މީހުން / ރަމަޟާން 2024 މީހުން

ވަހީދުބެ: އުމްރާވެރިންގެ ދިވެހި "މާސްޓަޝެފް"

ރާއްޖެ އާއި އާއިލާއާ ދުރުގައި އަޅުކަމައިގެން މަސްއޫލުވެ އުޅޭއިރު، ހައްޖުވެރިން ނުވަތަ އުމްރާވެރިންގެ ހިތުގައި އުނދަގޫކަމެއް އޮންނަ އެއް ކަމަކީ ކެއުމެވެ. ދިވެހި ރަހަތަކާ މުޅީން ނުބައްދަލު، އާ ބާވަތެއްގެ ކެއުމަކަށް ހާއްސަކޮށް ދުވަސްވީ މީހުން ތައްޔާރެއް ނޫނެވެ. މައްކާ އާއި މަދީނާގައި އަޅުކަމަށް ހޭދަކުރާ ދުވަސްތަކުގައި ވެސް ދިވެހި ކެއުމާއި ރަހަތައް ނޫން ގޮތެއް ގިނަ މީހުން ކަމަކު ނުދެ އެވެ.

މިކަމުގައި އުމްރާވެރިންގެ އެންމެ ބޮޑު ތަސައްލީއަކީ ޒަމާންވީ ހިދުމަތްތެރިޔާ އިބްރާހިމް ވަހީދު (ވަހީދުބެ)، 63، އެވެ.

ވަހީދުބެ އަކީ ދިވެހި އުމްރާވެރިންނަށް އާ ނަމެއް ނޫނެވެ. އޭނާގެ ކެއުންތަކުގެ ރަހަ ނުބަލާ މީހެއް އާންމުކޮށް އުމްރާވާ މީހުންގެ ތެރޭގައި ނުހުންނާނެ އެވެ. ސައުދީއަރަބިއްޔާގައި ހުރެގެން ދިވެހި ކެއުންތައް ތައްޔާރުކުރާލެއް ފުރިހަމަކަމުން އޭނާއަށް ތައުރީފު ނުކުރާ މީހެއް ވެސް ނެތެވެ.

"މިކަމުގައި މި ހޭދަވީ އެތައް އަހަރެއް. އަބަދުވެސް ލިބެނީ ރަނގަޅު ކޮމެންޓްތައް. ކެއުންތައް މީރު ކަމުގެ ވާހަކަ އެންމެން ވެސް ބުނަނީ،" ވަހީދުބެއަށް އޮންނަ ހިތްހަމަޖެހުމަކީ މިއީ އެވެ.

މައްކާ އަދި މަދީނާއަށް ގޮސް އުމްރާވެރިންނަށް ކެއްކުމުގެ މަސައްކަތް ވަހީދުބެ ފެށީ މީގެ 20 އަހަރު ކުރިން، 2004 ވަނަ އަހަރު އެވެ. އޭރު އުފެދުނު މަނާސިކް ހައްޖު އަދި އުމްރާ ގުރޫޕްގެ ވެރިޔާ ދިން ފުރުސަތެއްގައި އެންމެ ފުރަތަމަ ވެސް މައްކާ އަށް ދިޔަ ވަހީދުބެ އެ ފެށި ދަތުރުގައި މިހާތަނަށް އެތައް ހާސް އުމްރާވެރިންނަށް ވަނީ އޭނާގެ ރަހަތައް ދައްކައިލައިފަ އެވެ.

