ރާއްޖެއިން މިދިޔަ އަހަރު ހައްޖަށް ދިޔަ މީހަކު ފުރުވަން ބަޔަކު އެއާޕޯޓުގައި: އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުވާލައިފައި.-- ފޮޓޯ: މިހާރު
08 މެއި 2024 - 10:32
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އުމްރާ ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހު 16 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ޕްރޮޕޯސަލް ހުށަހެޅޭނީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭ ގޮތުން މިދިޔަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އުސޫލު ކަމަށްވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު"ގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ޕްރޮޕޯސަލް ފޮތް އިއްޔެއިން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.
ޝަރުތު ހަަމަވާ ކުންފުނިތަކަށް ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހަށެވެ. އަދި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި އެޑްވާންސްކޮށް ފައިސާ ނެގުމަކީ މަނާ ކަމެކެވެ.
މިނިސްޓްރީން ހުއްދަ ނުހޯދާ މީހުން އުމްރާ ގެންދާ މައްސަލަ ކޮންމެ އަހަރު ވެސް ދިމާވެ އެވެ. މި އަހަރު ވެސް ކުންފުންޏަކުން އެގޮތަށް ބަޔަކު އުމްރާ ގެންގޮސް ގިނަ މައްސަލަތަކެއް ދިމާވި އެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު މިނިސްޓްރީން ދޭތެރެއަކުން ހުޅުވާލަ އެވެ. މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން އެ ފުރުސަތު ހުޅުވާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy