ފުލުހުން، މީހަކު ހައްޔަރުކޮށްގެން ކާރަށް އަރުވަނީ.--
07 އެޕްރީލް 2024 - 13:54
އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް އަނިޔާކުރާ ވީޑިއޯގައި ފެންނަ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކީ މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގެ ރިކޯޑު އޮންނަ ކުއްޖެއް ކަމަށާއި އެ ކުއްޖާ އިސްލާހުކުރަން މީގެ ދެ އަހަރު ކުރިން އެ މައުލޫމާތު ދޭން ޖެހޭ އިދާރާތަކަށް ދީފައިވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ވީޑިއޯއިން ފެންނަނީ މިސްކިތެއްގެ ފާހާނާގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ގޮށްމުށުންނާއި ކޮޅުފައިން ޖަހައި އަނިޔާކުރާ ތަނެވެ. އެ ކުއްޖާގެ ކޯމަތީގައި ވަރަށް ބާރަށް ޖެހުމުން ރޯން ވެސް ފަށަ އެވެ. އަދި ވަރަށް ހަޑިހުތުރުބަހުން އެ ކުއްޖާ ދިމާލަށް ދެން ތިބި ކުދިން އެއްޗެހި ކިޔަ އެވެ.
އޭގެ އިތުރުން، އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި ބޮލަށް އަޅާލުމާއި އަނިޔާނުކޮށް އެ ކުއްޖާ ދޫކޮށްލަން އެދި ކުޑަކަކޫ މައްޗަށް ތިރިވެ އެ ކުއްޖާ އާދޭސްކުރާ ތަން ވެސް ފެނެ އެވެ. ފުލުހުން ހާމަކުރި ގޮތުގައި ތަރާވީސް ނަމާދު ކުރިއަށް ދަނިކޮށް އެ ކުއްޖާއަށް އަނިޔާކުރީ އުމުރުން 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ.
ޖުވެނަލް އޮފެންސް ޑިޕާޓްމެންޓް އަދި ޖުވެނަލް މޮނިޓަރިންގް ޔުނިޓްގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މިޔާޒް މުހައްމަދު ރޭ "މިހާރު" އަށް ވިދާޅުވީ މިހާރު ފެންމަތިވެގެން އުޅޭ ބުލީ ކޭސްގައި ހިމެނޭ އެއް ކުއްޖަކީ 2022 ވަނަ އަހަރުން ފެށިގެން އޭގެ އެކި މައްސަލަތަކުގައި ހިމެނޭ ކުއްޖެއް ކަމަށެވެ.
އެކަން ޖެންޑާ މިނިސްޓްރީއާ ޑިޕާޓްމެންޓް އޮފް ޖުވެނަލް ޖަސްޓިސް (ޑީޖޭޖޭ)ގެ ސާމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު މި ހިނގާ ކޭސް (ރަސްދޫ ބުލީ ކޭސް)ގައި ހިމެނޭ މައިގަނޑު ކުއްޖާއަކީ، 2022ވަނަ އަހަރު ފުލުހުން އެބަހުރި މައުލޫމާތު ދީފައި (ޖެންޑާ މިނިސްޓްރީ އަދި ޑީޖޭޖޭއަށް) މި ކުއްޖާ އިސްލާހު ކުރަން ޖެހޭ ކަމަށް. އެ މައުލޫމާތު އެބަހުރި މީގެ ދެ އަހަރު ކުރިން، އަޅުގަނޑުމެން ދޭން ޖެހޭ އިދާރާތަކަށް ދީފައި. މާރާމާރީއާ ބުލީކުރުން ފަދަ މީގެ އެކި މައްސަލަތަކުގައި،" މިޔާޒް ވިދާޅުވި އެވެ.
ނަމަވެސް އެއީ އުމުރުން 15 އަހަރު ނުވާ ކުއްޖަކަށް ވުމުން އެ ކުއްޖާއަށް ދެވޭނެ އަދަބެއް ނޯންނަ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ. އިތުރަށް އޭނާ ފާހަގަކުރެއްވީ ޑީޖޭޖޭއިން ހިންގާ ޕްރޮގްރާމުން ވެސް އެންމެ އެދެވޭ ނަތީޖާއެއް ނުލިބޭ ކަމެވެ.
