28 އެޕްރީލް 2024 - 06:35
ލަންޑަން (އޭޕްރީލް 28) – ދަނޑު ބޭރުގައި، ކޯޗު ޔާގަން ކްލޮޕާ އަރާރުންވުމަށް ފަހު ކުޅެން ނުކުތް މުހައްމަދު ސަލާހަށް ލިވަޕޫލަށް އެހީ ނުވެވި މެޗު ނިންމާލަން ޖެހިއްޖެ އެވެ.
ޕްރިމިއާ ލީގުގައި ވެސްޓްހޭމްއާ ދެކޮޅަށް ކުޅެން މެޗުގެ 79 ވަނަ މިނެޓްގައި ސަލާހް ކުޅެން އަރުވަން އުޅުނު ވަގުތު ކްލޮޕާ ދެ މީހުން އަރާރުންވާ މަންޒަރު ފެނުނެ އެވެ. ވެސްޓްހޭމުން 2-2 ން ނަތީޖާ ހަމަހަމަ ކުރުމުން ކްލޮޕް ބޭނުންވީ ޓީމުގެ އެންމެ އިތުބާރު ފޯވާޑް ދަނޑަށް ނެރެ ނަތީޖާ ބަދަލު ކުރުމުގައި އެހީވުމަށެވެ.
އެކަމަކު، ލިވަޕޫލުން ފުއްދާލަން ޖެހުނީ ޕޮއިންޓަކާ އެކު އެވެ. ލީގު ހޯދުމުގެ ރޭހުގައި ލިވަޕޫލަށް އިތުރު މަޑުޖެހުމެއް އަނެއްކާ ވެސް ކުރިމަތި ވީ އެވެ.
މެޗު ނިންމާފައި، ސްޓޭޑިއަމްގެ މިކްސްޑް ޒޯނަށް ސަލާހް ވަންނަން ދަނިކޮށް އޭނާގެ އިންޓަވިއުއެއް ހޯދަން ނޫސްވެރިން އެދުމުން ވެސް އެކަމަށް ދެކޮޅު ހެދި އެވެ.
"މިއަދު އަހަރެން ވާހަކަ ދައްކައިފިނަ މާ ބޮޑަށް ގޯސް ވާނެ،" ނޫސްވެރިންނަށް ސަލާހް ބުންޏެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކްލޮޕް ބުނީ ޖެހުނު މައްސަލަ ޗޭޖިން ރޫމްގައި ވާހަކަ ދައްކައިގެން ހައްލުކޮށްފައިވާ ކަމަށެވެ. މައްސަލައިގެ ތަފުސީލު ދޭން ކްލޮޕް ބޭނުމެއް ނުވި އެވެ.
އުފެދުނު ކަންތަތަކާ ގުޅިގެން ސަލާހުގެ ފަރާތުން ވެސް މައްސަލައެއް ނެތްތޯ ސުވާލު ކުރުމުން ކްލޮޕް ބުނީ އޭނާ އަށް ފެންނަ ފެނުމުގައި ސަލާހްގެ ފަރާތުން ވެސް މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.
"އާނ... އަހަންނަށް ފެންނަނީ އެގޮތަށް،" ކްލޮޕް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy