަށް ދިޔަ ދުވަސްވީ އެތައް އަހަރެއް ވަންދެން ކުރި ދިގު އިންތިޒާރުގެ ނިމުމަކަށެވެ. އެ ދުވަހު އޯނެޓް ކައިރިން ބަލާލާއި އެއާއެކު އުޅެ، ވީޑިއޯ ނަގަން ވެސް ފުރުސަތު ލިބުނީ އެވެ.

"އާ ކެމެރާއެއް ގަނެގެން ރަށަށް ދިޔަ ފުރަތަމަ ދުވަސް އެއީ. އެ ދުވަހު މެންދުރުގަޑީގައި ފޫހިވެގެން ހިތަށް އެރީ މޫދަށް ފައިބާނީއޭ ވެލާގެ ފޮޓޯތަކެއް ނަގަން. ރަށު ބޭރުގައި ފުދޭވަރަކަށް ވެލާ އުޅޭނެ. ފައިބައިފައި 20 މިނެޓް ވެސް ނުވާނެ. އޮއިވަރާ ދެކޮޅަށް ފަތައިފަ ވަރުބަލިވެގެން މައްޗަށް އަރަން ބަލާލިއިރު އެ (މަޑި) އިނީ ކައިރީގައި ހަމަ،" އެ ވަގުތުކޮޅު ސިފަކޮށްދެމުން ޝިފާން ބުންޏެވެ.

އެއީ މީގެ ދެ އަހަރު ކުރިން ފެނުނު މަޑި ކަން އޭނާ އަށް އެ ވަގުތު ވެސް ޔަގީންވި އެވެ. ސަބަބަކީ ކޮންމެ އޯނެޓް އީގަލް ރޭ އެއްގެ ހުންނަ ޕެޓާން ތަފާތުވުމުންނެވެ.

"އޭގެ ބޮޑުމިނުގައި (ދެފިޔަ ކަނޑުގެ ދޭތެރޭ ދިގުމިން) ފަސް ފޫޓު ހުންނާނެ. ހަމައެކަނި ނިގުލުގެ ދިގުމިނުގައި ވެސް 10 ފޫޓު ހުންނާނެ. ހެޑް ޓު ޓެއިލްގައި އުޅޭނެ 15-16 ވަރަކަށް ފޫޓު. އޯނެޓް އީގަލް ރޭގެ ހަތަރު ވައްތަރު ރާއްޖެއިން ފެނިއްޖެ ހަ ފަހަރަށް. ފުރަތަމަ ފެނުނީ ފެއާމޮންޓް ރިސޯޓު ކައިރިން. އެ ފަހުން މި ފެނުނީ ރަށުން، ގޮއިދޫން،" އޭނާ ބުންޏެވެ.

ޝިފާންގެ ލެންސް މުޅި ދުނިޔެއަށް

ޝިފާން އަމިއްލަ އިންސްޓަގްރާމް އެކައުންޓުން ޕޯސްޓު ކުރި ވީޑިއޯއެއް ވައިރަލްވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ދުނިޔޭގެ ރީތިކަން ދައްކުވައިދޭ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގެ ޕޭޖްތަކާއި އެކައުންޓުތަކުން ފޮޓޯ/ވީޑިއޯ ފީޗާ ކުރަން ބޭނުންވެގެން އޭނާ އަށް ކޮންޓެކްޓް ކުރެ އެވެ. އެ ތަންތަނަށް ދިނުމުން ޝިފާންގެ ވީޑިއޯތަކާއި ފޮޓޯތަކަށް ބޮޑު ސަމާލުކަމެއް ލިބި ދުނިޔޭގެ ރީތިކަން ދައްކުވައިދޭ މަޝްހޫރު ބޮޑެތި ޕޭޖުތަކުގައި އޭނާ ނަގާ ފޮޓޯ އާއި ވީޑިއޯ ވައިރަލް ވާން ފެށި އެވެ.

"މިހާރު ފުދޭ ވަރަކަށް ބައިވަރު ޕްލެޓްފޯމްތަކުގައި އުޅޭނެ ވީޑިއޯތައް. ޕެޑީގެ އިންޓްގްރާމްގައި އުޅޭނެ ވަރަށް ބައިވަރު ވީޑިއޯ. ޕުބެޓީ އާތް، ބީބީސީ އާތްގައި ވެސް އުޅޭނެ އަދިވެސް ބައިވަރު އުޅޭނެ ވީޑިއޯތައް،" ޝިފާން ބުންޏެވެ.

"އެންމެ ފުރަތަމަ ވައިރަލްވި ވީޑިއޯއަކީ "ބްލޫ ޓޭންގް" ދެ މަސް ނަށާ ވީޑިއޯއެއް. މިހާރު އެ ވީޑިއޯގައި އެބަ އުޅޭ 4.3 މިލިއަން ވިއުސް. ފަހުން މި ނެގި އޯނެޓްގައި އުޅެނީ 3.8 މިލިއަން ވިއުސް. އެންމެ ގިނަ މީހުން ބެލި ވީޑިއޯ އަކީ "ޔެލޯ ބޮކްސް ފިޝް" ވީޑިއޯ. އޭގަ އުޅޭ 4.9 މިލިއަން ވިއުސް."

ޝިފާން އަށް އެންމެ ރީތީ އޭނާއަށް ނެގުން ހުރިހާ ޝޮޓްތަކެއްގެ ތެރެއިން ވެސް އީގަލް ރޭ އެވެ. ނަމަވެސް ޔެލޯ ބޮކްސް ފިޝްގެ ޝޮޓަކީ އެންމެން ވެސް ގަބޫލުކުރާ ގޮތުގައި "ވަން އިން އަ މިލިއަން" ޝޮޓެކެވެ. އެއީ އެހާ މަހަށް ފޯކަސް ކޮށް ނެގުމުންނާއި އޭގެ ސައިޒު ކުޑަކަމުންނެވެ.

"ބޮބްޓެއިލް ސްކުއިޑް" އަކީ ވެސް އާންމުކޮށް ރާއްޖޭގެ ކަނޑުތަކުން ނުފެންނަ "ބޮބްޓެއިލް ސްކުއިޑް" އާއި "ސްޕެނިޝް ޑާންސާ"ގެ ވީޑިއޯތަކަކީ ވެސް އޭނާގެ ލެންސުން ނެގި، އެތައް ބަޔަކަށް ފެނުނު ވީޑިއޯތަކެކެވެ. ރާއްޖެއިން ފެންނަ މަސްތަކުގެ ތެރެއިން ވެސް އެންމެ ތަފާތު އެއްޗަކަށް ޝިފާންއަށް ފެނުނީ ވިޓިލިގޯ (ހުދުބަލި) ހުންނަ މިޔަރެއް ކަމަށް އޭނާ ބުންޏެވެ.

ސިފައިންގެ ވަޒީފާ ދޫކޮށް، ދިރިއުޅުން ކަނޑުއަޑިއަށް

އެންމެ ކުޑައިރުން ފެށިގެން ވެސް މަސްވެރިކަމަށް ޝައުގު ހުންނަ ޝިފާން، އޭލެވެލް ނިންމުމަށްފަހު 2014ގައި ވަޒީފާއަކަށް ވަނީ ސިފައިންގެއަށެވެ. ފަސް އަހަރު މަސައްކަތް ކުރުމަށްފަހު 2019 ވަނަ އަހަރު ސިފައިންގެއިން ކެނޑިގެން ކެރިއާ ބަދަލުކޮށްލީ ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖެއްސުމަށެވެ.

"ކުޑައިރުން ފެށިގެން ވެސް މަސް އެއްޗެހި ވަރަށް ގެންގުޅެން. ބައްޕައަކީ މަސްވެރިއަކަށް ވީމަ ކަން ނޭނގެ، ޝައުގު ހުރޭ އަބަދު ވެސް މަސް ގެންގުޅެން. ބޮޑުވީ ވެސް މޫދަށް،" އޭނާ ބުންޏެވެ.

ޝިފާން އެމްއެންޑީއެފްގެ ޓްރެއިން ނިންމުމަށްފަހު އޭނައާ އެއް ބެޗެއްގައި ނިންމި އިތުރު ދެ ކުދިންނާއެކު.--

ސިފައިންގެއިން ކެނޑުމަށްފަހު ފެއާމޮންޓް މޯލްޑިވްސް ރިސޯޓުގެ ސެކިއުރިޓީގައި އެއް އަހަރު މަސައްކަތް ކުރުމަށްފަހު އެ ތަނުގެ މެރިން ބަޔޮލޮޖީ ޑިޕާޓްމެންޓްގެ އެސިސްޓެންޓް ސަސްޓެއިނަބިލިޓީ މެނޭޖަރަކަށް ބަދަލުވި ހިސާބަކީ އޭނާގެ ހުވަފެންތަކުގައި ކުލަޖެހުމުގެ ފެށުމެވެ.

އެ ތަނުގަ ދެ އަހަރު ކުރަމުން ދިޔަ މަސައްކަތަކީ ކޮރަލް ޑެސްޓިނޭޝަން، ސްނޯކްލިން، ކޮންޒްވޭޝަން، ޕްލާސްޓިކް ރިސައިކްލިން ފަދަ ކަންކަމެވެ. މަސައްކަތް ކުރަމުން ޔޫޓިއުބް ބަލައިގެން ވީޑިއޯ/ ފޮޓޯ ނެގުމަށްފަހު އެޑިޓް ކުރަން ވެސް އޭނާ ދިޔައީ ދަސްކުރަމުންނެވެ. އެއަށްފަހު ރިޒް ކާލްޓަންއިން ލިބުނު ފުރުސަތުގައި އެ ތަނުގެ ޑައިވް ސެންޓަރުގެ ފޮޓޯ/ވީޑިއޯ ގްރާފަރަކަށް ބަދަލުވެ، މިހާރު އެ ތަނުގައި މަސައްކަތް ކުރާތާ އަހަރެއްވީ އެވެ.

ޝިފާން، ފެއާމޮންޓް މޯލްޑިވްސްގައި މަސައްކަތް ކުރިއިރު.--

"ޔޫޓިއުބް ބަލައިގެން ހުރިހާ އެއްޗެއް ވެސް ދަސްކުރަނީ. މިދިޔަ އަހަރު އިންވެސްޓް ކޮށްގެން އަމިއްލަ ކެމެރާއެއް ގަތީ. ކެމެރާ އާއި އެއަށް ބޭނުނާވާ އެއްޗެހި ގަތުމަށް މިހާތަނަށް 8000 ޑޮލަރު ވަރު އިންވެސްޓް ކުރެވިއްޖެ،" އޭނާ ބުންޏެވެ.

ޝިފާންގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް އޭނާ ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާއިރު އޭނާ މިހާރު މަސައްކަތް ކުރަނީ ޑޮކިއުމެންޓްރީ ތައްޔާރު ކުރަން ވީޑިއޯ ނަގައި އެޑިޓް ކުރަން ދަސްކުރުމެވެ.

"ގޯލަކީ ނެޓްޖީއޯ [ޗެނަލް]. ނެޓްޖީއޯ އެއްޗަކަށް ފީޗާ ވެވުނީމަ އެހިސާބުން ހިންދަމާލެވުނީއެ."

6 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 4%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 79%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދުއަލޯ

01 April 2024

ވަރަސް ސަޅި. ކާމިޔާބު އެދެން. ޒުވާން މަސްވެރިޔާއަށް ނުވާތީ ށަރަފު ލިބޭދުވަހު.

The name is already taken The name is available. Register?

ތިމާވެށި

30 March 2024

މި ރޮނގުން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް މުހިއްމު މީހެކެވެ. ސޯސަލް މީޑީޔާ އަކީ މިހާ އެކަން ރަނގަޅަށް ކޮށްފި ނަމަ ވ ފައިސާ ލިބޭ ވަސީލަތެކެވެ.

The name is already taken The name is available. Register?

ދިވެހިރައްޔިތެއް

30 March 2024

ރާއްޖޭގެ ކަނޑުތައް ހާދަ ރީއްޗޭދޯ

The name is already taken The name is available. Register?

ކުޑައިބުރާހިމްފުޅުބޭ

30 March 2024

ސާބަހޭ މޫދުމިހާ. ތިޔަހަރީ ފިސާރި އާދަމުގެދަރިއެއް..

The name is already taken The name is available. Register?

ގުޑް

30 March 2024

ބުނާނެ އެއްޗެެއް ނެތް. ސަޅި. ފުރިހަމަ.

The name is already taken The name is available. Register?

އައިމިނާ

30 March 2024

ވ.މޮޅު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454