ރިޕޯޓް / މަޖިލިސް އިންތިހާބު 2024

ބަދަލަކަށް މަޖިލީހަށް ހޮވަންވީ ކުޑޫ؛ "އެއްވަނައިގެ ކެންޑިޑޭޓެއް"

ކުޑޫ "މިހާރު"އާ ވާހަކަ ދައްކަނީ.

ހައްގު ބަސް ބުނާނެ އެވެ. ކަންކަން އިސްލާހުކުރުވަން ވެސް ކެރޭނެ އެވެ. މުރާލިވާނެ އެވެ. ތެދުވެރިވާނެ އެވެ. އަމިއްލަ މަސްލަހަތާއި މަންފާއަށް ވުރެން މުޖުތަމައާއި ގައުމު އިސްކުރާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ކޮންމެހެން ހުންނަން ޖެހޭ ނަޒާހަތްތެރި މި ސިފަތައް ގަލޮޅު އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ މުުހައްމަދު އިބްރާހިމް (ކުޑޫ)ގެ އެބަހުއްޓެވެ. އޭނާ ދަންނަ މީހުން ބުނާ ގޮތުގައި، މަޖިލީހުގައި ކޮންމެހެން އިންނަން ޖެހޭ "އެއްވަނައިގެ ކެންޑިޑޭޓެކެ"ވެ.

ކެންޑިޑޭޓު ނަމްބަރު އެކަކުން ކެމްޕޭންކުރާ ކުޑޫ ދޭ ޔަގީންކަމަކީ، ގަލޮޅު އުތުރު ދާއިރާގެ ގޮނޑީގެ އިތުބާރު އޭނާ ދަމަހައްޓާނެ އެވެ. ކިލަނބުވެފައިވާ ރައްޔިތުންގެ މަޖިލީހާ މެދު އިތުބާރު އުފައްދަން ބޭނުންވާ ނަމަ ކުޑޫ އެދެނީ އެ ދާއިރާގެ ރައްޔިތުން ވެސް އެ ބަދަލަށް މަސައްކަތް ކުރުމަށެވެ.

ގައިމު ވެސް އަހަރެން ބަދަލެއް ބޭނުން. ހަމަ ބަލަން ތިބެފައި ނުހޯދޭނެ. މަސައްކަތްކޮށްގެން އެ ބަދަލު ގެނެވޭނީ. އެންމެންނަށް މި ނޫން ދުވަހެއް ދައްކަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ވެސް ކުރާނަން. -- ކުޑޫ

މަޖިލީހުގެ ތަޅުމުގައި ނޫނަސް ކުޑޫ މިހާތަނަށް ވެސް އަދާކުރީ މަޖިލިސް މެމްބަރެއްގެ ޒިންމާއޭ ބުނެވެން އެބައޮތެވެ.

ކުޑޫ "މިހާރު"އާ ވާހަކަ ދައްކަނީ.

ގައުމާ މެދު ކުޑޫ އަބަދުވެސް ވިސްނާކަން އަމަލުން ދައްކަ އެވެ. ގޯހުން ހިނގާ ކަންކަން ރަނގަޅުކުރަން ފޭސްބުކާއި ޓުވިޓާގައި ލިއެގެން ނަމަވެސް އަޑު އިއްވަ އެވެ. އެކަމަކު، ސިޔާސީ ހިޔާލެއް ފާޅުކުރުމުގައި ވެސް އިމެއް ގެންގުޅެ، ހައްދުފަހަނާޅައި ނުދެ އެވެ. އާއްމުން ހޭލުންތެރިކުރުވައި ފަރުދީ ޒިންމާއާ ގުޅޭ ކަންކަން ހަނދާންކޮށްދެ އެވެ. ސަރުކާރުގެ އިދާރާތަކުގެ އިހުމާލު ރަނގަޅުކުރަން އެތަންތަނަށް ހިނގައި އެޕޮއިންޓްމަންޓް ހޯދައިގެން މައްސަލަތައް ކޮޅެއްގައި ޖައްސަން ވެސް މަސައްކަތް ކޮށްފައި އެބަހުއްޓެވެ.

ސިޔާސީ މީހެއްގެ ގޮތުގައި ނޫނަސް މިހާ ދުވަސްވަންދެން ކުޑޫ މިގޮތުގައި ދެމިހުރީ ކަންކަން ހަމަ މަގަށް އަޅުވަން އޭނާ ޝައުގުވެރިވާތީ އެވެ.

