މަދިރި އާލާވެފައިވާ ތަނެއް ނައްތާލަނީ.
06 މެއި 2024 - 22:22
ޑެންގޫ ހުން ޖެހިގެން މި މަހުގެ ފުރަތަމަ ހަތަރު ދުވަހު 40 އަދި ޗިކުންގުންޔާ ޖެހިގެން އެ މުއްދަތުގެ ތެރޭގައި 58 މީހުން ރިޕޯޓުކޮށްފި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ބާރަށް ފެތުރެމުންދާ ޑެންގޫ ހުމާއި ޗިކުންގުންޔާގެ މައުލޫމާތު ހިއްސާކޮށް، އެޗްޕީއޭއިން މިރޭ ބުނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޑެންގޫ ޖެހިގެން 660 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ މުއްދަތުގެ ތެރޭގައި 239 މީހަކަށް ޑެންގޫ ހުން ޖެހިފައިވެ އެވެ. އަދި މި މެއި މަހުގެ ފުރަތަމަ ހަތަރު ދުވަހު އެކަނި ވެސް 40 މީހަކަށް ހުން ޖެހިފައިވާ ކަމަށް ބުންޏެވެ.
އެ މައުލޫމާތުތަކަށް ބަލާއިރު، ޑެންގޫ ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓުކޮށްފައިވަނީ ހުޅުމާލެއިންނެވެ. އެ ތަނުން 142 އަދި ބަލިވެގެން މާލެއިން 47 މީހަކު ޑޮކްޓަރަށް ދައްކާފައިވެ އެވެ. ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ހުން ޖެހިފައިވަނީ ކ. އަތޮޅުންނެވެ.
އެޗްޕީއޭއިން ބުނީ ޗިކުންގުންޔާ ޖެހިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖެއިން 240 މީހުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 28 އިން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށެވެ.
އެ މުއްދަތުގެ ތެރޭގައި ޗިކަންގުންޔާގެ 117 ކޭސް އަދި މި މަހުގެ ފުރަތަމަ ހަތަރު ދުވަހު 58 މީހުންނަށް ބަލި ޖެހިގެން ރިޕޯޓުކޮށްފައިވެ އެވެ.
ޗިކުންގުންޔާ އެންމެ ގިނައީ މާލޭގަ އެވެ. އެއީ 193 ކޭސް އެވެ. ހުޅުމާލޭގައި އެ ބަލި ޖެހިގެން 40 މީހުން ރިޕޯޓުކޮށްފައިވެ އެވެ.
- ވައި ވެއްދުމަށް ހަދާފައި ހުންނަ ގޮޅި، ފެންލައިޓު، ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން
- މަދިރި ހެފުނަ ނުދިނުމަށްޓަކައި ހަށިގަނޑު ބޮޑަށް ނިވާވާނެ ކަހަލަ ހެދުން ލުން
- މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން/ސްޕްރޭ ބޭނުން ކުރުން
- މަދިރި އާލާވާ ގޮތަށް ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލުން
- މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުން
- މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން/ސްޕްރޭ ބޭނުންކުރުން
- ވީހާ ވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް އަންނައުނު ލުން
- މަދިރި ގިނަވާ ވަގުތު ދޮރާއި ކުޑަދޮރު ލައްވާފައި ބެހެއްޓުން
މަދިރި އެންމެ ގިނަވަނީ ހެނދުނާއި ހަވީރުގެ ވަގުތުގަ އެވެ. އެޗްޕީއޭއިން ވަނީ މަދިރި ހެފެމުން ހުރިހާ ވަގުތެއްގައި ވެސް ރައްކާތެރިވުމަށް އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައްލި
07 May 2024
މީހުންގެ މައްސަލައެއް ނޫޅޭ ، މައްސަލަ އަކީ މަދިރި
ހަލީސް
07 May 2024
ހުޅުމާލޭ ވިލިނގިލި މާލެ ހުސްބިންތައް ޕާކްތަކުގައި މަޑުކޮށްލެވޭ ވަރު ނުވޭ މަދިރި ހަފާވަރުން..
ނަށީދު
07 May 2024
މަދިރި އަށް ފޮގުކުރުން ހުއްޓާލީމަ ވާގޮތް. ސިޓީ ކައުންސިލުން ބުނަނީ ހެލްތް މިނިސްޓްރީއިން ފޮގް ލިކުއިޑް ނުދެނީކަމަށް. ހެލްތުން ބުނަނީ ސިޓީ ކައުންސިލުން ނޭދެނީ ކަމަށް. އެއްބަޔަކު އަނެއް ބަޔެއެއްގެ ބޮލައް ޖަހާލަ ޖަހާލަ. ކޮންމެސް އެއްބަޔަކަށް ހުރިހާ ޒިންމާއެއް ހަވާލު ކުރަންވީނު. ސިޓީ ކައުންސިލް ވިއްޔާ އެމީހުން، ހެލްތް މިނިސްޓްރީ ވިއްޔާ އެމީހުން. އޭރުން އެހެން ބަޔެއްގެ ބޮލުގަ ނޭޅުވޭނެއެއްނު.
އަބްޑޫޅް +
07 May 2024
އެ ބަހަކީ "ޑެންގޫ" އެއް ނޫން. އެބަހަކީ ޑެނގީ". އޫބޫ ފިލީގެ ބަދަލުގަ ޖަހަން ޖެހޭނީ އީބީފިއްޔެއް. ސުކުންކުރެވިފައިވާ ނޫނެއްގެ ބަދަލުގަ، އުސޫލެއްގެ ގޮތުން، މިހާރުން މިހާރަށް، ޕުރޮނައުންޝު ކުރެވެންޖެހޭނީ ހުސް ނޫނެއް. ކުރިން ކަލޭމެން އެ ބަސް ޕުރޮނައުންޝު ކޮށްއުޅުނީ "ޑެންގުއެ"، މިހެން. އަހުރެމެން މަލާމާތް ގަޅައިގެން މިހާރު ބަދަލުވެފަ މިއޮތީ، "ޑެންގޫ" އަށް. އަދިވެސް ކަމަކު ނުދޭ. ކަލޭމެންގެ، ސުއްޓާގެ ޓީ ސިކުނޑިތަކުގެ ދަބަރުތަޅަންވެއްޖެ ނުން؟
ކެކެހެހެ
06 May 2024
މަދިރި އާލާވާ ގޮތަށް ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލުން. މާނައަކީ ހުރިހާމަގެއްގެ ކާނުތައް ނައްތާލަންވީއޭ.