28 މާޗް 2024 - 10:01
މެޑްރިޑް (މާޗް 28) – ނަސްލީ އިމްތިޔާޒާ ދެކޮޅަށް ކެމްޕޭނު ކުރުމަށް ބްރެޒިލާއި ސްޕޭން، ކުޅުނު މެޗުން، ޗެރިޓީ އަށް ފައިސާ ނުދޭ މައްސަލަ ފެންމަތި ވެއްޖެ އެވެ.
މެޑްރިޑްގެ ސެންތިއާގޯ ބެރްނަބްއޭގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ހާއްސަ ކުރީ ނަސްލީ އިމްތިޔާޒާ ދެކޮޅަށެވެ.
އެ މެޗު ކުޅެން ނިންމީ ވެސް ބްރެޒިލާއި ރެއާލް މެޑްރިޑްގެ ފޯވާޑް ވިނީޝިއުސް ޖޫނިއާ އަށް ދަނޑުން ކުރިމަތިވާ ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ތެދުވުމުގެ ގޮތުންނެވެ.
އެ މެޗުން 5.4 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ސްޕޭނުގެ އެފްއޭ އިން އަންދާޒާ ކުރެ އެވެ. އެކަމަކު ނަސްލީ އިމްތިޔާޒާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ޗެރިޓީ އަކަށް ވެސް އަދި އިންސާނީ ހިދުމަތް ކުރާ އެހެން ޗެރިޓީއަކަށް ސެންޓެއް ހާ މިންވަރުން ވެސް ނުދެ އެވެ.
މެޗުން ހާސިލުކުރަން ބޭނުންވި މަގްސަދު ވެސް އަތު ނުވެ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ވިނީޝިއުސް ދަނޑުން ފައިބައިގެން ދިޔައިރު ސްޕޭނުގެ ބެންޗުގައި ހުރި އަލްވާރޯ މޮރާޓާ އޭނާ އާ ދިމާކުރި އެވެ.
އެ މައްސަލައިގައި ވެސް ސްޕޭނުގެ އެފްއޭ އަށް ފާޑުކިޔުން އަމާޒުވި އެވެ.
މެޗުން ދޭން ބޭނުންވާ މެސެޖް ނުދެވުނެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމާ ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ މޮރާޓާ އަށް ވެސް ސަޕޯޓަރުން ދިމާ ކުރި އެވެ.
މެޗުގެ އެއް ދުވަސް ކުރިން ކޮންމެ ޓީމަކުން ދެ ކުޅުންތެރިން ދަނޑަށް ނުކުމެ ދެ ޓީމުގެ ޖޯޒީގައި ޖަހާފައިވާ މެސެޖް "އެއް ބައެއް" ދައްކާލުން ފިޔަވައި ދެވުނު ރަނގަޅު އެއްވެސް މެސެޖެއް ނެތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy