ބައްޕަ– އަޅުގަނޑުގެ އުސްތާޛު، އަޅުގަނޑުގެ ގަހާތަރި!

އަބްދުﷲ ޝާހިދު

02 މެއި 2024 - 11:32

5 comments

އޭޕްރިލް 24، 2024 ވީ ބުދަދުވަހުގެ ޢަޞްރު ނަމާދަށްފަހު، އަޅުގަނޑުމެންގެ ލޯބިވާ ބައްޕަ އައްޝައިޚް މޫސާ ޖަމީލްގެ ހަށިކޮޅު، ގަލޮޅު ސަހަރާގައި ވަޅުފުޅުލެވުނެވެ. އަވަހާރަވީއިރު ބައްޕަގެ ޢުމުރުފުޅަކީ 88 އަހަރެވެ.

އަޅުގަނޑުމެންގެ ޢާއިލާ އަށް ލިބިގެން މި ދިޔައީ ނުހަނު ބޮޑު ފުން ހިތާމައެކެވެ. ޢާއިލާގެ މައިތަނބު، އިސް މުޝީރު އަޅުގަނޑުމެންނާ ވަކިވެ ވަޑައިގަތުމުން އަޅުގަނޑުމެން އެންމެންގެ ހިތްތައް ރޮއްވައިފިއެވެ. ޢާއިލާއަށް ކުރިމަތިވި ފުން ހިތާމައިގެ މި ދަނޑިވަޅުގައި ގިނަ ޢަދަދެއްގެ ބޭފުޅުން ބައްޕައަށް އިޙުތިރާމް އަދާކުރައްވައި، ބައްޕަގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގެން ހެޔޮ ދުޢާކޮށްދެއްވިކަމީ އަޅުގަނޑުމެން ޝުކުރުވެރިކަމާ އެކު ފާހަގަކުރާ ކަމެކެވެ.

އަދި ހަމައެއާއެކު ހެޔޮއެދިވަޑައިގަންނަވާ އެތަކެއް ބޭފުޅުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އަޅުގަނޑުމެންގެ ލޯބިވާ މަންމައަށާއި ޢާއިލާއަށް ފޮނުއްވަމުން ގެންދަވާ ތަޢުޒިޔާގެ މެސެޖުތަކުންނާއި، ފާޅުކުރައްވަމުންގެންދަވާ އިޚްލާޞްތެރި ޝުޢޫރުތަކުންނާއި ހިއްސާކުރައްވަމުން ގެންދަވާ ބައްޕަގެ ހަނދާންތަކުން އަޅުގަނޑުމެންގެ ހިތްތަކަށް ލުއިކަމާއި ތަސައްލީ ލިބެމުންދެއެވެ.

ބައްޕަ އަވަހާރަވުމާ އެކު ހަނދާން އައުވެގެން ދިޔައީ ބައްޕަ ހައްދަވާފައިވާ ޢިބުރަތުން ފުރިފައިވާ ޅެމެއްގެ ބައިތުތަކެވެ.

ކޮންމެކަމަކަށް ވަގުތު މިންވަރުވޭމެއޭ/ އޮންނަ މިންވަރު ބަދަލުކޮށް ނުލެވޭނެއޭ/ "ކޮންމެ ނަފްސެއް މަރުގެރަހަ މެދެކޭނެއޭ"/ كل شيء هالك إلا وجهه

ކޮންމެކަމަކަށްވެސް ނިމުން އާދޭމެއޭ/ ކޮންމެއެއްޗެއް ވެސް ފަނާވެހިނގައިދެއޭ/ އޮންނަ އިސްތިޘްނާއަކީ الله އޭ/ كل شيء هالك إلا وجهه

ބައްޕަގެ ތަރުބިއްޔަތާއި މަތިވެރި އިރުޝާދުން އަޅުގަނޑުގެ ވިސްނުމާއި ފިކުރު ހިންގުމަށް، އަދި އަޅުގަނޑުގެ އަދަބު އަޚްލާޤާއި މުޅިދިރިއުޅުމަށް ފަހިކަމެއް ގެނެސްދެއްވިކަމުގެ އުފާވެރި ހަނދާންތައް އާލާވެގެން ދިޔައެވެ.

އަޅުގަނޑުގެ ބައްޕައަކީ އަޅުގަނޑުގެ ކުރިމަގުގެ ތަސްވީރު ކުރައްސަވައިދެއްވި ކުޅަދާނަ ބައްޕައެވެ. ބައްޕަ އަޅުގަނޑުމެންނަށް ދޫކުރައްވާފައި އެވަޑައިގަތީ ze، ޢިލްމާއި ޙިލްމުގެ މުއްސަނދި ޚަޒާނާއެކެވެ. އަޅުގަނޑުމެންގެ ޙަޔާތުގެ ނައު މިޞްރާބު ސީދާކޮށް އަމާން އޮމާން ދަތުރެއްކުރުމަށް ބޭނުންވާނެ ގިނަގުނަ ޢިބުރަތްތަކާއި ދަރުސުތަކެއް އެކުލެވިފައިވާ ޚަޒާނާއެކެވެ.

މަންމަ، މައިމޫނާ ވަޖީހު އާއި ބައްޕަ

ޢާއިލީ ދަރިފަސްކޮޅާއި ނަސަބަށް ބަލާއިރު، އަޅުގަނޑުގެ ބައްޕައަކީ މައިފުށުންނާއި ބަފައިފުށުން ވެސް ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޝަޚުސިއްޔަތުތައް ހިމެނިވަޑައިގަންނަވާ ޢާއިލާތަކަށް ނިސްބަތްވާ ބޭފުޅެކެވެ. ބޮޑުގަލު އާއި ދަރަވަންދޫގެ އާއި ކަކާގެ އާއި ވެލިދޫގެއަކީ މި ދެންނެވި ޢާއިލާތަކެވެ.

އައްޝައިޚް މޫސާ ޖަމީލްގެ ބައްޕާފުޅަކީ ބޮޑުގަލު ފަޑިއްތަކުރުފާނުގެ ބޮޑުގަލު މާފަތް ތަކުރުފާނުގެ ބޮޑުގަލު ދޮން ހަސަން މަނިކުގެ ބޮޑުގަލު އަލީ ފަޑިއް ތަކުރުފާނުގެ ބޮޑުގަލު އިސްމާއިލު މަނިކުގެ ބޮޑުގަލުގޭ މޫސާދީދީ، ދަރަވަންދޫ ކާސިންކަލޭފާނުގެ ދޮންކަލޭފާނުގެ ތުއްމަނިކެ އާ ކައިވެނިބައްލަވައިގެން ލިބިވަޑައިގެންނެވި ދަރަވަންދޫގޭ ޢަބްދުالله ކަމާލުއްދީންބަންޑާރަނައިބުަ މަނިކުފާނެވެ.

އަދި އައްޝައިޚް މޫސާޖަމީލްގެ މަންމާފުޅަކީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ދޮންބަންޑާރައިންގެ، އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީންގެ، އަލްއަމީރާ ޢާއިޝަތު ރަނި ކިލެގެފާނުގެ، ކަކައިގެ އަލްއަމީރު ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ، ކަކައިގޭ އަލްއަމީޜު މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނު، އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ) ދިޔަމިގިލި ބަންޑާރައިންގެ، އައްސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ)ގެ، އަލްއަމީރާ ފާޠިމަތު ރަނިކިލެގެފާނުގެ, އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ، އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ، އަލްޤާޟީ ޙުސައިން ދީދީ (ވެލިދޫގޭ ތުއްތީދި) އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ، ދޮންދީދީއާއި ކައިވެނިބައްލަވައިގެން ލިބިވަޑައިގެންނެވި ފާޠިމަތު މުޙަންމަދު ދީދީއެވެ.

ޢިލްމު އުނގެނުމާއި ޢިލްމު އުނގަންނައި ދިނުމަށް ނުހަނު ލޯބިކުރެއްވި ޢާއިލީ ވެށްޓަކަށް އުފަންވެ ވަޑައިގަތުމުގެ ހެޔޮ ނަޞީބު ލިބިވަޑައިގަތުމުން، ބައްޕަ ވެސް ވަރަށް ޅަޢުމުރުފުޅުގައި ތަޢުލީމު ލިބިވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަތެވެ. ޢިލްމީގޮތުން ރާއްޖެ މިފަހަކަށް އައިސް ދުށް އެންމެ ވަރުގަދަ އުސްތާޛް ބައްޕަގެ ބޮޑުބޭބެފުޅު ފަޞީލަތުއްލް އައްޝައިޚު ޙުސައިން ޞަލާޙުއްދީންގެ އަރިހުން ދަރިވަރުވެވަޑައިގެން، ޢިލްމު އުގެނުމުގައި ވަގުތުހޭދަކުރެއްވިއެވެ. ޢުމުރުފުޅުން އެންމެ ހަތް އަހަރުފުޅުގައި ކީރިތި ޤުރުއާން ހިތްޕުޅުން ދަސްކުރައްވާ ޙާފިޒަކަށް ވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޢާއިލާތަކަށް ނިސްބަތްވެވަޑައިގަތަސް ބައްޕައަކީ ސިޔާސީ ކަންކަމުގައި އެއްވެސް އިރެއްގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވެވަޑައިގަތް ބޭފުޅެއް ނޫނެވެ. އެހެންނަމަވެސް، 1968 އަހަރުގެ ކުރީކޮޅު ރާއްޖޭގެ އޭރުގެ ސިޔާސީ ހަލަބޮލިކަމުން ބައްޕައަށް ވެސް ސަލާމަތްވެވަޑައި ނުގެންނެވުނެވެ. ސިޔާސީ ބަންދަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. އޭރުގެ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީއިން ހަތް މަސްދުވަސް ވަންދެން ބައްޕަ ގޭގައި ބަންދުގައި ބެހެއްޓެވިއެވެ. އެ ދުވަސްވަރު ބައްޕައަކީ ފަނޑިޔާރުގޭގެ ފަނޑިޔާރެކެވެ. އޭގެ ކުރިން ހެންވޭރު އަވަށުގެ ޚަތީބުކަން ބައްޕަ ކުރެއްވިއެވެ. އެއީ އޭރު ރަދުން އަސާދެއްވައި ޢައްޔަނު ކުރައްވާ މަޤާމެކެވެ.