"...މަނާސިކްގެ ވެރިޔާ ގުޅާފައި ބުނީ ތިޔަ ހެއްޔޭ ކައްކާ ވަހީދަކީ، ބުނީމަ ބުނިން އާނއެކޭ. ދެން އެހީ އުމްރާ ދަތުރެއް ކޮށްލަން ކެރޭނެ ހެއްޔޭ ކައްކާއަކަށް. އަޅުގަނޑު ބުނިން އާނއެކޭ. ބުނީމަ ބުނީ މުސާރަ ކިޔާށޭ. އަޅުގަނޑު ބުނީ އެހެންވެއްޖެއާ ނުދާނަމޭ. މުސާރައަށް ކިޔަން ނުދާނަމޭ. އެހެންނަމަވެސް، ޝަރުތެއް އެބަ އޮތޭ އެ އަހަރުގެ ހައްޖު ދަތުރު ދެންޏާ ކޮށްދޭނަމޭ. ބުނީ މައްސަލައެއް ނެތޭ. އެހާ ހިސާބުން ފެށިގެން ދެން ހައްޖާޖިންނަށް ހިދުމަތްކޮށްދޭން މި ފެށުނީ،" 20 އަހަރުގެ މެދުކަނޑުމެއް ނެތް ހިދުމަތް، އޭނާ ފެށި ގޮތް ވަހީދުބެ ކިޔައިދިނެވެ.

"މާތް ﷲ އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމައަށް ޝައުގުވެރިކަން އެބަހުރި ހައްޖާޖިންނަށް ހިދުމަތް ކުރުމުގައި. ދެން އަދި މިހާތަނަށް ހައްޖާޖިންގެ ފަރާތުން ވަރަށް ހިތްހަމަޖެހޭ ކޮމެންޓްތަކެއް ލިބެނީ. އެއީ ލިބޭ ވަރަށް ބޮޑު އުފަލެއް. ބުނެވޭނީ ހަމަ ވަރަށް ކުރާ ހިތްވާ ކަމެކޭ މިއީ."

ވަހީދުބެ އުމްރާވެރިންނަށް ކެއުން ބެހުމުގައި ހަރަކާތްތެރިވަނީ: 2004 ވަނަ އަހަރުން ފެށިގެން އޭނާ ގެންދަނީ ހިލޭ ސާބަހަށް އުމްރާވެރިންނަށް ކެއްކުމުގެ ހިދުމަތް ފޯރުކޮށްދެމުން

ކައްކަން ފެށީ މަޖުބޫރުން، މިހާރު އެއީ ހިތްހަމަޖެހުން

ހައްޖު އަދި އުމްރާވެރިންނަށް ވަހީދުބެ ހިދުމަތްކޮށްދޭތާ 20 އަހަރުވީ ނަމަވެސް، ކެއްކުމުގެ ދާއިރާގައި ވަހީދުބެގެ މަސައްކަތް އެއަށްވުރެ ވެސް މާ ދޮއްޓެވެ. މީގެ 46 އަހަރު ކުރިން، 1977 ގައި ފުރާވަރުގެ ވަހީދުބެ ކެއްކުމުގެ މަސައްކަތަށް ނުކުތީ ވެލައްސަރު ރިސޯޓުގެ ވަޒީފާއަކުންނެވެ. އެ ވަޒީފާއަށް އޭނާ ދިޔައީ ދާހިތަކުން ނޫނެވެ. ޅިއަން ބޭބެއެއް މަޖުބޫރު ކުރުމާ ގުޅިގެން އެ ނޫން ގޮތެއް އޭރު ނެތިގެންނެވެ.

ކައްކާގެ އެހީތެރިއެއްގެ ގޮތުގައި ވަހީދުބެ އެ މަސައްކަތް ފެށި ނަމަވެސް، އެކަމަށް ހިތްޖެހެން ދުވަސްތަކެއް ނެގި އެވެ. އެ ރިސޯޓްގައި ދުވަސްކޮޅަކު މަސައްކަތް ކުރުމަށް ފަހު ވަހީދުބެ ބަދަލުވީ މޫފުށި ރިސޯޓްގެ ކައްކާގެ އެހީތެރިޔާގެ ވަޒީފާއަށެވެ. އެއީ މުޅީން ވެސް އިޓަލީގެ ޓޫރިސްޓުން އޭރު އަންނަ ރިސޯޓަކަށް ވެފައި، އިޓަލީ ކެއުންތައް ކައްކާނެ ކައްކާއެއް އޭރު ދިވެހިންގެ ތެރެއިން ހޯދި އެވެ.

