ކުޅިވަރު / އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް

ދަނޑުގެ ލައިޓްތަކުގެ މަރާމާތު ނިންމައި، މުބާރާތް ފެށި ފަހުން ރޭގަނޑު މެޗުތައް ކުޅެން ހުއްދަ ދީފި

ރޭގަނޑު މެޗު ކުޅުމުގެ ހުއްދަ، ސަރުކާރުން ދިނުމާ އެކު އެފްއޭއެމުން ވަނީ މުބާރާތުގެ ޝެޑިއުލަށް ބަދަލު ގެނެސްފަ

ގަލޮޅު ދަނޑުގެ ލައިޓްތަކުގެ މަރާމާތު ކުރިއަށް ގެންދަނީ: އެ މަސައްކަތް ނިންމައި، މިހާރު ވަނީ ރޭގަނޑު މެޗުތައް ކުޅުމުގެ ހުއްދަ ދީފަ --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

10 ޖޫން 2024 - 08:14

2 comments

ގަލޮޅު ދަނޑުގެ ލައިޓުތަކުގެ މަރާމާތު ނިންމުމުން، ރޭގަނޑު މެޗު ކުޅުމުގެ ހުއްދަ ދިނުމުން، މުބާރާތް ފެށިފަހުން ޝެޑިއުލަށް ބަދަލު ކޮށްފި އެވެ.

އެގޮތުން ހެނދުނު 8 ޖަހާއިރު ކުޅެން ތާވަލް ކޮށްފައިވާ މެޗުތައް މީގެ ފަހުން ކުޅޭނީ ހަވީރު 4 ޖަހާއިރު އެވެ. އަދި ހަވީރު 4 ޖަހާއިރު ކުޅުމަށް ތާވަލް ކުރި މެޗުތައް ދެން ކުޅޭނީ ރޭގަނޑު 9 ޖަހާއިރު އެވެ.

ދަނޑުގެ ލައިޓުތަކުގެ މައްސަލަ ހައްލު ކުރެވެންދެން ތިން ފަހަރު މަތިން ލަސްކުރި ޔޫތު ޗެމްޕިއަންޝިޕް، އިއްޔެ ފެށީ ހެނދުނު 8 ޖެހިއިރު އޮޑި ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުންނެވެ.

އަބްދުالله ފިޒާންގެ ގޯލުން އެ މެޗު 1-0 އިން ކާމިޔާބު ކުރީ ޓީސީ އެވެ. މި މެޗުގެ ދެ ހާފުގައި ވެސް ވަނީ 25 މިނިޓުގެ ކުޅުމަށް ފަހު ވޯޓާބްރޭކެއް ނަގައިފަ އެވެ.

ހެނދުނު މެޗުތައް ކުޅެން ބޭނުން ނުވާ ކަމަށް ބުނެ މީގެ ކުރިން ޓީމުތަކުގެ ކޯޗުން ކަންބޮޑުވުން ފާޅު ކުރި އެވެ. ނަމަވެސް އޭރު ޝެޑިއުލަށް ބަދަލު ނުގެނެވުނީ ލައިޓުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ސްޕޯޓްސް މިނިސްޓްރީން ރޭގަނޑު މެޗު ކުޅެން ހުއްދަ ނުދިނުމުންނެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ރޭ ބުރު ސްޕޯޓްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ރޭގަނޑު މެޗު ކުޅުމުގެ ހުއްދަ، ސަރުކާރުން ދިނުމާ އެކު އެފްއޭއެމުން ވަނީ މުބާރާތުގެ ޝެޑިއުލަށް ބަދަލު ގެނެސްފަ އެވެ. އިއްޔެ ހަވީރު ކުޅެން އޮތް ބުރު ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މެޗު ކުޅުނީ ރޭ 9 ޖެހިއިރެވެ. މި މެޗު 6-2 އިން ކާމިޔާބު ކުރީ ސަސް އެވެ.

މިދިޔަ ސީޒަންގައި ގަލޮޅު ދަނޑޫގެ ލައިޓްތަކަށް ގިނަ މައްސަލަތަކެއް ދިމާވި އެވެ. މެޗުތައް ކުރިއަށް ގެންދަން ދަތިތަކެއް ކުރިމަތިވި އެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު ފަސްވަނަ ދުވަހުގެ ރޭ މާޒިޔާ އާއި ބުރު ސްޕޯޓްސް ކުޅުނު މެޗުގެ ދެވަނަ ހާފު ފެށިތަނާހެން ދަނޑުގެ ހުރިހާ ލައިޓެއް ނިވިގެން މެޗު މެދުކަނޑާލި އެވެ. އަދި މައްސަލައަށް ވަގުތީ ހައްލެއް ހޯދައި, މެޗު ކުރިއަށް ގެންދިޔައީ 32 މިނިޓު ފަހުންނެވެ. އެއަށް ފަހު ލީގުގައި ކުޅެން އޮތް ދެ މެޗު ވެސް ހަވީރު ކުޅޭގޮތަށް ހަމަޖެއްސި އެވެ. އަދި މިއާ ގުޅިގެން ދެވަނަ ޑިވިޝަންގެ ހުރިހާ މެޗެއް ވެސް ކުޅުނީ ހަވީރު އެވެ.

ސްޕޯޓްސް މިނިސްޓްރީން ދަނޑުގެ ލައިޓިން ސިސްޓަމްތައް މަރާމާތު ކުރަން ސިފައިންގެ ވެލްފެއާ ކުންފުނި, ސިވެކާ ހަވާލު ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. މަސައްކަތް ފަށާތާ 30 ދުވަހުގެ ތެރޭގައި ނިންމަން 3.9 މިލިއަން ރުފިޔާގެ އަގަކަށް ހަވާލު ކުރި މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

ގަލޮޅު ދަނޑުގެ ލައިޓްތަކުގެ މަރާމާތު ކުރިއަށް ގެންދިޔައިރު: މަސައްކަތް ނިންމަން ހަވާލުކުރި މުއްދަތުގައި، މަސައްކަތް ނުނިމުނު --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ހަމަ އެއާ އެކު މި މަހުގެ ކުރީކޮޅު މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓްރީން މީގެ ކުރިން ހާމަ ކުރި އެވެ.

ސަސްގެ ފުރަތަމަ ގޯލަކީ ބުރުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެއަށް ފަހު ލަނޑުތައް ޖަހައިދިނީ އަހުމަދު ނަވާފް ފައުޒީ, މުހައްމަދު ހޫދު އަހުމަދު, މުހައްމަދު އައިމަން އަލީ އަދި މުހައްމަދު އިޒާން އަލީ އެވެ. އިޒާން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ބުރުގެ ދެ ގޯލު ވެސް ފުރަތަމަ ހާފުގައި ޖަހައިދިނީ މުހައްމަދު ނިހާން އެވެ.

ޖުމްލަ އަށް ޓީމާ އެކު މުބާރާތް ކުރިއަށް ގެންދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އިއްތެ ގުރޫޕް އޭގެ ދެ މެޗު ކުޅުނުއިރު މިއަދު ކުޅޭނީ ގުރޫޕް ބީގެ ދެ މެޗެވެ. ހަވީރު 4 ޖަހާއިރު މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލު ކުރާއިރު ރޭގަނޑު 9 ޖަހާއިރު ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިކުރު

10 June 2024

3.9 މިލިއަން ރުފިޔާ އަށް ހުޅުމާލޭގައި އޮތް ދަނޑުގެ ވިނަގަޑު ރަގަޅުކޮށްގެން އެތަނުގަ ތި މެޗްތައްކުޅުން ހުރިހާ ގޮތަކުންވެސް ރަގަޅުވާނެއެވެ. މެޗް ބަލަން މީހަކު ވަންނަނީކީ ނޫނެވެ. ދެން ހަމަ ޕްރެކްޓިސް މެޗެއްގޮތަށް ދެޓީމުގެ ކުޅުންތެރިން ދަނޑަށްގޮސް ކުޅެލީމާ ނިމުނީއެވެ. ތިހިސާބުގެ ޓްރެފިކަށްވެސް ތަންކޮޅެއް ލުއިވާނެއެވެ. އަދި ކައިރީ ހިސާބުތަކުގެ އުޅޭ މީހުންނަށްވެސް ފަސޭހަވާނެއެވެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

10 June 2024

ފީވެގެންގޮސް ބޮލަށް ވެއްޓޭފަދަ ނުރައްކާތެރި ހާލަތެއްގައި ހުރި ކ.މާލޭ ގަލޮޅު ދަނޑަށް ދައުލަތުނެ އެތައް މިލިޔަން ރުފިޔާ ޙަރަދު ނުކޮށް މާގިނަ ބައެއްގެ ތަރުޙީބެއްނެތް ތިޔަ ކުޅި ހުޅުމާލޭ ދަނޑުގައި ބާއްވަންވީ ނޫންތޯ. # ތޮއްޖެހިފައިފާ ސްލަމްއެއްފަދަ ރަށެއްގެ އެތައް ހާސް ރައްޔިތުން ދިރިއުޅޭ ގެ ތަކެއްގެ މެދުގައިއޮތް ކުޑަކުޑަ ތަންކޮޅެއްގައި ތިކަންކުރުމުން އެގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެތައްގެއްލުންތަކާއި ބިރުވެރިކަމާއި ކުރިމަތިލާންޖެހޭ ކަމެއް ތިއީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454