އިންޑިއާގެ ގުޖުރާތުގައި ހުރި ގޭމިން އާކޭޑެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަން އެކީ އަޅިއަށްވެފައި: އެ ހާދިސާގައި މިހާތަނަށް 24 މީހަކު ވަނީ މަރުވެފައި. --ފޮޓޯ: އޭއެފްޕީ
26 މެއި 2024 - 09:41
އިންޑިއާގެ ގޭމިން އާކޭޑެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މިހާތަނަށް 24 މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
ގުޖުރާތޫގެ ރާޖްކޯޓުގެ ޑިސްޓްރިކްޓް ކަލެޓަރު ޕަރަބަވް ޖޯޝީ އޭއެފްޕީ ނޫހަށް ވިދާޅުވި ގޮތުގައި އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. އަދި އެތައް ބަޔަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ އާކޭޑާ ގުޅުންހުރި ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި، ސުވާލު ކުރަމުން. އެ ތަނުގެ އޯނަރުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން،" އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި، އެ ހާދިސާ ހިނގި ވަގުތު ދެ ބުރިއަށް ހަދާފައިވާ އެ އާކޭޑުގެ ތެރޭގައި 300 އަށް ވުރެ ގިނަ މީހުން ތިއްބެވެ.
އަދި އަލިފާން ރޯވެ، އިމާރާތުގެ ބައެއް، ނުކުންނަ ދޮރު ބަންދުވާ ގޮތަށް ވެއްޓުމުން، ގިނަ ބަޔަކު އެތެރޭގައި ތާށިވީ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އަލިފާން ކޮންޓްރޯލްކުރަން އެތައް ގަޑިއިރެއް ހޭދަވެފައިވާ އިރު، އެ ހާދިސާ ހިނގަން މެދުވެރިވީ ޝޯޓު ސާކިޓެއް ވެގެން ކަމަށް އޮފިޝަލުން ލަފާކުރައްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސައިނުބެ
27 May 2024
މި ކުޑަ ރާއްޖޭގައިވެސް އަލިފާނުގެ ގިނަ ހާދިސާތައް ހިގާފައިވަނީ ޝޯޓް ސާކިޓް ތަކުންވާއިރުގަ އަދި ެސް ބަލަން ޖެހޭވަރަށް ނުބަލާ ދޫކޮށްފައިވާކަނއ ފާހަގަ ކުރެވޭ. ގިނަ ގަރާޖުތަކާ ފިހާރަތަކުގެ ޑީބޯޑް ހުންނަނީ އެބަޔަކަށް ހެދުނުއެއްޗެއް ހަދާފަ. ޢެކަންތަށް ބަލާނެ ބަޔަކު ނެތް.
އމމމމމމ
26 May 2024
ވަރަށް ހިތާމަވެރި ހާދިސާއެއް. ކަރަންޓުގެ މައްސަލަތަކުގެ ސަބަބުން މިފަދަ ކަންކަން ދިމާވެދާނެކަން އަޅުގަނޑުމެން ވެސް ހަނދާނުގަ ބަހައްޓަންޖެހޭ އަދި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅަންޖެހޭ.