ޣައްޒާގައި އިޒްރޭލުން ހަމަލާދިން ޗެރިޓީ ގްރޫޕްގެ ވެހިކަލް ކައިރިއަށް ބަޔަކު އެއްވެފައި: މި ހަމަލާގައި އިނގިރޭސި ވިލާތުގެ ތިން މީހަކާ އެކު ޖުމްލަ ހަތް މީހަކު މަރުވި.
04 އެޕްރީލް 2024 - 05:32
ޣައްޒާގައި ކާބޯތަކެތި ފޯރުކޮށްދޭން އުޅުނު ޗެރިޓީއެއްގައި މަސައްކަތްކުރާ އިނގިރޭސި ވިލާތުގެ ތިން މީހަކާއި އިތުރު ހަތަރު މީހަކު މަރުވި މައްސަލަ ބޮޑުވެ، އިނގިރޭސި ވިލާތުން އިޒްރޭލަށް ހަތިޔާރު އެކްސްޕޯޓްކުރުމުގެ ލައިސަންސް ސަސްޕެންޑްކުރުމަށް ގޮވާލަން ފަށައިފި އެވެ.
އިނގިރޭސިވިލާތުގެ ސްޓްރެޓެޖިކް ލައިސަންސިން ކްރައިޓީރިއާގައި ބުނެފައި ވަނީ ބައިނަލްއަގްވާމީ އަދި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފުވުމުގައި ބޭނުންކުރާނެކަން ސާފުކޮށް އެނގޭ ހާލަތުގައި އެ ތަނަކަށް ހަތިޔާރު އެކްސްޕޯޓްކޮށްގެން ނުވާނެ ކަމަށެވެ.
އިނގިރޭސި ވިލާތުން 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިޒްރޭލަށް 487 މިލިއަން ޕައުންޑް (614 މިލިއަން ޑޮލަރު) އަށް ވުރެ ގިނައިން ހަތިޔާރު ވިއްކަން ފާސްކޮށްފައިވެ އެވެ. އަދި އަމިއްލަ ކުންފުނިތަކުން އޯޕަން ލައިސަންސްގެ ދަށުން މިއަށްވުރެ ގިނައިން އެކްސްޕޯޓްކުރާނެ ކަމަށް ބެލެވެ އެވެ.
މީގެތެރޭގައި އެމެރިކާއިން އިޒްރޭލަށް ވިއްކާ އެފް-35 ފައިޓަ ޖެޓްތަކަށް ބޭނުންވާ އެތައް މިލިއަން ޕައުންޑެއްގެ ސާމާނު ހިމެނެ އެވެ.
އެމެރިކާގެ ޗެރިޓީ ޖަމިއްޔާއެއް ކަމަށްވާ ވޯލްޑް ސެންޓްރަލް ކިޗަން (ޑަބްލިއުސީކޭ) ގެ ހަތް މުވައްޒަފުން ޣައްޒާގައި މަރާލި މައްސަލައިގައި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ސަރުކާރުން އިޒްރޭލަށް ހަތިޔާރު އެކްސްޕޯޓް ކުރުން ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ގައުމީ ސަލާމަތާ ބެހޭ ކުރީގެ މުޝީރު ޕީޓާ ރިކެޓްސް ހިމެނި ވަޑައިގަންނަވަ އެވެ. އޭނާ އަކީ މަޖިލީހުގެ މަތިގެހައުސް އޮފް ލޯޑްސްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވެސް ވަނީ މިއީ އިޒްރޭލަށް ރަނގަޅު މެސެޖެއް ދޭންވީ ވަގުތު ކަމަށް ވިދާޅުވެ، ހަތިޔާރު ލައިސަންސް ސަސްޕެންޑްކުރުމުގެ ވަގުތު ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy