ސްކޫލެއްގެ ޓީޗަރުންތަކެއް: ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުން ބުނާގޮތުން، ގިނަ އަދަދެއްގެ ޓީޗަރުން ވަނީ ދާއިރާ ދޫކޮށްލާފައި.--. ފޮޓޯ: ނިޝާން އަލީ/މިހާރު
21 މެއި 2024 - 08:25
ކޮންމެ ދުވަހަކު ސަރުކާރުގެ ގެޒެޓުގައި ޓީޗަރެއް ހޯދަން ކޮށްފައި ހުންނަ އިއުލާންތައް ހުރެ އެވެ. އަހަރުގެ މެދު ތެރެއިން ވެސް ދިވެހި ޓީޗަރެއް ނުވަތަ އިސްލާމް ޓީޗަރެއް ނުވަތަ އެހެން ކޮންމެ ވެސް މާއްދާއެއްގެ ޓީޗަރެއް ހޯދަން އިއުލާން ކުރަނީ މަދެއްކޮށް ނޫނެވެ.
ސްކޫލުތަކަށް ޓީޗަރުން ހަމަނުވާ މައްސަލައަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ސްކޫލުތަކުންނާއި ބެލެނިވެރިން ވެސް ކުރަމުން އައި ޝަކުވާއެކެވެ. އެ މައްސަލަ ހައްލު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2022 ވަނަ އަހަރު ޓީޗަރުންގެ މުސާރަ ވެސް ބޮޑު ކުރި އެވެ. އޭރު މިނިސްޓްރީގައި ތިއްބެވި ބޭފުޅުންނަށް ގަބޫލު ކުރެވުނީ މުސާރަ ބޮޑުކުރުމުން ޓީޗަރުންގެ މައްސަލަ ހައްލުވާނެ ކަމަށެވެ.
ތައުލީމީ ދާއިރާގެ ގިނަ މީހުން މީގެ ކުރިން ބުނަމުން އައީ ވެސް ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ދިވެހިން ޓީޗިން ދާއިރާއަށް ޝައުގުވެރިވެ، އިތުރު ކުރުމަށް އޮތް ހައްލަކަށް ވާނެ ކަމަށެވެ. ނަމަވެސް ދިވެހި ޓީޗަރުން މި ދާއިރާއަށް ނެރުމަށް އޮތް ހައްލަކަށް އެކަމެއް ނުވި އެވެ. މުސާރަ ބޮޑުކުރިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައި ވާއިރު އަލަށް ޓީޗިން ކިޔަވަން ނުކުންނަ ކުދިންގެ އަދަދަށް ބަދަލެއް ވެސް ނައެވެ.
ދަރުމަވަންތަ ސްކޫލުގެ ކްލާސްރޫމެއްގައި ޓީޗަރަކު ކިޔަވައިދެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މިދިޔަ ސަރުކާރުގައި އެމްއެންޔޫގެ ބޭފުޅުންނާއެކު ކުރެވުނު މަސައްކަތުގެ ތެރެއިން ދިވެހިން ޓީޗިންގެ ދާއިރާއަށް ޝައުގުވެރިކަން ނުހުންނަ ސަބަބުތައް ދެނެގަނެވިފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް ކަމަކީ މުސާރަ ކުޑަވުން ކަމަށާއި އެކަމަށް މިދިޔަ ސަރުކާރުގައި ހައްލެއް ގެނެސްދީފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މެއި 1، 2022ގައި އަމަލުކުރަން ފެށި ޓީޗަރުންގެ އާ އޮނިގަނޑާ އެކު ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266ރ، ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467ރ، އަދި މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895ރ. ލިބެ އެވެ. ޕްރިންސިޕަލުންގެ ތެރެއިން ވެސް ރޭންކް އެކެއްގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610ރ. އަދި ރޭންކް ދޭއްގައި ހިމެނޭ ޕްރިންސިޕަލަކަށް 33،075ރ. ލިބެ އެވެ.
