މުންދު، ޔޫއޭއީގެ ރައީސްއާ ވާހަކަދައްކަވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
14 ޖޫން 2024 - 17:26
ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)، ސަފީރުކަމުގެ ފަތްކޮޅު، އެ ގައުމުގެ ރައީސް އަދި އަބޫދާބީގެ ރޫލާ ޝެއިހު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އަށް އަރުވައިފި އެވެ.
ރިޔާސީ ގަނޑުވަރު ގަސްރު އަލް ވަތަންގައި މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ސަފީރުގެ ފަތްކޮޅު އެރުވުމުގެ އިތުރުން ދިވެހި ދިދަ ނަންގަވާފައިވެ އެވެ.
އެ ރަސްމިއްޔާތުގައި ޔޫއޭއީގެ ރައީސް ވަނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުނު ހުރިހާ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ، ގައުމުތަކާއެކު އިތުރަށް ގުޅުންތައް ހަރުދަނާކުރުމަށް ޔޫއޭއީން އަބަދު ވެސް އެއްބާރުލުން ދެއްވާކަމުގެ ޔަގީންކަން އަރުވައިފަ އެވެ. އަދި އެ ކަންކުރުމުގައި ސަފީރުންގެ މަސައްކަތްތަކަށް ބޭނުންވާ ކަންކަމުގައި އެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނޭކަމުގެ ކަށަވަރު ކޮށްދެއްވި އެވެ.
މުންދު، ޔޫއޭއީގެ ރައީސްއަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ސަލާމްކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
އޭގެ އިތުރުން ރާއްޖެއާ އެކު އޮންނަ ގުޅުން އެކި ރޮނގުތަކުން ފުޅާކުރަން އެ ގައުމު އޮތީ ތައްޔާރަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އާ ސަފީރުގެ މުއްދަތުގައި މި މުހިންމު ލަނޑުދަނޑި ހާސިލްކުރެއްވުމަށް ޔޫއޭއީ ސަރުކާރުން ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބޭނޭކަމުގެ ޔަގީންކަން ޔޫއޭއީގެ ރައީސް ދެއްވި އެވެ.
ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި ސަފީރު މުންދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ދިވެހިންގެ ފަރާތުން ޔޫއޭއީގެ ވެރިންނާއި ރައްޔިތުންނަށް ފުރިހަމަ ސިއްހަތާއި ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ. އަދި ސަފީރުގެ ހައިސިއްޔަތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ރާއްޖެ-ޔޫއޭއީ ސިޔާސީ ގުޅުން ގާއިމް ކުރީ މާޗު 15، 1978 ގަ އެވެ. މުންދު އަކީ އެ ގައުމަށް ކަނޑައެޅުއްވި ހަ ވަނަ ސަފީރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަދޫ2
15 June 2024
މަތީގައި ިއން ފޮޓޯއަށް ބަލާލަބަލަ. ގަދަކަމުން ހޭން އުޅެގެން ހުރިވައްތަރު
ޚޮލިޓީ
15 June 2024
މުންދުގެ ކޮލިޓީ އެއް ހުންނާނެ ." ޢަޅާހާ ބަތަށް ރިހަ" އެއް ނުވާނެ