ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އާއި އިސެސްކޯގެ ޑިރެކްޓަރު ޖެނެރަލް ހިޒް އެކްސެލެންސީ ޑރ. ސާލިމް އަލްމާލިކާ އެކު.-- ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
13 މެއި 2024 - 14:13
ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ)ގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމަނަން މަޝްވަރާކޮށްފި އެވެ.
ހެރިޓޭޖް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމާ ބެހޭ މުހިންމު މަޝްވަރާތަކެއް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އާއި އިސެސްކޯގެ ޑިރެކްޓަރު ޖެނެރަލް ހިޒް އެކްސެލެންސީ ޑރ. ސާލިމް އަލްމާލިކާ ކުރައްވާފައިވާ ކަމަށެވެ.
މިނިސްޓަރުގެ މި ދަތުރަކީ ވެސް އިސެސްކޯގެ ޑިރެކްޓަރު ޖެނެރަލްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ހިރިގަލުން ހަދައިފައި ހުންނަ މާލޭގެ ހުކުރު މިސްކިތް.
އެ މަޝްވަރާ ބައްދަލުވުން ބޭއްވީ އަޒަރްބައިޖާނުގެ ވެރިރަށް ބަކޫގަ އެވެ. އިސެސްކޯގެ ޑިރެކްޓަރު ޖެނެރަލްގެ އިތުރުން އެ ޖަމިއްޔާގެ ބައެއް އިސް އޮފިޝަލުން ވެސް އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިސްޓްރީން ބުނީ "ޝޫޝާ – ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024"ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް އާދަމް ނަސީރު އިބްރާހީމް މިހާރު ހުންނެވީ އަޒަރްބައިޖާނުގައި ކަމަށެވެ.
މި ދަތުރުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސެސްކޯގެ ޑިރެކްޓަރު ޖެނެރަލް ވަނީ ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ބަލަން ޖެހޭ ކަންކަން ބަލައި އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ހިރިގަލުން ހަދައިފައި ހުންނަ ފެންފުށީ ހުކުރު މިސްކިތް.
"މިއާ އެކު ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރެވެމުން އަންނަ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ ފެހި ސިގުނަލް މި ވަނީ ލިބިފަ އެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި މިސްކިތްތަކާއި އާސާރީ އެހެނިހެން ބިނާ ހިމެނުމުގެ ކަންކަން ބަލަހައްޓަނީ އެ ޖަމިއްޔާގެ އެއް ގުނަވަން ކަމަށްވާ އިސްލާމިކް ވޯލްޑް ހެރިޓޭޖް ކޮމިޓީންނެވެ. މިދިޔަ ޑިސެމްބަރު މަހު މޮރޮކޯގެ ރަބާތުގައި ހުންނަ އެ ޖަމިއްޔާގެ މައި އޮފީހުގައި ކުރިއަށް ގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓަށް 213 އާސާރީ ތަންތަނާއި ތަކެތި އިތުރުކޮށްފަ އެވެ.
އެ ލިސްޓުގައި މިހާރު 634 އާސާރީ ތަންތަނާއި ތަކެތި ހިމަނާފައިވެ އެވެ. އެ ލިސްޓަކީ މާއްދީ ތަރިކަ އާއި މައުނަވީ ތަރިކަ ވެސް ދަފްތަރު ކުރެވޭ ލިސްޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
15 May 2024
އެޅިގަލުގެ މިސްކިތްތަކާ، ތެޅިގަލުގެ މިސްކިތްތަކައް އޮތީ ކޮންގޮތެއްތޯ؟.
އަބްޑޫޅް +
14 May 2024
ހިރިގަލުގެ މިސްކިތްތައް ފަރުމާކުރެވިފަ އެ ހުރީ، ބުދު ސަންގު ގެ މިންގަނޑު ތަކަށް، ހަގީގަތުގައި، އެއީ އަހުރެމެންގެ ކާބަފައިންގެ ބުދު ފައްޅި ތައް. މިކަމާ މާބޮޑަށް ކަލޭމެން ހާސް ނުވޭ. ސިޔަރަތު އަޑު އަހައިފިއްޔާ އެނގޭނެ، ގެފުޅަކީ ވެސް އެތަކެއް ސަތޭކަ ބުދެއްގެ ބުދު ފައްޅިއެއްކަން. ހަމަ އެއްގޮތް. މިއަދުގެ އަސުރު ނަމާދުކުރާއިރު، މިކަންތައް ހިތަށް އަރުވާލާތި އިނގޭ!
ޖާސިމްް
14 May 2024
ކުރިޔަށް އޮތް ޖީލުތަކަށް ރާއްޖޭގެ ތަރިކަ ހިމާޔަތްކުރުމަކީ ސަރުކާރެއްގެ އެންމެ މަތީ އެއްޒިންމާ. މިކަން ފުރިހަމަ ކުރުމަށް މި އަމާނާތް ދެންއޮތް ޖީލުތަކަށް ރައްކާކުރުމަށް މިސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކަށް ހަމަ ސާބަސްއަރުވަން.
ޝިމްހާދްް
14 May 2024
ރާއްޖޭގެ އެންމެ ދުވަސްވީ ތަރިކަތަށް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަކީ ދުނިޔެ ފެންވަރުގެ މަސައްކަތްތަކެއް. ރައީސް މުއިއްޒު މި ތަރިކަތަށް އޭގެ އެންމެ ފުންމިނަށް ރައްކައު ކުރައްވާނެކަން ކަށަވަރު.
އާދިލްް
14 May 2024
ރާއްޖޭގެ ތަރިކަ ހިމާޔަތްކުރުން އެއީ ދުނިޔެ ފެންވަރުގައި ކުރާކަމަކަށް ހެއްދެވިކަމަށްޓަކާ ރައީސް މުއިއްޒުއަށް ނުހަނު ޝުކުރު އަދާކުރަން.