އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ އެއާކްރާފްޓް.
03 މެއި 2024 - 20:44
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ފަހު ބެޗު، ދެ ގައުމުން ކުރިން އެއްބަސްވެފައިވާ ގޮތަށް މި މަހުގެ 10 ގައި ރާއްޖެ ދޫކޮށް ދާނެ ކަމުގެ ޔަގީންކަން ދެ ގައުމުގެ އިސްބޭފުޅުން ދެއްވައިފި އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ބާއްވާ ހައި-ލެވެލް ކޯ ގްރޫޕްގެ ހަތަރު ވަނަ ބައްދަލުވުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވުމަށް ފަހު މިއަދު ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގައި ދެ ފަރާތުން ވެސް ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ހާރިޖީ ގުޅުމާ ބެހޭ ގޮތުން ވާހަކަދެއްކި ކަމަށެވެ.
ތަރައްގީ އާއި ދިފާއީ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ވެސް، އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރި ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ތިން ސަރަހައްދުގެ ތެރެއިން އެންމެ ފަހު ސަރަހައްދުގައި ތިބި ސިފައިންގެ މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޮނުވާލައި އެ މީހުންގެ ބަދަލުގައި މަދަނީ މީހުން ގެންނާނެ ކަމަށެވެ. އަދި ލޮޖިސްޓިކަލް ހުރިހާ އިންތިޒާމެއް ވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ބާއްވާ ހައި-ލެވެލް ކޯ ގްރޫޕްގެ ފަސްވަނަ ބައްދަލުވުން އަންނަ މަހު ނުވަތަ ޖުލައި މަހު ބާއްވަން އެއްބަސްވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ބާކީ ތިބި އިންޑިއާގެ ސިފައިން މި މަހު 10 ގައި އަނބުރާ ފޮނުވާލާއިރު، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި މި މަހު 9 ގައި އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސަވައިފަ އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މަގާމުގެ ހުވާކުރެއްވި ފަހުން މި ސަރުކާރުގެ އިސްބޭފުޅަކު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ގެނެސްފައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ދެ ގައުމުން އެކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ތިން އުޅަނދު ދުއްވަން ތިބޭނީ އެ ގައުމުގެ ސިވިލިއަނުން ކަމަށެވެ. އެހެންވެ، ބާލަމުންދާ އިންޑިއާ ސިފައިންގެ ބަދަލުގައި މިހާރު ގެނެސްފައި ވަނީ އިންޑިއާގެ ސިވިލިއަނުންނެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ތިން އުޅަނދު ދުއްވަން އެ ގައުމުގެ ސިވިލިއަނުން ގެންނަނީ ވަކި މުއްދަތަކަށެވެ. އަދި އެއީ ދާއިމީ ބައެއް ނޫނެވެ.
އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެ ދޫކޮށް ދިޔައީ މިދިޔަ މާޗު މަހުގެ ކުރީކޮޅެވެ. އަދި ދެވަނަ ބެޗު ފުރީ މިދިޔަ މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިޝަން
05 May 2024
ރައްޔިތުންނޭ ވިސްނާ، ދެވަނަ ފަހަރަކަށް މިރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ދީގެން ނުވާނެ، އެމީހުންނަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު މިކަހަލަ ކޮންމެވެސް ލަގާއެއް އެބަދޭ. އެއީ އެއްވެސް ވަރަކަށް ގައުމަށް ހެޔޮއެދޭނެ ބައެއްނޫން. ޝުކުރިއްޔާ ރައީސް މުއިއްޒު
އާފާގް ސައީދު
05 May 2024
މަޝްވަރާގެ ރިވެތި އުސޫލު އިސްކުރީމަ ނަތީޖާ މި ފެނިގެން ދަނީ. ރައީސް މުއިއްޒްއަކީ ހަގީގަތުގައިވެސް ހިކުމަތްތެރި ވެރިޔެއް.
ނިއުމާ މުހައްމަދު
05 May 2024
ގަޓު ޔާމިންއަށް ނުވި ކަމެއް 5 މަހުން ރައީސް މުއިއްޒް މިކޮށްލީ. ހެހެ
އަފާފް ހަމީދު
05 May 2024
މަގޭ ނަޒަރުގައި ރައީސް މުއިއްޒްއަކީ މިހާރު ގައުމީ ބަތަލެއް. އެހެންޔާ އެހެން ވެރިޔަކަށް އިންޑިޔާ ސިފައިންވެސް ނުބޭލެވުނު ވިއްޔާ
ޖީހާން މުހައްމަދު
05 May 2024
މި ރައީސް މިއީ ބަސް މަދަސް އަމަލް ގިނަ ރައީސްއެއް. ކަން ކޮށްފަ ނަތީޖާ ނެރެ ދައްކާ ރައީސް އެއް.
ފެންނަގޮތް
04 May 2024
އެއްވެސް ގައުމެއްގެ ސިފައިން ބޭސްވެގެން ތިބުމަކީ ވަކިކޮޅަކަށް އެރުން، ރާއްޖެއަށް ރަނގަޅީ ވަކި ކޮޅަކަށް ނުޖެހި އޮތުން.. ނަޝީދު، ވަހީދު، ޔާމީން، އިބޫ މި 4 ވެރިކަމުގައި ނުވިކަމެއް މުއިއްޒު ހުވާކުރިތާ 6 މަސްތެރޭގަ އެކުރަނީ، މަޝްވަރާގެ އުސޫލުން.. ހަމަ ފިޔާވެސް، އަލުވިވެސް ލިބޭ،.. މުހިންމީ ކަނމުގެ ނާޒުކުކަން އެނގޭ، ހިކުމަތްތެރި ކަމާއެކީ ކަންކުރަން އެނގި، ޖެހިލުން ކުޑަކާމާއެކީ ކަންކުރަން ކެރި، ވައުދާ އެއްގޮތަށް ކަންކުރާ ވެރިން ތިބުން..
މުޙުއްމާ
04 May 2024
މަދަނީ މީހުން ބޭނުމެއްނުވޭ. ދިވެހި ޕައިލެޓުންނާއި އިންޖިނޭރުންނަށް ވަޒީފާދީ. ކުރީގަވެސްއޮތީ ދިވެހިން ޓްރޭއިން ކުރާގޮތަށް. މިހާރު ހަމަ ޔުނިފޯރމް ބާލާފަ ސިފައިން ތި އަންނަނީ.
ވަލި ކުޑޭ
04 May 2024
އިންޑިޢާ ‘ސވިވިލިއަނުން’ ތި 2 އުޅަދު ބޭނުން ކޮއްގެން ކުރަނީ ކޮންކަމެއް ބާ ؟ މި ސުއާލުގެ ޖަވާބު ސާފެއް ނޫން !
ރަފްހާނު ގާސިމު
04 May 2024
އަހަރެން މުއިއްޒު އަށް ވޯޓްދިނީ މިނިވަންކަން ޔަގީންކުރަން. އެކަން އެ ކޮއްދިނީ. ޝުކުރިއްޔާ ރައީސް.
އިގުބާލު
04 May 2024
މިހެންވީމައޭ މަ މުއީޒު އަށް ތާއީދު ކުރަނީ. ހުރިހާ ގޮތަކުންވެސް އެއްވަނައިގެ މީހެއް