ޓޫރިސްޓުންތަކެއް މާފުށީގައި. މިދިޔަ މެއި މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފައި. -- ފޮޓޯ | މިހާރު
03 ޖޫން 2024 - 10:39
މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އެއް ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.
ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެ އެވެ. ޖުލައި މަހާ އެކު އަދަދު އިތުރުވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އައީ 119،000 ޓޫރިސްޓުންނެވެ. އޭގެ ކުރީ އަހަރުގެ މެއި މަހު 120،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ މެއި މަހު ރާއްޖެ އަށް އައިސްފައި ވަނީ އޭގެ ކުރީ މަހަށް ވުރެ ގާތްގަނޑަކަށް 30 ޕަސެންޓް ދަށް އަދަދެކެވެ. އެއީ ގާތްގަނޑަކަށް 50،000 ޓޫރިސްޓުން ދަށް އަދަދެކެވެ. މިދިޔަ އޭޕްރީލް މަހު ރާއްޖެ އަށް ވަނީ 168،000 ޓޫރިސްޓުން އައިސްފަ އެވެ.
މި މަހުގެ ފުރަތަމަ ދުވަހު ރާއްޖެ އައީ، 3،700 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރަށް ވުރެ ހަތަރު ޕަސެންޓުގެ ދަށްވުމެކެވެ. ވޭތުވެދިޔަ ދެ އަހަރު ވެސް މެއި، ޖޫން މަހު އަންނަ ޓޫރިސްޓުން އެހެން މަސްތަކަށް ވުރެ ދަށެވެ.
މި އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ ފެބްރުއަރީ މަހު އެވެ. އެ މަހު ރާއްޖެ އަށް 217،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ހަތަރު މަހު ވެސް ރާއްޖެ އަށް 150،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް ވަނީ 895،000 ޓޫރިސްޓުން އައިސްފަ އެވެ.
ޓޫރިސްޓުން އަންނަ ވަރަށް ބަލާއިރު މި މަސް ނިމޭ އިރު ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން އައުމުގެ ފުރުސަތު ބޮޑެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝުގާ
03 June 2024
"ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެ އެވެ. ޖުލައި މަހާ އެކު އަދަދު އިތުރުވެ އެވެ.". ޓުރިޒަމް އަކީ ސީޒަނަލް ކަމެއް. މިދިޔަ މެއި މަހަށްވުރެ ދަށް ވީމާ މި އަހަރުގެ ގްރޯތު ދަށްވާނެ. ނޫސްވެރިޔާ މި ލިޔުނީ މިކަމުގެ ސަބަބެއް ނޫން. ކޮންމެ ކަމެއް ޝުގަކޯޓް ކުރަން ނުޖެހޭ ދޯ.
ކެއްކެއްކެއް
03 June 2024
ރިޒޯޓުތައް އޭސީ ކޮށްލަން ވީއެންނު. އިތުރުވެދާނެ.
ފސދފސދ
03 June 2024
ޓޫރިސްޓުން ނައަންނަނީ މޫސުން ގޯސް ވެގެން "ފޭވަރިބުލް ވެދާ" އަކަށް ނުވެގެން ކަމަށް ނުބުނާތި. ކަރަންޓް ބިލުން ބުނަނީ އެހެން އެއްޗެއް