ވަހީދުބެގެ ނަސީބު ހުޅުވިގެން ދިޔައީ އެހާ ހިސާބުންނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޫފުށި ރިސޯޓްގެ މާލޭ މެނޭޖަރު ކަމުގައި ހުންނަވައިގެން އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ވަހީދުބެ އިޓަލީއަށް 1989 އަހަރު ފޮނުއްވި އެވެ. ތިން މަސް ދުވަހުގެ ކެއްކުމުގެ ޓްރެއިންނެއްގައި ހުރިހާ ވައްތަރެއްގެ އިޓަލީ ކެއުންތައް ތައްޔާރު ކުރަން އޭނާ ދަސްކުރި އެވެ.

"ޔޫރަޕް ކައްކާ"އެއްގެ ގޮތުގައި ވަހީދުބެ މަޝްހޫރުވެ މޫފުށި ރިސޯޓްގައި ކައްކާއެއްގެ ގޮތުގައި 1993 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރި އެވެ. އެއަށް ފަހު، ވަހީދުބެއަށް ޖެހުނީ ރިސޯޓުން ވަކިވެގެން މާލެ އަންނާށެވެ.

"...ދެން އަންހެނުން ބުނެފި ދަރިން ކުޑަވެ މާލެ ބަދަލުވާން. އެހެންވެ އަންހެނުންނާއި ދަރިން ކައިރީގައި ހުންނަން މާލެ އައީ ވަޒީފާއެއް ހޯދަން،" ގދ. ގައްދު އަށް އުފަން އެކަމަކު އުމުރުން 16 އަހަރު ފެށިގެން އެ ރަށަށް ނުވެސް ގޮސް މާލޭގައި ހަޔާތް ހޭދަކުރަމުން އަންނަ ވަހީދުބެ ބުންޏެވެ.

ވަހީދުބެ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްއާ އެކު: 2004 ވަނަ އަހަރުން ފެށިގެން އޭނާ ގެންދަނީ ހިލޭ ސާބަހަށް އުމްރާވެރިންނަށް ކެއްކުމުގެ ހިދުމަތް ފޯރުކޮށްދެމުން

ވަހީދުބެގެ ނަން މަޝްހޫރުވެފައި އޮތް މިންވަރާއި ނަސީބު ވެސް ރަނގަޅު ކަމުން އޭރު މާލޭގައި ހުރި އެންމެ ބޮޑު އަދި މަޝްހޫރު ހޮޓެލް ކަމަށްވާ ނަސަންދުރަ އިން ކައްކާގެ ވަޒީފާ ލިބުނެވެ. ނަސަންދުރަ އަކީ ވަހީދުބެ ހަގީގީ ލޯތްބެވެ. އެތަން ބަންދު ކުރުމާ ހަމައަށް ވެސް ވަހީދުބެ ހުރީ ތަނުގެ ކައްކާގެ ގޮތުގަ އެވެ.

ނަސަންދުރަ ހޮޓެލްގައި އުޅުމުން ހޮޓެލް ސްކޫލް ވެސް ހަދާފައިވާ ވަހީދުބެ އެތަނުގައި ވެސް ފުރަތަމަ މަޝްހޫރުވީ "ޔޫރަޕް ކައްކާ"ގެ ގޮތުގަ އެވެ. އޭރު ވަހީދުބެއަށް ދިވެހި ކެއުންތައް ކައްކަން ނުވަސް އެނގޭމެ އެވެ. ދިވެހި ކެއުންތައް ކައްކަން މާބޮޑު ޝައުގެއް އުފެދި އޭނާ އެކަން ދަސްކުރީ އޭރު ނަސަންދުރަ ހޮޓެލްގެ އެންމެ ކުޅަދާނަ އެއް ކައްކާ ކަމަށްވާ ކުޅުދުއްފުށީ އަބްދުއްރަހްމާން ކައިރިންނެވެ. އޭގެ ފަހުން ވަހީދުބެ ވީ އެ ހޮޓަލްގައި އަދި އޭގެ ބޭރުން ވެސް އެންމެ ޑިމާންޑް ބޮޑު ކައްކާއަށެވެ.

"ނަސަންދުރާގެ ޖީއެމް ޕެރިސް އަހުމަދު ނަސީމް އަޅުގަނޑަށް ކިޔާނީ މާސްޓާޝެފްއޭ ކިޔާފައި. ހެނދުނު ޑިއުޓީއެއް ނުދޭނެ. ލާނީ މުޅިން ވެސް ހަވީރު ޑިއުޓީއަށް އެއީ ހަވީރު ޑިއުޓީގައި ބިޒީ ވާތީވެ،" ނަސަންދުރާގައި ވަހީދުބެގެ އޮތް ޑިމާންޑް އޭނާ ބުނެދިނެވެ.

ނަސަންދުރާގެ ކައްކާގެ ހައިސިއްޔަތުން ބޮޑެތި ޖާފަތްތަކަށް އޭނާ ކެއުންތައް ތައްޔާރުކުރި އެވެ. ސަރުކާރުގެ އެންމެ ބޮޑެތި އިވެންޓްތަކަށް ވެސް ކެއުންތައް އޭރު ފޮނުވީ ވަހީދުބެ އަތުން ކައްކައިގެންނެވެ. އޭނާ އެއް ފަހަރާ އެންމެ ގިނަ ބަޔަކަށް ކެއްކީ ވެސް އެފަދަ އިވެންޓަކަށެވެ. އެއީ އެމްއެންޑީއެފްގެ އަހަރީ ދުވަހަކަށް 6،000 މީހުންގެ ކޮއްތެވެ. އޭގެ އިތުރުން ޖުމްހޫރީ ދުވަހުގެ ހާއްސަ ރަސްމިއްޔާތަށް ކޮންމެ އަހަރަކު ތައްޔާރު ކުރާ ކެއުމަކީ ވެސް ވަހީދުބެއަށް ވަރަަށް ހާއްސަ ކަމެކެވެ.

"ކުރީގެ ރައީސް މައުމޫންގެ ދައުރުގައި ވަރަށް ގިނައިން ޖުމްހޫރީ ދުވަސްތަކުގެ ކެއުންތައް ތައްޔާރުކުރިން. އޭގެ އިތުރުން ތީމްގެއަށް ވެސް ދާން ޖެހޭނެ މަހަކު ދެ ފަހަރަކު ކަހަލަ ގޮތަކަށް ކޮންމެ ވެސް އެއްޗެއް ހަދަން. ނަސަންދުރައަށް އެ ތަނުން ދައުވަތު ފޮނުވީމަ އަބަދުވެސް އަޅުގަނޑު ފޮނުވާނީ،" ވަހީދުބެ ބުންޏެވެ.

ވަހީދުބެ: 2004 ވަނަ އަހަރުން ފެށިގެން އޭނާ ގެންދަނީ ހިލޭ ސާބަހަށް އުމްރާވެރިންނަށް ކެއްކުމުގެ ހިދުމަތް ފޯރުކޮށްދެމުން

ނަސަންދުރަ ހޮޓެލް 2014 ވަނަ އަހަރު ތަޅާލުމާ ހަމައަށް ވެސް އެއީ ވަހީދުބެ އެންމެ ގަޔާވާ އެންމެ ލޯބިވި ތަނެވެ.

"ނަސަންދުރާ އަކީ ވަރަށް އުޅޭ ހިތްވި ތަނެއް. ތަޅާލިމަ ވެސް ވަރަށް ދެރަވި،" ނަސަންދުރާގައި ގާތްގަނޑަކަށް 20 އަހަރު ހޭދަކުރި އުފާވެރި ދުވަސްތަކަށް ނިމުން އައި ގޮތް ކިޔައިދިން އިރު ވަހީދުބެގެ މޫނު އަދިވެސް ފެންނަން ހުރީ އުދާސްކަމެކެވެ.