އެމްއެންޔޫގައި އޭރު ކުރި ދިރާސާގައި ބައިވެރިވެ ވަޑައިގަތް މިނިސްޓްރީގެ މިހާރުގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދު ވިދާޅުވީ އެ ދިރާސާއިން ފާހަގަވީ ކުރިން ރައީސް އޮފީހުން ކުރި ދިރާސާއާ ދާދި އެއް ގޮތް ކަންކަން ކަމަށެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހަންމަދު އިންޓަވިއު ދެއްވަނީ -- ފޮޓޯ: މިހާރު
"ހަމައެކަނި މުސާރަ އެކަންޏެއް ނޫން، އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި ހުރީ، އެންމެ ބޮޑު އެއް ސެކްޓާއެއް ގޮތަށް އޭރު ވެސް ފާހަގަވީ ޓީޗަރުންގެ ވޯކްލޯޑުގެ މައްސަލަ. އެއާ ގުޅިގެން ޓީޗަރުންގެ ސިއްހީ ދުޅަހެޔޮކަން. އަޅުގަނޑުމެން އޭރު ދެ ބައެއް ގެންދިޔައިން، އެއީ ކުއަންޓިޓޭޓިވް އަދި ކުއަލިޓޭޓިވް. އޭރު ފާހަގަ ކުރެވުނު އެއް ކަމެއް އެއީ ޓީޗަރުންނާ ދޭތެރޭ މުޖުތަމައު ދެކޭގޮތް،" އޭނާ ވިދާޅުވި އެވެ.
"ހާއްސަކޮށް ސޯޝަލް މީޑިއާ އަދި މީޑިއާތަކުން ވެސް ވަރަށް ބޮޑަށް ފާހަގަ ވެފައި މި ހުންނަނީ ޓީޗަރުންނާ ގުޅޭގޮތުން ވަރަށް ނެގެޓިވް ވާހަކަތައް. އެގޮތަށް ދިމާވާތީ އެކަމަށް އަންނަ ދަރިވަރުން މި ލިބެނީ ވަރަށް އެހެން ކަހަލަ ތަސައްވަރެއް."
އެމްއެންޔޫގެ އެ ދިރާސާ ހަދާފައި ވަނީ 14 ދިރާސާވެރިންގެ ޓީމަކުން، ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ 12 ސަރަހައްދަކަށް ދަތުރުކޮށް އެއްކުރި މައުލޫމާތުގެ އަލީގަ އެވެ. އެ ދިރާސާކުރުމަށް 8032 މީހުންނާ ސުވާލުކޮށް 41 ފޯކަސް ގްރޫޕުގައި ގާތްގަނޑަކަށް 370 ބައިވެރިންނާ ސުވާލު ކުރި އެވެ.
އެ ދިރާސާގެ ހޯދުންތަކުގައި އެންމެ ފާހަގަކޮށްލެވުނު ކަންތައްތަކުގެ ތެރޭގައި:
1. ކުރަންޖެހޭ މަސައްކަތުގެ ބުރަދަނާއި ހޭދަކުރަންޖެހޭ ވަގުތަށް ބަލާއިރު ލިބޭ އެކަށީގެންވާ އުޖޫރައެއް ނުލިބުން
2. އިތުރުގަޑީގެ ފައިސާ ދިނުމުގައި ކިޔަވައިދިނުމުގެ ދާއިރާގައި ގެންގުޅޭ އުސޫލުތަކާއި ދެވޭ މިންވަރު އެހެނިހެން ދާއިރާތަކާ އަޅާ ބަލާއިރު ތަފާތުވުމާއި އެކަމުގައި އުސޫލުތަކުގައި ހަމަކަމެއް ނެތުން
3. މުދައްރިސުންގެ މަސައްކަތުގެ ބުރަކަމާ އުޅެން ޖެހޭ އަވަދިނެތުމުގެ ވާހަކަތައް ހިއްސާކުރަމުން ދިޔައީ އާއިލީ ޒިންމާތައް ގުރުބާންކުރާ ކަން
4. ރަސްމީ ގަޑީގެ ބޭރުން ކުރަން ޖެހޭ މަސައްކަތްތަކާއި ހޭދަކުރަން ޖެހޭ ވަގުތު ގިނަކަމުން މުދައްރިސުންގެ މަސައްކަތުގެ ހަގީގީ ވަގުތަކީ ކޮބައިކަން ޔަގީންކުރަން ދަތިވާކަން
އަރަބިއްޔާގެ ދަރިވަރުން ސްކޫލުގައި ކިޔަވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދެއްވި ޔަގީން ކަމަކީ މި ފެށޭ ދިރާސީ އަހަރަކީ ތައުލީމީ ދާއިރާގައި ވަރަށް މުހިންމު ނިންމުންތަކެއް ނިމިގެންދާނެ އަހަރަކަށް ވާނެ އެވެ.