މިގޮތުން، ހެންވޭރު އަވަށުގެ ޚަތީބުކަން އެންމެ ފަހުން ކުރެއްވި ބޭފުޅަކީ ވެސް ބައްޕައެވެ. ގޭބަންދުން ބައްޕަ މިނިވަންކުރެއްވުމަށް ފަހު ޕަބްލިކް ސޭފްޓީއިން އެންގެވީ އަލުން އެނބުރި ފަނޑިޔާރުންގެ އަށް ވަޒީފާއަށް ނިކިމެ ވަޑައިގަތުމަށެވެ. އެހެންނަމަވެސް ބައްޕަ ދެކެވަޑައިގެންނެވި ގޮތުގައި ކުށެއް ނެތި ނަމަވެސް އެފަދަ ބަންދަކަށްފަހު ނިޔާކަނޑައެޅުމުގެ މަޤާމަކަށް އަލުން އެނބުރިވަޑައިގަތުމަކީ ޢާންމު ރައްޔިތުން ފަނޑިޔާރުގެއާ މެދު ދެކޭގޮތަށް އަސަރުކުރާނެ ކަމެކެވެ. އަނިޔާވެރިކަމެއްގެ ތެރޭގައި ބައްޕަގެ ޝަޚުސިއްޔަތު ކަތިލެވިފައި ވިޔަސް ބައްޕަ އިސްކުރެއްވީ މުޅިރާއްޖެ އާއި ރައްޔިތުންނާއި ފަނޑިޔާރުގޭގެ މަސްލަޙަތެވެ.

އެނބުރި ފަނޑިޔާރުގެއަށް ވަޑައިގަތުމަށް ގަބޫލުފުޅުނުވުމުން ސަރުކާރުން ހަމަޖެއްސެވީ ހުޅުލޭ ހުކުރުކުރުމުގެ މަގާމެވެ. ލިބިވަޑައިގަންނަވަމުންދިޔަ މުސާރަ ވަރަށް ބޮޑުތަނުން އުނިވެގެން ދިޔަ ނަމަވެސް ބައްޕަގެ ނިންމެވުން ބަދަލެއް ނުކުރައްވައެވެ. އެނބުރިވަޑައިގަތީ އިތުރު މަސައްކަތްކުރެއްވުމަށެވެ. ތައުލީމު އުނގަންނައި ދެއްވުމަށެވެ. ތަޢުލީމު އުނގަންނައި ދެއްވުމަކީ ވަރަށް ފަޚުރުވެރިކަމާ އެކު ވަރަށް ހިތްޕުޅު ހަމަޖެހިގެން ބައްޕަ ކުރެއްވި މަސައްކަތްޕުޅެކެވެ. އެންމެ ފުރަތަމަ ކިޔަވައިދެއްވުމާއި ޢިލްމު އުނގަންނައިދެއްވުމުގެ މަސައްކަތް ފެށްޓެވީ 1949 ގައި ބައްޕަގެ ޢުމުރުފުޅުން އެންމެ 14 އަހަރުގައެވެ. މަދްރަސަތުއް ޞަލާޙިއްޔާ އާއި މަދްރަސަތުއް ފަރީދިއްޔާގައި ކިޔަވައިދެއްވިއެވެ. އަދި ފަހުން މަޖީދިއްޔާ ސްކޫލްގައި ވަރަށް ދިގުމުއްދަތަކަށް ކިޔަވާދެއްވިއެވެ. މަޖީދިއްޔާގައި އަޅުގަނޑުގެ ވެސް އިސްލާމް މުދައްރިސް އެވެ.