ނަސަންދުރާއަށް ފަހު ވަހީދުބެ ވަޒީފާއެއްގެ ގޮތުގައި ގުޅުނީ އެމްޕީއެލްގެ ކެފޭގެ ކައްކާއަކަށެވެ. އެކަމަކު އެ ތަން މާގިނަ ދުވަހަކު ނުހިންގުނެވެ. އެތަން ހިންގުން ހުއްޓާލުމުން ވަހީދުބެ އުޅުނީ ވަޒީފާ އިން ވަކިވެގެން ގޭގައި އިންނާށެވެ. އެކަމަކު، އޭރުގެ އެމްޕީއެލްގެ މެނޭޖްމެންޓުން އެދުނީ ވަހީދުބެ ގާތުގައި އަދި މަޑުކުރާށެވެ. އަދި އޭނާއަށް ސެކިއުރިޓީ އޮފިސަރެއްގެ މަގާމު ދިނެވެ. މިއަދާ ހަމައަށް ވެސް އޭނާ ހުރީ އެ ވަޒީފާގަ އެވެ.

"އަނބިދަރިން ކައިރީގައި އުޅެމުން މި ވަޒީފާ އިން ލިބޭ އެއްޗަކުން ވެސް ފުދޭ،" ވަޒީފާއެއްގެ ގޮތުގައި ކެއްކުން ދޫކޮށްލަން ޖެހުނަސް މިހާރު ހުޅުމާލޭގައި އަމިއްލަ ގެދޮރު ބިނާކޮށްފައިވާ ވަހީދުބެގެ ޝަކުވާއެއް ނެތެވެ.

ވަހީދުބެގެ ދޭފަތް އެހެން މީހަކަށް ނުދޭނެ، ރަހަތަކަކީ ސިއްރެއް

ވަޒީފާއެއްގެ ގޮތުގައި ކައްކާއަކަށް ނޫޅުނަސް، އޭނާ 2004 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ އުމްރާވެރިންނަށް ހިދުމަތް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށްވުރެ ވެސް ފުޅާކޮށް ކުރަމުންނެވެ. ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕް 2019 ވަނަ އަހަރު އުފެއްދީއްސުރެ އޭނާ އަންނަނީ އެ ގުރޫޕްގެ ކައްކާއެެއް ގޮތަށް ދަތުރުތަކުގައި ބައިވެރިވަމުންނެވެ.

ގިބްލަ ގުރޫޕާ އެކު މިހާތަނަށް މިދިޔަ ފަސް އަހަރު ތެރޭ ވަހީދުބެ ފަސް ވަރަކަށް އުމްރާ ދަތުރު މައްކާއަށް ކޮށްފައިވާއިރު، މި ވަގުތު ވެސް ވަހީދުބެ ހުރީ ރޯދައިގެ އުމްރާވެރިންނާ އެކު މައްކާގަ އެވެ. މާޗް މަހުގެ އުމްރާ ގުރޫޕާ އެކު މައްކާއަށް ދިޔަ ގޮތަށް ވަހީދުބެ ދެން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް/މެއިގެ އުމްރާ ވެސް ނިންމުމަށް ފަހު އެވެ.

އެ ހުރިހާ ދުވަހު މައްކާގައި ވަހީދުބެ ހޭދަކުރާ ދުވަސްތަކުގައި އެތައް ދިވެހިންނަކަށް ވަހީދުބެ އަތުން ކައްކާ ކެއުންތައް އޭނާ އަންނަނީ ފޯރުކޮށްދެމުންނެވެ. އުމްރާ ގުރޫޕްތަކުން މަޑުކުރާ ހޮޓެލްގައި ކެއުން ލިބެން ހުއްޓަސް، އުމްރާވެރިން އަބަދުވެސް އިހްތިޔާރު ކުރަނީ ވަހީދުބެގެ ކެއުމެވެ. ހޮޓެލްގައި ހުންނަ އުނދަގޫ ގަވައިދުތަކާ އެކު ކެއްކުމުގެ މަސައްކަތަކީ އެހާ ފަސޭހަ ކަމެއް ނޫނަސް، ވަހީދުބެގެ ހުރިހާ ރަހައެއް އަބަދުވެސް ހެޔޮވަރެވެ.

