24 މާޗް 2024 - 13:22
މެޑްރިޑް (ފެބްރުއަރީ 24) – ރެފްރީންނަށް ހެދޭ ގޯސްތައް، އެނަލައިސްކޮށް އެ މަންޒަރުތައް ރެއާލް މެޑްރިޑް ޓީވީން ދެއްކުމަކީ، އެ ކްލަބުން ކުރާ ލަދުވެތި ކަމެއް ކަމަށް ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
ރެފްރީންނަށް ހެދޭ ގޯސްތައް އެނަލައިސްކޮށް، އެ މަންޒަރުތައް ތަކުރާރުކޮށް ރެއާލް މެޑްރިޑް ޓީވީން ދައްކަ އެވެ. ސްޕެއިންގެ ރެފްރީސް އެސޯސިއޭޝަނުން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ލަޕޯޓާ ވިދާޅުވީ، ރެފްރީންގެ ގޯސްތައް ރެއާލް މެޑްރިޑް ޓީވީން އެނަލައިސިސްކޮށް ދެއްކުމަކީ ރެފްރީންނަށް ނުފޫޒު ފޯރުވުން ކަމަށެވެ.
"އެ މީހުން [ރެއާލް މެޑްރިޑް ޓީވީން] ދައްކައި ދޭން އުޅެނީ ބާސެލޯނާއިން ރެފްރީންނަށް ނުފުޒޫ ފޯރުވަނީއޭ. އެކަމަކު އެ މީހުން އެކުރާ ކަމަކީ ރެފްރީންނަށް ނުފޫޒު ފޯރުވުން،" ލަޕޯޓާ ބުންޏެވެ.
"އެކަމަކީ ވަރަށް ލަދުވެތި ކަމެއް."
ލަޕޯޓާ ވިދާޅުވީ، ރެއާލްއާ އެކު އޮންނަ ގުޅުން ރަނގަޅު ނޫން ކަމަށެވެ.
ނަމަވެސް ޔޫރަޕިއަން ސުޕަ ލީގުގެ މަސައްކަތް އެ ކްލަބާ އެކު ކުރަނީ އާމުދަނީ ހޯދޭނެ ވާތީ ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.
"އޭރު ޔޫރަޕިއަން ސުޕަ ލީގު ފެށުނުނަމަ، މި ދެ އަހަރު ތެރޭ އޮންނަނީ ކްލަބްތަކަށް ވަރަށް ބޮޑު އާންމުދަނީއެއް ލިބިފަ،" ލަޕޯޓާ ވިދާޅުވި އެވެ.
"ސުޕަ ލީގު އަންނާނެ. ހީވަނީ 2025 ގައި ފެށޭނެ ހެން."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy