އިމިގްރޭޝަން ކޮންޓްރޯލަރު ކަމުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު އެ އިމިގްރޭޝަންގެ ހިދުމަތެއް ފައްޓަވައިދެއްވަނީ: އޭނާ މަގާމުން ވަކިކުރީ ބިދޭސީއަކު ދޫކޮށްލުމަށް އޭނާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ނެގި ކަމަށް ތުހުމަތުވާ މައްސަލައެއްގައި. -- ފޮޓޯ: ނިޝާން އަލީ| ހާރު
21 މާޗް 2025 - 16:49
އިމިގްރޭޝަން ކޮންޓްރޯލަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ރޭ ކުއްލި ގޮތަކަށް މަގާމުން ވަކިކުރީ ގިނަ އަދަދެއްގެ ފައިސާއާ އެކު ހައްޔަރުކުރި ބިދޭސީންތަކެއްގެ ތެރެއިން އެކަކު ދޫކޮށްލުމަށް އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައިކަން އެނގިއްޖެ އެވެ.
މި މައްސަލައިގެ މައުލޫމާތު އެނގޭ ފަރާތްތަކުން "މިހާރު" އަށް އެނގިފައިވާ ގޮތުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ނެގުމަށް ފަހު ދޫކޮށްލި ކަމަށް ބެލެވޭ މީހާ އަކީ ގިނަ އަދަދެއްގެ ފައިސާއާ އެކު މާލޭގެ ގެސްޓް ހައުސްއަކުން އަތުލައިގަތް މީހުންގެ ގުރޫޕެއްގެ ތެރޭގައި ހިމެނޭ މީހެކެވެ.
"މާލޭގެ ގެސްޓް ހައުސްއެއްގައި ބިދޭސީންގެ ބަޔަކު ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ ކަމުގެ ރިޕޯޓެއް ލިބިގެން އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކުލަ ހެދުމުގައި ގޮސް އެ ގެސްޓް ހައުސްއަށް ވަދެ ހަތް މީހަކު ގެންދިޔައީ އެ މީހުންގެ އަތުގައި ހުރި 530،000ރ. އާ އެކު. މި މީހުން ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށް ފަހު، މީގެ ތެރެއިން އެކަކު ޖެހިގެން އައި ރޭ އިމިގްރޭޝަންގެ ވެހިކަލެއްގައި ގެންގޮސް މަގުމައްޗަށް ދޫކޮށްލަނީ،" މައުލޫމާތު އެނގިވަޑައިގަންނަވާ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދޫކޮށްލި މީހާ އަކީ ބިދޭސީންގެ ތެރޭގައި އިސްކޮށް ހުރި މީހާ ކަމަށް ބެލެވޭ ކަމަށާއި އޭނާ ދޫކޮށްލަނީ ޑިޓެންޝަނަށް ގެންދިޔަ ދުވަހުގެ އަނެއް ދުވަހުގެ ރޭ ކަމަށެވެ.
"އޭނާ މަގުމައްޗަށް ދޫކޮށްލާފައި އިމިގްރޭޝަންގައި ކޮންޓްރޯލަރާ އެކު މަސައްކަތްކުރާ ދެ ސްޓާފަކު ސައިކަލްގައި ފައިސާ ކޮތަޅު ހިފައިގެން ސައިކަލެއްގައި ޝަމްއާންގެ ގެޔަށް ދިޔަކަން ވަނީ ތަހުގީގަށް މިހާތަނަށް ހޯދިފައި."
ފައިސާތަކާ އެކު ހައްޔަރުކުރި ބިދޭސީންގެ ތެރެއިން ދެން ހައްޔަރުކުރި މީހުން ދޫކޮށްނުލާ ކަމަށް ވެ އެވެ.