"ޓީޗަރުން ސްކޫލެއްގެ ތެރޭގައި ވަގުތު ހޭދަކުރާ މިންވަރު އަޅުގަނޑުމެން ކުޑަކުރާނަން. ކުޑަ ކުރުވާނަން ކޮންމެ ގޮތެއް ހަދައިގެން ވެސް. އެހެންވެ ޕްރިންސިޕަލުންނާ އެކު މަޝްވަރާ ކުރެވެމުން މި ދަނީ. އެންމެ ގިނަވެގެން ޓީޗަރަކު ހަފްތާއެއްގެ ތެރޭގައި ކިހާ ވަރަކަށްތޯ މަސައްކަތް ކުރާނީ، މިނިސްޓްރީން މަނާ ކުރާނެ މިންގަނޑުތަކަކީ ކޮބައިތޯ. އަޅުގަނޑުމެން މިހާރު މި ދަނީ އެކަންކަން ނިންމަމުން،" މި ރިޕޯޓަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްނަމަ އިރުއޮއްސި 6ގެ ފަހުން އެއްވެސް ޓީޗަރަކު ނެރެގެން ނުވާނެ ކަމަށް ނިންމުމާއި ދެ ދަންފަޅިއަށް ދަރިވަރުން ގެންދާ ސްކޫލެއް ނަމަ ރޭގަނޑު 9ގެ ފަހުން ޓީޗަރުން ނުނެރުމަށް ޕްރިންސިޕަލުންނަށް އެންގުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޓީޗަރުންނާއި ޕްރިންސިޕަލުންގެ "ވޯކްލޯޑް" ކުޑަކުރުމަށް ވައިބާ ގްރޫޕުތައް ވަކި ގޮތަކަށް ބޭނުން ކުރާ ގޮތަށް ހެދުން ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"އެއީ ވަކި ގަޑިތަކެއްގައި އެ ގްރޫޕުގައި ޓީޗަރުންނާ ސުވާލު ކުރެވޭ ގޮތަށް ހެދުމާއި އެ ގްރޫޕުތަކަކީ މުއާމަލާތް ކުރުމަށް ހަދާ ގްރޫޕު ތަކެއްގެ ބަދަލުގައި ވަކި ނިޒާމެއްގެ ތެރެއިން ހިނގާ ގްރޫޕެއްގެ ގޮތަށް ބަދަލު ކުރުން. ފަހަރެއްގައި ކޮންމެ ކްލާހަކަށް ވައިބާ ގްރޫޕެއް ހެދުމުގެ ބަދަލުގައި ކޮންމެ ގްރޭޑަކަށް ގްރޫޕެއް ހަދައިފާނެ،" ދިރާސީ އަހަރު ފެށުމުގެ ކުރިން އެކަންކަމަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މާލެ ސަރަހައްދުގައި އެބަ ބާއްވާ 140 ވަރަކަށް މުބާރާތް. ހުކުރެއް ހޮނިހިރެއް ނޯވޭ. މިފަދަ މުބާރާތްތައް ވެސް އެސޯސިއޭޝަންތަކާ ވާހަކަ ދެކެވި، ޓީޗަރުންގެ މަސައްކަތަށް ބުރަ ނުވާނެ ގޮތަކަށް ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތްތަކެއް ވެސް އަޅުގަނޑުމެން މި ދަނީ ކުރަމުން."
މިނިސްޓަރު ވިދާޅުވީ މި ފެށޭ ދިރާސީ އަހަރު މިނިސްޓްރީގެ އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ޓީޗަރުންގެ "ވޯކްލޯޑް" ކުޑަކުރުމަށް ކަމަށާއި މި އަހަރު ތައުލީމީ ދާއިރާއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އޭގެ ތެރެއިން މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ ތައުލީމީ ދާއިރާއަށް އާ ޓީޗަރުން ތަމްރީން ކުރުވުމެވެ.
ދާއިރާއަށް ދިވެހި ޓީޗަރުން ނެރެން ޖެހިފައިވާކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ 55 އަހަރުން މަތީގެ 400އާ ގާތްކުރާ އަދަދަކަށް ދިވެހި/އިސްލާމް މާއްދާތައް ކިޔަވައިދޭ ޓީޗަރުން ތިބި ކަމަށާއި އެ ބޭފުޅުންނަކީ ވެސް ވަޒީފާއިން ރިޓަޔާ ވުމުގެ ފުރުސަތު އޮތް ބައެއް ކަމަށެވެ.
ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ސުކޫލްތަކުގައި ކުރިއަށްދިޔަ ބައެއް ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ހެދުމުގައި އެއްކުރި މައުލޫމާތުން ވެސް ދިވެހި ޓީޗަރުން ބޭނުންވާކަން ފާހަގަވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި މައްސަލަ މި އޮތީ ހަމަ ފާހަގަ ކުރެވިފައި. އެހެންވެ އެކަން ހައްލު ކުރުމަށްޓަކައި އަޅުގަނޑުމެން ރާވާފައި ވަނީ ގައުމީ ލެވެލްއެއްގައި ޓީޗަރުން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮޖެކްޓެއް ފެށުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"އެ ޕްރޮޖެކްޓް މި އަހަރުގެ މެދުތެރޭގައި، ޖުލައިގައި ފެއްޓޭ މިންވަރަށް އަޅުގަނޑުމެންގެ މަސައްކަތް މިހާރު ވަނީ ތަރުތީބު ކުރެވިފައި. އަދި އެކަން ވީހާ ވެސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ގްލޯބަލް ޕާޓްނާސް އެޑިޔުކޭޝަންގައި ޑިސްޓެންސް ޓްރާންސްފޮމޭޝަން ގްރާންޓުގެ ތެރެއިން އެކަމަށް އެކަށީގެންވާ އަދަދެއްގެ ފައިސާ މިހާރު ވަނީ ލިބިފައި."
އޭގެ ތެރެއިން ޔުނިސެފާއި އަދި އޭޓީއޭ އާއި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ތެރެއިން ދިން މައުލޫމާތާއި އެއްބާރުލުމުގެ ތެރެއިން ޓީޗަރުން މަދުވާ މައްސަލަ ހައްލު ކުރުމަށް މިހާރު ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީ.-- ފަޔާޒް މޫސާ / މިހާރު
ޓީޗަރުންނަށް ވުމަށް އެ ޕްރޮގްރާމްގައި ތަމްރީނު ވުމަށް އަންނަނީ ދަރިވަރުންނަށް މިނިސްޓްރީން ވަނީ "ޕޮކެޓް މަނީ"ގެ ގޮތުގައި ވަކި ވަރެއް ދިނުމަށް ވެސް ނިންމާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ޕްރޮގްރާމްގައި ޓީޗަރުން ނުލިބޭ ރަށްތައް ދެނެގަނެ، އެ ރަށްތަކަށް އަމާޒުކޮށް، ނުލިބެނީ ކޮން މާއްދާތަކެއްގެ ޓީޗަރުނެއްތޯ ދެނެގަނެވޭ ވަރަށް މިހާރު ތައްޔާރު ވެފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ މާއްދާތައް ކިޔަވާ ދަރިވަރުން ޓީޗިން ކޯހުގައި ބައިވެރިވުމުން އެޑިޔުކޭޝަންގެ ފަރާތުން އެ ޕްރޮގްރާމް ނިންމާއިރު ވަޒީފާ ހަމަޖެހުމާއި ކިޔަވާ މުއްދަތުގައި ސްޓައިޕެންޑެއް ދިނުމުގެ މަސައްކަތް ވެސް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޓީޗަރު ކަމަށް ދަރިވަރުން ޝައުގުވެރި ކުރުވުމަށްޓަކައި ގައުމީ ލެވެލްގެ ކެމްޕެއިނެއް ފެށުމަށް ވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ޕްރޮގްރާމް ނިމި، ޓީޗަރުން މަސައްކަތް ކުރާ ވަގުތަށް ގެނެވޭ ބަދަލާއެކު ކުރާ މަސައްކަތާ އެއްވަރުގެ މުސާރައާއެކު ޓީޗަރުންނަށް ހަމަޖެހުމުގެ ނޭވާއެއްލެވި ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް މިނިސްޓަރު ގަބޫލު ކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުލްބު
26 May 2024
މިއަދު ފުރަތަމަ ދުވަސް ދިރާސީ އަހަރުގެ. މި 3 ދުވަހު މިނިސްޓްރީ އޮޮފް އެޑިޔުކޭޝަނުން 3 ގަޑި އިރަށް ސެޝަނ ކުރުކުރިކަމަށް އިޢުލާންކުރީމަ ވެސް ސްކޫލްތަކުން 8 ގަޑިއިރު ހަމަކުރަން ވާނޭ ކަމަށް ނިންމާ ދަރިވަރުން ދިޔަ ފަހުން ވެސް ޓީޗަރުން ސްކޫލުގައި ބަންދުކޮށް އެ ބުނާ 8 ގަޑި އިރެއް ހަމަކުރުވި. މިއީ ކޮން އުސޫލަކުން ހަމަޖެހޭ ގޮތެއް. ޓީޗަރުން ވޯކުލޯޑު ކުޑަވާނެ ގޮތެއް ނެހެދޭނެ ޓީޗަރުން ނިދާފައި އޮތަސް. އެއީ ހުވަފެނުން ވެސް ކޮންމެވެސް ކަމެއް ހިންގަންޖެހޭނެ.
