ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް މިއަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް
11 އޮކްޓޯބަރ 2025 - 10:52
އާޓީފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހުރިހާ މާއްދާއެއް ކިޔަވައިދޭނެ ޓީޗަރުން ތަމްރީނު ކުރުމުގެ ކެމްޕޭނެއް އަންނަ އަހަރު ފެށުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދާއި މާދަމާ ކުރިއަށް ގެންދާ ޕްރިންސިޕަލުންގެ މި އަހަރުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ވިސްނައި ފިކުރު ކުރާ ދަރިވަރުންތަކެއް ނެތް ނަމަ ސްކޫލު މަރުހަލާ ނިންމުމަށް ފަހު، އޮއްޓަރު ހުރި ކަންތަކުގައި ޒުވާނުން އުޅޭ ތަން ނުފެންނާނެ ކަމަށެވެ.
ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައީސް މުއިއްޒަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ހަނދާނީ ފިލައެއް އަރުވަނީ.--- ފޮޓޯ: ރައީސް އޮފީސް
ތައުލީމީ ނިޒާމުގައި ކުއްޖަކު ދިރިއުޅުމަށް ތައްޔާރު ކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ވިސްނައި، ފިކުރު ކުރާ ކުއްޖެއް ބިނާ ކުރުމަށް ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަމަށް ޓީޗަރުން ތަމްރީނު ކުރަން ޖެހެ އެވެ.
އެގޮތުން އަންނަ އަހަރު އޭއައިގެ ދާއިރައިން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންނަ އަހަރު އޭއައި ދާއިރާ އިން ޓީޗަރުން ތަމްރީނު ކުރުމަށްޓަކައި ބޮޑު ކެމްޕޭނެއް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ރޯދަ މަހު ޕްރޮފެޝަނަލް ޑިވެލޮޕްމެންޓަށް އެކަށީގެންވާ ކަންކަން ހިމަނާފައި ވާނީ. އޭއައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި އެކަމުގެ ފަންނީ ގާބިލުކަން މަތިކުރުމަށްޓަކައި ދޭން ޖެހޭ ޓްރެއިނިން މި މުއްދަތުގެ ތެރޭގައި ދިނުން،" އިސްމާއިލް ވިދާޅުވި އެވެ.
ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމަށް ކްރޮސްރޯޑްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް އަދި އެހެން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
އޭއައި ބޭނުންކޮށްގެން ޓީޗަރުން ތަމްރީނު ކުރުމުގެ މައްޗަށް މީގެ ކުރިން ވެސް މިނިސްޓަރު ވާހަކަ ދައްކަވާފައިވެ އެވެ. އޭރު މިނިސްޓަރު ވިދާޅުވީ ޓެކްނޮލޮޖީގެ ބޮޑު ބަދަލަކަށް ދުނިޔެ މިސްރާބު ޖަހާފައިވާއިރު، ތަރައްގީގެ މައިދާނުގައި ރާއްޖޭގެ މުސްތަގުބަލުގެ ޖީލު ބައްޓަން ކުރަންވާނީ ޓެކްނޮލޮޖީ އަށް އަހުލުވެރި ބައެއްގެ ގޮތުގައި ކަމަށެވެ.
ތައުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންވަރު ރަނގަޅު ޓީޗަރުން އެ ދާއިރާގައި މަދުވުމުގެ މައްސަލަކަން ފާހަގަ ކުރައްވައި އިސްމާއިލް ވިދާޅުވީ، އެ މައްސަލަ ހައްލު ކުރުމަށް ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
12 October 2025
ކިޔަވައިދޭން އޭއައި ބޭނުން ކުރަން ފެށީމަ ދެން ކީއްކުރާ ޓީޗަރުންނެއް؟ އެވެރިން އެހެން ކޮންމެވެސް ކަމެއް ކުރަން ބަދަލު ކޮށްލާ! ޕްރިންސިޕަލަކަށް ރޮބޮޓެއް ލީމަ ރަގަޅުވާނެ. ހަމަ ގައިމުވެސް ސިޔާސީ ބޮޑުންގެ ކުދިންނަށް ތަފާތުކޮށް ނަހަދާނެ.
އަފްރާސިޔާބު
11 October 2025
އެއްބަޔަކު ޑިޖިޓަލް ސްކްރީނާ ކިޔަވާކުދިން ދުރުކުރެވޭ މަސައްކަތްކުރަނީ. އަނެއް ބަޔަކު ޑިޖަލް ސްކްރީނުން މީހުންނާ އިންނަންވެސް މި ދަސްކޮށްދެނީ. ވާވާ
ކޮސް
11 October 2025
މިކަން ރަނގަޅަށް ކޮށްފިއްޔާ ރަނގަޅު. އެކަމަކު މިމީހުންގެ ވިސްނުން ހުންނަގޮތް ދައްކާ ގޮތުން ދަރިވަރުން ޓެކުސްފޮތާއި މުޅިން ދުރުކޮށްފާނެ. ޓެކުސްފޮތާއި ދުރަށް ދިއުމަކީ ރަނގަޅަކަށްވުރެ ގޯހެއްކަމަށް ދިރާސާތަކުން ދައްކާ.
ދިއްދޫމީހާ
11 October 2025
އޭއައި ބޭނުންކޮއްގެން ކުނިއުކަލެވޭނެ ގޮތެއް ނެތްތޯ؟؟
ދޮން
11 October 2025
ސުކޫލުތަކަށް ކޮމްޕިޔުޓަރު ގަޑެއް ދިން ދުވަހެއް މިނިސްޓުރީ އިން ހާމަކޮށްލަ ދެއްވާ 15 16 އަހަރުވަނީ ކުޑަމިނުން މޮނިޓަރެއްވެސް ނުދެވޭތާ ދެން ކަން ހިގާނެގޮތް ވިސްނަވާ ،
ހަސަނަ
11 October 2025
ހުރިހާ ވެސް މައްސަލައަކީ ކަންކަމުގައި ޓީޗަރުން ބިޒީކުރުން. ސެލްފު ޑެވޮލޮޕްމަންޓަށް ވަގުތު ނުދެވުން.
ވަންޗޫ
11 October 2025
ސްކޫލުތަކުގަ ދަރިވަރުން ބޭނުންކުރާ އިންޓަނެޓަކީ ރައްކާތެރި އިންޓަނެޓަކަށް ފުރަތަމަ ހަދަައިދީ! ކޮވިޑް ދުވަސްކޮޅުން ފެށިގެން މިއުޅެނި އެކަންނުވެގެން. ކޮންމެ ދަރިވަރެއްގެ ފަހަތުގަ ޓީޗަކަށް ނުހުރެވޭވެ. ދިން ޓެބްތަކުން މިއުޅެނި ރޯ އޮރިޔާމާއި ނިވާކަން ކުޑަ ހެދުން އަޅައިގެން ތިބޭ ފޮޓޯ ވީޑިއޯ އެއްޗިހި ސްކޫލުގަ ކްލާސްރޫމްގަ ތިބެގެން ބައެއް ދަރިވަރުން ބަލާތީވެ!
ރޯނޭ
11 October 2025
ކޮލެޖް ތަކާ ޔުނިވަސިޓީތަކުންވާނެ އަހަރެމެން އޭއައި ބޭނުންކޮށްގެންހަދާ އެސައިންޓްމެންޓްތަށްވެސް ގަބޫލު ކުރަން