އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕީއެސްއެމުން ބާއްވާ ބަހުސަށް ވަޑައިގަންނަވަނިކޮށް، އެމްޑީޕީގެ ފަރެސްމާތޮޑާ ދާއިރާގެ ކެންޑިޑޭޓް އަހުމަދު ޒައީމްގެ ގަޔަށް ބަޔަކު މިއަދު ކަޅުތެޔޮ ޖަހައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ އަމީނީ މަގުގައި ހުންނަ އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން (އެފްއީ) އިމާރާތުގެ ކައިރީގައި ޒައީމް ހުއްޓިވަޑައިގެން ހުންނަވާ ތަނެވެ. ހުދު ގަމީހެއްގައި އޭނާ ހުންނެވިއިރު، އެ ގަމީހަށް ގިނަ އަދަދަކަށް ކަޅުތެޔޮ ޖަހާފައި ހުއްޓާ ފެނެ އެވެ.
ކެންޑިޑޭޓުންގެ ބަހުސް ބާއްވަނީ އެމްއެންޔޫގަ އެވެ.
އެ އަމަލު ކުށްވެރިކޮށް، އިިދިކޮޅު އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޒައީމް ބަހުސް އަށް ވަޑައިގެންނެވި މަގުމަތީގައި ކަޅުތެޔޮ ޖެހުމުގެ ހަމަލާއެއް ދިނުމަކީ ފިނޑި އަމަލެއް ކަމަށާއި އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.
ފަރެސްމާތޮޑާ ދާއިރާގެ ބަހުސް އޮތީ ހަވީރު 5:00 ގަ އެވެ. އެނގިފައިވާ ގޮތުގައި ޒައީމް ވަނީ ގަމީސް ބަދަލުކުރައްވައިގެން ވަޑައިގެން އެ ބަހުސްގައި ބައިވެރިވެވަޑައިގެންފަ އެވެ.
މިއީ ކޮން ބަޔަކު ކުރި ކަމެއްކަން އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިކަން ސާފެއް ނުވެ އެވެ.