ކުޑޫ ބުނާ ގޮތުގައި އެއީ އިންސާނަކަށް ވީތީ ވެސް އޭނާއަށް އޮތް ޒިންމާއެކެވެ. މި ގައުމުގައި ދިރިއުޅޭ ފަރުދަކަށްވީތީ އެ ޒިންމާ ވަކިން ބޮޑު ކަަމަށް ދެކެ އެވެ.

ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރާ ކުޑޫ ކެންޑިޑޭޓް ނަމްބަރު ދައްކާލަނީ.

ކުޑޫ ހާދަ ކަމަކާ ބެހެއޭ ބުނާ އަޑުއަހަން އޭނާއަށް ޖެހެ އެވެ. އެއީ، ވެސް އޭނާގެ މިޒާޖުގައި އަށަގަނެފައިވާ ކަންކަން ރަނގަޅުކުރުމުގެ ވިސްނުމާ ހެދި އެވެ.

"ހުރިހާ ކަމަކާ ނުބެހޭތީ މާލެ މިހާ ހާލުގައި މިއޮތީ. އުނދަގުވާ ކަންކަމުގައި އެންމެން ވިސްނައި ފިކުރުކުރާ ނަމަ, ފަރުދީ ޒިންމާ އަދާކުރާ ނަމަ މި މުޖުތަމައު މިއަށް ވުރެން ރަނގަޅުވާނެ. ގައިމު ވެސް އަހަރެން ބަދަލެއް ބޭނުން. ހަމަ ބަލަން ތިބެފައި ނުހޯދޭނެ. މަސައްކަތްކޮށްގެން އެ ބަދަލު ގެނެވޭނީ," ކުޑޫ ބުންޏެވެ.

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާއަށް ކުޑޫ ވާދަކުރާ ސަބަބަކީ ވެސް މި އެވެ. އެ ދާއިރާގެ ކެންޑިޑޭޓު މަޖިލީހުގައި ތަފާތު ދެއްކުމެވެ.

"ހުރިހާ ކަމަކާ ބެހެނީއޭ ބުނާނެ. އާ ބެހޭނަން. މިތާ އުޅެންޏާ ބެހެވޭނެ. ކަންތައްތައް ރަނގަޅުކުރަން, މި އެންމެންނަށް މި ނޫން ދުވަހެއް ދައްކަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ވެސް ކުރާނަން."

ކުޑޫ ގަބޫލުކުރާ ގޮތުގައި ކަމެއް ވަރިހަމަކޮށްލައިގެން މޮޅެއް ނުހޯދޭނެ އެވެ. އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކަންކަމުގައި އަޑުއުފުލުމަށް ފަހު މިހާރު ނުކުމެ ހުރީ ވަރަށް ރަސްމީކޮށް ހައްގު ބަސް ބުނުމަށެވެ.

"ތުހުމަތެއް ނުކުރެވޭނެ، އެއަށްވުރެން އިތުބާރު ހިފޭނެ"

ގިނަ ބައެއްގެ ގޮވައިގެން މަސައްކަތުގައި އުޅެފައި ހުރި ކުޑޫގެ ކެމްޕޭންގައި، މިހާތަނަށް ހިޔާނާތުގެ ތުހުމަތެއް ނެތެވެ. އޭނާއަށް ތާއީދުކޮށް، ކެމްޕޭންގައި ވާހަކަ ދެއްކި އެންމެން ވެސް ބުނަނީ، "ކުޑޫ މަޖިލީހުގައި ކޮންމެހެން އިންނަން ޖެހެ" އެވެ. އޭނާއަކީ، އިތުބާރު ހިފޭ މީހެއް ކަަމަށެވެ.

ކުޑޫ ކެމްޕޭން ހަރަކާތެއްގައި ކެންޑިޑޭޓް ނަމްބަރު ދައްކާލަނީ

މިޒާޖުގައި ހުންނަ ގޮތުން، ކުޑަ ވަގުތުކޮޅަކަށް ބައްދަލުވާ މީހާއާ ވެސް ކުޑޫ ލައްކަ ވާހަކަ ދައްކާނެ އެވެ. ރުޅި އައުމާއި ޒާތީ ހަސަދަވެރިކަމަކީ އޭނާގެ ސިފައެއް ނޫނެވެ. އެންމެންނާ ގުޅޭނެ އެވެ.

ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުވެގެން އައި، އިސްލާހީ މަސައްކަތަށް ލޯބިކުރި ކުޑޫ ސިޔާސީ ދާއިރާގައި މިހާތަނަށް އުޅުނީ އެހާ ފާޅުގައެއް ނޫނެވެ.

އޭނާ ބުނި ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން ވެސް ތާއީދުކުރީ އެމްޑީޕީގެ ފިކުރަށެވެ. އެންމެ އިސް ސަފުގައި ނޫނަސް މުޒާހަރާތަކުގައި ވެސް ބައިވެރިވެ އެވެ.

އެކަމަކު ސިޔާސީ ކަންކަމަށް ވުރެން ބޮޑަށް ގިނަ ބައަަކަށް ކުޑޫ މަޝްހޫރު ވެފައި އޮތީ، ހޮލީވުޑްގެ އެންމެ މަތީ ފެންވަރުގެ ބަޔަކު ގެނެސްގެން ސްޓާ ވޯޒްގެ "ރޯގް ވަން" ފިލްމުގެ 20 މިނެޓް ރާއްޖޭގައި ޝޫޓްކުރުމުގެ ފަޚުރުވެރިކަން ހޯދައިދިން ދިވެއްސެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ސަޅި މަންޒަރުތައް ނަގަން ކުޑޫ އިސްވެ ހިންގި ވަރުގަދަ އޮޕަރޭޝަނުން އޭނާ ދަންނަ މީހުން ގިނަ އެވެ.

އޭގެ މާކުރިން އޭނާ ވަނީ ރާއްޖޭގެ އިގްތިސާދަށް އާ ހިދުމަތްތަކާއި މަސައްކަތް ތައާރަފްކޮށް ތަރައްގީކޮށް ކުރިއެރުވުމުގެ ރޮނގުން ގައުމީ އިނާމު ވެސް ހޯދައިފަ އެވެ.

"ޕާޓީ ބަދަލުކޮށް، ގަލޮޅު އުތުރު ގޮނޑީގެ އަގު ވައްޓައެއްނުލާނަން"

ރައްޔިތުންގެ މަޖިލީހުގެ ހަތަރު ފާރުގެ ތެރޭގައި ހިނގާ ކަންކަން އިސްލާހުވާން ޖެހެ އެވެ. ރައްޔިތުންގެ އިތުބާރު އެތަނާ މެދު ވަރަށް ބޮޑަށް ގެއްލިއްޖެ އެވެ. އަމިއްލަ މަސްލަހަތާއި މަންފާއަށް ކަންކަން ކުރާ ތަނެއްގެ ގޮތުގައި ލޭބަލްވެ ނިމުނުއިރު، ދާއިރާގެ ރައްޔިތުންނަށް ވައުދުވާ ކަންކަމުގެ މައްޗަށް ދޭ ވޯޓުގެ އަގު ވައްޓާލުން ވެސް މެމްބަރުންނަށް މާބޮޑު ކަމަކަށް ނުވެ އެވެ.

ކުޑޫ ބޭނުމީ، މިކަހަލަ މެމްބަރެއްގެ ގޮތުގައި އޭނާ ލޭބަލްވިޔަ ނުދޭށެވެ. ހޮވުނު ގޮތަށް ހުރެ، ފަސް އަހަރުގެ ދައުރު ނިންމުމަށެވެ. ނަޒާހަތްތެރި މެމްބަރުންތަކެއް ތިބި މަޖިލީހެއް ކަމުގެ އިތުބާރު ވެސް އުފައްދައިދޭން ޖެހޭއިރު، އޭނާ ދައްކާނީ އެ ނަމޫނާ އެވެ.

މަޖިލީހުގެ ތެރެއިން ސިޔާސީ އަމަލީ މައިދާނަށް ކުޑޫ މި ނުކުންނަނީ އިދިކޮޅު ޕާޓީ, އެމްޑީޕީންނެވެ. ވަކިކޮޅަކަށް ޖެހިގެން ގޮސް ހެޔޮނުބައި ވަކިނުވާވަރު ނުވާނެ ކަމުގެ ޔަގީންކަން ގާތް މީހުންނަށް ވެސް އޮންނަ ކުޑޫ އެ ޕާޓީން ވާދަކުރަނީ އޭނާ ބުނި ގޮތުގައި ރާއްޖޭގެ ސިޔާސީ ދާއިރާގައި ފެންނަން އޮތް ހަގީގަތަށް ބުރަވެ އެވެ.

ބުނި ބަހުގެ އިތުބާރު ދަމަހައްޓަން. މަސައްކަތެއް ކޮށްފިއްޔާ އުޖޫރަ ދެން. ހަވާލުވި ކަމެއް ވެއްޖިއްޔާ ނިންމަން. މިހާ ހިސާބަށް އައިއިރު ނުކުރާ ކަމެއް ދެން ވެސް ކުރާކަށް ގަސްތެއް ނުކުރަން. -- ކުޑޫ

ކުޑޫ ބުނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރާއްޖޭގައި އޮތީ ދެ ފިކުރުކަން ވަރަށް ސާފުކޮށް ނަތީޖާއިން ކަނޑައެޅިފައި އޮތް އިރު އަމިއްލަ ގޮތުން ވާދަކޮށްގެން ކުރިއެރުމެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

މަޖިލީހަށް ބެލިޔަސް އަމިއްލަ ގޮތުން ވާދަކޮށްގެން މިހާތަނަށް ހޮވުނު މެމްބަރުން ވެސް ތިބީ ކޮންމެވެސް އެއްފަޅިއަކަށް ޖެހިފަ އެވެ. އެއަށް ވުރެން ރަނގަޅު ގޮތަކީ އޭނާ ދެކޭ ގޮތުގައި ސިޔާސީ ފިކުރުގެ ތެރެއިން އޭނާ ހުރި ގޮތް ވެސް ސާފުވެ އިހްލާސްތެރިކަމާ އެކު ހިދުމަތް ކުރުމެވެ.

ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ކުޑޫގެ ކެމްޕޭން ހަރަކާތެއް.

އެމްޑީޕީގެ ޓިކެޓުގައި ނުކުތީ ކުޑޫ ބުނި ގޮތުގައި، އޭނާއަށް އެއްބަސްވެވޭ ގަބޫލުކުރާ ވަރަށް ގިނަ އުސޫލްތައް އެމްޑީޕީން ހިފަހައްޓާތީ އެވެ.

"އަހަރެން މީ ރަން ރީނދޫ އެމްޑީޕީން ނުކުމެ ހުރި މީހާ ކަން ދާއިރާގެ ރައްޔިތުންނަށް މިހާރު ކެރިގެން ބުނެވޭނެތާ. އެއީ ވެސް ކިހާ ބޮޑު އެޗީވްމަންޓެއް, 59,000 މެމްބަރުން ތިބި އިދިކޮޅު ޕާޓީގެ ފަރާތުން މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރާކަން. އަނެއްކާ ގަލޮޅު އުތުރަކީ އެމްޑީޕީ ދެކެ ލޯބިވާ އެތައް މެމްބަރުން ތިބި ދާއިރާއެއް,"

ގަލޮޅު އުތުރަށް ވަރަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާއިރު ކުޑޫ ކުރިމަތިލީ ސަބަބު އަހާ މީހުންނަށް އޭނާގެ ވެސް އޮތީ ސުވާލެކެވެ.

"އަސްލު ކީއްވެ ނުލާންވީ"؟

"ބަދަލުކުރަން އެދޭ މީހާއަކީ ތިމާ ކަމަށް ވަންޏާ ފުރަތަމަ ތިމާ ޖެހޭނެ ބަދަލުވާން ވެސް. އެ ބަދަލު ގެންނަން ކޮންމެވެސް ބަޔަކު ނުކުންނަން ޖެހޭ. މޮޅުވިއްޔާ މޮޅުވީ. ދެރަވިއްޔާ ދެރަވީނުން. އެކަމަކު އެންމެ ބޮޑު ކާމިޔާބަކީ ކަމަކާ ކުރިމަތިލުން. އަދި އެކަން ކާމިޔާބުކުރަން މަސައްކަތް ކުރަން," ކުޑޫ ބުންޏެވެ.

ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ކުޑޫ.

ކުޑޫ ވާދަކުރީ އޭނާ ބުނި ގޮތުގައި ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތީމަ އެވެ. އެކަމުގައި ވޯޓާ ހަމައަށް ވެސް އޭނާއަށް އޮތް ޒިންމާއަކީ ދާއިރާގެ ރައްޔިތުންގެ އަޑުއަހައި މަސައްކަތް ކުރުމެވެ.

އޭނާ ބުނި ގޮތުގައި ގަލޮޅު އުތުރުގެ ރައްޔިތުން ބޭނުންވާ ކަންކަން އެ މީހުންގެ ދިރިއުޅުމުގެ ދަތިތައް އޭނާއަށް އެނގެ އެވެ. ހުނަރުވެރި އެތައް ޒުވާނުންގެ ކަންބޮޑުވުން އެނގެ އެވެ. އެއިން ކޮންމެ ޒުވާނަކީ އެއް ކަމަކަށް ވުރެން ގިނަ ކަންކަން ކުރެވޭނެ ގާބިލްކަން ހުރި ބައެކެވެ.

އޭނާގެ އެންމެ ބޮޑު އެއް އަޒުމަކީ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށް، އެ ދާއިރާއިން ވާދަކުރަން އޭނާއަށް އަތުގައި ހިފައިގެން، ޒުވާން ކެންޑިޑޭޓެއް ދެއްކޭވަރަށް އެކުގައި މަސައްކަތް ކުރުމެވެ. ގޮނޑިން އޭނާ ތެދުވާއިރު ވާދަކުރަން ބޭނުންވާ ގާބިލް އެހެން މީހުން ދާއިރާގެ ރައްޔިތުންނަށް ނުދެއްކޭ ނަމަ ކުޑޫ ގަބޫލުކުރާ ގޮތުގައި އެއީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމެއް ނޫނެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ގަލޮޅު އުތުރު ދާއިރާގެ މައްސަލަތަކަށް ހައްލު ނުހޯދި ދިގުލައިގެން ދިއުމަކީ ހައްގު މިންވަރެއް ނޫނެވެ. އެ ދާއިރާ ހިމެނޭހެން މާލޭގައި ހަމައަކަށް އަޅުވަން ޖެހޭ ކަންކަމުގައި ގާނޫނީ ހައްލުތަކެއް ހޯދައިދޭން ޖެހޭ ކަމަށް ކުޑޫ ބުންޏެވެ.

ލިސްޓުގެ އެންމެ ކުރީގައި އޮތީ ބޯހިޔާވަހިކަމެވެ.

ބާއިންޖީނުގޭ ކައިރީގައި ޓިނު ޖަހައި ބަންދުކޮށްފައި ހުރި ޕާކު ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުން ހަމަ ނޭވާލާން ހުޅުވާލަން ޖެހޭ ކަމަށް ކުޑޫ ބުންޏެވެ. މާލޭގެ މަގުމަތީގެ ހަލަބޮލިކަން ނައްތާލަން ޖެހެ އެވެ.

"ގަލޮޅު އުތުރަށް ވަކި ހާއްސަ ކަމެއް ނެތް. ހައްލުކުރަން ހުރި ކަންކަމަކީ ޖުމްލަކޮށް މުޅި މާލެއަށް ވެސް ހައްލު ހޯދައިދޭން ހުރި ކަންކަން. މަޖިލީހަށް ވާދަކުރާ ޕާޓީގެ މެނިފެސްޓޯގައި އެބަހުރި ވަރަށް ގިނަ ހައްލުތަކެއް މާލެއަށް ހުށަހަޅާފައި."

އޭނާ ދެކޭ ގޮތުގައި އެ ހައްލުތަކުން މާލެއަށް ލުއި ފަސޭހަކަން އަންނާނެ އެވެ.

މިދާ ރޭޓުން ކަމަށް ވަންޏާ މަޖިލިސް ވެސް ބޮޑުކުރަން ޖެހޭނެ އިމާރާތް ވެސް ތަޅާލަން ޖެހޭނެ. މިހެނެއް ނުވާނެ މިކަމެއް. މީހުން ވެސް މަދުކުރަން ޖެހޭ. މުސާރަ ވެސް އިނާޔަތްތައް ވެސް ތިރިކުރަން ޖެހޭ.

ގުނައި އަދަދު ނުކުރެވޭ ވަރަށް ގާނޫނުތައް ރާއްޖޭގައި ހަދާފައި ހުއްޓަސް ތަންފީޒު ނުކުރެވުމުގެ ކަންބޮޑުވުން ވެސް ކުޑޫގެ އޮވެ އެވެ. އެއީ އޭނާ ދެކޭ ގޮތުގައި ގައުމެއްގެ ރައްޔިތުންނަށް ވެވޭނެ އެންމެ ބޮޑު އެއް އިހުމާލެވެ. ގާނޫނު ނުހިނގުމެވެ.

ނަޒާހަތްތެރި މެމްބަރުންތަކެއް ތިބި މަޖިލީހެއް ކަމުގެ އިތުބާރު ވެސް އުފައްދައިދޭން ޖެހެ އެވެ. އޭނާ ދައްކާނީ އެ ނަމޫނާ އެވެ.

އޭނާ އެންމެ ގަދައައަށް އަޑުއުފުލާނެ އެއް ކަމަކީ މަޖިލީހުގެ މެމްބަރުންގެ އަދަދު މަތިވާ ގޮތަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ގޮތް ބަދަލުކުރުމެވެ. ކުޑޫ ދެކޭ ގޮތުގައި މެމްބަރުންގެ އަދަދު ތިރިކުރަން ޖެހެ އެވެ. އެ އަދަދު 60 ގައި ހިފެހެއްޓެން ޖެހެ އެވެ.

"މިހާރު މިދާ ރޭޓުން ކަމަށް ވަންޏާ މަޖިލިސް ވެސް ބޮޑުކުރަން ޖެހޭނެ އިމާރާތް ވެސް ތަޅާލަން ޖެހޭނެ. މިހެނެއް ނުވާނެ މިކަމެއް. މީހުން ވެސް މަދުކުރަން ޖެހޭ. މުސާރަ ވެސް އިނާޔަތްތައް ވެސް ތިރިކުރަން ޖެހޭ." ކުޑޫ ބުންޏެވެ.

ގަލޮޅު އުތުރު ދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް ކުޑޫ

"ހާދަ ގޯސްކޮށޭ މަޖިލިސް މެމްބަރުންނާ މެދު މިހާރު ދެކެނީ ވެސް. ގާތް ތިމާގެ މީހުންނާއި ރައްޓެހިން ވެސް ވަރަށް ހިތުގައި ޖެހޭ އެއްޗެހި ބުނޭ މަޖިލިސް މެމްބަރެއްގެ ވާހަކަ ދެއްކީމާ."

އެއީ މަޖިލީހަށް ވާދަކުރަން ކެންޑިޑޭޓުން ވައުދުވެ މަޖިލީހުގައި އެ ދާއިރާއަކުން އެދޭ މިންވަރާ ގާތަށް ވެސް މެމްބަރުންނަށް މަސައްކަތް ނުކޮށްދެވި އަމިއްލަ މަސްލަހަތާއި މަންފާ އިސްކުރާތީ އެވެ.

ކުޑޫ ފެންނާނީ ކޮން ކަހަލަ މެމްބަރެއްގެ ގޮތުގައި ހެއްޔެވެ؟

ކުޑޫ އެދުނީ އޭނާގެ ޓްރެކް ރެކޯޑަށް ބަލާލާށެވެ. އުމުރުން 51 އަހަރު ވި އިރު ހިޔާނާތާއި ވައްކަމާއި މަކަރާއި އޮޅުވާލުމުގެ ތުހުމަތު ނުކުރެވޭ އިރު އޭނާގެ ދާއިރާއަށް އިހްލާސްތެރި ނުވާންވީ ސަބަބެއް ނެތް ކަމަށް ބުންޏެވެ.

"ބުނި ބަހުގެ އިތުބާރު ދަމަހައްޓަން. މަސައްކަތެއް ކޮށްފިއްޔާ އުޖޫރަ ދެން. ހަވާލުވި ކަމެއް ވެއްޖިއްޔާ ނިންމަން. މިހާ ހިސާބަށް އައިއިރު ނުކުރާ ކަމެއް ދެން ވެސް ކުރާކަށް ގަސްތެއް ނުކުރަން," ކުޑޫ ބުންޏެވެ.

"ޔަގީން ކަމެއް އެއީ, އިރާދަކުރައްވައިގެން ހޮވިއްޖިއްޔާ އެމްޑީޕީގައި ހުންނާނަން. އެހެން ޕާޓީއަކާ ނުގުޅޭނަން. މީހުންނަށް ފިލައިގެން ނޫޅޭނަން. ދާއިރާގައި ކުރާ މަސައްކަތްތައް ދާއިރާގެ ރައްޔިތުންނަށް އެނގޭނެ ދެފުށްފެންނަ ގޮތަށް ހަދަން އޮފީހެއް ވެސް ހުޅުވާނަން. މީހުންނާ ވާހަކަ ދެއްކޭ ގޮތަށް ފެންނަ ހިސާބުގައި އިންނާނަން,"

ކުޑޫ ބުނި ގޮތުގައި ގަލޮޅު އުތުރުން އޭނާއަށް އިތުބާރު ކުރަން ޖެހޭ ސަބަބަކީ ކުރާ ކަމެއްގައި ދެގޮތެއް ނުވެ ދެމިހުންނާނެތީ އެވެ. މެމްބަރަކަށް ވީތީ އޭނާގެ މިޒާޖުން ފެންނާނެ ބަދަލެއް ނެތެވެ.

