14 މެއި 2024 - 21:10
އިންޑިއާގެ ސަރުކާރުން ރާއްޖެ އަށް ދީފައިވާ ހެލިކޮޕްޓަރުތަކުގައި ތިބި އެ ގައުމުގެ ސިފައިން ދިވެހި އަސްކަރިއްޔާ އަށް ނޭނގި ދަތުރެއް ކުރި ކަމަށް އެމްއެންޑީއެފުން ބުނި ބުނުމާ ގުޅިގެން، އެ ދަތުރުކުރީ އިމަޖެންސީ ހާލަތެއް މެދުވެރިވެގެން ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނެފި އެވެ.
އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަމުން އައި އިންޑިއާގެ ހުރިހާ ސިފައިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެ އިން ފޮނުވާލާފައިވާތީ، އެކަމާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ހޮނިހިރު ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވި ގޮތުގައި ހެލިކޮޕްޓަރުގެ މައްސަލަތައް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބެލި އިރު ދިވެހި ސިފައިންނަށް ނޭނގި ފްލައިޓެއް އަޅާފައިވާ މައްސަލަ ފެންމަތިވި އެވެ.
"އަޅުގަނޑު ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރި މިދިޔަ ފަސް އަހަރުގެ ތެރޭގައި 241 ކޮމިޓީން އޮންނާނެ ބަލާފައި ދިވެހިންގެ ހުއްދަ ނެތި ފްލައިޓެއް އަޅާފައި އޮތް ކަން. ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރެއް އޭރު އޮތީ ދުއްވާފައި. އެއީ ތިމަރަފުއްޓަށް ލޭންޑްކުރި އިންސިޑެންޓެއް،" ޣައްސާން އެ ދުވަހު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އިންޑިއާ ހައިކޮމިޝަނުން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތައް އަބަދުވެސް އޮޕަރޭޓު ކޮށްފައި ވާނީ، އެއްބަސްވެފައިވާ ގޮތަށް އެމްއެންޑީއެފްގެ ހުއްދައާ އެކު ކަމަށެވެ.
"ނޫސްވެރިންގެ ބައްދަލުވުމުގައި ހަވާލާ ދެވުނު ދަތުރު ވެސް އޮކްޓޯބަރު 9، 2019 ގައި ކުރެވިފައިވަނީ އެމްއެންޑީއެފްގެ ހުއްދަ ލިބިގެން،" ބަޔާނުގައި ބުންޏެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގައި އެ ދަތުރުގައި ތިމަރަފުއްޓަށް ޖައްސާފައިވަނީ ދިމާވި އެމަޖެންސީ ހާލަތެއްގައި ކަމަށާއި، އުޅަނދާއި ކްރޫގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އުޅަނދު ޖައްސާފައިވަނީ އެއާޓްރެފިކް ކޮންޓްރޯލްގެ ވެސް ހުއްދަ ލިބިގެންނެވެ.
ހޮނިހިރު ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ތަފްސީލް ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވީ އިންޑިއާ ސިފައިން ހެލިކޮޕްޓަރު ޖެއްސީ ތިމަރަފުށީ އެއާޕޯޓަށް ކަމަށެވެ.
އެ މައްސަލާގައި އެމްއެންޑީއެފްގެ ހުއްދަ ނެތި ހެލިކޮޕްޓަރާއި ޑޯނިއާ ނުއުދުއްސޭނެ ކަން އިންޑިއާގެ ސިފައިންނަށް އެންގި ކަމަށް ވެސް ހިލްމީ ވިދާޅުވި އެވެ.
"ހެލިކޮޕްޓަރު ޑޯނިއާ ވެސް އުދުއްސޭނީ [ދިވެހި] އަސްކަރިއްޔާގެ ހުއްދަ ލިބިގެން ކަމަށް އެ ފަރާތަށް އެންގުނު،" ހިލްމީ ވިދާޅުވި އެވެ.
