10 އެޕްރީލް 2024 - 02:04
ގާނޫނީ ހަމަތަކުގެ މަތީން ހިންގާ އެއްވެސް ސިޔާސީ ހަރަކާތަކަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި އެފަދަ ހަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ކޮންމެ ފުރުސަތެއް ފަހިކޮށްދޭނެ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.
ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަން މަސައްކަތްކުރި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ރޭ 9:00 ގައި މާލޭގެ ޕްރައިވެޓް ސްކޫލެއް ކަމަށްވާ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ބާއްވަން އެ ސްކޫލުން ހުއްދަ ދިން ނަމަވެސް އިއްޔެގެ މެންދުރުފަހު އެ ސްކޫލުން އަމިއްލަ ހުއްދަ ބާތިލް ކުރުމުން އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ހުއްދަ ބާތިލްކުރި ސަބަބެއް ކަމަށް ޕީއެންއެފަށް ފޮނުވި މެއިލްގައި ވަނީ ލޮޖިސްޓިކް މައްސަލަތަކެވެ.
މައްސަލަ ހޫނުވީ، ޣިޔާސުއްދީންގެ ހޯލް ދޫކުރުމުގެ އެއްބަސްވުން އެ ސްކޫލުން އަމިއްލަ އަށް ބާތިލްކުރި ނަމަވެސް ޕީއެންއެފުން އެ ޖަލްސާ ރޭ އެ ހޯލްގައި ބާއްވަން އުޅުމުންނެވެ.
އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފުލުހުން ޖަލްސާއަށް ހުރަސް އެޅީ އެ ސުކޫލުގައި އެ ޖަލްސާ ބާއްވަން އެ ސުކޫލުން އުޒުރުވެރިވުމާ ގުޅިގެން ކަމަށެވެ.
"ދެ ހަފުތާއަށް ވުރެ ދިގު ބަންދު ދުވަސްތަކަކަށް ފަހު، އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުން ދާތީ އާއި އަދި އަހަރު ފަހު އިމްތިހާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރު ކަމަށް ވާތީ، އެއްވެސް ހަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެކެވެ،" ސަރުކާރުގެ ބަޔާނުގައި ވެ އެވެ.
ރައީސް އޮފީހުން ބުނީ، މާލޭގެ އެއްވެސް ސްކޫލެއްގެ ހޯލް ލިބުމުގައި އޮތް ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޖަލްސާ ބޭއްވުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސޯޝަލް ސެންޓަރުގެ މައި ހޯލު އެ ފަރާތްތަކަށް ސަރުކާރުގެ އަމިއްލަ އިސްނެގުމުގެ މަތިން ވަގުތުން ހަމަޖައްސާފައިދީފައި ވާނެ ކަމަށެވެ.
"ގާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ ކޮންމެ ހަރަކާތަކަށް ވެސް ފަހިކޮށްދެވެން އޮތް ކޮންމެ ކަމެއް މި ސަރުކާރުން އަބަދުވެސް ކުރިއަށް ދާނީ ސިޔާސީ ޙަރަކާތްތަކަށް ޖާގަދީގެން، ގައުމުގެ ކުރިއެރުމާއި ރައްޔިތުންނަށް ލާބަ އާއި މަންފާ ހޯދައިދިނުމުގެ ވިސްނުން އިސްކޮށްގެންނެވެ،" ރައީސް އޮފީހުން ބުންޏެވެ.
ޣިޔާސުއްދީން ސްކޫލްގެ ހޯލް ޕީއެންއެފަށް ދޫކުރުމުގެ އެއްބަސްވުން އެ ސްކޫލުން ބާތިލް ކޮށްފައިވީ ނަމަވެސް އެ އަށް ބެލުމެއް ނެތި އެ ހޯލުގައި ޖަލްސާ ބާއްވަން އުޅުމުން ވަނީ ފުލުހުންނާއި ޕާޓީގެ ސަޕޯޓަރުންނާ ދެމެދު ކުރުމަތިލުމެއް ހިންގައިފަ އެވެ. އެ ކުރިމަތިލުން ހިނގީ ޣިޔާސުއްދީންގެ ހުއްދަ ނެތި އެ ސްކޫލްގެ ހޯލުގައި ޖަލްސާ ބާއްވަން ޕީއެންއެފުން މަސައްކަތް ކުރުމުން ރައްކާތެރިކަމަށް އެދި ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ހުށަހެޅުމާ އެކު، ފުލުހުން ސްކޫލްގެ ގޭޓް ބަންދު ކުރުމުންނެވެ.
އެ ހުރިހާ މައްސަލަގަނޑަކާ އެކު، ޕީއެންއެފް އުފެއްދުމުގެ ޖަލްސާ އެންމެ ފަހުން ބޭއްވީ ނިއު ޕޯޓް ކުރިން ހިންގި ސަރަހައްދު ނުވަތަ ސިނަމާލެ ބްރިޖު ޕްލެޓްފޯމުގަ އެވެ. ގާނޫނުގައި ބުނާ 300 މީހުން ހަމަކޮށް، ޕީއެންއެފް އުފެއްދުމުގެ ޖަލްސާ އެ ތަނުގައި ބޭއްވީ އިލެކްޝަންސް ކޮމިޝަންގެ މަންދޫބުންގެ ހާޒިރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާޖީ
11 April 2024
ތިސުކޫލް މެނޭޖްމަންޓް މަޖުލީސް ކޮމެޓީއށް ގެންގޮސް ވީގޮތް ސާކޮށްދެއްވާ، އެއިރުންތާ އިގޭނީ
ވިސްނާލުމަށް އެދެމޭ
10 April 2024
ގާނޫނަކީ އެއިރައްގަ ހުންނަވެރިޔަކު ބޭނުންވާގޮތަށް ދޮންވެފައްކާވާއެއްޗެ...ޕނފ އުފައްދަންބާއްވާ ޖަލްސާ ގިޔާސުއްދީނު ސްކޫލުހޯލުގަ އޮންނަކަން އިއުލާނުކުރާތާ 5ވަރަކަށްދުވަސްވެދާނެ ސްކޫލާއެކު އެއްބަސްވެގެންނޫނީ ސްކޫލުހޯލެނުލިބޭނެ..ހުއްދަނެތި ހޯލަށްވަދެ އެތަން ތައްޔާރީއެއް ނުކުރެވޭނެ މިހުރިހާކަމެ ހިގަމުންދިޔައިރު ސްކޫލުމެނޭޖްމަންޓުން ސަރުކާރުގެ އެދުމަށްހިންގި ޒިންމާދާރުކަންކުޑަ އަމަލުވަރަށްހުތުރު އެއްބަސްވުން ބާތިލުކުރެވޭނީ ދެފަރާތްބައްދަލުވެ ވާހަކަދެކެ
ހަސަދީ
10 April 2024
ހޯލުދިން އިރު ވެސް އެގޭނެ ދޯ އަންނަ ހަފުތާގައި ސްކޫލް ހުޅުވޭނެކަން. ޢަދި ޓެސްޓް އާއި މަޖްލިސް އިންތިހާބު ވެސް އޮންނާނެކަން އެގޭނެ. ތިވާހަކަ ގަބޫލުކުރަން އުދަގޫ. ޙޯލު ދީފައި ބޮޑު ހަރަދު ކޮށްގެން ހޯލު ތައްޔާރު ކުރާފަހުން އެދުވަހު ހަވީރު ހުއްދަ ބާތިލް ކުރާނީ ކޮންމެވެސް ނުފޫޒެއް އައިސްގެން..ފަހަރެއްގައި ވެދާނެ ރައީސް އަށް ނޭގި އެޑްވައިޒަރުން ކުރިކަމަކަށް ވެސް.. ގިނަފަހަރަށް ކަންތައް ވެފަ ހުރީ އެހެން. ޜައީސް ޖެހެނީ ފަހުން އެކަން ބަދަލު ކުރަން.
ބޭފުޅާ
10 April 2024
ޤިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ މައްޗަށް ދަޢުވާކޮށް ހެޔޮވަރުގެ ބަދަލެއް ނެގޭނެ ! އަދި ސިވިލް ޑިސްޕިއުޓްއެއްގެ ތެރެއަށް، ކޯޓު އަމުރަކާ ނުލާ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަކަށް ފުލުހުން ގާނޫނާ ޚިލާފަށް ވަދެގަނެ ބާރުގެ ބޭނުންކުރި މައްސަލަ ވެސް ބޭލޭނެ ! މިދުވަސްވެސް ހިނގައިދާނެ !
ކޮމެންޓޭ1
10 April 2024
ސިވިލް ޑިސްޕިއުޓަކަށް ކިހިނެތްބާ ވަނީ ބަޔެއްގެ ތަނަކަށް ހުއްދަ ނެތި އެތައް ސަތޭކަ ބަޔަކު ވަދެގެނެގެން ގަދަބާރުން އުޅެންވީމެ. ސްކޫލާ މެދު ދައުވާ ކުރަންވީ ހަމަ
އިހްސާސް
10 April 2024
ގިޔާސުއްދީންގެ އެދުމަށް އެސުކޫލަށް ފުލުހުން ވަންނާކަށް ކޯޓު އަމުރެއް ހޯދާކަށް ނުޖެހޭނެ.
ހޯރަބޭ
10 April 2024
ހުރިހާ ކަމެއްގެ ހަގީގަތް މާތް ﷲ ދެނެވޮޑިގެންވެއެވެ. އަހަރެމެން އެނބުރި ދިޔުންވަނީ އެކަލާނގެ ހަޟުރަތަށެވެ. މި ގައުމު މިއަށްވުރެ ތަސައްރަފު ފުދެން ޖެހެއެވެ.
ޖެހުންބެ
10 April 2024
ސްކޫލުން ހުއްދަ ބާތިލް ކުރީމަ ވެސް ފުލުހުންނައް ހަމަލާދީފަ ގަދަ ކަމުން ވަންނަން ޖެހޭތޯ.