ގަލޮޅު އުތުރު ދާއިރާގެ ކެންޑިޑޭޓް ކުޑޫ ގަލޮޅު ކަންމަތީގައި.

"މިތާ އުޅެންޏާ ބެހޭނަން. ކަންތައްތައް ރަނގަޅުކުރަން ބެހެވޭނެ. މި އެންމެންނަށް މި ނޫން ދުވަހެއް ދައްކަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން. ވަރަށް ސިމްޕަލް. ބަދަލެއް ގެންނަންޏާ އާ ބަޔަކު ދާއިރާ އިން ދައްކަން ޖެހޭނެ. ނޫނީ ހަމަ މިގޮތަށް ދާނީ. ދާއިރާ މެމްބަރުން ތިބެން ޖެހޭނީ މައްސަލަ ޖައްސާލަ ޖައްސާލާ."

އޭނާއަށް އޮތް ހިތްހަމަޖެހުމަކީ ގަލޮޅު އުތުރުގެ ރައްޔިތުންނަކީ ވިސްނުންތެރި, ހޭލުންތެރި ބައަކަށް ވުމެވެ.

"ގަލޮޅު އުތުރުން އެމްޑީޕީ ދޫކޮށް ނުލާނެ. އެ ގޮނޑިއަކީ އެމްޑީޕީގެ ގޮނޑިއެއް. އިރާދަކުރެއްވިއްޔާ ދެން ވެސް އެ ދާއިރާ އިން ގޮނޑި ދިފާއުކުރާނެ."

20 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަލޮޅަށްޓަކައި

08 April 2024

ކުޑޫ ކިތަންމެހާވެސް ރަނގަޅެވެ. ޢެކަމަކު ތިޔަ އަންނަނީ ޕާޓީއެއްގެ ތެރެއިންނެވެ. މާނައަކީ އަމިއްލަ މާބޮޑު ބާރެއް ނޯންނާނެއެވެ. ޕާޓީން ނިންމާ ގޮތަކަށް ޖެހޭނީ ބޯލަބާށެވެ. މިހާރު މަންޒަރު ފެންނަ ގޮތުން ރައްޔިތުންނަށް ފައިދާހުރި ކަންކަމަށް ވިސްނުމުގެ ބަދަލުގައި ދާނީ ސަރުކާރަށް ޖެއްސުން ކުރުމަށް ކުރެވެން ހުރި ކަމެއްވިއްޔާ ކުރެވޭތޯ ބަލަމުންނެވެ. ހުރިހާ ގެއްލުމެއް ރައްޔިތުންނަށެވެ. މީ ރައްޔިތުން ވިސްނަން ޖެހޭނެ ކަންކަމެވެ. ރައްކާވެ ތިބިއްޔާ ދަތުރެކެވެ.

The name is already taken The name is available. Register?

އެމް.ޑީ.ޕީ އަށް ނޯ ނޯ

07 April 2024

ކުޑޫއެވެ. އަދި ވެސް ސަލާމަތުގެ މަގަށް އަންނަން ހިފާށެވެ. ތިޔަ ލ ފިކުރުގެ އެމްޑީޕީ ދޫކޮށްލާށެވެ. ތިޔަ ޕާޓީގަ ހުއްޓައި ވޯޓެއް ނުދޭނަމެވެ.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

06 April 2024

ފުވައްމުލަކު ބައްޕަ އަކާއި މާލޭ މައްމައެއްގެ ދަރި ކުޑޫ އަކީ މަޖްލިސް މެމްބަރުކަމަށް ގާބިލު ހިންގާލެވޭނެ ފަހުލަވާނެއް. އިންޝާﷲ ކުޑޫ ގޮނޑި ކާމިޔާބު ކުރާނެ.

The name is already taken The name is available. Register?

އަހަންމާ333

05 April 2024

ކުޑޫއަކީ ރަގަޅު މީހެއް، މަސައްކަތްތެރި މީހެއް، ހިތް ހެޔޮމީހެއް. އެހެން ނަމަވެސް ކުޑޫއަށް މަޖްލިސް މެންބަރުކަން ލިބިގެން ވަކި ކުރެވޭނެ އެއްވެސް ކަމެއްނެތް. ކުޑޫވެސް އެންމެ ފަހުން ބައިގަނޑު ތެރެޔަށްވަދެ، ތިމާގެ މަސްލަހަތު ހުރި ކަންކަމުގަ އުޅޭނީ ދެން އޮތް 5 އަހަރު. އެއަށްފަހު، އިނާޔަތާ އެކީގަ ނުކުމެ، ތިމާގެ ވިޔަފާރިއެއްވެސް ފައްޓައިގެން އަނެއްކާވެސް އަނެއް 5 އަހަރު ހޯދުމަށް އުޅޭނީ. ރައްޔިތުން ތިބޭނީ ހަމަ ތިބި ތަނުގަ.

The name is already taken The name is available. Register?

މަފް

05 April 2024

ކުޑޫފަދަ ކަންކަން އިސްލާހުކުރަން އުޅޭ ފަރާތްތައްް މަޖުލީހުގަ ތިބުން ވަރަށް މުހިންމު. ގަލޮޅު އުތުރުގެ ރައްޔިތުން އީވާ ދޫކޮއްލާ ކުޑޫއަށް ވޯޓު ދިނުން ވަރަށް މުހިންމު.

The name is already taken The name is available. Register?

ކައްޒާ ބު

05 April 2024

މަގޭ ތާއިދު ޕީޕީއެމް ޕީއެންސީ އޮތް ކަމަކު ވޯޓުދޭނީ ކުޑޫ އަށް!

The name is already taken The name is available. Register?

ޕީސީއެކްސް

06 April 2024

އަހަރެން ސަޕޯޓް ކުޑޫއައް އެކަމު ވޯޜް ދެވޭނީ ޕީއެންސީއަށް

The name is already taken The name is available. Register?

ގގގގގ

05 April 2024

މިގައުމުން އެބަޖެހޭ ގައްދާރުންގެ ޕާޓީގެ ބާރު ކަނޑުވާލަން. އެމީހުން ގައުމަށް ހެވެއްއެދިގެން އެއްކަމެއްވެސް ނުކުރާނެ. މީހާ ރަނގަޅުވިއަސް ކުނިވެފަ ހުރި އެއްޗެއްގެ ތެރެއަށް ވެއްޓުނީމަ ދުވާނީ ހަމަ ކުނިވަސް.

The name is already taken The name is available. Register?

ހަމަދު

05 April 2024

ކުޑޫ މައްސަލަ އަކީ މުޅިން ވެސް ގޯސް ހަދާފައިވާ ޕާޓީ އަކާ ގުޅުން

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

05 April 2024

ކުޑޫ ދަންނަން. އެމްޑީޕީގައި މިހާރުތިބި މެންބަރުން ފަދައިން "ގޮނޑި ވިއްކާ މެންބަރަކަށް" އަދި ގޮނޑީގައި އިންނަވައިގެން ވޯޓް ވިއްކާ މެންބަރަކަށް ކުޑޫ ވެދާނެކަމަކަށް ނުދެކެން. އެހެންވީމާ ކުޑޫ އަކީ ހޮވާލަން ގޯސް މީހެއްނޫން. # އެކަމަކު އެމްޑީޕީގެ ޓިކެޓްގައި ނިކުމެފައިތިބި ބޭކާރު މީހުނާއި ގޮނޑި ހޫނުކުރަންތިބޭ 20 އަހަރުވެފައިވާ މީހުން "އައްޑޫ ހިތަދޫ އުތުރު ދާއިރާގައި ހުންނެވި މީހާ ފަދަ މީހުން" ހޮވަންޖެހޭ އެއްވެސް ސަބަބެއްނެތް. މިކަންކަން ބަދަލުވާންޖެހޭ.

The name is already taken The name is available. Register?

12345

05 April 2024

މޑޕ ގެ ވިޕްގެ އަޅަކަށްވާނީ ކަލޭވެސް ވާނީ! ކަލޭމެން ފުރަތަމަ ކުރާނެ ކަމެއްކަމަށް ބެލެނީ، ތިނަދޫއާ ވިލިނގިލީގަ ތަރައްގީކުރާ އެއަރޕޯޓް ހުއްޓުވާ ރިސޯޓް ތަރައްގީ ކުރުން ހުއްޓުވުން. ގާނޫނު ފާސްކުރާނީ ސަރުކާރުން ކުރިއަށްގެންދާ ތަރައްގީ ހުއްޓުވާލެވޭނެ ގޮތުން. ހުރިހާ ޕްރޮޖެކްޓަކަށް މޑޕ މަޖިލިހުން ހުއްދަނަގަންޖެހޭ ގޮތަށް ހަދަން ތިތިބީ ރާވައިގެން. މޑޕ އަކީ ހަމަ ގައްދާރުންގެ ޕާޓީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454