އުރީދޫގެ ސީއީއޯ އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
31 މެއި 2024 - 08:55
ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ކުރީގެ ތަރި އަދި ނައިޖީރިއާގެ ގައުމީ ޓީމުގެ އައިކަން، ޖޭ ޖޭ އޮކޯޗާ ރާއްޖެ އަންނަކަން އުރީދޫން އިއުލާނުކޮށްފި އެވެ.
އުރީދޫގެ މޯލްޑިވްސްގެ ދައުވަތަކަށް ފުޓްބޯޅަ ލެޖެންޑު އޮކޯޗާ ރާއްޖެ އަންނަނީ ޖުލައި މަހު އެވެ.
އުރީދޫން ބުނީ މި ދަތުރަކީ އުރީދޫގެ ޕްރިމިއަމް ޕާޓްނަރު ޕީއެސްޖީއާ އޮތް ޕާޓްނާޝިޕްގެ ސަބަބުން މަގުފަހިވި ދަތުރެއް ކަމަށެވެ.
އޮގަސްޓީން އަޒުކާ، ޖޭ ޖޭ އޮކޯޗާ އަކީ އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުނު ނައިޖީރިއާގެ ކުރީގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެކެވެ. އޭނާ ވަނީ 1993 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ނައިޖީރިއާގެ ގައުމީ ޓީމަށް 73 ކެޕް ކާމިޔާބުކޮށް، 14 ލަނޑު ކާމިޔާބުކޮށް، ފީފާ ވޯލްޑް ކަޕްގެ ތިން ސްކޮޑުގައި ހިމެނިފަ އެވެ.
އޭނާ ފާހަގަކުރެވެނީ އެފްރިކާގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. ހިތްގައިމު ހުނަރާއި އާދަޔާ ހިލާފު ޕްލޭމޭކިން ގާބިލުކަމަށް މަޝްހޫރު ޖޭ ޖޭ އޮކޯޗާ ރާއްޖޭގައި ހުންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.
އުރީދޫން ބުނީ އޮކޯޗާގެ މި ދަތުރުގައި ކޮމިއުނިޓީ ހަރަކާތްތަކުގައި ބައިވެރިވެ، ރާއްޖޭގެ ރީތިކަން އޭނާގެ ފޭންބޭސްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕީއެސްޖީގެ ފޮލޯވަރުންނަށް ދައްކާލާނެ އެވެ.
މި ދަތުރުގައި އުރީދޫގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އެ ކުޅުންތެރިޔާއާ އެކު ފުޓްސަލް ކުޅުމުގެ ފުރުސަތު ވެސް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. އެ ފުރުސަތު ހޯދަން ބޭނުންވާ ކަސްޓަމަރުން، ސޯޝަލް މީޑިއާ ކޮންޓެސްޓްގައި އެކަމަށް ހާއްސަ ހޭޝްޓެގް ބޭނުންކޮށްގެން ބައިވެރިވެވޭނެ އެވެ.
މި ކޮންޓެސްޓުގައި އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ބައިވެރިވެވޭނެ އެވެ. މި ކޮންޓެސްޓުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަސް ފަރާތަށް އޮކޯޗާ އާއެކު ފުޓްސަލް މެޗެއް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.
ޒުވާން ފުޓުބޯޅަ ކުޅުންތެރިންނަށް އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން ޕީއެސްޖީ އެކަޑަމީގެ 2 ޓްރެއިނިން ސެޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްދާނެ އެވެ. މި ސެޝަންތައް ކުރިއަށް ދާނީ ޕީއެސްޖީ އެކަޑަމީގެ ދެ ކޯޗުންނާއި އެކު އެވެ.
އޭގެ އިތުރުން ވިން އަ ޓްރިޕް ޓު ލާމުގެ ނަމުގައި ބާއްވާ މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތަކަށް އޮކޯޗާއާ ބައްދަލުކޮށް، ލާމު އަތޮޅަށް ދިއުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އެ ޕްރޮމޯޝަންގައި ސުޕަނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަފައިބަ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން އަޕްގްރޭޑް ކުރައްވާ ފަރާތްތަކަށް ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އޮކޯޗާ ލ އަތޮޅަށް ކުރާ ދަތުރުގައި އުރީދޫގެ ފަން ރަންގައި ވެސް ބައިވެރިވާނެ އެވެ. އެ ދުވުމުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 10 ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރާގު
08 June 2024
ޖޭ ޖޭ އޮކޯޗާ އަކީ ތިބުނާހާ މޮޅު މީހެއް ނޫން، 18 ސީޒަނުގަ ފުޓުބޯޅަ ކުޅެގެން ލިބުނު ތައްޓެއް ނެތް. ކުލަބް ލެވެލްގައި މަޝްހޫރު އެއްވެސް ކުލަބަކަށް ކުޅެފައެއް ނުވޭ، ޕީ.އެސް.ޖީ ލެޖެންޑެކޭ ބުނުމަށްވުރެ ބޯލްޓަން ވޮންޑަރަސް ގެ ލެޖެންޑެކޭ ބުނިނަމަ މާރަނގަޅުވާނެ. އޮކޯޗާ ޕީ.އެސް.ޖީ އަށް ކުޅުނު އިރު ޕީ.އެސް.ޖީ އަކީ އޮންނަ ޓީމެއްކަން ގިނަ މީހުންނަށް ނުވެސް އެނގޭނެ. ޕީ.އެސް.ޖީ އަކީ އޭރު ފްރާންސް ލީގުގެ އާދައިގެ ޓީމެއް
އެފްރިކަން ޑްރިބްލިން ކިންގް
02 June 2024
އއްިޔެ މެންދުރު ބޯޅަ ބަލަންފެށި މެސީ ނޫނީ ރޮނޯލްޑޯގެ ފޭނުންނަށް އޮކޯޗާ އެއީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއްކަން ނޭނނގިދާނެ. އަނެއްހެން މައްސަލައެއް ނޫން.