"2022 ވަނަ އަހަރުން ފެށިގެން އެ ކުއްޖާއަށް ރަނގަޅު ޕްރޮގްރާމެއްދީ އެ ކުއްޖާ އޭގައި ބައިވެރިކޮށް ރިހިބިލިޓޭޓް ކުރެވުނު ނަމަ އެ ފުރުސަތު އިއްޔެ އޭނައަކަށް ނުލިބޭނެ. ކުއްޖާ ހުންނާނީ ރަނގަޅު ވެފައި. އެބަތިބި އެ ޕްރޮގްރާމް ރަނގަޅަށް ގެންދާ ކުދިން ހަމަ ރަނގަޅު ކުދިންނަށްވެ މުޖުތަމައުއަށް ނުކުމެފައި،" ފުލުހުންގެ ކްރައިމްސް އެގެއިންސްޓް ޗިލްރަން ޑިޕާޓްމެންޓްގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސޮއްފަތު ރައުފް ވިދާޅުވި އެވެ.
"ބައެއް ފަހަރަށް 15 އަހަރާއި 18 އަހަރުގެ ކުދިން ގެނެސްގެން އުޅޭއިރު އެ ކުއްޖާ ބަހައްޓަން އެބަ ޖެހޭ. އެ ދެ ވުޒާރާގެ (ޖެންޑާ މިނިސްޓްރީ އާއި ޑީޖޭޖޭ) ހަވާލުވާނެ ނުވަތަ ރެސްޕޮންސިބިލިޓީ ނަގާނެ އިދާރާއެއް ނެތިގެން. އަޅުގަނޑުމެންނަށް ވެސް އެ ކުއްޖާ ގެނެސް މިތަނުގައި އަބަދަކު ނުބޭންދޭނެ ނޫންތޯ؟" އޭނާ ވިދާޅުވި އެވެ.
ކުށްކުރާ ކުޑަކުދިންނަށް 15 އަހަރުނުވާ ނަމަ އަދަބު ނުދެވޭ ގޮތަށް އޮތް އޮތުން އުވާލައި, ކުށަށް ޒިންމާވާންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ފުލުހުން ގަބޫލުކުރާ ގޮތުގައި ކުށްކުރާ ކުދިންގެ އުމުރު ބަދަލުކުރި ނަމަވެސް އެ ކުދިންނަށް ބޭނުންވާ ޕްރޮގްރާމްތައް ނުހިންގޭނަމަ އެއިން އެއްވެސް ފައިދާއެއް ނުފެންނާނެ އެވެ.
ޖުވެނައިލް ޑިޕާޓްމަންޓުގެ ރެކޯޑުތައް ދައްކާ ގޮތުން، 200 އެއްހާ ކުދިން ކުށުގެ ރިސްކުގައި އެބަތިއްބެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައީ 12-14 އަހަރާ ދެމެދުގެ ކުދިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަހީެު
09 April 2024
އިހުމާލު
ވިސާމޯސް
08 April 2024
ތިޔަ ކުއްޖާހެ މައިންބަފައިންނަށް ވެސް އެބަޖެހޭ ފިޔަވޅު އަޅަން.
ހަޤީޤަތް
08 April 2024
ފުލުހުން އަރާ ޖެންޑަރ އަދި ޑީޖޭޖޭ މި ދެ މުއައްސަސާ ކުށްވެރިކުރިކުރުމަކީ ޒިންމާދާރު ސިފައެއްނޫން. މި މައްސަލާގައި ފުލުހުންގެ ވަރަށް ބޮޑު އިހުމާލެއް އުޅޭ. އެކަމަކު ޖެންޑަރ އަދި ޑީޖޭޖޭއެއް މީޑިއާ އަށް އަރާ އެވާހަކަ ތަކެއް ނުދައްކާ. މިވާހަކަ ދެއްކި މީހުންގެ ފެންވަރު ދަށީ....
އަލިކާ ދިއްދޫ
08 April 2024
ފާޑުފާޑުގެ ހުޅަނގުގެ މޮޅެތި ބަސްތައް ބުނެ މޮޅުވާންވީކީނޫން. މިތާގެ ތިބުނާ މޮޅު ގާނޫނުއަސާސީ އަނިޔާލިބުނު މީހަކައް ލިބުނު މޮޅެއް އިންސާފެއްނެތް ހިމާޔަތާއި ރައްކާތެރިކަމާއި ރައްޔިތުންގެ މާލިއްޔަތުން ކުއްވެރިންނައް ކުރާބޭކާރު ހަރަދު ހުއްޓުވާފަ އެބަޖެހޭ ބުރަމަސައްކަތާއެކު މިވެރިން އިސްލާހުކުރާނެ ތަނެއް ހަދާ އެތަނައް ފޮނުވަން. މިނޫންގޮތަކައް ނެތް މިކަމެއްވާކަން. ކޮބައިތޯ އިބުތިހާލު، ވިހާފަ މަރާލި ކުއްޖާ ގަސްތުގަ ކޮށާލި ނަފުސްތައް.
ދެރަ
07 April 2024
ދަގަޑު ކެޑޭނީ ދަގަޑުންނެވެ
އަފްރާސިޔާބު
07 April 2024
ލަގަބު ލިބުނީ. ދެން ތިވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނެ. ފުލުހުންގެ ހައްޔަރުގައި ވުމަކީ ކޮނޑަށް މަޚްމާ އެރުން.
ދިދަދަނޑި
07 April 2024
ބުލީކުރުން ހުއްޓުވޭނީ އެއަށްވުރެ ބޮޑު ބުލީއަކަށްވެގެން ނުކުމެ ބެލެނިވެރިންނަށް. ޢަހަރެންގެ ދަރިޔަށް ބުލީކުރުން ހުއްޓުވާލީ އަހަރެން ނުކުމެ އަމިއްލައަށް، ސްކޫލުންވެސް ޕޮލިސްއަކުންވެސް އެކަމަށް ހައްލެއް ހޯދައިނުދެވުނީމަ......
ތަލަ އާމިރު
08 April 2024
ތާއީދު
މަށަށް އިނގޭ...
09 April 2024
ވަރަށް ރަނގަޅު.. އަސްލު މައްސަލައަކީ އެކުއްޖާއަށް ބުލީ ވެވުނު އިރު، އޭނާގެ މައިންބަފައިން އޭނާގެ ދިފާއުގައި ނުނިކުތުން.. އޭނާގެ ދިފާއުގައި އެ ދުވަހު ނުކުތްނަމަ މިއަދު އެދުވަހެއް ނައީސް.. އެކުއްޖާ ރަނގަޅެއް ނުކުރާނަން.. އެކަމަކު އެކުއްޖާއަށް ބުލީ ކުރި ކުއްޖާގެ މައްސަލަވެސް، ބަލަން ޖެހޭނެ... މަގޭ ހިޔާލު މީ...
ރައްޔިތުން ގެ ނިންމުން
07 April 2024
ރައްޔިތުން މިފަދަ މައްސަލަތައް ހައްލު ކުރަން ނުކުތުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުން ޒިންމާ އަދާ ކުރޭ!
ޑީޑީ00
07 April 2024
މި ކުއްޖާގެ މައިންބަފައިން ކޮބައިތޯ ބަލާލަ ދީބަ
އަފްރާސިޔާބު
07 April 2024
އެކުއްޖާގެ ޢާއިލާ އަކީ އެގޮތަށް މީހުންނަށް މަރުގެ އިންޒާރު ދޭ އާއިލާއެއް ކަން އެއާއިލާ އިން ހާމަކޮށްދީފި. ދެން އަތެއް ނުލެވޭނެ އެމީހުންގެ ގައިގައި.
ކީއްކުރާބައެއް
07 April 2024
އެހެންވީމަ ކަލޭމެންނަށް މިކަމުގަ ކުރެވޭނެ އެއްވެސް ކަމެއްނެތެވެ ތިބުނަނީ؟؟