މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި އިމިގްރޭޝަންގެ އޮފިސަރު އިބްރާހިމް އަހުމަދުގެ މައްޗަށް 11 މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ. 

އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާ އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އެވެ.

މައްސަލައިގެ ޝަރީއަތް ފަށައި އަޑުއެހުންތައް ކުރިއަށް ދަނިކޮށް އޭނާ ވަނީ ކުށަށް އިއުތިރާފުވެ ދައުލަތާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ. އެ އެއްބަސްވުން ބަލައިގަނެ، ކްރިމިނަލް ކޯޓުން ވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މިދިޔަ ހަފުތާގައި ތިން ދައުވާއާ މެދު ވެސް ގޮތް ކަނޑައަޅައިފަ އެވެ. 

އެ އިއުތިރާފުގެ މައްޗަށް ރިއާޔަތްކޮށް، އިބްރާހިމް އަހުމަދު ކުށްވެރިވެއްޖެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އޭނާގެ މައްޗަށް ކުރާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއާ ގުޅިގެން އިއްވާފައިވަނީ، ދައުލަތާ އެކު އެއްބަސްވެފައިވާ ގޮތަށް، އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. 

ނަމަވެސް، އެ އަދަބުގެ ތެރެއިން ދެ މަސް ދުވަހަކީ ޖަލު އަދަބުގެ ގޮތުގައި ކަނޑައަޅައި، ބާކީ ބައި ޖޫރިމަނާއަކަށް ވަނީ ބަދަލުކޮށްފަ އެވެ. ޖޫރިމަނާގެ ގޮތުގައި ކަނޑައެޅީ 62،400ރ. އެވެ. 

ފޭރުމުގެ ދައުވާއާ ގުޅިގެން އިއްވާފައިވަނީ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ އަދަބުގެ ހަތް މަސް ޖަލު އަދަބުގެ ގޮތުގައި ކަނޑައަޅައި، ބާކީ ބައި ޖޫރިމަނާއަށް ބަދަލުކުރި އެވެ. ޖޫރިމަނާގެ ގޮތުގައި ކަނޑައެޅީ 130،800ރ. އެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި، ބިދޭސީ މީހާއަށް 50،000ރ. ދޭން އިބްރާހިމް އަހުމަދަށް އަންގާފައިވެ އެވެ. 

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއާ ގުޅިގެން އިބްރާހިމްގެ މައްޗަށް އިއްވީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމްގެ ތެރެއިން ދެ މަހަކީ ޖަލު އަދަބު ކަމަށް ކަނޑައަޅައި، ބާކީ ބައި ޖޫރިމަނާއަށް ބަދަލުކުރި އެވެ. ޖޫރިމަނާގެ ގޮތުގައި ކަނޑައެޅީ 62،400ރ. އެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ބިދޭސީއަކަށް 3،500 ޑޮލަރު ދޭން ވެސް އެންގި އެވެ. 

އިބްރާހިމް އަހުމަދާއި އިމިގްރޭޝަންގެ އެހެން ތިން އޮފިސަރުން ހައްޔަރުކުރީ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާންއާ އެކު އެވެ. ޝައްމާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދާއިރު އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެ ޝަރީއަތުގައި މިހާރު ވަނީ ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލައި، އޭނާ ބަންދުން ވެސް ދޫކޮށްލައިފަ އެވެ.

ދައުލަތުން ތުހުމަތު ކުރަނީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށެވެ.

ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ އޮޕަރޭޝަން ހިންގީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ، އެ ބިދޭސީންގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ބަންދުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަގައި ލައްސާން އަދި އަލްސަންއާ އެކު ވެސް ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދި އެވެ. އަލްސަންގެ މައްޗަށް ވަނީ ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއް އަދި 45،000ރ. ޖޫރިމަނާގެ އަދަބު ކަނޑައަޅައިފަ އެވެ.