ފިނޭންސް މިނިސްޓަރު: ދައުލަތުގެ މުވައްޒަފުންނާ ގުޅުންހުރި ފަރާތްތަކާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގެ އުސޫލުތައް ވަނީ ހަރުކަށިކޮށްފައި --- ފޮޓޯ/މިހާރު
31 މާޗް 2024 - 17:26
ދައުލަތުގެ އޮފީސްތަކުގެ ފައިސާއާބެހޭ އިސްވެރިންނާ އާއިލީ ގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން ގުޅުންހުރި މީހުންނާ އެކު ދައުލަތުން ވިޔަފާރީގެ މުއާމަލާތްތައް ކުރުން މަނާކޮށް، އަދި އެ ނޫން ވެސް ދައުލަތުގެ މުވައްޒަފުންނާ ގުޅުންހުރި މީހުންނާ އެކު ވިޔަފާރިކުރާ ނަމަ ހުއްދަ ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
މާލިއްޔަތު ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓްރީން އާންމުކުރި އުސޫލުގައިވާ ގޮތުން ދައުލަތުގެ އޮފީސްތަކުގެ ފައިސާއާބެހޭ އިސްވެރިންނާއި ޕްރޮކިއުމެންޓާބެހޭ އިސްވެރިންނާއި މާލީ ޒިންމާދާރު ވެރިޔާގެ އިތުރުން ސެކްރެޓަރީ ޖެނެރަލާ އާއިލީ ގޮތުން ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް އެއްވެސް ފަރާތަކާ އެކު ވިޔަފާރީގެ މުއާމަލާތެއް އެ އޮފީހަކުން ކުރުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ކަމަކަށް ހުއްދަ ދެވޭނީ ކުއްލި ހާލަތްތަކުގައި ފިނޭންސް މިނިސްޓްރީން ކަމަށް އެ އުސޫލުގައިވެ އެވެ.
މީގެ އިތުރުން އެ ނޫން ދައުލަތުގެ މުވައްޒަފުންނާ އާއިލީ ގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން ގުޅިފައިވާ ފަރާތަކާ އެކު ދައުލަތުގެ އޮފީހަކުން ވިޔަފާރީގެ މުއާމަލާތެއް ހިންގޭނީ ހާއްސަ ހުއްދައެއް ހޯދައިގެން ކަމަށް ވެސް އެ އުސޫލުގައިވެ އެވެ. އަދި އެގޮތަށް ހުއްދަ ދިނުމުގައި ވަކި ހާއްސަ ކަންކަމަށް ބަލަން ޖެހުމުގެ އިތުރުން އެކަމުގެ ރެކޯޑް ގަވާއިދުން ބަލަހައްޓަން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ދާއިމީ ގޮތެއްގައި އެގޮތަށް ހުއްދަ ނުދެވޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.
އެ އުސޫލުގައިވާ ގޮތުން އާއިލީ ގޮތުން ގުޅިފައިވާ ކަމަށް ބަލާނީ މައިންބަަފައިންނާއި ކައިވެނިކޮށްގެން އުޅޭ މީހުންނާއި ދަރިންނާއި އެއްބަނޑު އެއްބަފާ މީހުންނާއި އެއްބަފާ ނުވަތަ އެއްބަނޑު މީހުންގެ އިތުރުން ދޮންދަރިންނާއި ކައިވެނިކޮށްގެން އުޅޭ މީހުންގެ އާއިލާ މީހުން ވެސް ހިމެނޭ ގޮތަށެވެ.
ދައުލަތުގެ މުވައްޒަފަކަށް މުސާރައެއް ނުވަތަ އުޖޫރައެއް ދޭ ނަމަ އެއީ ވެސް ގުޅުން އޮތް ފަރާތެއް ކަމަށް ބެލެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.
އެ އުސޫލުގައިވާ ގޮތުން އެއާ ހިލާފަށް އަމަލުކޮށްފިނަމަ މާލިއްޔަތު ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކުނޑި
01 April 2024
މި އުސޫލުން ހަގީގަތުގައި މަނާ ވުމުގެ ބަދަލުގައި އެކަމަށް ފަހި ވެގެންދާނެ!