ބައްޕަގެ މުޅި ޢުމުރުފުޅުގައި ދީނީ ޢިލްމު ފެތުރުއްވުމުގައި ވަރުބަލިކަމެއްނެތި މަސައްކަތްކުރެއްވިއެވެ. އަޅުގަނޑުމެން ފަދަ އިސްލާމީ މުޖުތަމަޢުއެއްގައި ޅަޢުމުރުފުރާއިން ފެށިގެން ކިޔަވައިދޭންޖެހޭ އެންމެ މުހިންމު ދެ މާއްދާ ކަމުގައިވާ ކީރިތި ޤުރުއާން އާއި އިސްލާމް އަކީ ބައްޕަ އުނގަންނައިދެއްވި ދެ މާއްދާއެވެ. އެއީ ތަރުބިއްޔަތާއި ރިވެތި އަޚްލާޤްގެ އަސާސެވެ. މާލޭގައި ސަރުކާރުން ހިންގާ އެންމެ ދެ ސްކޫލް ހުރިއިރު، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އަމިއްލަ ސްކޫލްތައް ހިންގި ދުވަސްވަރު ހަމަ ހުރިހާ ސްކޫލްތަކެއްގައިމެ ބައްޕަ ކިޔަވައި ދެއްވަމުން ގެންދެވި ހަނދާން އަޅުގަނޑު ހުރެއެވެ. ދީނީ ޢިލްމާއި ދީނީހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ތެރޭގައި ޚުޠްބާލިޔުއްވާ ޗާޕުކުރައްވައިގެން ރަށްރަށަށާއި މާލޭގެ ހުކުރު ކުރައްވާ ބޭފުޅުންނަށް ފޯރުކޮށްދެއްވުން ފާހަގަކޮށްލަމެވެ. ޚުޠްބާ ސަރުކާރުން ޗާޕުކުރައްވާ ފޮނުއްވަން ފެއްޓެވުމުގެ ކުރިންނެވެ.

ބައްޕަގެ ސާދާ މިޒާޖާ އެއްގޮތަށް ބައްޕަގެ އުނގަންނައިދެއްވުމުގެ ވައްޓަފާޅިއަކީ ވެސް މަޑުމައިތިރިކަމާއި ކެތްތެރިކަމާއިއެކު ދަރުސުތައް ދެއްވުމެވެ. އެތަކެއް ޖީލުތަކެއްގެ ކުދިންގެ ހިތްތަކުގައި ޢިލްމު އުނގެނުމަށް ޝައުޤުވެރިކަން އުފައްދަވައި، އެ ކުދިންގެ އިޙްތިރާމާއި ލޯބި ހޯއްދެވިއެވެ. ބައްޕަގެ ފިލާވަޅުތަކުން އެތަކެއް ޢާއިލާތަކަކަށް ގިނަގުނަ ފައިދާތަކެއް ކުރިކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. އެއީ ބައްޕަ އަވަހާރަވުމާ ގުޅިގެން އަޅުގަނޑުމެންގެ ޢާއިލާއަށް ރާއްޖޭގެ އެކިކަންކޮޅުތަކުން އެކި ޢުމުރުގެ އެކިފަންތީގެ ބޭފުޅުން ފޮނުއްވަމުން ގެންދެވި އަސަރުން ފުރިފައިވާ ތަޢުޒިޔާގެ މެސެޖްތަކުން އެކަން ދޭހަވާތީއެވެ.

މާލެ ފިޔަވައި ވަރަށް މަދު ރަށްރަށުގައި ނޫނީ ޢިލްމު އުނގެނުމުގެ ފުރުޞަތު ނެތް ދުވަސްވަރެއްގައި އެކި ރަށްރަށުން ޢިލްމު އުނގެނުމަށް މާލެ އަންނަ ކުދިންނަށް އަޅުގަނޑުމެންގެ ގޭގައި ބައްޕަ ކިޔަވައިދެއްވަމުން ގެންދެވި ހަނދާން އަޅުގަޑު ހުރެއެވެ. ރަބީޢީ ކުލާހުގެ ނަމުގައި ކުލާހެއް ރަޖިސްޓަރީ ކުރެއްވި ވެސް މެއެވެ. އަޅުގަނޑުގެ ހަނދާނަށް އަންނަނީ ޢިލްމު އުގެނުމަށް ކެތްމަދުވެފައިވާ އެތައް ކުދިންނަކަށް ބައްޕަ ދީނީ ފިލާވަޅު ނަންގަވައި ދެއްވަމުން ގެންދެވި މަންޒަރެވެ. ކަންފަތުގައި ހަރުލާފައި ހުންނަނީ އަޅުގަނޑު ތުއްތު ދުވަސްވަރު، ނިދަން އޮންނައިރު، ކެތްތެރިކަމާ އެކު ބައްޕަ އެ ކުދިންނަށް ދެއްވާ ދަރުސުތަކުގެ އަޑެވެ.