ވަހީދުބެ ތައްޔާރުކޮށްފައިވާ ކެއުމަށް ބަޔަކު އިންސާފުކުރަނީ: 2004 ވަނަ އަހަރުން ފެށިގެން އޭނާ ގެންދަނީ ހިލޭ ސާބަހަށް އުމްރާވެރިންނަށް ކެއްކުމުގެ ހިދުމަތް ފޯރުކޮށްދެމުން

ގޭހުން ކެއްކުމުގެ ހުއްދަ މިހާރު ވެސް ހޮޓެލްތަކުގައި ނުލިބޭއިރު ވަހީދުބެ ހުރިހާ ކެއުމެއް ވެސް ތައްޔާރު ކުރަނީ ކަރަންޓު އުނދުނުންނެވެ. މިހާރު އެ ފަސޭހަ އޮތަސް، ވަހީދުބެ ފުރަތަމަ މިކަން ފަށައިގަތްއިރު ދަރު ގަނެގެން ދަރުން ވެސް ކެއްކި އެވެ.

"ކުރިން ވެސް ރަސްމީ ބަދިގެއެއް ނުލިބޭ. އެންމެ ފުރަތަމަ ފަށައިގެން ދަރު ހޯދައިގެން ދަރު އުނދުނުގައި ވެސް ކެއްކިން މަދީނާގައި. ދަރު ހޯދައިގެން ހަމަ ގަނެގެން. ގޯޅިގަނޑެއްގެ ތެރޭގައި ބަންދުކޮށްގެން. އޭރު ދެން މާ ގިނަ އެއްޗެއް ހަދާކަށް ނުޖެހޭނެ ބަތަކާއި ރިހައަކާއި ސެލެޑަކާއި ގަރުދިޔައާ ހެދީމަ ނިމުނީ،" އެ ދުވަސްތަކުގެ ހަނދާން ވަހީދުބެ އާކުރި އެވެ.

ކޮންމެ ގޮތަކަށް، ކޮންމެ ހާލެއްގައި ކައްކަން ޖެހުނަސް ވަހީދުބެއަށް އޮތީ ޔަގީންކަމެވެ. އެއީ އޭނާގެ ރަހަތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމެވެ. އޭގެ ހެއްކަކީ، ވަހީދުބެ ބުނި ގޮތުގައި މިހާތަނަށް އޭނާގެ ކެއުމާ ގުޅޭ ގޮތުން ރަނގަޅު ނޫން ކޮމެންޓެއް ލިބިފައި ނެތުމެވެ.

"އަބަދުވެސް ކާ އެއްޗެހި ރަނގަޅު ވާހަކަ ބުނަނީ، ތިމަންނަމެންނަށް ދަސްކޮށްދޭށޭ ވެސް ބައެއް މީހުން ބުނޭ،" ވަހީދުބެ ބުންޏެވެ.

އެކަމަކު، ވަހީދުބެ އޮތީ ހަރުކަށި އުސޫލެކެވެ.

"ކައްކާ ގޮތާއި ރަހަ ހެޔޮވަރު ކުރާ ގޮތް އެއަކީ ކިޔައިދެވޭނެ ކަމެއް ނޫން. ކިހިނެއްހޭ ހަދަނީ އެއީ އެއްވެސް ކައްކާއަކު ބުނެދޭނެ އެއްޗެއް ނޫން. ރަހަ މެއިންޓެއިން ކުރާ ގޮތެއް ނުކިޔައިދޭނަން. އެއީ ސިއްރެއް. އެއީ ސިއްރެއް،" ވަހީދުބެގެ ސިއްރު ރެސެޕީތައް ދުވަހަކު ވެސް ބުނެ ނުދޭނެ ކަމަށް ތަކުރާރުކޮށް ބުންޏެވެ.

"ކެއްކުމަކީ އުކުޅެއް."

ވަހީދުބެ ބުނި ގޮތުގައި 500 މީހުންނަށް ކީއްކުރަން 1500 މީހުންނަށް ވެސް އޭނާ އެކަނި ހުއްޓަސް ކައްކައިދެވޭނެ އެވެ. ބޮޑަށް ފަސޭހައީ ވެސް މަދު މީހުންނަށް ކެއްކުމަށް ވުރެ ގިނަ މީހުންނަށް ކައްކައިދިނުން ކަމަށް ވެސް ވަހީދުބެ ބުންޏެވެ.