މި ތުހުމަތާ އެކު ޝަމްއާން މަގާމުން ވަކިކުރުމަށް ފަހު، ރޭގެ ވަގުތެއްގައި ވަނީ އޭނާގެ ގެ ވެސް ފާސްކޮށްފަ އެވެ. ފުލުހުން އެ ގެ ފާސްކުރުމަށް ފަހު ފައިސާ އާއި އެހެން ބައެއް ތަކެތި ގެންދިޔަކަން އެނގިފައި ވިޔަސް ފައިސާގެ އަދަދެއް އަދި ދެން ގެންދިޔަ ތަކެއްޗާ ބެހޭ ކަށަވަރު މައުލޫމާތެއް އަދި ނުލިބެ އެވެ.
ފުލުހުން މި މައްސަލައިގައި ހާމަކޮށްފައިވާ ހަމަ އެކަނި މައުލޫމާތަކީ މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމާއި ތިން މީހަކު ހައްޔަރު ކުރި ކަމެވެ. އަދި މި މީހުންނާ ޝަމްއާންއާ އެއްވެސް ގުޅުމެއް އޮތް ކަމަކަށް ވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ނޮވެމްބަރު 19، 2023 ގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރި ޝަމްއާންގެ ބަދަލުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު މިހާރު ވަނީ އެ މަގާމަށް އައްޔަންކުރައްވައިފަ އެވެ.
އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި 14 އަހަރު މަސައްކަތް ކޮށްފައިވާ ޝަމްއާން އެ މަގާމުން ކުރިން ވަކިކޮށްފައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަން ފެށުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.
އެކަމަކު 2022 ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އޮތީ ޝަމްއާން ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އަލުން ވަޒީފާ ރުޖޫއަ ކޮށްދިނުމަށް އަންގައިފަ އެވެ. އޭނާ އަށް އިމިގްރޭޝަން ކޮންޓްރޯލަރުކަން ދިނީ މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލުމާއި ގަވައިދުތަކުގެ ތެރެއަށް އެ މީހުން ފެއްތުމަށް ބޮޑެތި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސް، ގަވާއިދާ ހިލާފަށް އުޅޭ 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ މިހާތަނަށް ޑީޕޯޓުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންހާޖަރާ
23 March 2025
މީނަގެވެސް މިކަމުގެ އެދުރުވެރުވެރިޔަކީ ކާކުކަން ވަރަށް ސާފު.
ސެމި
23 March 2025
އެކަމަކު ފަޒުލް މިއަށްވުރެ ބޮޑުވައްކަމެއްކުރީމަ އެނަ ވަޒިފާބަދަލުކޮށް ގެއިންފެނުނު އެއްމިލިއަން ރުފިޔާވެސް ައަބުރާދިނީ
މުއްބެ
23 March 2025
ވަރަށް ސާފު. މި ވެރިކަމުގަ ވަގުންހިފާ ހައްޔަރުކޮށް ގާނޫނު އެމީހުންގެ މައްޗައް މޫނެއް ކަނދުރައެއް ބެލުމެތްނެތި ހިނގާނެކަން ރައީސް މުއިޒު އެއްދަކުވައިދެނީ.
ސެމި
23 March 2025
ކޮބާ ފަޒުލް ކޮބާ ހީނާ ދިވެހިން މިއީ ގަމާރުންނެއްނުން
އަފްރާސިޔާބު
23 March 2025
ވަރަށް ސާފު. ބައި އެޅުމަކީ ކުރަންޖެހޭ ކަމެއް. އެއެއްވެސް އެއްޗެއް ނުލިބި ދިއުމަކީ ގަބޫލު ކުރެވޭނެ އަދި ޓޮލެރޭޓް ކުރެވޭނެ ކަމެއް ނޫން. ވަކިކޮށްލީ.
މިނިސްޓަރ
23 March 2025
މިނިސްޓަރ ފައިސަލް ވަކި ކުރިއިރު އެއްވެސް ސަބަބެއް މީޑިޔާ އަށް ތިލަ ނުކުރީ ކީވެބާ!
ޖޭމްސް ކުކީ
22 March 2025
މި ގައުމުގެ މުއައްސަސާތަކަކީ ގޭންގްތަކެކޭ ހީވާހިސާބަށް މި ދިޔައީ. އޯގަނައިޒްޑް ކްރައިމް މި ހިންގަނީ ނެޝަނަލް އިންސްޓިޓިއުޓްތަކުން. ކާނަލް ނާޒިމް ފްރޭމްކުރީ ފުލުހުން. މި ގައުމުގައި މީހުން ފްރޭމްކުރާކަމަށް އެންމެގިނައިން އަޑުއިވެނީވެސް އެމީހުން. ކަސްޓަމްސް، އެމްޕީއެލް ތަންތަނަށް ކަޓުނުދޭ ކުންފުނިތަކަށް ހަބޭހަށް ޖެއްސުންކޮށްލާ. ޑެމަރޭޖް ނާރުވާ ކްލިއަރކުރަން ބޭނުންނަމަ ކަސްޓަމްސް، އެމްޕީއެލް އަދި އެމްއެފްޑީއޭގެ ހެލް އޮފިސަރަށް ކަޓުދޭންޖެހޭ.
އަފްރާސިޔާބު
23 March 2025
އަނެއް ދިވެހިރާއްޖޭގެ ރަދުންގެ މުއައްސަސާތަކުގެ ރަސްމީ މަސައްކަތަކީ ފައިސާ ހޯދުން. ކޮބާ މިހާރު ހޯމް ސެކިއުރިޓީ. ގޭގައި ހުއްޓާވިއްޔާ އެނެގީ.
ވަޓް
22 March 2025
މަގާމުން ދުރުކުރިޔަސް ބަދުނާމު ކުރުމުގެ ބޭނުމަކީ ކޮބާ؟ ތި މަޤާމަށް ދިޔަ އިރުވެސް ޝަންމާން އަކީ އަމިއްލަ ވިޔަފާރިކުރާ މީހެއް.
ކަޓް
22 March 2025
ވިޔަފާރި ވެރިޔާ މަޤާމަށް އައިސް ރިޝްވަތު ނެގުމުގެ ބޭނުމަކީ ކޮބާ؟ ވިޔަފާރި ފުޅާކުރަންތޯ؟
އެއްކަލަ މީހާ ދޯ
22 March 2025
އާއްމު އަގުތައް: 1. ބަންގަދޭޝް ކޯޓާ ވޯކްޕާމިޓް އެޕްރޯވަލް = 15،000.00 2. ސައިޓަށް ކޯޓާ އިތުރުކުރުން = ކޯޓާއަކަށް 4000.00 ރުފިޔާ 3. 10 އަހަަރަށް ޑީޕޯޓް ފިލުން / ބްލެކްލިސްޓް ފިލުވުން: 50000.00 4. 10 އަހަރުން މަތީގެ ބްލެކްލިސްޓް ފިލުވުން = 100000.00 5. މިސިންގ އެބްސްކޮންޑް ނުގަވާއިދުން ފިލުވުން = 15000.00 6. ވޯކްޕާމިޓް ޕްރޮސެސް އަވަސްކުރުން: = 1500.00 7. ވަގު މެޑިކަލް ރިޕޯޓް = 1500.00 8. މަގުމަތިން ހިފަހަށްޓާ މީހާ ދޫކުރުން = 75000.00
ޜޫޏޤޚޫޜޫ
23 March 2025
މިއީ ރޯދަމަހު ބާޒާރުގެ އަގުތައް؟
އެދުރު ބެ
22 March 2025
ބިދޭސީންގެ މައްސަލަ މިހާ ބޮޑަށް ގޯސްވެފައިމިވަނީ ހުރިހާ ދައުރެއްގައިވެސް އިމިގްރޭޝަންގެ ވެރިންނަށް ތިބޭ މީހުންގެ ނޭއްގާނީ އަމަލުތަކުގެ ސަބަބުން
ހަރައި
21 March 2025
ބަރާބަރު
ގާސިމް
21 March 2025
މިކަހަލަ ކިތައް ފަސްލައްކަ ނެގީ