މިނިސްޓަރު ޒަމީރު: އޭނާ ރަސްމީ ދަތުރެއްގައި އަންނަ ހަފުތާގައި އިންޑިއާ އަށް ވަޑައިގަންނަވަން ވަނީ ހަމަޖައްސަވައިފައި.-- ފޮޓޯ: ރައީސް އޮފީސް
02 މެއި 2024 - 10:58
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި އަންނަ ހަފުތާގައި އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރާއްޖޭގައި އާ ސަރުކާރެއް އެކުލަވައިލި ފަހުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި ވެރިރަށް ނިއު ދިއްލީ އަށް ވަޑައިގަންނަވާނެ އެވެ. ޒަމީރު އިންޑިއާގެ ނިއު ދިއްލީ އަށް ފުރާވަޑައިގަންނަވާނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މަގާމުގެ ހުވާކުރެއްވި ފަހުން މި ސަރުކާރުގެ އިސްބޭފުޅަކު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
މީގެ ކުރިން ކޮންމެ ފަހަރަކު ވެސް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ރައީސަކު އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ އިންޑިއާ އަށެވެ. ނަމަވެސް ރައީސް މުއިއްޒު އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ޗައިނާ އަށެވެ.
އާ ސަރުކާރުން ޗައިނާއާ މާ ގާތް ގުޅުމެއް ބާއްވާ ކަމަށް ބުނެ އިންޑިއާގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް ރާއްޖެ އަށް އަމާޒުވެފަ އެވެ.
މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކަށް ވީ އިންޑިއާ އިން ރާއްޖޭގެ އަސްކަރިއްޔާ އަށް ހަދިޔާކުރި ހެލިކޮޕްޓަރާއި މަތިންދާބޯޓު ދުއްވަން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމެވެ. އެ ވައުދާ އެއްގޮތަށް އިންޑިއާގެ ސިފައިން ބާލައި އެ އުޅަނދުތައް ދުއްވުމަށް އިންޑިއާގެ މަދަނީ މީހުން ގެންނަން ދެ ގައުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ދެ ބެޗެއް މިހާރު ވަނީ އަނބުރާ އެ ގައުމަށް ފޮނުވާލައިފަ އެވެ. އިންޑިއާ ސިފައިންގެ އެންމެ ފަހު ބެޗު މި މަހު 10 ގެ ކުރިން ރާއްޖެއިން ފުރާނެ ކަމަށް ވެސް ދިވެހި ސަރުކާރުން ކުރިން ބުނެފައި ވެ އެވެ.
ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާގެ ސިފައިން ރާއްޖެ އިން ބާލަނީ ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށް، އޭގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިންނެވެ.
ބެލެވޭ ގޮތުގައި މިނިސްޓަރު ޒަމީރުގެ މި ދަތުރުގައި ވެސް މިކަމާ ގުޅޭ އިތުރު މަޝްވަރާތައް ކުރައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
02 May 2024
އިންޑިޔާއައްވެސް ދާންވާނެ، އެކަމަކު މައްސަލަޖެހެނީ އެމީހުންގެ ސުޕާރީ ކާންފެށީމަ. ނަމަނަމަ ސުޕާރީނުކާތި އޭރުންއޯކޭވާނެ.
ބައްޓި
02 May 2024
އަނެއްކާ ކޮންސަލާމެއް ޖަހާންބާ މިދަނީ؟
ބޮޑުރިޔާ
02 May 2024
އިންޑިޔާގެ އަސްކަރީ އުޅަނދުތަށް ދުއްވަން މިތިބެނީ އިންޑިޔާގެ މަދަނީ މީހުންނޯ ކީކޭދެންބުނާނީ މީހުންގުނބޯ ހައްދަންވެސް ފައްކަލޭދޯމިމީހުން
ކަނޑުދަތުރުކުރާ މީހުން
02 May 2024
ދިވެހިންނަކީ ޒަމާނުއްސުރެ އަމިއްލަޔަށް ބޯޓުފަހަރު ބަނދެ ދުއްވާ އުޅުނު ބަޔެއް ކުރީ ޒަމާނު ރާއްޖޭގެ ފަރުތަކަށް ބޭރުގެ ގިނަ ބޯޓުތައް އަރާ. ނަމަވެސް ދިވެހީންނަކީ ކަނޑު މައްޗައް ފަރިތަ އަދި ކަނޑުގެ ދަތުރުފަތުރުކުރުމާށް ކުޅަދާނަ ބަޔެއް ދިވެހި ކުޑަ ކުދިންނަށް ވެސް ބޯޓު ދުއްވޭނެ މަސައްކަތްކޮށްފިނަމަ ހެލިކޮޕްޓަރުވެސް ދުއްވޭނެ. ހެލިކަޕްތަރު ދުއްވަން އިންޑިއާ ސިފައިން ބޭނުމެއް ނޫން.
މަވާސަލާމް
03 May 2024
ތީ ރާއްޖެތެރޭގެ ސިއްޙީ މަރުކަޒުތުގައި ހޮސްޕިޓަލް ގެ ބޯޑް އެޅުވި ކަހަލަ ކަމެއް.
އިހްސާސް
02 May 2024
އިންޑިޔާ ސިފައިން ތިބުމޭ މަދަނީން ތިބުމޭ ހަމައެއްގޮތް.
ކިހިނެއް
02 May 2024
ޗައިނާއެއް ނޫން ތުރުކީއައް ފުރަތަމަ ދަތުރު ކުރެއްވީ