ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް: ގާ ހުދުވާ މައްސަލާގައި އީޕީއޭގެ އެންގުމަށް ސަރުކާރުން އަމަލުކުރާނެ ކަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
12 މެއި 2024 - 12:18
ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވުމުން އީޕީއޭ އިން އެޅި ފިޔަވަޅުތަކަށް ސަރުކާރުން އަމަލުކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ތޯރިގް "މިހާރު" އަށް ވިދާޅުވީ އީޕީއޭ އިން ފާހަގަކޮށްފައި ވަނީ މި ވަގުތަށް އަޅަން ކޮންމެހެން މުހިންމު ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ވެސް ގަބޫލުކުރާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަނީ އީޕީއޭ އިން އަންގާފައިވާ ގޮތަށް ފުރަތަމަ ކޮޅު އަމަލު ކުރެވިއްޖެ ނަމަ ވަރަށް ބޮޑު ތަނުން ކާމިޔާބު ވާނެއޭ. މިހާރު އުޅެނީ އެލާޓް ލެވެލް 1 ގައި. އެލާޓް ލެވެލް 2 އަށް ދިޔައީމާ މިވާ ގޮތަކީ ގާ ހުދުވެފައި ގާ މަރުވުމުގެ މައްސަލަ މި ދިމާވަނީ. އެހެންވީމާ ދެން ކުރެވޭނެ ކަމަކީ ފަރުތަކަށް ލިބޭ ސްޓްރެސް ކުޑަކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވި ގޮތުގައި ފަރުތަކަށް ލިބޭ ސްޓްރެސް ކުޑަކުރެވެން އޮތީ އީޕީއޭ އިން އެންގި އެންގުންތަކަށް ތަބާވެެގެންނެވެ. އޭގެ ފައިދާ ކުރާނީ ރާއްޖޭގެ ޓޫރިޒަމާއި މުޅި އިގުތިސާދަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ސިޔާސަތަކީ އިގުތިސާދުގެ ނަފާވެރިކަން އެންމެންނަށް ލިބުން. އެހެންވެ، އެ ކަމަށް ހުރަސް އެޅޭ އެއްވެސް ކަމަކަށް ސަރުކާރު މެދުވެރިއަކަށް ނުވާނެ. ފަރުތައް ސަލާމަތް ކުރެވުނީމާ އޭގެ ފައިދާ މި ގުޅެނީ ރާއްޖޭގެ އިގުތިސާދާ. ޓޫރިޒަމާ،" އޭނާ ވިދާޅުވި އެވެ.
ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުން ވެސް ހާއްސަ އިސްކަމެއް ދޭ ކަމަށް ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ފާހަގަކުރެއްވި ގޮތުގައި އީއައިއޭ ހަދާއިރު ވެސް ތިމާވެއްޓަށް އަސަރު ކުރާ ކަމެއް ފެނިއްޖެ ނަމަ "ވަގުތުން ރިއެކްޓް" ކުރުން އޮންނަނީ ލާޒިމް ކޮށްފަ އެވެ. އަދި ތިމާވެއްޓާ ބެހޭ ގާނޫނު ވެސް ބައްޓަން ކޮށްފައި ވަނީ ގާ ހުދުވުމުގެ މައްސަލަ ފަދަ ކަންކަމުން ސަލާމަތް ވާން މަސައްކަތް ކުރަން ޖެހޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އީޕީއޭއިން މިދިޔަ ހަފުތާގައި ނެރުނު އިއުލާނެއްގައި ވަނީ ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވެފައި ވާތީ ބިން ހިއްކުމާއި ފަޅު ފުން ކުރުމުގެ ހުރިހާ މަޝްރޫއުތަކެއް ވަގުތީ ގޮތުން މަޑުޖައްސާލަން އަންގައިފަ އެވެ. އަދި ބިން ހިއްކުމުގެ އިތުރުން ފަޅު ކޮނުމާއި ގޮނޑުދޮށަށް ވެލި އެޅުމާއި ޕަމްޕް ބޭނުންކޮށްގެން ވެލި ނެގުމާއި ފަރުމަތީގައި ހޮޅި އަދި ކޭބަލް އެޅުމުގެ އިތުރުން ބަންޑުވޯލް ޖެހުމާއި އެނޫނަސް މެޝިން ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން މަޑުޖައްސާލަން ވަނީ އަންގައިފަ އެވެ.
މިހާރު ހިނގަމުން އަންނަ މަޝްރޫއުތަކާއި މަސައްކަތްތައް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މަޑުޖައްސާލަން އީޕީއޭ އިން ވަނީ އެދިފަ އެވެ.
ދުނިޔޭގެ ކަނޑުގެ ފިނިހޫނުމިން އެނަލައިޒްކޮށް، ގަވާއިދުން އާންމުކުރާ "ކޮރަލް ރީފް ވޮޗް"ގެ ވެބްސައިޓުގައިވާ ގޮތުގައި، ރާއްޖޭގައި ގާ ހުދުވުން އޮތީ ނުރައްކާތެރި ދަރަޖަ ކަމަށްވާ، "އެލާޓް ލެވަލް 1" ގަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ނުރައްކާތެރި ދަރަޖަ އަށް އެރުން އެކަށީގެންވެ އެވެ.
ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998 ގައި ފާހަގަކުރެވުނު ފަހުން އެ ކަހަލަ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. އޭގެ ފަހުން އެންމެ ބޮޑަށް ގާ ހުދުވެފައި ވަނީ 2016 ވަނަ އަހަރު އެވެ. ގާ ހުދުވުމުގެ މައްސަލަ ދިރާސާ ކުރުމަށް ފަހު 2016 ވަނަ އަހަރު ނެރުނު ރިޕޯޓުގައިވާ ގޮތުން، އެ އަހަރު ރާއްޖޭގެ 73 ޕަސެންޓް މުރަކަ ހުދުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިފްތާޙް އަލީ
13 May 2024
ތިމާވެއްޓަށްވެސް ބަލާނެ. ތަރައްގީވެސް ގެންނާނެ
މައުސޫމް މުހައްމަދު
13 May 2024
މިހެނެވް ބުނަނީ މިއީ ނަމޫނާ ވެރިކަމެކޭ. ތަރައްގީ ގެނެސްޔަސް ތިމާވެށީގެ ތަންތަނުގެ ބަހަށް ބަލާނެ
ނިހާލް ސަލީމް
13 May 2024
ރައީސް މުއިއްޒް ތަރައްގީވެސް ކުރާނެ. ތިމާވެށިވެސް ހިމާޔަތް ކުރާނެ!
އައުޒަމް
13 May 2024
އީޕީއޭގެ ލަފަޔަކަށް ނުބަލާ ފަރު ހަލާކުރި ވެރިކަމެއް މިދިޔަ ވެރިކަމަކީ
އަހްނަފް ރަޝީދު
13 May 2024
މި ސަރުކާރުން އެެއްވެސް ޕްރޮޖެކްޓެއް ހިންގާއިރު ތިމާވެއްޓަށް ގެއްލުން ވާހެން ނުކުރާނެ. ތަންތަނުން ދޭ ލަފާ އަޑު އަހާނެ
ރަށު އަލީ
13 May 2024
އީޕީއޭ ލައްވައި ސަރުކާރުން މާތްކަލާކޯއޭ ގާ ހުދުވަނީއޭ، ބިން ނުހިއްކާށޭ ކިޔާފައި ބޮޑު ބަޔާނެއް ނެރެފަ މި ފަސް އަހަރު ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލައިގެން ތިބެން ޖެހި ރޮކެޓެއް. ކޮފީ މޭޒު ތަކުގައި ތިބެން ނެގިހާ ސިޔާސީ މުވައްޒަފުންނަށް މުސާރަ ދޭންޖެހޭ، އަދިވެސް ނަގަނީ. އެހެންވީމާ އީޕީއޭ ބޮލަށް ޖަހާފައި އެމީހުންނަށް މުސާރަ ދީދީ އިތުރު 5 އަހަރަށް ޓާގެޓް ކުރަނީ. އެއްވެސް ހިންގުންތެރިކަމެއް ނެތް ސަރުކަރެއް،
ޟމމމމމ
13 May 2024
މިހާރުވެސް މަޝްރޫޢުތައް ކުރިއަކަށް ނުގެންދޭ. ކުރީ ސަރުކާރު ނިމުނުއިރު އަހަރެމެން ރަށު ބަނދަރުގެ %60 ވަނީ ނިމިފައި. ފެނާއި ނަރުދަމާގެ %80 ވަނީ ނިމިފައި. މިސަރުކާރު އައިފަހުން އެ މަޝްރޫޢުތައް ވަނީ ހުއްޓާލާފަ. ވެރިކަމަށް 7 މަސްވާއިރު އެއިން މަޝްރޫޢެއް ފެށުމުގެ ނިޝާނެއް ނުފެނޭ. އެހެންވމާ މިހާރު ތިވަނީ ރަނގަޅު ބަހަނާއެއް އުފަންކުރުވާފަ.
ރަނާވަޓް
12 May 2024
ލާރިނެތިގެން ފެންވަރު ނެތިގެން ޕްރޮޖެކްޓްތައް ހުއްޓެނީ. ތިމާވެއްޓޭ އެޗްޕީއޭ އޭ ކިޔައިގެން ރައްޔަތުން ގުންބޯހައްދަނީ
ފޮނިފޮނިޓައްޕު ކުމާރު
12 May 2024
ކަމެއްނުކޮށް މި 5 އަހަރު ދުއްވާލަން ތިއޮތީ ރަނގަޅު އުޒުރެއް އަތުވެފާ.
ޖާވިދް
12 May 2024
ރާއްޖޭގެ ގުދުރަތީނިޒާމް އެންމެ މަތީފެންވަރުގައި މިސަރުކާރުން ހިމާޔަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައިން. ޝުކުރިއްޔާ ރައީސް