އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލި ރޭ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ގެއަށް ފައިސާ ކޮތަޅެއް ގެންދިޔަ ކަމަށް އެ އިދާރާގެ ކުރީގެ މުވައްޒަފަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފަސް ލައްކަ ރުފިޔާ ހޯދި ކަމަށް ބުނެ ޝަމްއާން ހައްޔަރުކޮށް، އޭނާގެ މައްޗަށް ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ އިތުރުން މަނީލޯންޑްރިންގެ ދައުވާ ކުރެ އެވެ.

ކޯޓުގައި މިއަދު ފުރަތަމަ ހެކިބަސް ދިނީ އެ މައްސަލާގައި ޝަމްއާނާ އެކު ހައްޔަރުކުރި އިމިގްރޭޝަންގެ ކުރީގެ އޮފިސަރެއް ކަމަށްވާ އަހުމަދު ލައްސާނެވެ.

އޭނާ ބުނީ ހިފަހައްޓާފައިވާ ބިދޭސީއަކު ދޫކޮށްލާތީ އިމިގްރޭޝަންގެ ކާރުގައި އެ މީހާ ގެންގޮސްދޭން އެދުމުން އިމިގްރޭޝަންގެ އެހެން އޮފިސަރަކާ އެކު، ކާރުގައި އެ ބިދޭސީ މީހާ ގޮވައިގެން ދިޔަ ކަމަށެވެ. އަދި ބިދޭސީމީހާ ގެންގޮސް މާލޭގެ ސަރަހައްދަކަށް ބޭލިއިރު އެއްޗެއް ދިންކަން ނޭނގޭ ކަމަށް ލައްސާން ބުންޏެވެ.

ނަމަވެސް ލައްސާން ބުނިގޮތުގައި، އެ ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު، ރައީސް އޮފީސް ކުރިމަތީގައި ކާރު ޕާކްކޮށް، ދެވަނަ އޮފިސަރުގެ ސައިކަލު ފަހަތަށް އެރުމުން އެ އޮފިސަރު ލައްސާންގެ އަތަށް ކޮތަޅެއް ދިނެވެ. އެ ކޮތަޅު ޝަމްއާނާ ހަވާލުކުރަން ދާންޖެހޭ ކަމަށް ބުނުމުން އެ އޮފިސަރާ އެކު، ޝަމްއާންގެ ގެއަށް ދިޔަ ކަމަށާއި އެ ކޮތަޅު ހުޅުވިއިރު ފައިސާ ހުރި ކަމަށް ވެސް ލައްސާން ބުންޏެވެ. އެހެންވެ، ދެވަނަ އޮފިސަރާ އެކު ޝަމްއާން، ދިރިއުޅޭ ގެއަށް ގޮސް، އެ ކޮތަޅު ޝަމްއާންގެ އަތަށް ދިން ކަމަށް ލައްސާންގެ ހެކިބަހުގައި ބުންޏެވެ.

ލައްސާން ބުނި ގޮތުގައި، ޝަމްއާންގެ އަތަށް ކޮތަޅު ދިނުމުން އޭގެ ތެރެއިން ދެ ބޮނޑި ފައިސާ އަނެއް އޮފިސަރުގެ އަތަށް ޝަމްއާން ދިނެވެ. ނަމަވެސް ކޮތަޅުގައި ހުރި ފައިސާގެ އަދަދެއް ނޭނގޭ ކަމަށް ލައްސާން ބުންޏެވެ.

ލައްސާން ބުނިގޮތުގައި އޭގެ ކުރިން އެ ބިދޭސީ މީހާ ގޮވައިގެން ކާރުގައި ދިޔަ ވަގުތު ދެވަނަ އޮފިސަރު އެހެން މީހަކާ ފޯނުން ވާހަކަ ދައްކަމުން 30،000ރ. ގެ ވާހަކައެއް ދެއްކި އެވެ. އަދި ސްޕީކަރަށް ލައިގެން ފޯނުން ވާހަކަ ދެއްކިއިރު އެއީ ކާކުކަން ނޭނގުނަސް، ޝަމްއާންގެ އަޑާ ވައްތަރު ކަމަށް ލައްސާން ބުންޏެވެ.

މިއަދު ދެވަނައަށް ހެކިބަސް ދިނީ އެ މައްސަލާގައި އިމިގްރޭޝަނުން ހިފަހައްޓައި، ފައިސާ އަތުލި ކަމަށް ބުނާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މައީނުއްދީން އެވެ.

އޭނާ ބުނިގޮތުގައި މިދިޔަ ރޯދަ މަހުގެ ރެއެއްގައި އިމިގްރޭޝަންގެ އޮފިސަރުންތަކެއް އޭނާ ދިރިއުޅޭ ގެއަށް ވަދެ، ކަބަޑުތައް ފާސް ކުރުމަށް ފަހު، އެތަނުން ފެނުނު ފައިސާއާ އެކު، އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަވާއިދާ އެއްގޮތަށް ރާއްޖޭގައި އުޅެނިކޮށެވެ.

އޭގެ ފަހުން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާ ބަލާ މީހަކު އައި ކަމަށް މައީނުއްދީން ބުންޏެވެ. އަދި އެ މީހާ އޭނާ ގޮވައިގެން ސައިކަލުގައި ތަންކޮޅަށް ދުއްވާފައި ގޮސް މަގެއްގައި މަޑުކުރި ކަމަށް ވެސްމައީނުއްދީން ބުންޏެވެ.

މައީނުއްދީން ބަލާ އައީ ކާކުތޯ ދައުލަތުން ސުވާލު ކުރުމުން އޭނާ ބުނީ އެއީ އެވަގުތު ޝަރީއަތުގައި މަޖިލީހުގައި ހުރި އަދި އެ މައްސަލާގައި ދައުވާ ލިބޭ ހަސަން ޝަހެޝާން ކަމަށެވެ.

އެތަނަށް ސައިކަލުގައި މައީނުއްދީން ގެންދިޔައިރު، އޭނާ ހިފަހައްޓަން ގެއަށް އައި ދެ އޮފިސަރަކު ވެސް އެތަނުގައި ތިބި ކަމަށް މައީނުއްދީން ބުންޏެވެ. އަދި އެވަގުތު އޭނާއާ އެކު ހިފެހެއްޓި 530،000ރ. ވެސް ހުންނާނެ ކަމަށާއި އޭގެ ތެރެއިން ފަސް ލައްކަ ރުފިޔާ ދިނުމުން ދޫކޮށްލާނެ ކަމަށް އެ މީހުން ބުނި ކަމަށްމައީނުއްދީން ބުންޏެވެ. އޭނާއަކީ ފަގީރެއް ކަމަށާއި އެ ފައިސާ ނުދެވޭނެ ކަމަށް ބުނެ، ފައިސާ ދޭން ފުރަތަމަ ދެކޮޅު ހެދި ކަމަށް ވެސް މައީނުއްދީން ބުންޏެވެ.

މައީނުއްދީން ބުނިގޮތުގައި ފައިސާ ދޭން ދެކޮޅު ހެދުމުން، އެ މީހުން އޭނާއަށް ދެއްކީ ޝަމްއާންގެ ފޮޓޯއެކެވެ. އަދި ފަސް ލައްކަ ރުފިޔާ ދިނުމުން ދޫކޮށްލާނެ ކަމަށް ޝަމްއާން ބުނި ކަމަށް އިމިގްރޭޝަންގެ އޮފިސަރުން އޭނާގެ ގާތުގައި ބުނި ކަމަށް ވެސް މައީނުއްދީން ބުންޏެވެ.

މައީނުއްދީން ބުނީ އޭނާ ދޫކޮށްލުމަށްޓަކައި ކާރެއްގައި އޭގެ ތެރެއިން އެއް އޮފިސަރަކާއެކު ދިޔައިރު، އެ އޮފިސަރު އެހެން މީހަކާ ފޯނުން ވާހަކަ ދެއްކި އެވެ. އަދި ފަސް ލައްކަ ރުފިޔާ އެ މީހުންނަށް ދިނުމާ އެކު، 30،000ރ. ހިފައިގެން ދެ ދުވަސް ތެރޭގައި ރާއްޖެއިން ފުރައިގެން ދާން އެ އޮފިސަރު އެންގި ކަމަށް އޭނާ ބުންޏެވެ.

އެހެންވެ، ބިރުން އެ ފައިސާ ދިން ކަމަށާއި އަދި އޭނާ ދޫކޮށްލުމަށް ފަހު، އެހެން ބިދޭސީއެއްގެ ގޭގައި އޭނާ ހުއްޓާ ވެސް އޭގެ ތެރެއިން އޮފިސަރަކު އެ ބިދޭސީ މީހާ މެދުވެރިކޮށް އޭނާއަށް ގުޅައި، ފުރައިގެން ދާން އިންޒާރު ދިން ކަމަށް ވެސް މައީނުއްދީން ބުންޏެވެ.

މައީނުއްދީން ބުނިގޮތުގައި އެ މައްސަލާގައި ބަޔާނެއް ދިނީ ފުރައިގެން ގޮސް ބަންގްލަދޭޝްގައި ހުއްޓާ ފުލުހުން އޭނާގެ އަންހެނުންގެ ފޯނަށް ގުޅައިގެން އެ މައްސަލާގައި ބަޔާނެއް ދޭން އެދުމުންނެވެ.

އެ މައްސަލާގައި ޝަމްއާންގެ އިތުރުން އިތުރު ބަޔަކަށް ވެސް ދައުވާ ކުރެ އެވެ. އެއީ މ. ހަޒާރީވިލާ އަހުމަދު ލައްސާނާއި ގ. ހެޕީސައިޑް ހަސަން ޝަހެޝާނާއި ހަމައެގޭ އިބްރާހިމް އަހުމަދާއި ތ. ބުރުނީ މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއިލްގެ މައްޗަށެވެ.

އޭގެ ތެރެއިން އަލްސަންއާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން އޭނާއަށް އިއްވި ލުއި އަދަބު ތަންފީޒުކޮށް ނިމި، އޭނާ މިހާރު ވަނީ މިނިވަންވެފަ އެވެ.