ފޫނު
01 April 2024
ރަނގަޅައް ކަމެއް ކޮއްފިއްޔާ ހަޖަމު ނުވާ ބަޔަކު ތިބޭނެ
އޮނަރަބްލް އަފީފު ދީދީ
01 April 2024
ތިޔަ ޤަވާއިދު ހަމައެކަނި މުވައްޒިފުންގެ މައްޗަށް ހިންގުމުން ތިކަން ކުރެވުނީ ކަމަކަށް ނުދެކެން. # ދައުލަތުން 80 މިލިޔަން ޑޮލަރު ޙަރަދުކުރި ކ.ހުޅުލޭ ސީޕްލޭން ޓާމިނަލް ކަންތައް ނިންމާން ބޯޑުގައި ތިމިމީހުން ކަންކުރީ ކިހިނެއް!؟ އެސްޓީއޯ، ބީއެމްއެލް، މޯލްޑިވިއަން، އެމްޓީޑީސީ ފަދަ ދައުލަތުގެ އެތައް ކުންފުންޏެއްގެ ބޯޑްގައި މަސްލަހަތު ފުށުއަރާ މީހުން ތިބިއިރު ސީއީއޯ އާއި އެމްޑީ ކަމުގައިވެސް އެފަދަ މީހުން އެބަތިބި ނޫންތޯ!؟ ކީއްވެ މިކަން ރަނގަޅު ނުކުރަނީ!؟
ކިހިނެއްދޭނީ
01 April 2024
އެއީ މިސަރުކާރެއް ނޫން އޭރު އެއީ އެހެން މީހެއްގެ ޒައާމަތު. މިހާރު ބޯޑުގަ ނުތިބޭނެ ފުށު އަރާނެ އެކަކުވެސް ރަނގަޅައް ބަލާބަލަ. ހަމަ ކޮމެންޓް ކުރިޔަސް ކަމަކު ނުދާނެ ނުބަލާ
އަފްރާސިޔާބު
01 April 2024
ތިޔައީ ރައީސް ޔާމީނު ފެއްޓެވި ގޮތަށް ގަވާއިދު އޮތްތަނުގައި ބާއްވާފައި އުސޫލެއް ހަދައިގެން ގާނޫނުގެ ތެރެއިން ޕްރޮޖެކްޓްތައް ނެގުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް. މިހާރު ކުންފުނިތަކާއެކު އެގްރިމެންޓް ހަދާފައި އިމްޕުލިމެންޓް ކުރަން އޮފީސްތަކަށް ފޮނުވަނީ އެގްރިމެންޓް. އެއީ ކޮންއިރަކު ކުރަން ނިންމި ކަމެއް ކަމެއްކަން ދަންނާނެ ޕްރޮކިއުމަންޓް މީހަކު ނެތް.
ޔަހޫޔާ
01 April 2024
އެމްޑީޕީ ކުދިންނައް ނުފެންނާނެ ރަނގަޅު ކަމެއް ކޮއްފިޔާ. ނިކަން ބަލާބަލަ ނިމިދިޔަ ސަރުކާރުން ހުރިހާ ޕްރޮޖެކްޓެއް ދީފައިވަނީ ރައްޓެހިންނާއި ޖޮއިންޓް ކުންފުނިތަކައް މުޅިންވެސް އަދި ގިނައިން ހުރީ ފައްޔާޒާ ގުޅޭ މީހުންގެ އެއްޗެހިތައް
އައިސްތުލި
31 March 2024
ބަލައްޗޭ ދެންތިޔައެންމެން ނުކުންނާނީ ތިޔަހުއްދަ ނަގައިގެން ....
ކުރިން
01 April 2024
އޭރުން ފެންނަން އޮންނާނެ ރީތިކޮއް ކުރިން ނޭނގޭނެ އެޔެއް މިޔެއް ވަކިކުރާކަށް
ލަތީފާ
31 March 2024
ނާދޮގެއް؟ އައިޖީއެމްއެޗް ގެ މެޑިކަލް މާފިޔާގެ ހިއްސާދާރުން ނަކީ ކޮބާތޯ؟ ގައްސާނު، ޖީސަސް އަފީފީ، ހިޔަލީ…؟؟ ގާސިމްގެ އަންހެނުން އެންމެ ފަހުން ހުރީ ޓްރާސްޕޯޓްގެ ވަޒީރަށް. ދެނޯ؟ އަލީ ޝިޔާމް، ނިމިދިޔަ ސަރުކާރުގެ ރައީސް އޮފީހުގެ ވަޒީރު، ރިސޯޓުތަކުން ނުދައްކާ ހުރި ކުލި އަދި ޖޫރިމަނާ؟ ވާހަކަ ދެއްކިދާނެ.
ކިހިނެއް
01 April 2024
އެންމެ ބޮޑައް ހުރީ ފައްޔާޒާއި ނާނު އާ ރޮޒޭ. އެކަން އެނގެން އޮންނާނެ ބަލާފިއްޔާ