މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖައިޒު މަންފާ ނަފާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި މީހުން.-- ފޮޓޯ: ޕޮލިސް
24 މާޗް 2025 - 03:27
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި މިދިޔަ ހުކުރު ދުވަހުގެ ރެއާ ހަމައަށް ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ހިމެނޭ ގޮތަށް، މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދާފައިވާ ކަަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށް، އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ރޭ އާއްމުކޮށްފި އެވެ.
އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއެއް ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފެނުނު 530،000ރ. ހިފައިގެން އިމިގްރޭޝަންގެ އޭރުގެ ކޮންޓްރޯލަރަކަށް ހުންނެވި ޝަމްއާންގެ ގެއަށް ދިޔަ މައްސަލައެއް ފެންމަތިވެ، އެކަން ފުލުހުން ވަނީ ބަލަން ފަށައިފަ އެވެ.
އެ މައްސަލައިގައި ޝަމްއާން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަގާމުން ވަކިކޮށް އެކަމާ ގުޅުން ހުރި އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ވަނީ އެ މައްސަލައިގައި ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ރޭ އާއްމުކޮށްފަ އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި އެންމެ ފުރަތަމަ، މިދިޔަ ހުކުރު ދުވަހުގެ ރޭ ތިން މީހަކު ހައްޔަރުކުރި އެވެ. އެއީ؛
- ތ. ބުރުނީ، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއިލް، 21
- ގ. ހެޕީސައިޑު، އިބްރާހިމް އަހުމަދު، 37
- ގ. ހެޕީސައިޑު، އަހުމަދު ސަހެޝަން، 47
އޭގެ ފަހުން ޝަމްއާން ހައްޔަރުކުރީ ޖެހިގެން އައި ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވިތަނާ އެވެ.
ފުލުހުން ރޭ ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެންމެ ފަހުން ހައްޔަރުކުރީ މ. ހަޒާރީވިިލާ، އަހުމަދު ލައްސާން، 40، ކަމަށެވެ.
ޝަމްއާނަށް "ރިޝްވަތުގެ" އިނގިލި ދިއްކުރެވުނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު، އެ ބިދޭސީންތައް ގެންދިޔަ ކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާތީ އެވެ.
ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮޕަރޭޝަން ހިންގީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެ އެވެ.
ފުލުހުން ބުނީ، އެ ބިދޭސީންތަކުގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނާއި އިތުރު ދެ މީހެއްގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިލްހާމް
25 March 2025
ގ. ހެޕީސައިޑު، އަހުމަދު ސަހެޝަން، ސަރުކާރުގެ މިހާ މުހިއްމު އިދާރާއެއްގެ ވަޒީފާ ދިން މީހެއްގެ މައްސަލަ ފުރަތަމަ ބަލަންވީ.
ކުރުޖާ
25 March 2025
މުލުވަގު ސަލާމަތުން ހުންނަހާ ހިނދަކު ވަގުންގެ ކްރޫ ދާނީ ބަދަލުވަމުން އާވަމުން. ބަސްޓްވާނީ އެމީހުން.
ތަކުރު..
25 March 2025
އިމިގްރޭޝަން އާއެކޮށް މިގޮތަށް ދެން އެންމެ ލާރި ނަގާތަނަކީ މާލޭ މުނިސިޕަލިޓީ.
ޒުވާރިއަހަންމަދު
24 March 2025
ޢިމިގްރޭޝަންގަ ތިކަހަލަ ބައިވަރު މީހުން އުޅޭ. ބިދޭސީން އަތުންނާ ބޭރުން މީހުންގެންނަ ދިވެހިން އަތުން ސީދާޢަދަދު ބުނެފަ ލާރިނަގާކަން އެންމެންނަށްވެސް އެނގޭ. ޒިންމާދާރު މަޤާމުތަކުގައި ޔުނިފޯމް އަޅައިގެން ތިބެ ކުރާ ވައްކަންތަކަށް ހަރުކަށި އަދަބު ދެވެންޖެހޭނެ. ރިހާކުރުފުޅި ވަގަށް ނެގީމަ އެކަންޏެއްނޫން ހައްޤު އަދަބު ދޭންޖެހޭނީ.
ވަގަ ކަލޯ
24 March 2025
ބޭބޭ! ޕުރޮފޭޝަނަލު ވަގުންގެ އަލާމާތާއި ސިފަ ކިޔާދީފާނަން
މާމިނގިލީ ޒާހިރު
24 March 2025
އިމިގްރޭޝަން ގައި އަދިވެސް އެބަތިބި ތިކަހަލަ މީހުން ބައިވަރު. އެކަމަކު އެމީހުން ބޮޑެތިމީހުނަށް ބައި އަޅަންޏާ ހައްޔަރު ކުރާނެ ކަމެއް ނެތް.
ވޯލް
24 March 2025
ވައްކަން ކުރަންވީ ހަމަ. މާދަންވެސް ކޭސް އޮށްބާލަފަ ނުކުތީމާ ދަންނަ މިހުންނާ ތިމާގެ މީހުންނާ އާއިލާއިން މިވެރިން ބަލައިގަނެ، އެފައިސާ ކޮޅުގެ ފަހަތުން އުޅޭނެ ދިވެހިން ވޭ ވިއްޔަ. އޭގެ އެންމެ ފުރިހަމަ ހެއްކަކި ދަުއލަތުން ބޮޑު ވައްކަން ކުރި އަދީބު.
ހަނދުމަކުރޭ
24 March 2025
ވިސްނާ ފިކުރު ކުރާ ބަޔަކަށް ޢިބްރަތެއް. އިއްޔެ ހުރީ ފަޚުރުވެރި ، ޝަރަފުވެރި ޔުނިފޯމެއްގައި، އެތަނުގެ ގެ އެންމެ އިސްމީހާގެ ގޮތުގައި. މިއަދު އެހެރީ ފުލުހުންގެ ބެލުމުގެ ދަށުގައި، އެންމެ އާދައިގެ މީހެކޭ އެއްފަދައިން ހުރަގޭގައި. ދުނިޔޭގެ ކަންހިނގާނީ މިހެން. ހަނދާން ކުރަންވީ ކަމަކީ ، ތިމާއަށް މަޤާމެއް ލިބުނަސް، ބޮޑާވެ ކިބުރުވެރި ނުވާން. ވަޒީފާ އަށް އިޚްލާސްތެރިވާން. މަޤާމާއި، ޢިއްޒަތް ދެއްވަނީވެސް ﷲ. އެ ގެންދަވާނީ ވެސް ﷲ. " ޝުކުރިއްޔާ. "
އެރިކް
24 March 2025
އަވަހަށް އިދިކޮޅު ޕާޓީން މި ބޭފުޅުންކޮޅު ރެސްކިއު މަސައްކަތް ފަށާ. އަދި އަންނަ ދައުރުގަ ވެރިކަމަށް އާދެވުނީމަ ރަނގަޅު މަގާމު ތަކެއް ދީ. ބޭނުންވާ ކަންކަން ކޮށްދެވޭނެކަން ސާބިތު ކޮށްދީފި. މި ގައުމުގެ ސަގާފަތަކީ އެއީ.
ނަންނީ
24 March 2025
އެ ބޭފުޅުން ވައްކަން ފުޅު ކުރައްވާ ކަމަށް ލަފާ ކުރެވެނީ އެއްޗެހި އަގު ބޮޑުވެ އަނގާއި އަތާއި ދިމާނުވާތި ކަމަށް ވެދާނެ