ހެލިކޮޕްޓަރުތައް އެމްއެންޑީއެފްގެ ހުއްދަ ނެތި ފްލައިޓުތައް އަޅާ ކަމުގެ ތުހުމަތު އޭރު ވެސް ވަރަށް ބޮޑަށް އޮތެވެ. ނަމަވެސް އޭރު އެމްއެންޑީއެފްގެ ވެރިންނާއި ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ އެ ހެލިކޮޕްޓަރުތަކަށް އެމްއެންޑީއެފްގެ ފުރިހަމަ ކޮމާންޑް އޮންނަ ކަމަށެވެ.
މި ސަރުކާރުން ވަނީ ހެލިކޮޕްޓަރުތައް އިޕަރޭޓް ކުރަމުން އައި އިންޑިއާގެ އަސްކަރިއްޔާގެ 76 އޮފިސަރެއް ފޮނުވާލުމަށް ފަހު ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މީހުން އެ މަސައްކަތާ ހަވާލުވުމަށް ގެނެސްފަ އެވެ.
އެއާ އެކު އެ އުޅަނދުތަކުގެ ފުރިހަމަ ކޮމާންޑް އެންޑް ކޮންޓްރޯލް ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް ޣައްސާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
18 May 2024
އިންޑިޔާ އިން ރާއްޖޭގެ ސިޔާދަތީ ހައްގަށް އިހުތިރާމް ނުކުރުމުގެ ސިފަ އަބަދު ވެސް ފެނިފައި އެބަހުރި. އިންޑިޔާގެ ވަށައިގެން ނެތް އިންޑިޔާ އިން އެ ގައުމަކާ އިދިކީލިވެފައި ނެތް ގައުމެއް. އިނގިރޭސި ބުނުމެއް ގައި އޮވޭ، އެންމެންނާ މައްސަލަ ޖެހޭ ނަމަ، ހަގީގީ މައްސަލަޔަކީ ތިމާ ކަމުގައި ވުން އެއީ ނުވުމަށް ވުރެ ވުން ގާތް ކަމުގައި.
އަބްޑޫޅް +
15 May 2024
ތިޔަ ވާހަކަ ގަބޫލެއް ނުކުރެވޭނެ. އެމްޖެންޝީ އަކަސް، ސިފައިންނާ ގުޅާފަ، އެ ވާހަކަ ބުނެވޭނެ. ތިޔައީ ދެވަނަ ދެގޮތެއްނޫން؛ ހަމަ ކަށަވަރުން، އިންޑިޔާ ދުޝްމިނުން، ރާއްޖޭގެ ސިޔާދަތަށް، ގަސްދުގައި އަރައަރއިގަތީ.
އިބްރ
15 May 2024
ހެލިކޮޕްޓަރ އޮތްތަނުން ނައްޓާލީވެސް އިމަޖެންސީވެގެންތޯ؟
ކަތްދައްތަ
15 May 2024
"ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މީހުން އެ މަސައްކަތާ ހަވާލުވުމަށް ގެނެސްފަ އެވެ." ވަﷲ... އެހެދި ކުންފުނީގެ މީހުން ގެނައިމަ ދެން އިތުރު ހެލިކޮޕްޓަރުތައް ހަދާނީ ކޮންބައެއް. ތިޔާކަހަލަ ލަނޑު ދޭކަށްނުވާނެ. ތިންކް ބްރޯ
ފޯޅަވަހިސޮރު
15 May 2024
މަބުނީ މީގެ އަށެއްކަ އަހަރު ކުރިން އެމެރިކާ ސިފައިންގެ ފައިޓިންގ ޖެޓެއް ވެލާނާ އެއަރޕޯޓަށް ޖައްސާ، އޭގެން ފޭބި ސިފައިން ޓާމިނަލްތެރޭގައި ދުވެ، ރަޝިޔާމީހެއް ޖަހައިގަނެގެން ގެންދިޔަ އިރުވެސް ގައްސާނު ރައީސް އޮފީހުގައި އަދި ހިލްމީ ސިފައިންގޭގައި ހުންނާނެކަމަށް ބެލެވޭ. އެކަންތައް ވީގޮތެއްވެސް ކިޔައިދީބަލަ
އަލީި
15 May 2024
އެ ދަތުރުކުރީ އިމަޖެންސީ ހާލަތެއް މެދުވެރިވެގެން ކަމަށް ވިޔަސް އެކަން ފަހުން ނަމަވެސް އަންގަންޖެހޭފަރާތަކަށް އެކަން އިނގިފަ އޮންނަންޖެހޭނީ ދެއްތޯ ؟ ތިހެން ހަމަ ބުނެލީމަ ނިމުނީ؟ އިންޑިޔާގަވެސް މިފަދަކަންކަން ބަލައެއްނުގަންނާނެ !