ވަހީދުބެ އުމްރާ ދަތުރެއްގައި މަދީނާގައި: 2004 ވަނަ އަހަރުން ފެށިގެން އޭނާ ގެންދަނީ ހިލޭ ސާބަހަށް އުމްރާވެރިންނަށް ކެއްކުމުގެ ހިދުމަތް ފޯރުކޮށްދެމުން

"...ކައިރީގަ ތިބޭ ހެލްޕަރުން ވަހީދުބެ އަށް އެއްޗެހި ފޯރުކޮށްދެވެންޏާ ކެއްކޭނެ. އެއީ އެއްވެސް ކަމެއް ނޫން ކެއްކުމަކީ. ކިތަންމެ މަދު ބަޔަކަށް ވިޔަސް ކިތަންމެ ގިނަ ބަޔަކަށް ވިޔަސް ވަހީދުބެގެ ދޭފަތެއް ނުދޭނަން އެހެން މީހަކަށް،" ކެއްކުމުގައި ވަހީދުބެ ގެންގުޅޭ އުސޫލުގައި ބުނެދިނެވެ.

"ވަހީދުބެ އަޅާ އެއްޗެއް އަޅާކަށް ނުދޭނަން އެހެންމީހެއްގެ އަތަކަށް. އެއީ ވަހީދުބެ ކުރާ ކަމެއް ނޫން. އެއީ ކީއްވެ؟ ވަހީދުބެ ދޭ ރަހަތައް އެހެންމީހަކު ކޮށްގެން ރަހަތައް ގެއްލިދާނެތީ. އެއް ފެންވަރެއްގަ ރަހަތައް ހިފެހެއްޓުމުގެ ގޮތުން ދޭފަތް އެހެން މީހަކަށް ނުދޭނީ."

ކެއްކުމުގެ މަސައްކަތުގައި 40 އަށްވުރެ ގިނަ އަހަރު ވަހީދުބެއަށް ހޭދަކުރެވިފައިވާއިރު، އަދިވެސް ހުއްޓުމެއް ނެތި އެ މަސައްކަތުގައި ދެމިހުރުމަށް އޭނާއަށް ލިބޭ ހިތްވަރަކީ އުމްރާވެރިންގެ ފަރާތުން ލިބޭ ހިތްހަމަޖެހުމުގެ ބަސްތަކާއި އޭނާ މިހާރު މަސައްކަތް ކުރާ ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕާ އެކު އޭނާގެ އޮތް އާއިލާއެއް ފަދަ ގާތް ގުޅުމެވެ.

"ކެއްކުމުގެ ދާއިރާގައި މިހާރު ދެން އުޅެވިއްޖެ. ބައެއް ފަހަރު ހިތަށް އަރާ ދެން ހުއްޓާލާނީއޭ ވެސް. އެކަމަކު ގިބްލަ ޖަމާއަތްވީމަ މިކަން މިކޮށްދެނީ ވެސް. ހަމަ ހަގީގަތަށް މި ބުނީ. ގިބްލަ ދެކެ ވާ ލޯތްބެއްގެ ބޮޑުކަން ނޭނގޭ ބުނަން ވެސް." ވަހީދުބެ ބުންޏެވެ.

12 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 83%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަނައްޓޭ

06 April 2024

ދުވަހަކު ގައްދުއަށް ނުދިޔަސް ގައްދޫ މީހުންގެ ގޮތްގަނޑު ނުކެނޑުނު ވިއްޔަ

The name is already taken The name is available. Register?

ނަޞީބު އަޕުނޭ އަޕުނޭ

06 April 2024

މީނާގެ ވާހަކަ އާއި ގައި ބޮޑާ ކަމާއި ކިބުރުވެރި ކަމާއި ޚުދު މުޚުތާރު ގޮތް ގަޑު ވަރަށް ހުރި ކަން ފާހަގަ ކުރެވޭ

The name is already taken The name is available. Register?

އިމްރާނު

06 April 2024

ވަހީދުބެއަށް ތައިފުޑްކައްކަންވެސް އިނގޭނެ· ވަހީދުބެ ވަރަށް ފާސްޓް ޝެފެއް· އެކަަމަކު މިހާރު ތިހުރިހާ އެއްޗެހި ކާރީއުޅޭކުދިންނަށް އަވަަހަށްކިޔާދީ· އެއީ ނަސަންދުރައިގެ އޭރުގެވެރިންކުރިކަމަކީ އަބަދުވެސް މުވައްޒަފުންނަށް ކިޔަވައިދީ މަސައްކަތުގެ މާހައުލަށް ތަމްރީނުކުރުން·

The name is already taken The name is available. Register?

އާދިލް

06 April 2024

ވަހީދުބެ ތިވަރަށް ހައްޖަށްގޮސް ޝަހީމުމެންނާއި އެކު ފޮޓޯނަގާހަދާއިރު ނިކަންއަހާލަބަލަ ތިމާއަށްލިބިފައިހުރި ކެއްކުގެ އިލްމާއިބެހޭ ތަފްސީލުފޮތެއް ލިޔެފައި ބޭނުންމީހަކު އަތުޖެހޭގޮތްހެދުމަކީ މަހުޝަރުދުވަހު ކިހާ ސަވާބުލިބޭނެކަމެއްތޯ· ވަހީދުބެވެސް ސުވަރުގެއަށް ފަސޭހައިންވަދެވޭނެގޮތް އަޅެބޭނުން ނޫންތަ·

The name is already taken The name is available. Register?

އަފްރާހު

06 April 2024

ވަހީދުގެ ކެއްކުމުގެ ރެސިޕީ އިންގޭނެމީހަކު މަބުނެފާނަން· އެއީ މިފްކޯގެ ބޮޑުކައްކާ ނަހީޒު· މިދެމީހުންނަކީވެސް ނަސަންދުރައިގެ 2 ޝެފުން·

The name is already taken The name is available. Register?

ރެސިޕީ20

06 April 2024

ދުނިޔޭގެ ބޮޑެތި ޝެފުން ކައްކާގޮތާއި ރަހަ އެއްވަރުކުރާނެގޮތް މީހުންނަށް ކިޔާދޭ. ރެސިޕީ ފޮތް ލިޔޭ. ވިޑިއޯ ހަދާފައި މީހުންނަށް ދަސްކޮށްދޭ. ކޭއެފްސީ ކާނަލްގެ ރެސިޕީ ސިއްރުކުރަނީ ވިޔަފާރި ބޭނުމަށް. ކޮކޯލާގެ ފޯމިއުލާވެސް ހަމަ އެބޭނުމަަށް ސިއްރު ކުރަނީ. އެކަމަކު އެރެސިޕީތައް ރައްކާކޮށްފައި ކުންފުނީގެ އެނގެންޖެހޭ މީހުންނަށް އެނގޭނެ. ވަހީދުބެގެ ރެސިޕީ އެެހެން އެއްވެސް އިންސާނަކަށް ނޭންގެނަމަ އަންނަން އޮތް ޖީލުތަކަށް ތިމީރު ރަހަ ލިބޭނެ ގޮތެއް ނޯންނާނެ

The name is already taken The name is available. Register?

މައިކް

05 April 2024

ހިތްތިރި ރަގަޅު ގުޅޭ މީހެއް. ކެއްކުން ކަނޑު ހަބޭސް

The name is already taken The name is available. Register?

މާރކް

05 April 2024

މީނާ ބޯހަރު ކަމުން ކަޑަ

The name is already taken The name is available. Register?

1828

05 April 2024

ވަހީދުބެ ކެއްކުން ގަނޑު ރަހަ ބެލުމުގެ ފުރުސަތު ލިބުނު މީހެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ ވަރަށް މީރޭ.

The name is already taken The name is available. Register?

888888

05 April 2024

ވަހީދުބޭ. ގޮތްދޫކުރޭ. ރެސިޕީ ލިޔެދީ. ވަސިއްޔަތަކަށްނަމަވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454