ގަމު ދާއިރާގެ މެމްބަރު ފައްޔާޒް. އޭނާ ހުށަހެޅުއްވި އިސްލާހެއް ކޮމެޓީން ވަނީ ބޭރުކޮށްލާފައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
22 ފެބުރުއަރީ 2017 - 14:35
ދުންފަތުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށްގެން ލިބޭ ފައިސާގެ ފަސް ޕަސެންޓް އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ދެކޮޅު ހައްދަވައިފި އެވެ.
އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރި ކޮމެޓީގައި ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީގެ ފަސް ޕަސެންޓް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގައި، ދުންފަތުން އާންމުން ދުރުކުރަން ހަރަކާތްތައް ހިންގަން ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ އަޣުލަބިއްޔަތުން އެ އިސްލާހު ވަނީ ބޭރުކޮށްލައިފަ އެވެ.
ފައްޔާޒް މިއަދު ވިދާޅުވި ގޮތުގައި އެ އިސްލާހު ކޮމެޓީން ފާސްނުކޮށް، ބޭރުކޮށްލި ނަމަވެސް، މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން އިސްލާހު ފާސްކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހަކީ އިސްލާހުގެ ބޭނުމަކީ ސިއްހަތަށް ގެއްލުންދޭ އެއްޗެހި ވީހާ ވެސް މަދުކުރަން ބާރު އެޅުން ކަމަށްވާއިރު، އާންމުން ހޭލުންތެރިކުރަން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ސަރުކާރުން އުޅެނީ ޓެކްސްގެ ގޮތުގައި ފައިސާ ހޯދަން ނޫން ކަމަށް ބުނާއިރު، އާންމުން ހޭލުންތެރިކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރަނީ،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް މިހެން ވިދާޅުވިއިރު، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވަނީ ދުންފަތުގެ އިސްތިއުމާލް ފަދަ ނޭދެވޭ ކަންކަން ކުރާ މީހުން ހޭލުންތެރި ކުރުވުމަށް ބަޖެޓު ނެތުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި މި އަހަރު އެ ތަނަށް ލިބުނު ބަޖެޓަކީ މިހާތަނަށް އެންމެ މަދުން ލިބުނު ބަޖެޓެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިގްތިސާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެޗްޕީއޭ ބަލަހައްޓަވަމުން ގެންދަވާ އައިޝަތު ރަމީލާ ވިދާޅުވީ އެޗްޕީއޭގެ މަސައްކަތްތަކަށް މި އަހަރު ލިބުނީ 3.5 މިލިއަން ރުފިޔާ ކަމަށާއި ކުޑަކުދިންނަށް ޖަހާ ވެކްސިނާއި އެކި ބަލިތަކުގެ މީހުންނަށް ބޭނުންވާ ބޭސްތައް ގަނެ ނިމޭއިރު ބަޖެޓު އެއްކޮށް ހުސްވާނެ ކަމަށެވެ. "ޕްރޮމޯޝަނަށް (އާންމުން ހޭލުންތެރި ކުރަން) މަސައްކަތެއް ކުރާނެ ފައިސާއެއް ނެތް،" ރަމީލާ ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހުގައި ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގާ 1.25ރ. ގެ ބަދަލުގައި 2ރ. އަށް ބޮޑުކުރަން ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ސިނގިރޭޓަކުން 75ލ. ގެ ބޮޑުވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިލޯވަރ
23 February 2017
ހޭލުންތެރިކުރަން އެފައިސާ ޙަރަދު ކުރާކަށް ނުޖެހޭ. ހޭލުންތެރިކުރަން އޮވޭ ސަރުކާރުގެ އެތައް ބައެއް. އެހެންވީމަ އެ ބަޖެޓްތަކުން ކަންތައް ކުރެވޭނެ. އެހެން ނޫނީ ތިއުޅެނީ ކުޅިވަރު ބަޖެޓެއް ހަދައި ޖީބަށް އެއްޗެއް ވައްޓާލަން.
ޙަސަންބެ
22 February 2017
ސިގިރެޓް ބުއިމުގެ އާދަ ކެނޑޭނީ ވަރަށް އަގު ބޮޑު ކޮށްގެން. ކޮންމެ ސިގިރެޓަކުން 5ރ ވަރު ބޮޑުކުރަން ފެނޭ!
ފާއިޒާ
22 February 2017
ހޭލުންތެރިނުވެގެން ކުރާކަމެއްތޭ...
ހަސަން
22 February 2017
އަހަރުން އޭރުވެސް ބުނީމު ކޮންމެހެން ބަޔެއްގެ ސިއްހަތަށް ގެއްލުންވާތީ ކުރާކަމެއް ނޫނޭ ތިޔައީ. ތީހަމަ ރައްޔިތުމީހާ އަތުން ލާރި ޕަކަޅާ ކުރަން ކުރާ ކަމެކޭ.
އަލީ
22 February 2017
މީ ދޮގުސަރުކާރު ތެދެއްހެދެން އޮތަސް ހަދާނީ ދޮގެއް އެހެންވެ މިހާުރު މިއެނގުނީ މިއުޅެނީ ރައްޔިތުންނަށް ހެޔޮއެދިގެނެއްނޫން ބަޖެޓް ދެކޮޅުނުޖެހިގެން ފައިސާއެއް ހޯދޭނެ އެއްވެސް ވިސްނުމެއް ބުއްދިއެއް އިކޮނޮމިސްޓްގެ ނެތީމާ ކޮންމެ ކަމެއްގައި ރައްޔިތުން ގުރުބާންކުރަނީ
އުމަރު
22 February 2017
އެތެރެކުރުންހުއްދަ ވިއްކުން ހުއްދަ ޑިއުޓީ ހުއްދަ ފަސޭހައިން ގަންނަން ލިބެންހުރުން ހުއްދަ. އެކަމަކު ބުއިން ޚަރާން. މިއީ އަޅެ އަރަތެއްނޫންތަ؟ ޑިއުޓީވެސް ތިޔަ ބޮޑުކުރަނީކީ އެބޯބަޔަކަށް ރައްކާތެރިކަމެއް ހޯދައިދޭކަންނޫން ހަމަ ރައްޔިތުން ލޫޓްވުމުގެ މަގުޞަދުގައި.
ސސސސ
22 February 2017
އެހެންވީމާ މީގެން އިިނގެނީ ކޮންމެހެން މިއަގުބޮޑު ކުރަނީ ސިއްހީގޮތުން ވިސްނާފައެއް ނޫންކަން. ހަމަ އިތުރަށް ލާރިހޯދަން.
މަހަށްދޭބަލަ
22 February 2017
ތަމެންނަށް ކީއް. މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. ތަމެން އަތުގައި އޮތީ ކޯއްޗެއްތޭ. ނެތް ދޯ އެކައްޗެއް ވެސް. މަހަށް ދޭބަލަ ދެން. މަހަށްދޭ އިނގޭ.