raajje
15 May 2024
ތިހެލިކޮޕުޓަރުގަނޑާ ސިވިލިޔަނުންނޭ ކިޔައިގެން ގެނެސްސަތިބިމީހުން ފޮނުވާލާށޭ، އިންޑިޔާގެ ހެލިކޮޕުޓަރެއްބޭނުމެއް ނުވެޔޭ އަޖައިބެއްނުން! އިމެޖެންސީއެއްގައިވެސް ހުއްދަހޯދަންޖެހޭ ތަންތަނުން ހުއްދަނުހޯދާ އިންޑިޔާ ސިފައިންނަށް ރާއްޖޭގައި ހެލިކޮޕުޓަރު އޮޕަރޭޓުކުރެވިގެންނުވާނެ އެކަންވެސް އެއޮތީކޮށްފަ، ޔަހޫދީންނަށްވުރެން ނުބައި މަކަރުވެރި އުނދަގޫބޮޑުބައެއް ތި ހިންދޫންނަކީ މާނައަކީ އިންޑިޔާއަކީ، އަވަހަށް މިތަނުން ފައްސާނުލިއްޔާ، ފަހުން ފައްސާލަންއުނދަގޫވާނެ
އަލް އުސްތާޒު
15 May 2024
ރާއްޖޭގައި ސިފައިންނަށް ނޭނގި ދަތުރު ކުރަނީ ދޯ މިހާރު. އެންމެ ރަނގަޅު ގޮތަކީ ތިޔަ ފޮނުވާލުން
ނުރަބޯ
15 May 2024
މިހާރަކު ނޫން. އިބުރޭގެ ވެރިކަމުގަ
މުދިންކަލޭފާނު އައްޑު އަތެޅަ ފޭދޫ
15 May 2024
އެމެރިކާނު މީހުން ދުނިޔޭގެ ގައުމު ތަކުގެ ނިކަމެތި ރައްޔަތުން ގެ މައްޗައް ޖަރީމާ ހިންގާފަ ދޭނީ ތިޔާފާޑު ޖަވާބު ކަން އަޅުގަނޑުމެން ދަންނަން. ކޮން ހައިސިއްޔަތަކުން ތޯ ދިވެހި މަސްވެރިން އެމީހުންގެ ގައުމުގެ ސަރަހައްދު ތެރޭގަ މަސްވެރިކަން ކުރަން ތިއްބާ ތިޔަ ގައުމުގެ އަސްކަރިއްޔާއިން މިގައުމުގެ ސަރަހައްދައް ވަދެ މަސްވެރިންނައް ބިރު ދެއްކީ؟؟؟
ތުނޑުހަސަނު
15 May 2024
ޖައްސަންޖެހުނީ އިމަރޖެންސީގައި ކަމުގައިި ވެދާނެ. ނަމަވެސް އުދުއްސައިގަތީ ހުއްދަ ނުހޯދާ.
އަލީި
15 May 2024
ރަގަޅުވާހަކައެއް، އަދި އެ ދަތުރުކުރީ އިމަޖެންސީ ހާލަތެއް މެދުވެރިވެގެން ކަމަށް ވިޔަސް އެކަން ފަހުން ނަމަވެސް އަންގަންޖެހޭފަރާތަކަށް އެކަން އިނގިފަ އޮންނަންޖެހޭނެތާ. މި ގައުމާމެދު އިންޑިޔާއިން ދެކޭގޮތް މީ.