686985
23 May 2024
ޕްރިންސިޕަލުންނާއި ޑެޕުޓީ ޕްރިންސިޕަލުންނާއި ގެ އުފަލަޓަކައި ކުރާ އަދި ފާހަގަކުރާ ދުވަސްތައް ފާހަގަކުރުން ނިމުނަކަށް ގެންނަށް ޖެހޭ.މިނިސްޓަރު މިކަމަށް ވިސްނަވާ ދެވުން އެދެމެވެ.
9989
23 May 2024
ޓީޗަރުން ގެ މައްސކަތް ތައް ލުކުރަން ކޮންމެ ސްކޫލް އެއްގެ ކޮންމެ ގުރޭޑަކަށް އިދާރީ މުވަޒަފެޢް ނަގާބަލަށް ޢޭރުން އިދާޜީ މައްސަކަތަށް އެމީހުން ކުރާނެ، އޭރުން ކިހާ ލުއިވާނެ.
ރއޔތމހ
22 May 2024
މިހާރުވެސް ނަރުހުންނާ ޓީޗަރުންގެ މުސާރައިގެ ފަރަޤު އެހާ ބޮޑު، ޓީޗަރުން ކުރާ މަސައްކަތް އެހާ ބުރަވެފަ ހަތަރު ދަމު ސުކޫލުގައި އުޅެން ޖެހޭ އިރުވެސް 20،000 ، ނަރުހުންނަށް 30.000 ހުން މަތީގަ އުޅެނީ މާސްޓަރސް މުސާރަ. މުސާރައިގެ ފަރަޤު މި ދެ ދާއިރާގައި ވަރަށް ބޮޑު. ދެން އަނެއްކަމަކީ ބިދޭސީ ޓީޗަރުންނަށް ލިވިންގ އެލަވަންސް ދޭއިރު މާލޭގައި ކުއްޔަށް އުޅޭ ޓީޗަރުންނަށް ހަމަ މި ބީދައިން ލިވިން އެލަވަންސް ނުލިބޭކަން
ހަސަނު
22 May 2024
ޓީޝަރުން ކުރާން މަސައްކްތާ އެއްވަރަށް އަދިވެސް މުސާރަ ބޮޑު ނުވަނީ...
އަލްތުރާ
22 May 2024
ސުކޫލުގައި ހިންގާބެލެނިވެރިންގެ ހަރަކާތް ތަކުގައިވެސް ޓީޗަރުން ބައިވެރިކުރުމަކީ ޓީޗަރުންނަށް މަސައްކަތް ބުރވާކަމެއް ސްކުލުގައި ހިންގާ ހަރަކާތް މާދެމިގެން ދާގޮތަށް ކުރިއަށް ގެންދިމުންވެސް ބުރަވާކަމެއް މިކަންތައް މިނިސްޓީން އަބަދު ބައްލަވަމުން ގެންދެވުން އެދެން
ޢެޑްމުންޑޯ
22 May 2024
ހުރިހާކަމެއްވެސް ގޯސްވެ ވަޒީފާތަކަށްވެސް ފޫހިވެގެން މިދަނީ ތިޔަ ސިޔާސީ ކުޅިގަޑާހެދި. ސްކޫލަކަސް. ސިއްހީމަރުކަޒަކަސް ސިޔާސީ ވެގެންގޮސް އަނެއްކޮޅަށް ޖަހާފައި މިއޮތީ ، ބެލެނިވެރިންގެ ނޮހޮއްރާޕާނާއި ސިޔާސީ ވެރިންގެ އުނދަގޫ އެހާބޮޑު ، ދެން ކޮންކަމެއް ރަގަޅުކުރެވޭނީ ، މަސައްކަތްކުރަން ތިބޭބަޔަކު ފޫހިވެ ދުރައްދާތަން ނޫންތަ ފެންނާނި ! ސިއްޙީދއިރާވެސް މިވަނީ ، ސުންނާފަތިވެފައި .
ސަރ އެލެކްސް ފާރގަސަން
22 May 2024
އެންމެ ފުރަތަމަ ސްކޫލްތަކަށް މުވައްޒަފުން ހަމަޖައްސައިދޭ އުސޫލް “ރޫލްފައިލް” އިސްލާހު ކޮށްބަލަ. 2018 ގެ ފަހު އެއަށް އެއްވެސް އަޕްޑޭޓެއް ނާދޭ. 24 ޕީރިއަޑް އެންމެ ގްރޭޑަކުން ހަމަވާ ޓީޗަރުންނާ ބަލާއިރު 24 ޕީރިއަޑް ތަފާތު ގްރޭޑަށް ކިޔަވައިދީގެން ހަމަވާ ޓީޗަރުގެ ވޯލްލޯޑް މަތިވާނެ. އެޓީޗަރު ކޮންމެ ގްރޭޑަކަން ލެސަން ޕްލޭން، ޓީޗިންގ މެޓީރިއަލް، ވޯކްސީޓް، އަދި އެސެސްމެންޓް ތައްޔާރު ކުރަންޖެހޭނެ. މިއީ އަސްލު ޓީޗަރުންގެ ވޯކްލޯޑަކީ.
ނޫރާ123
22 May 2024
މިއީ ވަރަށް ބޮޑު ތެދެއް. ޚާއްޞަކޮށް ދިވެހި މާއްދާ ކިޔަވަިދެއްވާ މުދައްރިސުންގެ މަސައްކަތް އެހެން ހުރިހާ މާއްދާތައް ކިޔަވައިދެއްވާ މުދައްރިސުންނަށް ވުރެ ބުރަ ކަމަށް ފާހަގަވޭ. އިތުރު މުދައްރިސުން ދެއްވައިގެން މުދައްރިސުންގެ ވޯކްލޯޑު ކުޑަކުރެވޭނީ.
ރާއްޖެ
21 May 2024
ހަގީގަތަށް ދަންނަވާނަމަ ބައެއް ޕްރިންސިޕަލުން ހަމަ މަގަށް އަޅުވަންވީ. މިހާރު ހުންނަ ގަޥާއިދުތަކަށް ވެސް ހިތުހުރި ގޮތެއް ހަދަނީ.. ދިރާސާއެއް ހަދާބަލަ މިނިވަންކަމާއެކު އެއްވެސް ކެހިލުންވުމެއް ބިރުވެރިކަމެއްނެތި ވަޒީފާގައި އުޅެނީ ކިތައް މުވައްޒަފުންތޯ.
ފްރަސްޓްރޭޓަޑް ޓީޗަރ
21 May 2024
ހުކުރު ހޮނިހިރު ހުސްކޮށް ނުލިބެންޏާ އާދީއްތަ ދުވަހު ސްކޫލަށް ނުކުންނަ އިރުވެސް ވަރުބައްޔެއް ނުފިލާ. އެޓެންޑެންސް އެލަވަންސަށްވުރެ ހޮނިހިރު ދުވަހުގެ ރެސްޓް މާ މުހިއްމު. އާދޭސްކޮށްފަ ބުނަން. ވީކެންޑް ފްރީކޮށް ދެއްވާ! ޓީޗަރުންގެ މަސައްކަތަށް ހެޔޮ ބަދަލެއް އަންނަ ތަން ފެންނާނެ. ބާއްވާ ފަންކްޝަނެއްވިއްޔާ ސެޝަން ނިމޭ ގަޑިއަށް ގުޅުވާލައިގެން ބާއްވާފަ ޑެކަރޭޝަނަށް ކުރާ ބޭކާރު ހަރަދާއި ވަގުތު ސަލާމަތްކޮށްދެއްވާ