ތަޢްލީމު އުނގަންނައި ދެއްވުމާއި ޢިލްމު ފެތުރުއްވުމަކީ ބައްޕަގެ ޢާއިލާގެ ޘަޤާފަތެކެވެ. އެއީ މެދުނުކެނޑި ޢާއިލާގެ އެކިއެކި ޢިލްމުވެރިން ޤައުމަށް ކޮށްދެއްވަމުން ގެންދެވި އަގުނުކުރެވޭ ފަދަ މުހިންމު ޚިދުމަތެކެވެ. ކިޔަވައިދެއްވުމުގައި ބައްޕަކުރައްވަމުން ގެންދެވި މަސައްކަތްޕުޅު ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރިފައިވާ މިންވަރު އަޅުގަނޑަށް ވިސްނުނީ އަޅުގަނޑު ރާއްޖޭގެ ރަށްރަށަށް ދަތުރުކުރަން ފެށި ހިސާބުންނެވެ. އަޅުގަނޑު ދިޔަ ކޮންމެ ރަށަކުންމެ ބައްޕަ އަރިހުން ދަރިވަރުވެފައިވާ މީހުންނާ ބައްދަލުވިއެވެ. އެ ރަށްރަށުގެ ކަމުވޮށިވެގެންވާ ރަށްވެހިންގެ ތެރޭގައެވެ. ކަތީބުންނާއި ގާޒީންނާއި، މުދިމުންނާއި މުދައްރިސުންނާއި އެނޫން ވެސް ޚިދްމަތްތެރިންގެ ގޮތުގައެވެ.

(ވ-ކ އިށީނދެވަޑައިގެން) ޝެއިޚު އޮޅިތެރެ ރަޝާދު، އުއްތަމަ ފަނޑިޔާރު މަނިކުފާނު ފަލީލަތުއްޝައިހު އަލްއުސްތާޒު މުހަންމަދު ޖަމީލް އަދި ޝެއިހު މޫސާ ޖަމީލް

ޤައުމީ ޚިދުމަތަކީ ބައްޕަ ހިތާއި ރޫޙުން ޤަބޫލުކުރެއްވި ކަމެކެވެ. ބައްޕައަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގަތީ 1974 ގައެވެ. އަދި ދެވަނަ ޕެންޝަން 1994 ގައެވެ. ފަންސާސް ތިން އަހަރާއި 2 މަހާއި 8 ދުވަހު ދައުލަތަށް ޚިދްމަތްކުރެއްވުމުގައި ދެމިހުންނެވުމަށް ފަހު ސިވިލް ސާރވިސް ގާނޫނަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން ބައްޕަ ވަޒީފާއިން ވަކިކުރެއްވީ 1 މޭ 2008 ގައެވެ.

ނުަހަނު ޒުވާން ޢުމުރުފުޅުގައި ޤުރުއާން ހިތްޕުޅުން ދަސްކުރައްވާފައިވުމާ އެކު ދިވެހިރާއްޖޭގައި ޚާފިޒުން އިމްތިޙާނުކުރާ ކޮމިޓީގެ މެންބަރުކަން ވަރަށްދިގު މުއްދަތެއްގައި ކުރެއްވިއެވެ. ފަންސާސް އަހަރަށްވުރެ ގިނަ ދުވަހު އެ ކޮމިޓީގައި ޚިދުމަތްކުރެއްވިއެވެ. ސިވިލް ސާރވިސް ގާނޫނުގެ ދަށުން ވަޒީފާއިން ވަކިކުރެއްވުމަށްފަހު ވެސް އެ ކޮމިޓީގައި ޚިދްމަތްކުރެއްވިއެވެ. ދެހާސް ދިހައެއްގައި ކޮމިޓީއިން ވަކި ކުރެއްވިއިރު ބައްޕަ ހުންނެވީ އެ ކޮމިޓީގެ ރައީސްގެ މަޤާމުގައެވެ.

ބައްޕަގެ ހިތްޕުޅުގައި ޤައުމަށް އޮތްލޯބި ރަމްޒުކޮށްދިން އެހެން ނިންމެވުމެއް ވެސް މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލާހިތްވެއެވެ. އެއީ 22 ޑިސެމްބަރ 2000 ވަނައަހަރު އޭރުގެ ސަރުކާރުން ރާއްޖޭގައި ޤުރުއާނާއި ބެހޭ މަރުކަޒު ޤާއިމުކުރެއްވުމާއި އެކު، އަގުހުރި ޢާއިލީ ތަރިކައިގެ ގޮތުގައި ބައްޕަގެ އަތްޕުޅުގައި ހުރި އެތައް ޤަރުނެއް ވެފައިވާ މުޞްޙަފުތައް އެ މަރުކަޒަށް ހަދިޔާކުރެއްވުމަށް ނިންމެވި ނިންމެވުމެވެ. ބައްޕަގެ ވިސްނުންފުޅުގައި ހުރީ އެފަދަ މުހިންމު ތަރިކައެއް ގިނަބަޔަކަށް ފެންނާނެގޮތަށް އިންތިޒާމު ހަމަޖެއްސުން މުހިންމު ކަމަށެވެ. އަދި އެއީ ޤައުމުގެ ޘަޤާފަތާ ގުޅޭ ޤައުމުގެ އަގުބޮޑު ތަރިކައެއް ކަމުގައި ބައްޕަ ޤަބޫލުކުރެއްވިއެވެ. މިހާރު އެ މުސްޙަފުތައް ބެހެއްޓިފައިވަނީ ޤައުމީ ދާރުލް އާޘާރުގައެވެ. އެ މުސްޙަފުތައް ދާރުލް އާޘާރުން ފެންނަ ކޮންމެ ފަހަރަކުމެ ބައްޕަގެ މި ޤައުމީ ނިންމެވުމާ މެދު އަޅުގަނޑަށް ހިތްހަމަޖެހުން ލިބިދެއެވެ.

