ކޮންމެ އަތޮޅަކުން ޕާސްޕޯޓް ހެއްދޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާތީ އެކަމާ ގުޅޭ މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 މާޗް 2024 - 14:38
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ހިދުމަތް ފަށަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ރަށްރަށުގައި އަދިވެސް ދިރިއުޅެމުން އަންނާތީ ރަށްރަށުން ހިދުމަތް ފަހިވެފައި އޮންނަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުން ވެސް ގިނަ ބަޔަކު ޕާސްޕޯޓުގެ ހިދުމަތަށް އެދެމުން އަންނާތީ ފަސޭހަ ކުރުމުގެ ގޮތުން ހުރިހާ އަތޮޅަކުން ވެސް ޕާސްޕޯޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިހާރު ސަރުކާރުން ނިންމާފައި އޮތީ ކޮންމެ ސިޓީއަކާއި ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލްގައި ވެސް ޕާސްޕޯޓު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.
"ހިދުމަތް ފުޅާކުރަމުން މިދަނީ ރާއްޖޭގެ މި ވަގުތު ހާލަތާއި ސިޓީތަކުގެ ކަންކަން ހުރި ގޮތަށް ބަލާއިރު މަސައްކަތް ކުރިއަށް ގެންދަނީ ފިޔަވަހި ތަކަކަށް ބަހާލައިގެން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު، މުހައްމަދު ޝަމްއާން ވިދާޅުވީ މި ވަގުތު ވެސް އިމިގްރޭޝަނުން އަންނަނީ ސިޓީތަކުން ޕާސްޕޯޓު ދޫކުރަމުން ކަމަށެވެ.
ޝަމްއާން ވިދާޅުވީ ހުރިހާ އަތޮޅަކުން ޕާސްޕޯޓު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު މުވައްޒަފުން ނެގުމާއި ޕާސްޕޯޓު ސެޓަޕު ހެދުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
"ބޭނުމަކީ އާންމުން ބޮޑު ހަރަދެއް ނުކޮށް ސަރުކާރުން މިދޭ ހިދުމަތްތައް ރަށްރަށުންނާއި އަތޮޅުތަކުން ލިބިގެން ދިއުން،" އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަނާއި ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އަދި ޑީއެންއާރު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޮންޓްރޯލަރު ވިދާޅުވީ އަތޮޅު ތެރެއިން ކޮންމެ މަހަކު، ޕާސްޕޯޓުގެ ހިދުމަތް ހޯދުމަށް 1،200 އެއްހާ މީހުން މާލެ އަންނަ ކަމަށެވެ. ޕާސްޕޯޓު ހެއްދުމަށް ހޭދަވާ އަދަދަށް ވުރެ ޕާސްޕޯޓު ނަގަން މާލެ އައުމަށް ކުރާ ހޭދަ ބޮޑު ކަމަށް ކަމަށް ވެސް ޝަމްއާން ވިދާޅުވި އެވެ.
"5،000-6،000 އާ ދެމެދުގެ ހަރަދެއް [ޕާސްޕޯޓް ހައްދަން މާލެ އަންނަން ކޮންމެ މީހަކު] އެބަ ކުރޭ. މިއީ ވަރަށް ބޮޑު ހަރަދެއް ހުރިހާ ރައްޔިތުންނަށް ބަލަންޏާ. އަހަރެއްގެ މައްޗަށް އެބަ ހަރަދުވޭ 77.7 މިލިއަނެއްހާ ރުފިޔާ. އެހެންވީމާ މި ނިންމުމާ އެކު މި ހަރަދު ކުޑަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޝަމްއާން ވިދާޅުވި އެވެ.
ސަރުކާރުން އަމާޒު ހިފާފައި ހުރީ އެއް ފަހަރާ ހުރިހާ ރަށެއްގައި މި ހިދުމަތް ނުފެށުނަސް، އެކަމަށް ފުރަތަމަ އެދިފައިވާ ރަށްރަށަށް އިސްކަންދީގެން ކުރިއަށް ގެންދާށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައި ހުރީ އައިޑީކާޑުގެ ހިދުމަތް ވެސް ހުރިހާ އަތޮޅަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމްނު
29 March 2024
ފެނިގެން މިދަނީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަ އަދުގެ ސަރުކާރުން ލުއި ހޯދާތަން.
އިމްރާން މުހައްމަދު.
29 March 2024
މީގެ ސަބަބުން ޖީބުން ދާ ހަރަދު ވެސް ކުޑަވާނެ. އެހެން ޔާ ކުރިން މާލެ ދާން ޖެހޭނީ ޕާސްޕޯޓް ހަދަން
މުއްތަސިން
29 March 2024
ދެން ނުޖެހޭނެ ޕާސްޕޯޓް ހަދަންށޭ ކިޔާފަ މާލެ ދާން.
ރިފްއަތް ހަސީން
29 March 2024
ފެނިގެން މިދަނީ ކަން ކުރަން އިނގޭ ނަތީޖާ ނެރެން އިނގޭ މީހުން ހަވާލުވީމަ ތަފާތު.
ނިހާމް ހަސަން
29 March 2024
ސާބަހޭ ސާރުކާރު. އެހެން ސަރުކާރުތަކުން ނުކުރި ކަންކަން ތިމޮށްލަނީ އެއްމެ 4 މަހުން
ސްޜޮކް
29 March 2024
އޭ ބުރޯ. އީޕާސްޕޯޓް 32 ޞަފްހާ ސްޓޮކެއް ނެތޯ. މިހާރު 2 މަސް ވެއްޖެ އެހެން ކިޔާތާ
ލޯބިވާ
29 March 2024
32 ޕޭޖް ގެ އީ- ޕާސްޕޯޓް ނުލިބޭތާ ކިތައްމެ ދުވަހެއް، ސްޓޮކް ހުސްވެފަ ހުންނަތާ 4 މަސް ވަނީ.
1828
29 March 2024
ކޮންމެ އަތޮޅަކުން ޕާސްޕޯޓް ހެއްދޭ ގޮތަށް ހެދީމައި މުޤައްދަސް މާލޭ މީހުންނަށް ކިހާ ގެއްލުމެއްވާނެ ތޯ؟ ތިޔަވަރުގެ ކަމެއްކުރަން ހެޔޮނުވާނެއް ނޫން ތޯ؟ މާލެ ނާރައި އަސާސީ ޚިދުމަތްތައް އެ އަތޮޅަކުން ލިބެންޖެހޭ. ތިޔައީ އެއްވެސް މުޤައްދަސްކަމެއް އޮތް ފަސްގަނޑެއްނޫން. މިއޮއްހުރިހާ ދުވަހު މާލެއަށް ހުރިހާ ބާރެއް ޖަމާކޮށްގެން ރާއްޖެތެރޭ މީހުން ހަމަ ގަނަ ތެޅުވީ. ސަބަބަކީ މާލޭގެ ގެދޮރުވެރިންނަށް އީޒީ މަނީ މޭކްކޮށް ދިނުން.
ޕަސްޕޯޓު
28 March 2024
ކަޑަ ކަމެއް... ވަގު ޕާސްޕޯޓުތައް ހެދުމުގެ ފުރުސަތު އެބައޮތް.
ޖައްރާފް
28 March 2024
2024 ވަނަ އަހަރާހަމަޔައް އައިރުވެސް ޕާސްޕޯޓް ހަދަން މާލެ އަންނަން ޖެހޭގޮތަށް އޮތުމަކީ ލަދުވެތިކަމެއް.