ބައްޕައަކީ ހަރުދަނާ ޢާއިލާއެއް ބިނާކުރުމުގެ މުހިންމުކަން ބަހާއި ޢަމަލުން ދެއްކެވި ބޭފުޅެކެވެ. އަޅުގަނޑުގެ މަންމަ މައިމޫނާ ވަޖީހް އާ އެކު ލޯތްބާއި ކުލުނާއި އިޙުތިރާމާ އެކު، ފަސްދޮޅަސް ހަ އަހަރު އެކުގައި ހޭދަކުރައްވައި، އާރާސްތުކުރެއްވި ޢާއިލީވެށްޓަކީ އަޅުގަނޑުމެންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ މާހައުލެކެވެ.

އަޅުގަނޑުމެންގެ އައުލާދުގެ މައިތަނބަކީ ބައްޕައެވެ. އެއީ އަޅުގަނޑުމެން އެންމެންގެ މަދަދުގާރެވެ. ދަރިންނާއި ދަރިންގެ ދަރިންނާއި ބޮޑުބޭބެ ވިދާޅުވާ ބޭފުޅުންނާއި އެ ބޭބޭފުޅުންގެ ބޭފުޅުން ވެސް ކޮންމެ ކަމެއްގައި ވެސް ލަފާ އާއި މަޝްވަރާ ހޯއްދަ ވަނީ ބައްޕަގެ އަރިހުންނެވެ. އެކި ޢުމުރުފުރައިގެ ގާތްތިމާގެ ބޭފުޅުންނަށް ބައްޕަ އަކީ ނަސޭޙަތުގެ ޚަޒާނާއެކެވެ. ޢާއިލާގެ ކޮންމެ ބޭފުޅަކު ވެސް ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުގައި ޚިޔާލު ބަދަލުކުރައްވާ، އިހްސާސްތައް ހިއްސާކުރައްވާ އެންމެގާތް ބޭފުޅަކީ ވެސް ބައްޕައެވެ. އެހެންމީހުންގެ ހިތުގެ ޝުޢޫރުތައް ކަނުލާ އަޑުއެއްސެވުމަކީ ބައްޕަގެ އެންމެމާތް އެއް ސިފައެވެ. މާޔޫސްކަން ތަޙައްމަލު ކުރަމުންދާ މީހަކަށް އޯގާތެރި ކަމާ އެކު ވާހަކަ ދައްކާލާނެ ޢިލްމުވެރި ލަފާދާރެއް ލިބުމަކީ ލިބޭ ހިތްހަމަޖެހުމެކެވެ. ގާތް އެކުވެރިންނަށް ވެސް ބައްޕަގެ ނަސޭޙަތާއި އިރުޝާދު އަބަދުމެ ހުންނަނީ ލިބިލިބިއެވެ.

ބައްޕައަކަށް ނުވަތަ މަންމައަކަށް ލިބޭނެ އެންމެ ފުންހިތާމައަކީ އުފަން ދަރިއެއްގެ ވަކިވެދިއުމެވެ. އަޅުގަނޑުގެ ބައްޕަ އާއި މަންމަ އަށް ލިބިވަޑައިގެންނެވި ހަމައެކަނި ދެ އަންހެންބޭފުޅުން– އަޅުގަނޑުގެ ދެ ކޮއްކޮ– އުމުރުން 12 އާއި 14 އަހަރުގައި، އަރިހުގައި ދިޔަމީހާއާ އެކު މޫދަށްއެރިވަޑައިގެން އުޅުއްވަނިކޮށް ކުއްލި ގޮތަކަށް އަވަހާރަވުމަކީ އަޅުގަނޑުމެންގެ ޢާއިލާއަށް ވަރަށް ފުން ހިތާމައެއް ލިބުނު ޙާދިސާއެކެވެ. މިކަން ހިނގީ ވ. އަތޮޅަށް ޗުއްޓީއެއް ހޭދަކޮށްލައްވަން ވަޑައިގެންނެވި ދަތުރެއްގައި 26 ޖަނަވަރީ 1980 ގަ އެވެ.

މަންމަ އާއި ބައްޕަ އާއި އަޅުގަނޑުމެން އެންމެންގެ ހިތްކުދިކުދިވެ ރޮވުނެވެ. ހިތާމައިގެ އަސަރުން އެ ދެކަނބަލުންގެ މުޅިހަށިކޮޅު ނިކަމެތި ކޮށްލި މި ދަނޑިވަޅުގައި ވެސް ބައްޕަ ކުރެއްވީ އާދަޔާ ޚިލާފު ހިތްވަރެކެވެ. މާތްﷲގެ މިންވަރުފުޅަށް ކެތްތެރިވެވަޑައިންނެވިއެވެ. ތަޤްދީރުގެ ނިޔާ ޤަބޫލުފުޅު ކުރެއްވިއެވެ. ބައްޕައަކީ ކުޅަދާނަ ޝާޢިރެކެވެ. އެހެންކަމުން، ބައްޕަގެ ހިތާމައިގެ ޝުޢޫރުތައް ފާޅުކުރެއްވީ ބަލާޣާތްތެރި ޅެންބައިތުގެ ފައިސަލާއަކުންނެވެ. މިގޮތުން ބައްޕަ ލިޔުއްވި 45 ޅެމެއް ހިމެނޭ ޅެންފޮތެއް "އަންހެންދެބެންގެ ހަނދާނުގައި" ޝާއިޢު ކުރެވިފައިވެއެވެ. އިއްތިފާގުން ބައްޕަ އަވަހާރަ މިވީ ކޮއްކޮމެން އަވަހާރަވިތާ ހިޖްރީ ސަނަތުން 45 ވަނަ އަހަރުއެވެ.

ކޮއްކޮމެން އަވަހާރަވިތާ ތިންވަނައަށް ވީ ދުވަހު ބައްޕަ ލިޔުއްވި 60 ބައިތުހިމެނޭ "ކެޔޮދުއަށް ކުރެވުނު ހިތާމަވެރި ދަތުރު" މި ޅެމުގެ ބައިތުކޮޅެއް ހިއްސާކޮށްލާނަމެވެ.

ވަކިވެގެންދިޔައީ އެއީ އަޅުގަނޑުގެ "ރޫޙޭ މަޤްޞަދޭ"/ ވަކިވުމަށް މިންވަރުވެފައިވާ ވަގުތު ހަމައައުމުން ތެދޭ

އަޅުގަނޑާ އަދި އަންހެނުންގެ ޙަޔާތުގައި މުސްތަޤްބަލަށް/ ކަޅު އަނދިރި ރޭ ރޭ އެއިން އަލިވާނެޔޭ ހީވި ދެހަނދޭ

ކޮންމެތަނަކަށްވެސް ދެބެންއެކުގާ އަބަދުވެސް ދާގޮތަށް/ "ކޮއްކޮއާ އަދި ދައްތަ" ކީރިތިޙަޟްރަތަށް ދިޔައީ ތެދޭ

"އުދުހިފައިދާ ދޫނިތައް" ފަދައިން އުފަލުގައި ޖަންނަތަށް/ އުދިހިފައިދިއުމޭ އެދޭއެދުމުގެ ނިހާޔަތަކީ ތެދޭ

މިފަދަމޮޅިޔާ އަދި ހިތާމަތަކެއް އަޚުންނާ އުޚްތުނަށް/ ނުފެނުމަށް އެދި ޖައްލަރައްބީއަށް ދުޢާކުރަމޭ ތެދޭ

ތިންކުދިންނަށް ރަޙްމަތަށް އެދިގެންކުރާ މިދުޢާތަކަށް/ ވިންދުހުއްޓާ ހުއްޓުމެއް ނިމުމެއް ނުވާނޭ މީތެދޭ

ދުވަހުން ދުވަހަށް އަޅުގަނޑުގެ ދިރިއުޅުން ތަރުތީބުކުރުމުގައި ވެސް އަދި އަޅުގަނޑަށް ޙާޞިލުކުރެވުނު ކޮންމެ ކާމިޔާބީއެއްގައި ވެސް ބައްޕަ އާއި މަންމަގެ ހިއްސާ ވަރަށް ބޮޑެވެ. ބައްޕައަކީ އަޅުގަނޑުގެ އުސްތާޛެވެ. އަޅުގަނޑުގެ ހިތްވަރެވެ. ޤައުމީ ޚިދުމަތުގައި ވެސް، ސިޔާސީ ކަންކަމުގައި ވެސް އަޅުގަނޑު ކުރިއަށް ދާންވީ މަގުދެއްކެވި މަދަދުގާރެވެ. ކުރިމަގުގެ އުޖާލާ ތަސައްވުރު ވިސްނަވައިދެއްވި މުޝީރެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު ބަދަލުވެ، ސިޔާސީ ޕާޓިތައް އުފެދި ދިމިޤްރާތީ އުސޫލުތައް ޤާއިމިވެގެންދާން ފެށުމުން އަޅުގަނޑުހިތުގައި ވެސް ސިޔާސީ ކަންކަމަށް ޝައުޤުވެރިކަން އިތުރަށް އުފެދެން ފެށިއެވެ. އަޅުގަނޑު ކުރާ ކޮންމެ މަސައްކަތެއްގައި ވެސް ބައްޕަގެ ލަފާފުޅު ހޯދަމެވެ. އެންމެ ހިތްގައިމު ކަމަކީ، އެހީތެރި ކަމަކަށް އެދި ނަޒަރު ހިންގާލާ ކޮންމެ ފަހަރަކު ވެސް، ބައްޕަ ހުންނަވަނީ އެންމެ ގާތުގައެވެ. ހިތްވަރުދެއްވުމަށް ތައްޔާރަށެވެ.

ސިޔާސީ މަސްރަޙް އެންމެ ހޫނުވެގެންދާ ދުވަސް ދުވަހު، އަޅުގަނޑުމެންގެ ގޭ ދޮރުމަތީގައި މުޒާހަރާކުރުމަކީ ވަރަށް ގިނައިން ދިމާވި ކަމެކެވެ. ބައެއް ފަހަރު ގޭގެ ޢިމާރާތަށް ހަމަލާދީ ގެއްލުންދީ ވެސް ހަދައެވެ. ބައްޕަ އާއި މަންމަގެ އުމުރުފުޅުގެ ގޮތުން އެ ބޭފުޅުންނަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދެވޭނީ ކިހިނެއްތޯ ވިސްނާ އަޅުގަނޑު ހާސްވެ ކަންބޮޑުވާ ފަހަރުފަހަރު ވެސް އާދެއެވެ. އަދި މިކަންބޮޑުވުން ބައްޕައާ ހިއްސާކުރާ ކޮންމެ އުނދަގޫ ދަނޑިވަޅެއްގައި ވެސް ބައްޕަގެ ފަރާތްޕުޅުން ފެންނަނީ ކެތްތެރިކަމެވެ. އަޅުގަނޑަށް ކުރައްވާ އިތުބާރެވެ. އަދި އަބަދުމެ ސާބިތުކަމާ އެކު، ކެތްތެރިކަމާ އެކު ކަންކަމާއި ކުރިމަތިލެއްވުމުގެ ލާމަސީލު ނަމޫނާއެވެ.

އަނެއްކާވެސް ތަކުރާރު ކޮށްލެވޭނީ، ހަމަ އެއް ވާހަކައެކެވެ. ބައްޕައަކީ އަޅުގަނޑުގެ ހިތްވަރެވެ. އަޅުގަނޑުގެ ދިރިއުޅުމުގެ ގަހާތަރިއެވެ. ޢާއިލާ އަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއްވި ޙިކުމަތްތެރި ވިސްނުންފުޅުގެ މުސްތަޝާރެވެ. އަބަދުގެ އަބަދަށް ބައްޕަގެ ލޮބުވެތި ހަނދާންތައް އާކޮށް އިޙުތިރާމާއި ހެޔޮ ދުޢާ ކުރުންމަތީ ދެމިހުންނާނަމެވެ.

މާތްﷲ ބައްޕަގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތްލައްވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން!

ޢަބްދުﷲ ޝާހިދު، ހ. ރަބީޢީ މަންޒިލް

5 ކޮމެންޓް, 64 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 16%
icon angry icon angry 5%
icon wow icon wow 2%
icon inlove icon inlove 78%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

03 May 2024

އެކިއެކި ހާލަތްތަކުގަ ފޮރުވިފަހުންނަ، ހިނިއަންނަ ކަހަލަ ކަންކަން، އެހެން މީހުންނަށް އެނގުމުގެ ކުރިން ދެނެވަޑައިގަތުމުގައި، މޫސައިދީ އަކީ ކުޅަދާނަ އެދުރެއް. މޫސައިދީ އިނެވި ސަޔަކަށް، ނުވަތަ ކެއުމަކަށް ދިޔުމުގެ ނަސީބު ލިބުނު މީހަކު، ދުވަހަކުވެސް ފޫހިވެގެން އެތަނަކުން ނިކުމެފައެއް ނުވާނެ.

The name is already taken The name is available. Register?

އަބްޑޫޅް +

03 May 2024

މޫސައިދީ ގެ ހަނދާން އައު ކުރަން.

The name is already taken The name is available. Register?

އ.ރައޫފު

03 May 2024

ވަރަށް ފުރިހަމަ ލިޔުމެއް ،ހަމަ ރޮއްވައިފި.

The name is already taken The name is available. Register?

އަޙްމަދު ނިޒާރު

02 May 2024

ނިމި އެ ދިޔައީ އެ މަންޒިލް ދުށް 88 އަހަރުވީ އުފާވެރި ރަބީޢު މޫސުން

The name is already taken The name is available. Register?

ޢަޙްމަދު ޢަލީ

02 May 2024

ޝާހިދުގެ ބައްޕަގެ ފުރާނަ ޖަންނަތުލް ފިރުދައުސް ގައި ލަހައްޓަވާށި. އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454